Support Us

އިޒުރޭލުގެ މޮސާޑް- އެންމެ އަނިޔާވެރި ޖާސޫސީ އިދާރާ

އިޒުރޭލުގެ ޖާސޫސީ އިދާރާކަމުގައިވާ މޮސާޑަކީ ދުނިޔޭގައި އޮތް އެންމެ ނުރައްކާތެރި އަދި އެންމެ އަނިޔާވެރި ޢަމަލުތައް ހިންގާ ޖާސޫސީ އިދާރާއެވެ. އިޒުރޭލުގެ މަސްލަހަތު ހިމާޔަތްކުރުމުގެ ނަމުގައި، މުޅި ދުނިޔޭގައި މި ޖަމާޢަތުން ދަނީ ގިނަގުނަ ސިއްރު އޮޕަރޭޝަންތަކާއި ލާއިންސާނީ އަނިޔާވެރި ޖަރީމާތައް ހިންގަމުންނެވެ.

މޮސާޑު އުފެދުނީ 1949 ވަނަ އަހަރު އެވެ. އޭގެ ކުރިން ވެސް އެކި ނަންނަމުގައި އިޒުރޭލުގައި ޖާސޫސީ ސިއްރު މަސައްކަތްތައް ކުރަމުން އައެވެ. އިޒުރޭލުގެ ފުރަތަމަ ބޮޑުވަޒީރު ޑޭވިޑް ބެންގެ އިރުޝާދުގެ ދަށުން، ޖާސޫސީ މަސައްކަތްތައް ހިންގުމަށް ޓަކައި އުފެއްދި މޮސާޑަކީ މިއަދު ދުނިޔެއަށް އޮތް ވަރަށް ބޮޑު ބިރެކެވެ.

މޮސާޑުން މައިގަނޑު ގޮތެއްގައި ކުރާކަމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ޖާސޫސީ މައުލޫމާތު އެއްކުރުމާއި ސިއްރު ޖަރީމާތައް ހިންގުމެވެ. މި ޖަމާޢަތުގެ މޫތައް މުޅި ދުނިޔެއަށް ވަނީ ފަތުރައިފައެވެ. ދުނިޔޭގެ ބޮޑެތި ވިޔަފާރިތަކާއި ވިޔަފާރިވެރިންނާއި ސިޔާސީ ލީޑަރުންނާއި އިސް ޑިޕްލޮމެޓުންނާއި ދީނީ ޢިލްމުވެރިންނާއި އެކިއެކި ޖަމާޢަތްތަކާއި މަޝްހޫރު ފަންނާނުން ކޮންޓްރޯލްކުރާ ހަމައަށް މޮސާޑް ވަނީ ދަތުރުކޮށްފައެވެ.

އިޒުރޭލުގެ ޣައިރު ޤާނޫނީ ޢަމަލުތައް ކުށްވެރިކުރާ އަދި ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލާ ކޮންމެ ބަޔަކާ އަދި މީހަކާ މެދުވެސް އިޒުރޭލުން ދެކެނީ ދުޝްމަނެއްގެ ގޮތުގައެވެ. އެހެންވެ، ވަކިވަކި ފަރުދުންނަށާއި ޖަމާޢަތްތަކަށާއި ޤައުމު ތަކަށް އަމާޒުކޮށް ހަމަލާތައް އިޒުރޭލުން ދެއެވެ. ސިއްރު އޮޕަރޭޝަންތައް ހިންގައި މީހުން މަރައި ނައްތާލައެވެ. އިޒުރޭލަށް ނުރައްކަލެއް ކަމަށް ހީވާ ކޮންމެ މީހެއްގެ އަދަބަކީ މަރެވެ. މިގޮތުން ފަލަސްތީނުގެ މިނިވަންކަމަށް ޓަކައި ތެދުވި ކޮންމެ ލީޑަރެއް ވެސް ވަނީ ޝަހީދުކޮށްލައިފައެވެ.

ފަލަސްތީނުގެ މިނިވަންކަމަށް ޓަކައި މަސައްކަތްކުރި އެ ޤައުމުގެ ލީޑަރަކަށްފަހު ލީޑަރެއް ވަނީ ޝަހީދުކޮށްލައިފައެވެ. އައްސައްޔިދު ޔާސިރު އަރަފާތާއި އައްޝައިޚު އަޙްމަދު ޔާސީނާއި އިސްމާޢީލް ހަނިއްޔާއާއި ޔަހުޔާ ސިންވާރު ފަދަ އެތައް ބޭފުޅުންނެއް މި ލިސްޓުގައި ހިމެނެއެވެ. ދުނިޔޭގެ ލީޑަރުންގެ ތެރެއިން ބައެއް ލީޑަރުންގެ މަރުގެ ތުހުމަތު ވެސް މޮސާޑަށް ވަނީ ކުރެވިފައެވެ. އޭގެ ތެރޭގައި ޕާކިސްތާނުގެ ކުރީގެ ރައީސް ޒިޔާއުލްޙައްޤާއި އިރާނުގެ ރައީސް ރިޔާސީ އަވަހާރަކޮށްލުން ފާހަގަވެއެވެ. މި ލިސްޓަށް އެންމެފަހުން އިތުރުވެގެން ދިޔައީ އިރާނުގެ ރޫޙީ ލީޑަރ އައްސައްޔިދު ޢަލީ ޙާމަނާޢީއެވެ. ފަހަކަށް އައިސް މޮސާޑުގެ ކަޅި އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓިފައި ހުރީ އީރާނަށެވެ. އީރާނުގެ އެތައް ސައިންސިސްޓުންނެއް މޮސާޑުން ވަނީ މަރައިފައެވެ. އަދި ސިޔާސީ އެތައް ލީޑަރުންނެއް ވަނީ އަވަހާރަކޮށްލައިފައެވެ.

އިޒުރޭލާއި ޒަޔަނިސްޓުންނަށް ބޯނުލަނބާ ކޮންމެ މީހަކާއި ކޮންމެ ބަޔަކާ ދެކޮޅަށް އަނިޔާވެރި ޢަމަލުތައް އިޒުރޭލުން ހިންގާއިރު އެ ހަމަލާތައް ރާވައި ހިންގަނީ މޮސާޑުންނެވެ. ޢަރަބި އިސްލާމީ ޤައުމުތަކާއި ޖަމާޢަތްތަކަކީ އަސްކަރީ އެއްވެސް ބާރެއްނެތް އިޒުރޭލަށް ތަބާވާ ބަޔަކަށް ހެދުމަށާއި އިޒުރޭލުން ކޮންމެ ފަދަ ޖަރީމާއެއް ހިންގިއަސް އަދި ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ގޮންޖެހިއަސް ދުނިޔޭގެ ބޮޑެތި ބާރުތަކުން އަބަދުވެސް އިޒުރޭލު ދިފާޢުކުރުންމަތީ ބޭތިއްބުމަށް މޮސާޑުން ޤައުމުތަކުގެ ވެރިން ބުލެކްމައިލްކުރެއެވެ. މިކަން ދާދިފަހުން ހާމަވެގެންދިޔަ އެޕްސްޓެއިން ފައިލްތަކުން ވެސް ކަށަވަރުވިއެވެ. އިޒުރޭލުގެ މަސްލަހަތު ކުރިއެރުވުމަށް ދުނިޔޭގެ ވަރުގަދަ ސިޔާސީ ލީޑަރުންނާއި ބޮޑެތި ވިޔަފާރިވެރިން ބުލެކްމެއިލްކޮށް، އަނިޔާވެރި ޢަމަލުތައް ވަނީ ހިންގައިފައެވެ. މޮސާޑުގެ އެޖެންޓެއް ކަމަށް ގަބޫލުކުރެވޭ އެޕްސްޓެއިން ވަނީ ކުޑަކުދީން ޓްރެފިކް ކޮށްގެން ސިޔާސީ ލީޑަރުންނަށާއި މުއްސަނދި މަހުޖަނުންނަށް އެ ކުދިންނަށް ޖިންސީ ގޯނާކުރުމުގެ ފުރުސަތުދީ ވީޑިއޯކޮށް ހެދުމުގެ ބޮޑު އޮޕަރޭޝަނެއް ހިންގައިފައެވެ. މޮސާޑަކީ ސައިބަރ ހަމަލާތައް ދިނުމާއި، ޕްރޮޕެގެންޑާ ފެތުރުމުގައި ވެސް އަރައިތިބި ބައެކެވެ.

މޮސާޑުން ހިންގައިފައިވާ ބޮޑެތި ޖަރީމާތަކުގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަވަނީ ބައިނަލްއަގުވާމީ ގާނޫނުތަކަށް ބޯލެނބުމެއް ނެތި، އިޒުރޭލުން އެހެން ޤައުމުތަކުގެ ސިޔާދަތަށް އަރައިގަނެ ހިންގައިފައިވާ ގިނަގުނަ ޖަރީމާތަކެވެ. މިގޮތުން ސިޔާސީ އެތައްއެތައް ލީޑަރުންނެއް އަވަހާރަކޮށްފައި ވަނީ މޮސާޑުން ކަމުގައި ތުޚުމަތު ކުރެވެއެވެ. މޮސާޑުން ވަނީ ދުނިޔޭގެ އެކި ޤައުމުތަކުގައި ތިއްބެވި ފަލަސްތީނުގެ ގިނަ އަދަދެއްގެ ލީޑަރުންނާއި ފަލަސްތީނުގައި ތިބި އެތައް ލީޑަރުންނެއް އަވަހާރަކޮށްލައިފައެވެ. މޮސާޑުން ވަނީ އެކި ޤައުމުތަކުގައި ބޮން ގޮއްވުމާއި، އާންމުން ދިރިއުޅޭ ސަރަހައްދުތަކުގައި ނުރައްކާތެރި އޮޕަރޭޝަންތައް ހިންގައި އެތައް ޖަރީމާތަކެއް ހިންގައިފައެވެ.

ފަހަކަށް އައިސް މޮސާޑުގެ އެންމެ ބޮޑު އަމާޒަކަށް ހަދައިފައިވަނީ އީރާނެވެ. އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވުމަށްޓަކައި މޮސާޑުން ވަނީ އީރާނުގެ ސަލާމަތީ ނިޒާމުތައް ފޫއަޅުވާލުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ. ދުރާލައި ރާވައިގެން މޮސާޑުން ހިންގި އަނިޔާވެރި އޮޕަރޭޝަންތަކުގައި ވަނީ އީރާނުގެ ވަރަށް ގިނަ ސައިންސްވެރިންތަކެއް އަވަހާރަކޮށްލައިފައެވެ. މިގޮތުން އީރާނުގެ އެންމެ އިސް ނިއުކްލިއާ ސައިންސްވެރިންގެ ތެރެއިން މުހްސިން ފަޚްރީޒާދާ ފަދަ އެތައް ބޭފުޅުންނެއް އީރާނުގެ ފަސްގަނޑުގައި ތިއްބަވަނިކޮށް މޮސާޑުން ވަނީ ވަރަށް ރޭވުންތެރިކަމާއެކު އަވަހާރަކޮށްލާފައެވެ. އީރާނުން ކުރިއަށް ގެންދާ ނިއުކްލިއާ ޕްރޮގްރާމު ހުއްޓުވުމަށް ޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެއް ކަމަކީ އެޖެންޓުން ބޭނުންކޮށްގެން އީރާނުގެ ނިއުކްލިއާ އަރުޝީފު ވަގަށް ނެގުމެވެ. އަދި 2018 ވަނަ އަހަރު އީރާނުގެ ތެހެރާނުގައި ހުރި ސިއްރު ގުދަނަކުން، އެ ޤައުމުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ އެތައް ހާސް ލިޔެކިޔުންތަކެއް މޮސާޑުގެ އެޖެންޓުން ވަނީ ވަގަށް ނަގައިގެން އިޒުރޭލަށް ގެންގޮސްފައެވެ.

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ނައްތާލުމަށް ސައިބަރ ހަމަލާތަކެއް ވެސް މޮސާޑުން ވަނީ ދީފައެވެ. 'ސްޓަކްސްނެޓް' (Stuxnet) ފަދަ ނުރައްކާތެރި ވައިރަސްތައް ބޭނުންކޮށްގެން އީރާނުގެ ނިއުކްލިއާ މަރުކަޒުތަކުގެ މެޝިނަރީތަކަށް ބޮޑެތި ގެއްލުންތަކެއް ދިނެވެ. އެތައް ހަމަލާތަކެއްދީ، އަދި ގިނަ އަދަދެއްގެ ސައިންވެރިން ޝަހީދުކޮށްލައިފައި ވިޔަސް މޮސާޑަށް މިއިން އެއްވެސް ކަމެއްގައި އެ މީހުން ބޭނުންވި މިންވަރަށް ނަތީޖާ ނެރެވިފައެއް ނުވެއެވެ. އީރާނުން ނިއުކްލިއަރ އުފައްދަން ކުރާ މަސައްކަތް ހުއްޓުވިފައެއް ނުވެއެވެ.

* ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *