Support Us

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް -ފޮޓޯ: ރައީސް އޮފީސް

މި ހާލަތުގައި ވެސް މި މަސައްކަތްކުރަނީ ޑިމޮކުރަސީ ނަގަހައްޓައި، އިންސާނީ ޙައްޤުތައް ރައްކާތެރިކުރަން: ރައީސް

ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ޑިމޮކުރަސީން ކަށަވަރުކޮށްދޭ ބައެއް ޙައްޤުތައް އެންމެ ފުރިހަމަ މާނައިގައި ލިބިގަތުމަށް ހުރަސްއެޅިފައި ވީ ނަމަވެސް، ސަރުކާރުން މަސައްކަތްކުރަމުން ގެންދަނީ ޑިމޮކްރަސީގެ ހަމަތަކާއި އުޞޫލުތައް ނަގަހައްޓައި، އިންސާނީ ޙައްޤުތައް ރައްކާތެރި ކޮށްދިނުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ގޮތުން މިއަދު ފާހަގަކުރާ ޑިމޮކްރަސީ ދުވަހުގެ މުނާޞަބާގައި ފޮނުއްވި ޚިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ފަށްޓަވަމުން އެ މަނިކުފާނު ވަނީ ދިވެހި ރައްޔިތުންގެ އިތުރުން ޑިމޮކުރަސީގެ ހަމަތައް ނަގަހައްޓައި ދެމެހެއްޓުމަށް މަސައްކަތް ކުރައްވާ އެންމެހައި ބޭފުޅުންނަށާއި، އަމިއްލަ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކަށް ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ. ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން މިހާރު ޤައުމަށް ކުރިމަތިވެފައިވާ ހާލަތަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި އެ މަނިކުފާނު ވިދާޅުވީ، މި ހާލަތުގައި އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ކޮންމެ ފަރުދަކަށް ލިބިދީފައިވާ ފުރިހަމަ ޞިއްޙަތެއްގައި ދިރިހުރުމުގެ ޙައްޤަށް އުނިކަމެއް އަޔަނުދީ، އެ ޙައްޤު ރައްކާތެރިކޮށްދެއްވުން ކަމުގައެވެ.

އެ މަނިކުފާނުގެ ޚިޠާބުގައި ޑިމޮކުރަސީ ދުވަސް ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރުމުގެ މަޤްޞަދުގެ މައްޗަށް ބައްލަވާލެއްވިއެވެ. މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިފަދަ ދުވަހެއް ފާހަގަކުރުމުގެ މަޤްޞަދަކީ ދައުލަތް ހިންގުމުގެ ނިޒާމުގައި ރައްޔިތުންގެ ބައިވެރިވުން ފުރިހަމައަށް އޮތްކަން ކަށަވަރުކުރުމާއި، އެކަމަށް މަގު ފަހިކޮށްދިނުމާއެކު ދައުލަތް ހިންގުމުގެ ކަންކަން، ނަޒާހަތްތެރިކަމާއެކު ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން، ޒިންމާދާރުކަމާއެކު ކުރަމުން ގެންދިއުމަށް ބާރުއެޅުމަށް ކަމުގައެވެ.

މި އަހަރުގެ ޑިމޮކުރަސީ ދުވަސް ފާހަގަކުރާ މި ދުވަސްވަރަކީ ކޯވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ޤައުމުތަކުގެ ސިޔާސީ، އިޖްތިމާޢީ އަދި އިޤްތިޞާދީ ޙަރަކާތްތައް ހުއްޓިފައިވާ ދުވަސްވަރެއް ކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، މި ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން މަސައްކަތްކުރަމުން ގެންދާ މި ދަނޑިވަޅުގައި، ޑިމޮކުރަސީގެ ހަމަތަކާއި އުޞޫލުތަކުގެ ތެރެއިން ދައުލަތުގެ ހުރިހާ ގުނަންތައް އެކުގައި މަސައްކަތްކުރުމަށާއި، ފަރުދީ ފެންވަރުގައާއި ޖަމާޢަތުގެ ފެންވަރުގައި ރައްޔިތުންގެ އެއްބާރުލުން ދެއްވުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ނިންމަވާލައްވަމުން އެ މަނިކުފާނު ވަނީ ޑިމޮކުރަސީގެ ފުރިހަމަ މަންފާތައް ހޯދުމަށް، ކޯވިޑް-19 ގެ ނުރައްކަލުން ވީ އެންމެ އަވަހަކަށް މިންޖުވުމަށް މަސައްކަތްކުރަން ޖެހިފައިވާކަން ފާހަގަކުރައްވާފައެވެ. އެ ގޮތުން ބަލި ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި ފަރުދީ ޒިންމާގެ އިސްކޮށް އިޖްތިމާޢީ ގައިދުރުކަމަށް އިސްކަން ދިނުމަށް ސަމާލުކަން ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި އެދިވަޑައިގެންނެވިއެވެ. އަދި، އިޤްތިޞާދަށް ދިރުން ގެނައުމަށް ވެސް، ކޯވިޑް-19 އާއި ދެކޮޅަށް އެންމެން އެކުގައި މަސައްކަތްކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭކަން އެ މަނިކުފާނުގެ ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. އެމްޑީޕީ ދަންނަ ޑިމޮކްރަސީ އަކީ ޚުދުމުޚްތާރު ކަން، އަދި އިންސާނީ ޙައްގު ތަކަކީ ރައްޔިތުންނަށް އަނިޔާވެރިވުން. އެހެންވީމާތާ ސަރުކާރުން މަކަރާ ޙީލަތް ހަދައިގެން ރައްޔިތުންގެ މާލިއްޔާ އިން ވައްކަން ކުރުން އޮތީ އިންތިހާ އަށް ގޮއްސަ، ކޮރަޕްޝަންގެ ކަންތައް ބޮޑުކަމާ އޭގެ ޢަމަލުތައް މުޅި ސަރުކާރުގެ ތެރެއަށް ފެތުރިފައި އޮތްލެއް ބޮޑުކަމުން ޒީރޯ ޓޮލަރެންސް އަކީ މިގޮތް ބާވައޭ ހިތައް އަރާވަރު ވެއެވެ. ދެން ދޭތެރެއަކުން ޓީވީއަށް އަރާ ކޮންމެ ވެސް ބައިސާއެއް ކަނޑާލާފަ ކީރިތިފުޅު ކުރެއްވީމާ އެ ނިމުނީ.؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *