Support Us

ވާހަކަ: އެ ގުޅުން…

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އުސް ޓަވަރުތަކުގެ ތެރެއިން އެޕާޓްމަންޓެއްގެ ބެލްކަނީގައި ހުރެ، އީމާ ބޭރަށް ބަލައިލިއެވެ. އުދަރެސްމަތި ބަނަކޮށް އޮތުމުން މާހައުލުގައި ވަނީ ފަނޑު އަލިކަމެކެވެ. ޖެހެމުންދިޔަ ގަދަ ވަޔާއެކު އީމާގެ ހިތުގައިވެސް ވަނީ ނުތަނަވަސްކަމެކެވެ. މިއީ މީގެ ދެއަހަރު ކުރިން އޭނާގެ ހިތް ހަލާކުކޮށްލާފައި ދިޔަ ޒައިދުގެ އެޕާޓްމަންޓެވެ. ދެމީހުން ދުރުވީ އެއްވެސް މީހަކު އެކަމަށް ބޭނުންވެގެނެއް ނޫނެވެ. ނަމަވެސް، ޙާލަތު މަޖުބޫރު ކުރުވީއެވެ.

ދޮރު ހުޅުވާލި އަޑަށް އީމާ އެނބުރި ބަލައިލިއެވެ. ދޮރުމަތީގައި ހުރީ ޒައިދެވެ. ކުރިއަށްވުރެ ހަށިގަނޑު ހިއްކެވެ. ނަމަވެސް އެ މޫނުމަތިން ފެންނަނީ ހަމަ އެ ލުއި ހިނިތުންވުމެވެ.

"އީމާ… އައީތަ؟ އަހަރެން ހީކުރީ ވާރޭ ވެހޭތީ ނާންނާނެ ކަމަށް،" ޒައިދު ބުނެލިއެވެ.

"ޒައިދު ގުޅީމަ ނައިސް ހުންނަން ނުކެރުނީ،" އީމާ މަޑުމައިތިރިކަމާއެކު ޖަވާބު ދިނެވެ.

ޒައިދު އަވަސްއަވަހަށް ބަދިގެ ފަރާތަށް ހިނގައިގަތެވެ. "އަހަރެން މި އުޅެނީ އީމާއަށް ވަރަށް މީރު އެއްޗެއް ކައްކަން ވެގެން. ހަނދާން ހުރޭތަ އަހަރެމެން ވިލިނގިލީގައި ބާބަކިއު ހެދި ދުވަސް؟ އެދުވަހު އަހަރެން ހެދި ސޯސްގަނޑު މިއަދު މި ހަދަނީ."

ނަމަވެސް ޒައިދުގެ ވާހަކަ ނުނިމެނީސް، ބަދިގެއިން ދުންއަރާ ވަސް ދުވަންފެށިއެވެ. ޒައިދު ދުވެފައި ގޮސް އުނދުން ނިއްވާލިއިރު ތެލި ވަނީ އަނދައިފައެވެ. އީމާގެ ގާތަށް ހިނިއައެވެ.

"ޒައިދު ދުވަހަކުވެސް ބަދަލެއް ނުވާނެ ދޯ؟ ކައްކަން ނޭނގޭއިރުވެސް ކޮންމެހެން އެކަން ކުރަން އުޅޭނެ ކަމެއް ނެތެއްނު،" އީމާ ހީލަމުން ބުންޏެވެ.

މިއީ އެ ދެމީހުންގެ މާޒީގެ ހަނދާންތައް އާކޮށްދިން ވަގުތުކޮޅެކެވެ. އެންމެފަހުން އެމީހުން ނިންމީ ޕިއްޒާއަށް އޯޑަރު ކުރާށެވެ. ކައި ނިމިގެން ޒައިދު އޭނާގެ ކޮޓަރިން ނެރުނީ ފޮތެކެވެ. އެއީ ޒައިދު އަލަށް ލިޔުނު ވާހަކަ ފޮތެވެ.

"މިއީ އީމާއަށް ދައްކަން އަހަރެން ބޭނުންވި އެއްޗަކީ. މިއީ އަހަރެންގެ ފުރަތަމަ ފޮތް. މި ފޮތް ޗާޕުކުރުމުގެ ކުރިން އީމާ ނޫން މީހަކަށް ނުދައްކަން،" ޒައިދު ފަޚުރުވެރިކަމާއެކު ބުންޏެވެ.

އީމާ އެ ފޮތް ހުޅުވައިލިއެވެ. ފޮތުގެ ސަފުހާތައް އުކަމުން ދިޔަވަރަކަށް އީމާގެ މޫނުމަތީގެ ކުލަވަރު ބަދަލުވަމުން ދިޔައެވެ. އެއީ ޚިޔާލީ ވާހަކައެއް ނަމަވެސް، އޭގައި ވަނީ އީމާއާއި ޒައިދުގެ ދިރިއުޅުމެވެ. އެމީހުން އެކުގައި ހޭދަކުރި އުފާވެރި ދުވަސްތަކާއި، ވަކިވާން ޖެހުނު ހިތްދަތި ވަގުތުތަކެވެ.

"މި… މިއީ އަހަރެމެންގެ ވާހަކަ ދޯ؟" އީމާ އަހާލިއެވެ.

"އާނ. އީމާއަކީ އަހަރެންގެ އިންސްޕިރޭޝަން. މި ފޮތް ލިޔެވުނީ އީމާ ދިން ހިތްވަރުން. އީމާ މަތިން ހަނދާންކޮށްގެން،" ޒައިދު ޖަވާބު ދިނެވެ.

އެވަގުތު އީމާގެ ހިތުގައި އުފެދުނީ ސުވާލުތަކެކެވެ. މިއީ ހަމައެކަނި ފޮތެއް ދައްކާލަން ޒައިދު ކުރި ކަމެއް ހެއްޔެވެ؟ ނޫނީ މިއީ އަނެއްކާވެސް ގުޅުމެއް ފެށުމަށް އެޅި ފިޔަވަޅެއް ހެއްޔެވެ؟

"ޒައިދު! ކީއްވެ އަހަރެން މިތަނަށް ގެނައީ؟" އީމާ ސީދާ ޒައިދުގެ ލޮލަށް ބަލަން ހުރެ ސުވާލުކުރިއެވެ. "ދެއަހަރު ވަންދެން ޚަބަރެއް ނުވެ ހުރެފައި، ކުއްލިއަކަށް ގުޅީމަ އަހަރެން މި އައީ ކީއްވެކަން އެނގޭތަ؟ އަދިވެސް އަހަރެންގެ ހިތުގައި ޒައިދަށްޓަކައި ޖާގައެއް އޮތީމަ."

ޒައިދު އިސްޖަހާލިއެވެ. "އީމާ، އަހަރެންނަށް އެނގޭ އަހަރެންނަށް ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން. އެކަމަކު އޭރު އަހަރެން ހުރީ ތައްޔާރަކަށް ނޫން. ކައިވެންޏަކާ ހިސާބަށް ދާކަށް އަހަރެން ބޭނުމެއް ނުވި."

"ތައްޔާރު ނުވަނީއޭ؟" އީމާގެ އަޑު ތަންކޮޅެއް ބާރުވިއެވެ. "އެކަމަކު އަހަރެމެން ވަކިވިތާ ދެމަސް ނުވަނީސް ޒައިދު އެހެން ކުއްޖަކާ ރައްޓެހިވެ، އެންގޭޖް ވެސް ވީމެއްނު. އޭރު ތައްޔާރުނުވަނީ އަހަރެންނާ އެކު އުޅެންތަ؟ ނޫނީ އަހަރެން ކަމުނުދިޔައީތަ؟"

ޒައިދު ފުން ނޭވާއެއް ލިއެވެ. "ނޫން އީމާ. އެ ގުޅުމަކީ އަހަރެންގެ ޢާއިލާއިން ބޭނުންވެގެން ކުރި ކަމެއް. އެކަމަކު އެކަން ކާމިޔާބެއް ނުވި. ސަބަބަކީ އެއީ އީމާއަށް ނުވާތީ. އަހަރެންނަށް އެ ގުޅުމުން ހިތްހަމަޖެހުމެއް ނުލިބުނު."

އީމާގެ ލޮލުން ކަރުނަ ފާއްދާލިއެވެ. "ޒައިދު ހީކުރަނީ އަހަރެންނަކީ ކާކު ކަމަށްތަ؟ ޒައިދުގެ އެކަނިވެރިކަން ފިލުވާލަން ބޭނުންކުރާ ބައިވެރިއެއްތަ؟ އަހަރެމެންގެ ދެމެދުގައި އޮތީ ކޮންކަހަލަ ގުޅުމެއް؟ އެއީ ލޯބިތަ؟ ނޫނީ ހަމައެކަނި ވަގުތު ހޭދަކޮށްލަން އުފެއްދި 'ސިޓުއޭޝަންޝިޕް' އެއްތަ؟"

ޒައިދު އީމާގެ އަތުގައި ހިފަން އުޅުނެވެ. "އީމާ، ޕްލީޒް. އަހަރެން ބޭނުންވަނީ އަލުން ފަށަން. އެކުވެރިންގެ ގޮތުގައި ފަށަމާ. ފަހުން ވާގޮތެއް ބަލަމާ."

މި ޖުމްލައާއެކު އީމާގެ ހިތް މުޅިން ކުދިކުދިވިއެވެ. މިއީ އޭނާ ބޭނުންވި ޖަވާބެއް ނޫނެވެ.

އީމާ ފަހަތަށް ޖެހިލިއެވެ. "އެކުވެރިންނޭ؟ ޒައިދު، އަހަރެންނަކަށް ޒައިދުގެ އެކުވެރިއަކަށް ނުވެވޭނެ. ސަބަބަކީ އަހަރެން ޒައިދު ދެކެ އިންތިހާއަށް ލޯބިވޭ. އެކުވެރިއެއްގެ ގޮތުގައި ހުރެ، ޒައިދު އެހެން މީހަކާ ގުޅޭތަން ބަލާކަށް އަހަރެންނަކަށް ކެތެއް ނުވާނެ."

"އެކަމަކު…" ޒައިދު އެއްޗެއް ބުނަން އުޅުނެވެ.

"ނޫން ޒައިދު." އީމާ ވާހަކަ މެދުކަނޑާލިއެވެ. "މިހާރު އަހަރެންނަށް ވިސްނިއްޖެ. އަހަރެން މިހުރިހާ ދުވަހު އުޅުނީ ހުވަފެނެއްގަ. ޒައިދު ބަދަލުވާނެ ކަމަށް އުއްމީދުކޮށްގެން. އެކަމަކު ހަގީގަތަކީ، ޒައިދު އަހަރެން ދެކެ ލޯބިވާނަމަ، އަހަރެން މިހާލަތަށް ދޫކޮށެއް ނުލާނެ. އަހަރެން ބޭނުންވަނީ ފުރިހަމަ ލޯތްބެއް. ކޮންމެވެސް ނަމެއް ކިޔޭނެ ގުޅުމެއް. ސިއްރުން، ނަން ނުކިޔޭ ގުޅުމެއްގައި އުޅޭކަށް އަހަރެން ބޭނުމެއް ނޫން."

އީމާ އޭނާގެ ދަބަސް ނަގައި ކޮނޑުގައި އަޅުވާލިއެވެ.

"ޒައިދު ހަގީގަތުގައިވެސް އަހަރެން ދެކެ ލޯބިވާނަމަ، އަހަރެން ދާން ދޫކޮށްލާ. އަހަރެންނަށް މި ހިތާމައިން އަރައިގަންނަން ފުރުސަތު ދީ."

ޒައިދު ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނާއަށް އެނގުނީ އަމިއްލަ އެދުން ބޮޑުކަމުން، އީމާގެ އިހުސާސްތަކާ ކުޅެވުނު ކަމެވެ. އަދި އީމާ ބުނީ ތެދެއްކަން ޤަބޫލުކުރެވުނެވެ.

"އަހަރެން އީމާ ދެކެ ލޯބިވޭ. އެހެންވީމަ… އީމާ ބޭނުން ގޮތެއް،" ޒައިދު މަޑުމަޑުން ބުނެލިއެވެ.

އީމާ އެޕާޓްމަންޓުން ނުކުމެގެން ދިޔައިރު، އޭނާގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައެވެ. ނަމަވެސް އެއީ ހިތާމައިގެ ކަރުނައަށްވުރެ ބޮޑަށް، މިނިވަންކަމުގެ ކަރުނައެވެ. ލިފްޓުން ތިރިއަށް ފައިބައި، މަގުމައްޗަށް ނުކުތްއިރު ވާރޭ ވަނީ ހުއްޓާލައިފައެވެ. ހުޅުމާލޭގެ ފިނި ވަޔާއެކު އީމާ ފުން ނޭވާއެއް ލިއެވެ. މިއީ އާ ފެށުމެކެވެ. އަމިއްލަ ނަފްސަށް އިޙްތިރާމް ކުރުމުގެ ފެށުމެކެވެ.

ޒައިދު ބެލްކަނީގައި ހުރެ ތިރިއަށް ބަލާލިއެވެ. އީމާ ހިނގަމުން ގޮސް ޓެކްސީއަކަށް އަރާ މަންޒަރު ފެނުނެވެ. މޭޒުމަތީގައި އޮތް ފޮތް ނަގައި ޒައިދު ބަލާލިއެވެ. އެ ފޮތުގެ ފަހު ސަފުހާގައި ލިޔެފައިވަނީ އުފާވެރި ނިމުމެކެވެ. ނަމަވެސް ހަގީގީ ދިރިއުޅުމުގައި ބައެއް ފަހަރު އެންމެ ރަނގަޅު ނިމުމަކީ، ވަކިވުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *