މަގުބޫލު ކޮމެޑީ ޓީވީ ސީރީޒް "ފްރެންޑްސް"ގެ ތަރި މެޓްހިއު ޕެރީ ކެޓަމީން އޯވަޑޯޒްއަކުން މަރުވި މައްސަލައިގައި ދެވަނަ ޑޮކްޓަރަކު އަށް މަހުގެ ގޭބަންދަށް ހުކުމްކޮށްފިއެވެ.
ފިޒީޝަނެއް ކަމަށްވާ ޑރ. މާކް ޝާވޭޒް، 55، އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގެ ފެޑެރަލް ކޯޓުގައި އަންގާރަ ދުވަހު އިއުތިރާފުވީ މެޓްހިއު، 54، އަށް ބޭސްތައް ދިން ޑޮކްޓަރަށް ގަވައިދާ ހިލާފަށް ކެޓަމީން ވިއްކި ކަމަށެވެ.
އޭނާ ވަނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރަން ލިބުނު ހުއްދަ ވެސް އަމިއްލައަށް ދޫކޮށްލައިފައެވެ.
ޑރ. މާކް 300 ގަޑިއިރުގެ އިޖުތިމާއީ ހިދުމަތް ކުރުމަށް ވެސް ކޯޓުން ހުކުމް ކުރިއެވެ.
"ޑރ. (މާކް) ޝާވޭޒްގެ އިއުތިރާފު ބަލައިގަތަސް މި ހުކުމަކީ މައްސަލައިގެ ސީރިއަސްކަން ދައްކުވައިދޭނެ ހުކުމެއް،" ފަނޑިޔާރު ޝެރިލިން ޕީސް ގާނެޓް ބުންޏެވެ.
ޑރ. މާކްއަކީ މި މައްސަލައިގައި ޝަރީއަތް ކުރެވޭ ފަސް މީހުންގެ ތެރެއިން ހުކުމް އިއްވި ދެވަނަ މީހާއެވެ.
"ފްރެންޑްސް"ގައި ޗޭންޑްލާ ބިންގްގެ ރޯލު އަދާކުރި މެޓްހިއު މަރުވީ ކެޓަމީން ނަގައިގެން 2023 ގައި އަރާމުކުރާ ހޫނު ފެން ޓަބުގައި އޮއްވައި ހޭނެތިގެންނެވެ.



advertisment