Support Us

ފޯޅަވަހީގެ އެންމެ ބޮޑު ރަށް ކަމަށްވާ ޑިއެގޯ ގާސިއާގައި އިނގިރޭސި ވިލާތާއި އެމެރިކާއިން ގުޅިގެން ހަދައިފައިވާ އަސްކަރީ މަރުކަޒު

ފޯޅަވަހި މައްސަލައިގައި މޮރިޝަސްއިން ރާއްޖެއާ ވަގުތީ ގޮތުން ކަނޑައިލީ ހުރިހާ ގުޅުމެއް

ފޯޅަވަހި ނުވަތަ ޗާގޯސްއަކީ މޮރިޝަސްގެ ޖަޒީރާތަކެއް ނޫން ކަމަށް ދިވެހި ސަރުކާރުން ބުނާތީ މޮރިޝަސްއިން ރާއްޖެއާ ވަގުތީ ގޮތުން ހުރިހާ ޑިޕްލޮމެޓިކް ގުޅުންތަކެއް ކަނޑައިލައިފިއެވެ.

މޮރިޝަސްގެ ހާރިޖީ، ސަރަހައްދު އެކަށައަޅާ އަދި ބައިނަލްއަގުވާމީ ވިޔަފާރިއާ ބެހޭ ވުޒާރާއިން ރަސްމީކޮށް މީޑިއާއަށް އިއްޔެ ނެރުނު ބަޔާން ނުވަތަ ކޮމިއުނިކޭއެއްގައި ބުނީ ރާއްޖެއާ ހުރިހާ ޑިޕްލޮމެޓިކް ގުޅުންތައް ވަގުތީ ގޮތުން ކަނޑައިލަން ޖެހުނީ މޮރިޝަސްގެ ސިޔާދަތް ދިވެހި ސަރުކާރުން މިހާރު ބަލައިނުގަންނާތީ ކަމަށެވެ.

ޑިޕްލޮމެޓިކް ގުޅުމަކީ މިނިވަން މުސްތަގިއްލު ގައުމުތަކުގެ މެދުގައި ރަސްމީކޮށް ހިނގާ ސުލްހަވެރި ގުޅުންތަކެވެ. މީގެ ތެރޭގައި ދޭދޭ ގައުމުތަކުގެ ދެމެދުގައި ސަފީރުން ކަނޑައެޅުމާއި، އެކި ކަހަލަ ނިންމުންތައް ނިންމުމާއި ގައުމުތަކުގެ ކަންތައްތައް ހިންގުމަށް މުއާހަދާތައް ގާއިމުކުރުމާއި އެކި ކަންތަކުގައި އެއްބާރުލުން ދިނުމާއި ޖެހޭ މައްސަލަތައް ހައްލުކުރުން ހިމެނެއެވެ. ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރުމުން އެއް ގައުމުން އަނެއް ގައުމު ރަސްމީކޮށް ބަލައިގަތުމާއި ވަކި ހަމަތަކެއްގެ މަތިން މުއާމަލާތްކުރެއެވެ. މިއީ ބައިނަލްއަގުވާމީ ވިޔަފާރި އާއި ގުޅުންތައް ތަރައްގީކުރުމުގެ ބިންގަލެވެ.

"މި ވަގުތުން ފެށިގެން ރާއްޖެއާ ހުރިހާ ޑިޕްލޮމެޓިކް ގުޅުމެއް ވަގުތީ ގޮތުން ކަނޑައިލައިފިން. މިއާ އެއްގޮތަށް ދިވެހި ސަރުކާރަށް މި ކަން އަންގައިފިން،" ބަޔާނުގައި ބުންޏެވެ.

ދިވެހި ސަރުކާރުން މި ކަމާ އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

ބަޔާނުގައި މޮރިޝަސް އިން ބުނީ މި ގޮތަށް ނިންމީ ފޯޅަވަހީގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ކަމަށް ދިވެހި ސަރުކާރުން ދާދި ފަހުން ގަބޫލުނުކުރާ ގޮތަށް ނިންމުމުން ކަމަށެވެ. އޭގެ ތެރޭގައި މޮރިޝަސްގެ ސަރަހައްދުތައް ގަބޫލު ނުކުރުމާއި ފޯޅަވަހި މޮރިޝަސްއަށް ދިނުމަށް އިނގިރޭސި ސަރުކާރުން މޮރިޝަސްއާއެކު ގާއިމުކުރި އެއްބަސްވުމާ ރާއްޖެއިން މިހާރު ދެކޮޅުހެދުން ވެސް ހިމެނޭކަމަށެވެ.

މޮރިޝަސްއާ ފޯޅަވަހި ހަވާލުކުރާ އެއްބަސްވުން މި ވަގުތު އޮތީ އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގައި ބަހުސްކުރުމުގެ މަރުހަލާގައެވެ. އިނގިރޭސި އެންމެ ބޮޑު އިދިކޮޅު ޕާޓީ ކަމަށްވާ ކޮންޒަވެޓިވް ޕާޓީން ވެސް މި އެއްބަސްވުމާ ދެކޮޅެވެ. އަދި ޕާލަމަންޓްގެ ދަށު ގެ ކަމަށްވާ ހައުސް އޮފް ކޮމަންސްގައި ބުދަ ދުވަހު ވާހަކަދައްކަމުން ރިފޯމް ޕާޓީގެ ލީޑަރު އަދި ކްލެކްޓަން ދާއިރާގެ މެންބަރު ނައިޖަލް ފަރާޝް ވެސް ބުނެފައިވަނީ ތާރީހީ ގޮތުން ހުރިހާ ގުޅުމެއް ފޯޅަވައްސާ އޮތީ ރާއްޖެއާ ކަމަށާއި މޮރިޝަސްއަށްވުރެ ބޮޑަށް ފޯޅަވަހި ހައްގީ ރާއްޖެއަށް ކަމަށާއި މިހެންވެ ފޯޅަވަހި މޮރިޝަސްއާ ހަވާލު ނުކުރަން އެދޭ ކަމަށެވެ. ފޯޅަވަހީގެ މައްސަލައިގައި ކޮރަޕްޝަންތަކެއް އުޅޭކަން އިނގިރޭސި ވިލާތުގެ ދަ ގާޑިއަން ނޫހުން ވެސް ކުރިން ވަނީ ހާމަކޮށްފައެވެ.

މޮރިޝަސްއިން ނެރުނު ބަޔާން ނިންމައިލަމުން ބުނެފައިވަނީ ރާއްޖެއާ ހުރިހާ ޑިޕްލޮމެޓިކް ގުޅުމެއް ވަގުތީ ގޮތުން ކަނޑައިލަން ނިންމި ނިންމުމުން ދޭހަކޮށްދޭން ބޭނުންވަނީ މޮރިޝަސްގެ ގައުމީ މަސްލަހަތު ރައްކާތެރިކުރަން އެ ގައުމުން އެދޭ ކަމަށެވެ. އަދި އެ ގައުމުގެ ސިޔާދަތް ދެމެހެއްޓުމުގެ އުސޫލުތައް ރައްކާތެރިކުރުމާއި އދ.ގެ ޗާޓަރު ނުވަތަ އަސާސީ ގަވައިދާއި ބައިނަލްއަގުވާމީ ގާނޫނާއި ސަރަހައްދުގެ ސުލްހަ މަސަލަސްކަން ދެމެހެއްޓުން ވެސް ބޭނުންވާކަން ކަމަށެވެ.

މޮރިޝަސްގެ ކެބިނެޓުން ބުނީ އިނގިރޭސިން ފޯޅަވަހި މޮރިޝަސްއާ ހަވާލުކުރާ އެއްބަސްވުން އިނގިރޭސި ޕާލަމަންޓުން ފާސްކުރުން ލަސްވަމުންދާކަން ކަންބޮޑުވުމާއެކު ފާހަގަކުރާ ކަމަށެވެ. އަދި ފޯޅަވަހީގެ އެންމެ ބޮޑު ރަށްކަމަށްވާ ޑިއެގޯ ގާސިއާގައި އިނގިރޭސިންނާ ގުޅިގެން އެމެރިކާއިން ހިންގާ އަސްކަރީ މަރުކަޒުގެ ކަންތައް ވެސް އެއްބަސްވުމުގައި ހިމަނައިފައިވާތީ އިނގިރޭސިންނާއި އެމެރިކާއިން އެއްބަސްވުމަކާ ހަމައަށް އައުމުން އިނގިރޭސި ޕާލަމަންޓުން އެ އެއްބަސްވުން ފާސްވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

މޮރިޝަސްގެ ކެބިނެޓުން ބުނީ ފޯޅަވަހީގެ މައްސަލަ ގާތުން ބަލަމުންދާ ކަމަށެވެ. އަދި ފޯޅަވަހީގެ މައްޗަށް މޮރިޝަސްގެ ސިޔާދަތު އޮތް ކަމަށާއި ފޯޅަވަހި މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިން ހެދި އެއްބަސްވުން ދިވެހި ސާރުކާރުން މިހާރު ބަލައިނުގަންނަކަން ފާހަގަކުރާ ކަމަށެވެ.

"މިހެންވެ، ދިވެހި ޖުމްހޫރިއްޔާއާ ހުރިހާ ޑިޕްލޮމެޓިކް ގުޅުމެއް މިހާރުއްސުރެ ވަގުތީ ގޮތުން ކަނޑައިލަން ނިންމައިފިން،" މޮރިޝަސްގެ ކެބިނެޓުން ބުންޏެވެ.

ފޯޅަވައްސަށް އިނގިރޭސިން ކިޔާ ރަސްމީ ނަން، ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ (ބީ.އައި.އޯ.ޓީ)ގެ ނަން ބޭނުންކޮށްގެން "ބީ.އައި.އޯ.ޓީ ސިޓިޒަންސް" ނުވަތަ ލަފުޒީ މާނައިން "ބީ.އައި.އޯ.ޓީ ރައްޔިތުން" ނަމުގައި އުފައްދައިފައިވާ ގްރޫޕެއް މި މަހުގެ ތެރޭގައި ފޯޅަވަހީގެ އީލް ޑޫ ކުއާ ރަށަށް އަރައި ފޯޅަވަހީގެ އަސްލު ވަޒަންވެރިން އެނބުރި އެ ތަނަށް ދިއުމަށް ވަކާލާތުކުރަން އެބަތިބި ކަމަށް ވެސް މޮރިޝަސް ކެބިނެޓުން ބުންޏެވެ. ފޯޅަވަހީގެ 10،000 އަސްލު ވަޒަންވެރިން ވަނީ ޑިއެގޯ ގާސިއާގެ އަސްކަރީ މަރުކަޒު ހެދުމަށް ފޯޅަވަހިން ބާލައި އިނގިރޭސި ވިލާތާއި މޮރިޝަސް އަދި ސޭޝެލްޒްގައި ގަދަކަމުން ވަޒަންވެރި ކުރުވައިފައެވެ.

ބީ.އައި.އޯ.ޓީ ސިޓިޒަންސްގެ ގްރޫޕް ބާލުވަން އިނގިރޭސިން އެދުނަސް އެ އެދުމާމެދު ނިންމުމެއް ނިންމަން ފޯޅަވަހީގެ ކޯޓުން ނިންމައިފައިވަނީ އަންނަ މަހު 13 ގައި ކަމަށާއި އިތުރު ބަޔަކު ފޯޅަވައްސަށް ނޭރުވުމަށް އިނގިރޭސިން އެދުނު އެދުމަށް އެ ކޯޓުން އެއްބަސްވިކަން އެނގޭ ކަމަށް ވެސް މޮރިޝަސްގެ ކެބިނެޓުން ބުންޏެވެ.

ރާއްޖެއާ 310 މޭލު ދެކުނުގައި އޮންނަ ޗާގޯސްއާމެދު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ ދިވެހީންގެ ބިމުން ވެލިފުކެއްގެ މިންވަރު ވެސް، އަދި ދިވެހީންގެ އިމުން ޒައްރެއްގެ މިންވަރު ވެސް، ދޫކޮށްލެވިގެންނުވާނޭ ކަމަށެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މި މަހު ފަހެއްގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ، 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ރައްޔިތުންގެ މަޖިލިސް މި ދައުރަށް އިފުތިތާޙުކޮށްދެއްވައި، 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ދިވެހިރާއްޖޭގެ ސިޔާދަތާ ގުޅިފައިވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވަނީ، ފޯޅަވަހީގެ މިލްކުވެރިކަން މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން، އެ ނިންމުމަށް ދިވެހިރާއްޖޭން އިޢުތިރާޒުކޮށް އެ ކަމާ ދިވެހި ދައުލަތުން ދެކޮޅު ހަދާކަން ބަޔާންކޮށް، 8 ނޮވެމްބަރ 2024 ގައި އަދި 18 ޖެނުއަރީ 2026 ގައި ދިވެހި ސަރުކާރުގެ ފަރާތުން، އިނގިރޭސި ސަރުކާރަށް ލިޔުމުން ހުށަހަޅުއްވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި 15 ޑިސެންބަރު 2025 ގައި އިނގިރޭސިވިލާތުގެ ޑެޕިޔުޓީ ޕްރައިމް މިނިސްޓަރ، ދަ ރައިޓް އޮނަރަބްލް ޑޭވިޑް ލެމީއާއެކު ކުރިއަށްގެންދެވި ފޯން ކޯލެއްގައިވެސް، މި ކަމުގައި ދިވެހި ސަރުކާރުން އިނގިރޭސި ވިލާތުގެ ސަރުކާރާއެކު މަޝްވަރާކުރަން ބޭނުންވާ ކަމަށް ދަންނަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ފޯޅަވަހި ސަރަހައްދުގެ އިޤްތިޞާދީ ބޭނުން ހިފުމުގައި މޮރިޝަސް އިން ކަނޑައަޅާ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް، ޚާއްޞަކޮށް މަސްވެރިކަމާއި ފަތުރުވެރިކަމުގެ ޞިނާޢަތަށް، ކޮށްފާނެ ނޭދެވޭ އަސަރުތަކުގެ ސަބަބުން އެ ކަންތައްތަކަށް ދިވެހި ސަރުކާރުން ވަރަށް ބޮޑަށް ދެކޮޅުހަދާކަން ވެސް މޮރިޝަސް ސަރުކާރަށާއި އިންޓަރނޭޝަނަލް ޔޫނިއަން ފޮރ ނޭޗަރ ކޮންޒަވޭޝަން (އައި.ޔޫ.ސީ.އެން) އަށް ހިއްސާކުރައްވާފައިވާނޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (ITLOS) އިން ނިންމި ނިންމުމުގެ ސަބަބުން، ދިވެހިރާއްޖޭގެ ކަނޑުން ގެއްލުނު ސަރަޙައްދު އަނބުރާ ހޯދުމަށްޓަކައި ޤާނޫނީ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް މިހާރު ފައްޓަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އޭރުގެ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ 22 އޮގަސްޓު 2022 ގައި މޮރިޝަސްގެ ބޮޑު ވަޒީރަށް ފޮނުއްވި ސިޓީ، އަނބުރާ ގެނައުމަށް ނިންމަވާފައިވާ ކަމަށާއި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ އާކިޕެލަޖިކް ބޭސް ޕޮއިންޓްތަކަށް ޙަވާލާދީ، ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިސާދީ ސަރަޙައްދަކީ، ދޫކޮށްލި ކަނޑުގެ ސަރަޙައްދު ހިމެނޭ ގޮތަށް، ޤާނޫނުގައި މިހާރު ވެސް ކަނޑައަޅާފައިވާ ސަރަހައްދުކަމަށް ނިންމަވާފައިވާކަން އެމަނިކުފާނު އިއްޔެ ވަނީ އިޢުލާންކުރައްވާފައެވެ. އަދި "ދިވެހިރާއްޖޭގެ ސަރަހައްދުތަކާ ބެހޭ އޮފީސް" ޤާއިމުކުރައްވައި، ނިމިދިޔަ ސަރުކާރުން ނިންމަވާފައިވާ ބައެއް ނިންމެވުންތަކުގެ ސަބަބުން ދިވެހި ދައުލަތަށް އިއާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް މައްސަލައިގައި ޢައްޔަނުކުރެވުނު ބައިނަލްއަޤްވާމީ މާހިރުންގެ ލަފާ ލިބިފައިވާތީ، އެ ނިންމެވުންތައް ނިންމެވި ފަރާތްތަކާ ސުވާލުކޮށް އެ ނިންމެވުންތައް ނިންމަވާފައިވާ ސަބަބުތައް ދެނެގަތުމަށާއި، އެކަންކަމާ ގުޅިގެން ޤާނޫނީ ފިޔަވަޅު އަޅަންޖެހޭނަމަ އެކަންކުރުމަށާއި އަދި އެފަދަ ކަންކަން ތަކުރާރު ނުވާނެގޮތަކަށް ކަންކަން އެކަށައެޅުމަށް ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) ގެ ދަށުން "ކޮމިޝަން އޮފް އެންކުއަރީ" އެއް އުފެއްދުމަށް ނިންމަވާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި 2024 ގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވެފައިވަނީ ފޯޅަވައްސާއި ރާއްޖެއާ ދެމެދު އޮތް ތާރީހީ ގުޅުމާ ބެހޭ ގޮތުން އަލިއަޅުވައިލައިފައިވާ ސިޓީފުޅެއް އިނގިރޭސި ސަރުކާރަށް ފޮނުއްވިކަމަށެވެ. އިނގިރޭސި ސަރުކާރުން މޮރިޝަސްއަށް ފޯޅަވަހި ހަވާލުކުރުމާބެހޭ ވާހަކަތަކެއް އިވިވަޑައިގަތުމުން، އެ ޖަޒީރާއަކީ އަޅުގަނޑުމެންނާ ތާރީހީ ގުޅުމެއް ވަރަށް ބޮޑަށް އޮތް ތަނަކަށް ވާތީ، ރަސްމީ ލިޔެކިޔުމުން އެކަންކަން ބަޔާންކޮށް، ދިވެހި ސަރުކާރުން މިހާރު އިނގިރޭސި ސަރުކާރަށް ސިޓީއެއް ފޮނުއްވާފައިވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ކަނޑުން ގެއްލުވާލި ބައި އަނބުރާ ހޯދުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ރޯމާ ދުވާލު، ކަނޑައެޅިފައިވާ ދުސްތޫރީ ނިޒާމާ ޚިލާފަށް، ޤާނޫނު އަސާސީއާ ޚިލާފަށް، ރައްޔިތުންގެ މަޖިލީހުގައި އަހާލުމެއްނެތި، އަޅުގަނޑުމެންގެ ކަނޑުން ބޮޑު ބައެއް ދޫކޮށްލާފައިވާ ކަމަށާއި އެކަން ކޮށްފައިވާގޮތުން އެ މައްސަލަ ޙައްލުކުރުމަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި މި ސަރުކާރު ވެރިކަމަށް އައި ހިސާބުން ފެށިގެން އެޓަރނީ ޖެނެރަލްގެ އޮފީހުގެ ބޭފުޅަކު އ.ދ.ގައި ބަހައްޓައިގެން އަދި ގާނޫނީ ވަކީލުންގެ ޓީމަކުން ވެސް ގިނަ މަސައްކަތްތަކެއް މެދުކެނޑުމެއްނެތި ކުރަމުންގެންދާ ކަމުގައި އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ދެކުނުން، މޮރިޝަސްގެ އުތުރުން ކަނޑުގެ ސަރަހައްދު ގުޅޭ ހިސާބު އިން ކަނޑައެޅުމުގެ މައްސަލާގައި ދެ ގައުމުން ހިޔާލު ތަފާތުވުމުން، ރާއްޖޭގެ ދެކުނުން 47،232 އަކަ ކިލޯ މީޓަރުގެ ސަރަހައްދެއް ރާއްޖެއަށް އަދި 45،331 އަކަ ކިލޯ މީޓަރުގެ ސަރަހައްދެއް މޮރިޝަސް އަށް ދޭގޮތަށް ކަނޑާ ބެހޭ ބައިނަލްއަގުވާމީ ކޯޓު، އިޓްލޮސް އިން 2023 ގެ ކުރީކޮޅު ނިންމުމުން ރާއްޖެ އަށް ގެއްލުންވެފައިވާ ކަމަށް ބުނެ ސިޔާސީ ޕާޓީތަކާއި ދިވެހީންގެ ގިނަ ބަޔަކު ވަނީ ސަރުކާރަށް ފާޑުކިޔައިފައެވެ. އެއީ ކޮންމެ ގައުމަކަށް 200 މޭލުގެ ސަރަހައްދެއް ނެގުމުން ފުށުއަރާ 95،000 އަކަ ކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދެއް ބަހާލި ގޮތުންނެވެ. އިޓްލޮސް އިން އެގޮތަށް ނިންމީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅަކާ ގުޅިގެން ކަމަށް ބުނެ އޭރުގެ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *