ތިރީގައި މިވަނީ ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލު، މިދިޔަ ބުދަ ދުވަހުގެ ރޭ، މެންދަމުން އަލިވެ 12:36ގައި، އެކްސްގައި ކުރެއްވި ޕޯސްޓެެވެ:

ހާރިޖީ ވަޒީރު ކުރުކޮށް ފޮނިކޮށް ވިދާޅުވީ ފޯޅަވައްސަކީ ދިވެހީންގެ ތަނެކޭ!
ހާރިޖީ ވަޒީރުގެ މިކުރު ޓްވީޓުން ވަރަށް ބޮޑު އެއްޗެއް ދޭހަވެއެވެ. ވަޒީރު ނުސީދާކޮށް އެ ވިދާޅުވަނީ ބޭރުމީހުން ކިޔާގޮތުން ނަމަ، ޗާގޯސް އަކީ ހަޤީގަތުގައި ދިވެހި ނަމެއް ކިޔާ، ދިވެހީންގެ ތަނެއް ކަމަށެވެ. އެއީ ފޯޅަވައްސެވެ. އެއީ ތާރީހީ ގޮތުން ރާއްޖެއާ ގުޅުން އޮތް، ދިވެހީންގެ "ފޯޅަވަހި" ކަމަށެވެ. މީލާދީ ސަނަތުން 17 ވަނަ ޤަރުނުގެ ތެރޭ ފްރާންސުން އެ ރަށްތައް އިސްތިއުމާރު ކޮށްގެން 100 ވަރަކަށް އަހަރު އުޅުނު އިރު، އެ ރަށްތަކަށް "ޗާގޮސް" މިނަން ދިނީ ފްރާންސްގެ ކޮލޮނައިޒަރުންނެވެ. އިނގިރޭސި އިސްތިއުމާރުގެ ދަށަށް އެ ރަށްތައް ދިޔައީ މީލާދީން 1814 ވަނަ އަހަރު އެވެ. އަދިއަދަށް ވެސް އެ ރަށްތައް އޮތީ އިނގިރޭސި އިސްތިއުމާރުގެ ދަށުގައެވެ.
މޮރިޝަސްގައި އިންސާނުން އާބާދުވުމުގެ މާކުރިން ވެސް ފޯޅަވައްސަކީ ދިވެހީން ގޮސް އުޅުނު، ދިވެހީންގެ ތަނެއް
މޮރިޝަސްގައި މީހުން އާބާދުވެސް ނުވަނީސް ފޯޅަވައްސަކީ ދިވެހީން އިގްތިސޯދީ ނަފާ ހޯދަން ގޮސް އުޅުނު، ދިވެހީންނާ މާ ކުރީން ވެސް ތާރީހީ ގުޅުން އޮތް ތަނެކެވެ. މީލާދީ ގޮތުން 1638 ވަނަ އަހަރު ހޮލެންޑުން މޮރިޝަސްގައި ފުރަތަމަ ސެޓުލްމެންޓު ޤާއިމްކޮށް މޮރިޝަސްގައި އެންމެ ފުރަތަމަ މީހުން އުޅެން ފެށުމުގެ މާކުރިން ވެސް ދިވެހިން ފޯޅަވައްސަށް ދަތުރުކޮށް، އެ ރަށްތަކުން ކާށި ހޯދައި، އެ ސަރަހައްދުން މަސްވެރިކަން ކޮށް އުޅުނެވެ.
ފޯޅަވައްސަކީ މޮރިޝަސް އާ އެއްވެސް ގުޅުމެއް އޮތް ތަނެއް ނޫނެވެ. މޮރިޝަސް އާ 1400 މޭލު ދުރުގައި އޮތް ތަނެކެވެ. ރާއްޖެއާ 300 މޭލު ކައިރީގައި އޮތް، ދިވެހީންނާ ތާރީހީ އެތައް ގުޅުމެއް އޮތް ތަނެކެވެ. ދިވެހީންގެ ތަނެކެވެ.
އިނގިރޭސި ބޮޑުވަޒީރުގެ ސިއްރު ޑީލް ދިވެހި ރާއްޖެއާ ދެކޮޅަށް
ފޯޅަވަހި މޮރިޝަސް އަށް ދެއްވުމަށް އިނގިރޭސި ވިލާތުގެ ބޮޑު ވަޒީރު ކެއިތު ސްޓާމަރ އެހާ ބޮޑަށް ބާރުއަޅުއްވަނީ އެކަމުގައި އިންސާފު ޤާއިމް ކުރެއްވުމަކަށް ނޫނެވެ. ފޯޅަވަހީގެ މިލްކުވެރިކަން ހޯދުމަށް މޮރިޝަސް އިން އ.ދގައި ޤާނޫނީ މަސައްކަތް ކުރި އިރު، 2010 އިން ފެށިގެން ގޮސް 2024 ވަނަ އަހަރާ ދެމެދު، މޮރިޝަސްގެ ލީގަލް ޓީމުގެ އެންމެ އިސް ލޯޔަރަކަށް ހުންނެވި ފިލިޕް ސޭންޑްސް އަކީ އިނގިރޭސި ބޮޑުވަޒީރު ކީތު ސްޓާމަރގެ ވަރަށް ގާތް ރަހުމަތްތެރިއެކެވެ. މޮރިޝަސް އަށް ދިން ޤާނޫނީ ލަފާގެ އަގަކަށް ފިލިޕް ސޭންޑްސް އަށް 10 މިލިއަން ޑޮލަރު (200 މިލިއަން ދިވެހި ރުފިޔާ) ލިބިވަޑައިގަތްކަން އިނގިރޭސިވިލާތުގެ ޑެއިލީ މެއިލް އިން ވަނީ މި ފެބްރުއަރީ 17 ވަނަ ދުވަހު ފަޅާ އަރުވާލައިފައެވެ. ޕްރޮފެސަރ ފިލިޕް ސޭންޑްސް އަކީ އިނގިރޭސި ބޮޑުވަޒީރުގެ އިތުރުން އިނގިރޭސި ވިލާތުގެ އެޓާނީ ޖެނެރަލް ލޯޑް ހާމަރ އާ ވެސް ވަރަށް ގާތް ލޯޔަރެކެވެ.

ޕްރޮފެސަރ ފިލިޕް ސޭންޑްސް ވަނީ 2022 ވަނަ އަހަރު ފޯޅަވައްސަށް ވަޑައިގެން އެތަނުން އެއް ރަށުގައި މޮރިޝަސްގެ ދިދައެއް ނަންގަވައި، ފޯޅަވަހީގެ މިލްކުވެރިކަން މޮރިޝަސް އަށް ހޯދައިދެއްވާނެ ކަމަށް ވިދާޅުވެ ސްޓަންޓެއް ޖައްސަވައިފައެވެ. ފޯޅަވަހި މޮރިޝަސް އަށް ދިނުމަކީ އިނގިރޭސި ބޮޑުވަޒީރު ސްޓާމަރ އާއި އިނގިރޭސި އެޓާނީ ޖެނެރަލް ލޯޑް ހާމަރ، އަދި އެ ދެބޭފުޅުންގެ ގާތް ރަހްމަތެރި ލޯޔަރު ޕްރޮފެސަރ ފިލިޕް ސޭންޑްސް ގުޅިވަޑައިގެން، ހިންގަވަން މަސައްކަތް ކުރައްވާ ސިއްރު ޑީލެއް ކަމަށް އިނގިރޭސި ވަރަށް ގިނަ ޕާލިމެނެޓް މެމްބަރުންވެސް ތުހުމަތު ކުރެއެވެ.
އިނގިރޭސި އިދިކޮޅު ރިފޯމް ޔޫކޭ ޕާޓީގެ ލީޑަރު ނައިޖަލް ފަރާޖު ވިދާޅުވަނީ ފޯޅަވައްސަކީ ދިވެހީންގެ ތަނެކޭ!
އިނގިރޭސި ވިލާތުގެ އިދިކޮޅު ޕާޓީ ތަކުން ދަނީ ފޯޅަވަހި މޮރިޝަސް އާ ހަވާލުކުރަން އުޅޭ އުޅުން ހުއްޓާލުމަށް އިނގިރޭސި ސަރުކާރަށް ގޮވާލަމުންނެވެ. އެގޮތުން، އިނގިރޭސި އިދިކޮޅު ރިފޯމް ޔޫކޭ ޕާޓީގެ ލީޑަރު ނައިޖަލް ފަރާޖު، އިނގިރޭސި ޕާލިމެންޓުގައި ވާހަކަ ދައްކަވަމުން އިއްޔެ ވިދާޅުވީ ޗާގޯސްގެ އަތޮޅުތަކާއި، ރަށްތަކާ ގުޅުން އޮތް ތާރީހެއް އޮތީ ދިވެހި ރާއްޖެއާ ކަމަށާއި، އެއީ މޮރިޝަސް އާ ތާރީހީ ގޮތުން އެއްވެސް ގުޅުމެއް އޮތް ރަށްތަކެއް ނޫންކަމަށެވެ. ފަރާޖު މިހެން ވިދާޅުވި ހަބަރު ރާއްޖެއާއި ދުނިޔޭގެ ބޮޑެތި މީޑިއާތަކުން އިއްޔެ ވަނީ ރިޕޯޓު ކޮށްފައެވެ.
ޗާގޯސް އަކީ ކުޑަވަރެއްގެ ޤައުމެއް ވަރުގެ ބޮޑު ތަނެއް
ޗާގޯސް އަކީ އާދައިގެ ކުޑަކުޑަ ރަށެއް ނޫނެވެ. އެއީ ޖުމްލަ ހަތް އަތޮޅުގެ މައްޗަށް އެކުލެވޭ 60 ރަށުގެ ސަރަހައްދެކެވެ. ބިޔަ ބޮޑު ޤައުމެއްވަރުގެ ތަނެކެވެ. އެ 60 ރަށުގެ ތެރެއިން އެންމެ ބޮޑު ރަށް ކަމުގައިވާ ޑިއަގޯގާޝިއާ އޮތީ އެމެރިކާގެ އަސްކަރީ މަރުކަޒެއް ހިންގަން، 1966 ވަނަ އަހަރުން ފެށިގެން، 2036 ވަނަ އަހަރާ ހަމައަށް ކުއްޔަށް ދީފައެވެ. ރާއްޖޭގެ ދެކުނުން، އައްޑޫ ސިޓީ އާއި ފޯޅަވައްސާ ދެމެދު ހުންނަނީ އެންމެ 300 މޭލެވެ. އިހުޒަމާނުގައި ދިވެހީން، ހާއްސަކޮށް ދެކުނުގެ އަތޮޅުތަކުގެ މީހުން ފޯޅަވައްސަށް ދަތުރުކޮށް އުޅުނެވެ. އެ ދުވަސްވަރު އެ ރަށްތައް އޮތީ ފަޅަށެވެ.
ދިވެހި ރާއްޖެ އަށް ފޯޅަވަހި ނުލިބި، މާ ދުރުގައި އޮތް މޮރިޝަސް އަށް އެތަން ލިބުމަކީ ބޮޑު ބޭއިންސާފެއް
ރާއްޖެ އާއި ފޯޅަވައްސާ ދެމެދު އެންމެ 300 މޭލު ހުރި އިރު، މޮރިޝަސް އަކީ ފޯޅަވައްސާ 1400 މޭލު ދުރުގައި އޮތް ޤައުމެކެވެ. މީގެ އިތުރުން މޮރިޝަސްގައި މީހުން ވަޒަންވެރިވުމުގެ މާކުރިން ވެސް ދިވެހިން މަސްވެރިކަމުގަ އާއި އެހެނިހެން ބޭނުން ތަކުގައި ފޯޅަވައްސަށް ދަތުރުކޮށް، އެރަށްތަކުން އިގްތިސޯދީ ނަފާ ހޯދައި އުޅުނެވެ. ފޯޅަވައްސާ ސަރަހައްދީ ގޮތުން އެންމެ ކައިރި ޤައުމަކީ ދިވެހި ރާއްޖެ އެވެ. އެތަނުން އިގްތިސޯދީ ފައިދާ، މަސްވެރިކަމުން ހޯދާ ބަޔަކީ މިހާރު ވެސް ދިވެހީންނެވެ. އެހެންކަމުން ދިވެހި ރާއްޖެ އަށް ފޯޅަވަހި ނުލިބި، މާ ދުރުގައި އޮތް މޮރިޝަސް އަށް އެތަން ލިބުމަކީ ބޮޑު ބޭއިންސާފެކެވެ.
މި ކޮރަޕްޓް ޑީލުގައި އ.ދގެ އެތެރެއިން ވެސް ބަޔަކު ރޯލެއް ކުޅޭ
މިއީ އިނގިރޭސިވިލާތާއި އިންޑިއާ ފަދަ ދުނިޔޭގެ ބޮޑެތި ބައެއް ޤައުމުތައް ގުޅިގެން، ރާވައިގެން ހިންގަން އުޅޭ ބޮޑު ޖަރީމާއެކެވެ. ނަމަވެސް އެމެރިކާގެ މަސްލަހަތާ މި ޑީލާ ނުގުޅޭތީ އެމެރިކާއިން ބޭނުންވަނީ ފޯޅަވަހީގެ މިލްކުވެރިކަން ދިވެހި ރާއްޖެއަށް ދިނުމަށް ބާރުއެޅުމަށެވެ. މި ކޮރަޕްޓް ޑީލުގައި އ.ދގެ އެތެރެއިން ވެސް ބަޔަކު ރޯލެއް ކުޅެމުން އެބަދެއެވެ. ފޯޅަވަހި ލިބެން ޖެހެނީ ދިވެހި ރާއްޖެ އަށް ކަމަށް ވިދާޅުވެ އިނގިރޭސި އިދިކޮޅު ރިފޯމް ޔޫކޭ ޕާޓީގެ ލީޑަރު ނައިޖަލް ފަރާޖު ދެއްކެވި ވާހަކަ އަށް ރައްދު ދެއްވައި އިނގިރޭސި ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވެފައި ވަނީ ފަރާޖު މަސައްކަތް ކުރައްވަނީ އެމެރިކާގެ މަސްލަހަތު މިކަމުގައި ހިމާޔަތް ކުރައްވަން ކަމަށެވެ. ފަރާޖު ވަނީ މި ފެބްރުއަރީ މަސް ތެރޭ ރާއްޖެ ވަޑައިގެން ފޯޅަވައްސަށް ދަތުރު ކުރައްވަން މަސައްކަތް ކުރައްވާފައެވެ. ނަމަވެސް އިނގިރޭސި ސަރުކާރުން ހުރަސް އެޅުމުން ފަރާޖުއަށް ޖެހިވަޑައިގަތީ ފޯޅަވައްސަށް ދަތުރު ނުކުރައްވައި، އޭނާގެ ޕްރައިވެޓު ޖެޓުގައި އެނބުރި އިނގިރޭސިވިލާތަށް ވަޑައިގަންނަވާށެވެ. އިނގިރޭސި ޕާލަމެންޓުގެ ހައުސް އޮފް ކޮމަންސްގައި ވާހަކަދައްކަވަމުން ފަރާޖް ވިދާޅުވި ގޮތުގައި، ފޯޅަވަހީގެ ސިޔާދަތީ ބާރުގެ ހައްގުވެރިއަކީ ރާއްޖެ ކަމަށް ބުނެ ރާއްޖެއިން އައިސީޖޭ އަށް މައްސަލަ ހުށަހަޅާނެ ކަމަށް ބެލެވެއެވެ. އެހެންވެ އިނގިރޭސި ސަރުކާރުން މޮރިޝަސްއަށް އެ ރަށްތައް ދިނުމަށް ކުރާ މަސައްކަތްތައް މިހާރުން މިހާރަށް މަޑުޖައްސާލުމަށް އޭނާ އިނގިރޭސި ސަރުކާރަށް ގޮވާލެއްވިއެވެ.

ފަރަންސޭސިން ކުރިހާވެސް ކަމަކީ ދިވެހި ބަހުން އެ ރަށްތަކަށް ކިޔައިފައިވާ ނަންތައް ބަދަލުކޮށްލުން
"މިދިޔަ ހަފުތާ ބަންދުގައި އަޅުގަނޑު ރާއްޖެއަށް ކުރި ދަތުރުން އެނގުނު ކަމެއް ހިއްސާކޮށްލާނަން. މިއީ އަޅުގަނޑަށް ކުރިން އެނގިފައިވާ ކަމެއް ނޫން، އަދި އިނގިރޭސި ސަރުކާރަށް ވެސް މިކަން އެނގޭހެން ހިއެއްނުވޭ. ފޯޅަވަހީގެ ރަށްތަކާ ތާރީޚީ ގޮތުންނާއި، ވިޔަފާރީގެ ގޮތުންނާއި، އާސާރީ ގޮތުންވެސް ގުޅުން އޮތީ ރާއްޖެއާ. ހަގީގަތުގައި، ފަރަންސޭސިން ކުރިހާވެސް ކަމަކީ ދިވެހި ބަހުން އެ ރަށްތަކަށް ކިޔާފައިވާ ނަންތައް ބަދަލުކޮށްލުން،" މޮރިޝަސްއަށް އެ ރަށްތަކުގެ މައްޗަށް ދައުވާކުރެވޭނެ އެއްވެސް ހަމައެއް ނެތްކަން ފާހަގަކުރައްވާ ފަރާޖު ވިދާޅުވިއެވެ. ފަރާޖު ވިދާޅުވި ގޮތުގައި އިނގިރޭސި ސަރުކާރުގެ ނިންމުމާ ގުޅިގެން ރާއްޖެއިން ކަންބޮޑުވަނީ ދެ ސަބަބަކާ ހުރެއެވެ. ފުރަތަމަ ސަބަބަކީ އެ ސަރަހައްދުގައި އެތައް އަހަރެއް ވަންދެން އޮތް ހަމަޖެހުން ގެއްލިދާނެތީއެވެ. ދެވަނަ ކަމަކީ އެ އެއްބަސްވުން ކުރިއަށް ގޮސްފިނަމަ، އެ ސަރަހައްދުގައި އިންޑިއާއާއި ޗައިނާގެ ނުފޫޒު ގަދަކުރުމުގެ ކުރިމަތިލުމެއް ފެށިގެންދާނެތީއެވެ.
ރައީސް މުއިއްޒު ވެސް ވިދާޅުވަނީ ފޯޅަވަހި ލިބުން އެންމެ ހައްގުވަނީ ރާއްޖެއަށް ކަމަށް
މޮރިޝަސްއަށް އެ ރަށްތަށް ދިނުމަށް ރައީސް ސޯލިހުގެ ސަރުކާރުން ތާއިދު ކުރިއަސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެކަމާ ދެކޮޅެވެ. ރައީސް މުއިއްޒު ވިދާޅުވަނީ ފޯޅަވަހި ލިބުން އެންމެ ހައްގުވަނީ ރާއްޖެއަށް ކަމަށެވެ. އަދި، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން މޮރިޝަސްއާއި ރާއްޖޭގެ އިން ކަނޑައެޅިއިރު، ރާއްޖެއަށް ގެއްލުނު 200 ނޯޓިކަލް މޭލުގެ ކަނޑުގެ ސަރަހައްދު ރާއްޖޭގެ ސިފައިން ހިމާޔަތް ކުރާނެ ކަމަށް އެ މަނިކުފާނު ވަނީ، މި މަހު އިއްވި ރިޔާސީ ބަޔާނުގައި ވެސް ވިދާޅުވެފައެވެ. އެއާއެކު ދިވެހި ސިފައިންގެ އަސްކަރީ މަނަވަރެއް އެ ސަރަހައްދުގައި ހަރަކާތްތެރިވެފައި ވެސް ވެއެވެ.
ފޯޅަވަހީގެ މިލްކުވެރިކަން ރާއްޖެއަށް ހޯދައިދިނުމަށް މަސައްކަތް ކުރުމަކީ އެމެރިކާ އަށް ވެސް އެންމެ ފައިދާ ހުރި ގޮތް
އެމެރިކާ އާއި ޔޫރަޕްގެ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނާއިރު، މޮރިޝަސް އަށް ފޯޅަވަހި ލިބުމަށް ވުރެ ދިވެހި ރާއްޖެ އަށް ފޯޅަވަހި ލިބުން، އެމެރިކާ އާއި ޔޫރަޕަށް މާ ފައިދާ ބޮޑުވާނެއެވެ. ސަބަބަކީ ދިވެހި ރާއްޖެ އަކީ މުޅި އިންޑިއާ ކަނޑުގެ މެދުގައި ދަމާލާފައި އޮތް ބިޔަ ބޮޑު ސަރަހައްދަކަށް ވާތީ އެވެ. އިންޑިއާ ކަނޑަކީ ހަޤީގަތުގައި އިންޑިއަން އޯޝަން އަށް ވުރެ ބޮޑަށް "މޯލްޑިވްސް އޯޝަން" އެވެ! ދިވެހި ރާއްޖެއާ ގުޅިގެން އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތް ކުރުމުން އެމެރިކާ އާއި ޔޫރަޕާއި މުޅި ދުނިޔެއަށް ވެސް މާ ރަނގަޅު ވާނެއެވެ. ދިވެހި ރާއްޖެ އަކީ މޮރިޝަސް އަށް ވުރެ ބޮޑަށް އިންޑިއާ ކަނޑުގެ މެދުގައި ފަތުރުރާލެވިފައިވާ ބޮޑު ފާރަކަށް ވާތީއެވެ. ދިވެހި ރާއްޖޭގެ ބަޔަކަށް ފޯޅަވައްސާއި ޑިއެގޯ ގާސިއާ ވުމުން، އެމެރިކާގެ މިލިޓަރީ ބޭސް އޮންނާނީ ދިވެހި ރާއްޖޭގަ އެވެ. އެއިރުން މުޅި އިންޑިއާ ކަނޑުގެ ރަސްކަން އެމެރިކާ އަށް ލިބޭނެއެވެ. މި ސަބަބަށް ޓަކައި ފޯޅަވަހީގެ މިލްކުވެރިކަން ރާއްޖެއަށް ހޯދައިދިނުމަށް މަސައްކަތް ކުރުމަކީ އެމެރިކާ އަށް ވެސް އެންމެ ފައިދާ ހުރި ގޮތެވެ.
ރާއްޖޭގެ ކުރިމަގުގެ ސަލާމަތާއި، އިގްތިސޯދީ ތަރައްޤީ ގުޅިފައި އޮތީ ފޯޅަވަހި ހޯދުމުގައި އެމެރިކާ އާއި އިނގިރޭސިވިލާތާ އެކު ހެދޭ ވަރުގަދަ ޑީލެއްގެ މައްޗަށެވެ. އެމެރިކާ އާއި ޔޫރަޕްގެ ކުރިމަގުގެ ސަލާމަތާ ގުޅިފައި އޮތީ ފޯޅަވަހި ދިވެހި ރާއްޖެ އަށް ދިނުމާއެވެ. މި ޑީލްގެ ދަށުން ދިވެހީން ތަނަވަސް ބަޔަކަށްވެ، ދުނިޔޭގެ ސުލްހަ ޤާއިމް ކުރުމުގެ އެންމެ ވަރުގަދަ ހަބަކަށް، އިންޑިއާކަނޑުގެ މެދުތެރޭގައިވާ ދިވެހި ރާއްޖެ ވެގެންދާނެއެވެ. އިނގިރޭސި ބޮޑުވަޒީރާއި އެޤައުމުގެ އެޓާނީ ޖެނެރަލް ގުޅިވަޑައިގެން ހިންގަވަން މި އުޅުއްވާ ކޮރަޕްޓް ޑީލަކީ ރޯމާ ދުވާލު، ބައެއްގެ ހައްޤެއް އެހެން ބަޔަކަށް ނުހައްޤުން ދިނުމުގެ ބޮޑު ޖަރީމާ އެކެވެ. މި ޖަރީމާ އަށް ފުރުސަތު ނުދީ، ނައިޖެލް ފަރާޖު އެ ވިދާޅުވާ ފަދައިން، ފޯޅަވަހީގެ ހައްޤުވެރީންނަށް ފޯޅަވަހި ލިބެން ޖެހެއެވެ. މިއީ ދިވެހި ސަރުކާރުން މިވަގުތު އެންމެ އިސްކަމެއް ދީގެން މަސައްކަތް ކުރަން ޖެހޭ މަޝްރޫއެވެ. މި ޑީލް ރާއްޖެ ކޮޅަށް ނިމިއްޖެ ނަމަ ރާއްޖޭގެ ހުރިހާ ދަރަންޏެއް އަދާކޮށްފައި ހަށިފޮޅާލާފައި ހަމަ އިސްކޮޅަށް ތެދުވެވޭނެއެވެ. އިންޑިއާގެ ހިޔަނިން ނުކުމެ ރާއްޖޭގެ އަސްލު ޕޮޓެންޝަލް ހާސިލް ކުރެވޭނެއެވެ.
