Support Us

ރޫމުގައި 1518 ވަނަ އަހަރު ލައިގަތް ނެށުމުގެ ބަލިމަޑުކަން

ދުނިޔޭގެ ތާރީހުގައި ހައިރާން ކުރުވަނިވި ތަފާތު ކަންކަން ހިނގައިފައިވާކަން ރިކޯޑުތަކުން ފެންނަން ހުރެއެވެ. އެ ފަދަ އެއް ހާދިސާއަކީ، މީލާދީން 1518 ވަނަ އަހަރުގެ ޖުލައި މަހު، ރޫމުގެ އަވަށެއް ކަމަށްވާ ސްޓްރާސްބޯގްގައި ހިނގައިދިޔަ އާދަޔާ ހިލާފު ހާދިސާއެވެ. އެ ސަރަހައްދުގެ ރައްޔިތުން މަގުތައް މައްޗަށް ނުކުމެ، ހޭހުސްވެ، ވަޖިދުގެ ހާލަތަށް ގޮސް ނަށަން ފެށީއެވެ. މި ހައިރާންކުރުވަނިވި ކަންތައް ފެށުނީ ފްރައު ޓްރޮފިއާ ނަމަކަށް ކިޔާ އަންހެނަކު، އެއްވެސް މިއުޒިކެއް ނެތި މަގުމައްޗަށް ނުކުމެ ހުއްޓުމެއްނެތި ނަށަން ފެށި ހިސާބުންނެވެ.

ފްރައު ޓްރޮޕިއާ އެ ރަށުގެ މަގުމައްޗަށް ނުކުމެ، ނަށަން ފެށިގޮތަށް ހުއްޓައިނުލާ ހަފްތާއެއް ވަންދެން އެކަންތައް ކުރިޔަށް ގެންދިޔައެވެ. އެ ހަފްތާ ނިމުނު އިރު ރަށުގެ އިތުރު 30 މީހުން އޭނާއާ ބައިވެރިވެ ނަށަން ފެށިއެވެ. އޮގަސްޓް މަސް ފެށުނު އިރު، މި "ނެށުމުގެ ބަލިމަޑުކަން" ލައިގަތް މީހުންގެ އަދަދު 400 އަށްވުރެ މައްޗަށް އަރައި ރަށުތެރެ ހަލަބޮލިކޮށްލިއެވެ.

އެ ރަށުގެ ބޭސްވެރިން ލަފާކުރީ އެކަން ކުރަމުން އެމީހުން ގެންދިޔައީ މޫސުމުގެ ސަބަބުން ލޭ ހޫނުވުމުން ކަމަށެވެ. އަދި އެގޮތަށް ނަށާ ހަރަކާތްތެރިވުމުގެ ފުރުސަތު ފަހިކޮށްދީފިނަމަ އެ "ހޫނުކަން" ހަށިގަނޑު ފިލައިގެން ދާނޭ ކަމަށް އެމީހުން ބުންޏެވެ. ބޭސްވެރިންގެ އިރުޝާދު ގަބޫލުކޮށް، އެ ރަށުގެ އިސްވެރިން އެހެން ރަށްރަށުން މިއުޒިކު ކުޅޭ މީހުން ގެނެސް ސްޓޭޖެއް ހަދައި ނެށުންތެރިންނަށް ހިތްވަރުދީ މިއުޒިކު ކުޅެން ފެށިއެވެ. އަވަހަށް އެ ހޫނުގަނޑު ފިލައިގެން ދޭތޯއެވެ.

އުފަލާއި މަޖަލުގެ ސަބަބުން ނަށާ މީހުންނާއި މި ބަލިމަޑުކަމުގައި ޖެހުނު މީހުން ތަފާތެވެ. އެމީހުން އެކަން ކުރަމުން ގެންދިޔައީ އެމީހުންގެ އިހުތިޔާރެއް ނެތިކަން ފެންނަ މީހުންނަށް އެނގެއެވެ. ލޯތައް ބޮޑުވެފައި، މޫނުމަތީގެ ހަރަކާތް ހުއްޓިފައި، އަތްފައި ހަލުވާއިރުގައި އެއްވެސް ހަމައެއްލަމައެއް ނެތްކަން އެނގެއެވެ. އެކަން ދުށް ބައެއް މީހުން ނެށުންތެރިން ތިބީ ޖިންނި އަވަލައިފައި ކަމަށް ބުންޏެވެ.

ނަމަވެސް، މާގިނަ ދުވަސްތަކެއް ނުވެ މިކަން ހައްދުފަހަނަޅައި ހިސާބަށް ދިޔައެވެ. މެދުކެނޑުމެއްނެތި ނެށުން ކުރިޔަށް ގެންދިޔުމުގެ ސަބަބުން ގިނަ ބަޔަކު ވަރުބަލިވެގެން ވެއްޓެން ފެށިއެވެ. ބައެއް މީހުން ހާޓް އެޓޭކާއި ސްޓްރޯކް ޖެހިގެން މަރުވިއެވެ. ނަށަމުން ދިޔަ މީހުން ބަލަން ތިބި މީހުންނަށް އެމީހުން އެކަމުން ސަލާމަތްކޮށްދޭން އާދޭސްކުރަމުން ދިޔައެވެ. ރިކޯޑުކުރެވިފައިވާ ގޮތުގައި ދުވާލަކު 15 މީހުން މިކަމުގެ ސަބަބުން މަރުވަމުން ދިޔައެވެ.

ރަށުގެ ވެރިން ގޮތް ހުސްވެ މިއުޒިކު މަނާކޮށް، ނަށާ މީހުންނަށް އަދަބު ދޭން ގޮވައިލުމުންވެސް މިކަމެއް ނުހުއްޓުނެވެ. ނަމަވެސް މި ހިތާމަވެރި ހާދިސާ ނިމުމަކަށް އައީ ސެޕްޓެމްބަރު މަހުގެ ތެރޭގައި، އެ ބަލި ޖެހިފައި ތިބި މީހުން ފަރުބަދައެއްގެ މައްޗަށް ގަދަކަމުން ގެންގޮސް ދީނީ އަޅުކަންތަކެއް އަދާކުރުވުމަށް ފަހުގައެވެ. އެކަން ނިމެން ގާތްގަނޑަކަށް ދެ މަސް ނެގިއެވެ.

މިއީ ފްލޯކު ވާހަކައެއް ކަމަށް ހީވިނަމަވެސް، ސްޓްރާސްބޯގްގެ ރައްޔިތުންނަށް ލައިގަތް މި ނެށުމުގެ ބަލިމަޑުކަމަކުގެ ވާހަކަ 16 ވަނަ ގަރުނުގެ ތާރީހީ ލިޔެކިޔުންތަކުން ސާފުކޮށް އެނގެން އެބައޮތެވެ. އެކަމާ ވައްތަރު އެހެން ހާދިސާތައް އެޒަމާނުގައި ސްވިޒަލޭންޑް، ޖަރުމަނުވިލާތް އަދި ހޮލެންޑް ފަދަ ގައުމުތަކުގައި ވެސް މިފަދަ ހާދިސާތައް ހިނގައިފައިވާ ކަމަށް ވެއެވެ. ނަމަވެސް ސްޓްރާސްބޯގްގެ ހާދިސާ އަކީ އޭގެ ތެރެއިން އެންމެ ގިނަ ބަޔަކަށް އަސަރުކުރި އަދި އެންމެ ނުރައްކާތެރި ހާދިސާގެ ކަމަށް ތާރީހުގައި ވަނީ ރިކޯޑުކުރެވިފައެވެ.

މި ހާދިސާ މެދުވެރިވާން ދިމާވި ސަބަބުތަކާ ބެހޭގޮތުން ތާރީހީ އިލްމުވެރިޔާ ޖޯން ވޯލަރ ބުނެފައިވަނީ، އޭރުގެ މީހުން ގަބޫލުކުރާ ކުށްހީއެއް ނުވަތަ އަގީދާއެއް މި ހާދިސާގެ ފަހަތުގައި އޮވެދާނެ ކަމަށެވެ. އޭރު ސްޓްރާސްބޯގްގައި ފެތުރެމުން ދިޔަ ބަލިމަޑުކަންކަމާއި ބަނޑުހައިހޫނުކަމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވި ނަފްސާނީ ބިރުވެރިކަމާއި ފިއްތުންތަކުގެ ނަތީޖާއެއްގެ ގޮތުން، މުޅި މުޖުތަމައަށް "މާސް ހިސްޓީރިއާ" އެއް ފެތުރިގެން ދިޔައީ ކަމަށް ބެލެވޭ ކަމަށެވެ.

މާސް ހިސްޓީރިއާ ނުވަތަ ގިނަ ބައެއްގެ މެދުގައި ކުއްލިއަކަށް ފެތުރިގެންދާ ނަފްސާނީ ބަލިމަޑުކަމަކީ، އެއްވެސް ޖިސްމާނީ ސަބަބަކާ ނުލައި، ބޮޑު ގްރޫޕެއްގެ މީހުންގެ މެދުގައި އެއްގޮތް އަލާމާތްތަކެއް ނުވަތަ އާދަޔާހިލާފު އިހުސާސްތަކެއް އުފެދިގެންދާ ދިއުމެކެވެ. މިއީ އާންމުކޮށް ގަދަޔަށް ބިރުގަތުމާއި، ބޮޑެތި ނަފްސާނީ ފިއްތުންތަކާއި، ނުވަތަ މުޖުތަމައުގެ ތެރޭގައި އުފެދޭ ކަންބޮޑުވުންތަކުގެ ސަބަބުން ދިމާވާ ކަމެކެވެ. މިފަދަ ހާލަތްތަކުގައި، އެކަކަށް ފެންނަ ނުވަތަ އިހުސާސްވާ ކަންތައްތަކެއް، ވަރަށް ހަލުވިކަމާއެކު އެހެން މީހުންނަށް "ފެތުރި"، އެންމެންގެ ފަރާތުން އެއް ކަހަލަ އަމަލުތަކެއް ފެންނަން ފަށައެވެ.

މީގެ އިތުރުން އެހެން ބައެއް ނަޒަރިއްޔާތައް ވެސް މިކަމާ ގުޅިގެން ހުށަހެޅިފައިވެއެވެ. އޭގެ ތެރޭގައި އެ އަވަށުގެ މީހުންނަކީ ވަކި ދީނީ ފިކުރެއް ކުރިއަރުވަން އުޅުނު ބައެއް ކަމަށް ބުނާ ބުނުމާއި، އޭރު އެމީހުން ކެއުމަށް ބޭނުންކުރި ގޮދަނުގައި އަޅާ ވިހަ ފަންގަހެއް ކަމަށްވާ "އާގޮޓް" ކެޔުމުގެ ސަބަބުން ސިކުނޑިއަށް އަސަރުކޮށް ދިމާވި "ހެލުސިނޭޝަން" އެއް ކަމަށް ވެސް ބައެއް މާހިރުން ގަބޫލުކުރެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. އިޖާޒާގެ ލިޔުއްވުންތައް ދޭތެރެ ދޭތެރެއިން ކިޔާލަން އަޅުގަޑަށް ފުރުސަތު ލިބެއެވެ. އެގޮތުން ކިޔާފައިވާ ކޮލަމްތައް ލިޔުއްވުމުގައި ބޭނުންކުރައްވާފައިވާ ސްޓައިލް އަޅުގަޑަށް ވަރަށް ހިތްގައިމެވެ.
    ދެން އޮތީ އަޅުގަޑު އެދޭ ކަމެއްގެ ވާހަކައެވެ. އެއީ މީގެ އަހަރުތަކެއް ކުރިން އެމެރިކާގެ ސެންޓާޒް ފޮރ ޑިޒީޒް ކޮންޓްރޯލް އިން ހިންގާފައިވާ އިންސާނިއްޔަތާއި ޚިލާފު "ޓަސްކީގީ ސިފިލިސް ސްޓަޑީ" ގެ ނަމުން މަޝްހޫރުވެފައިވާ ބޮޑު ޖަރީމާގެ ހާދިސާއާއި ބެހޭގޮތުން ލިޔުއްވާ ދެއްވުމެވެ. މިއީ ބޭސްވެރިކަމުގެ ތާރީޚްގައި ވެސް ފާހަގަކޮށްލެވޭފަދަ ބޮޑު އަނިޔާއެއްގެ ވާހަކައެވެ. ޝުކުރިއްޔާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *