Support Us

ބޮކްސިން ޗެމްޕިއަނަކަށް ވިޔަސް ދަރިން އެ މަގުން ހިނގަން މައިކް ޓައިސަން ނޭދޭ ސަބަބު

ބައެއް މީހުންނަށް ހީވަނީ ދަރިން ހިނގަން ޖެހޭނީ މައިންބަފައިން ހިނގާ މަގުން ކަމަށެވެ. ހާއްސަކޮށް ވަކި ދާއިރާއެއްގައި އާދަޔާހިލާފު ކާމިޔާބުތަކެއް ހޯދައި، އެ ރޮނގުން މަޝްހޫރު މީހެއްގެ ގޮތުގައި ފާހަގަ ކުރެވުމުންނެވެ.

ނަމަވެސް ދުނިޔޭގެ އެތައް ބޮކްސިން މުބާރާތެއް ކާމިޔާބުކޮށްފައިވާ، މިހާރު އުމުރުން 59 އަހަރުގެ އެމެރިކާގެ މަޝްހޫރު ކުރީގެ ބޮކްސިން ތެޅުންތެރިޔާ މައިކް ޓައިސަން (ފޮޓޯ)ގެ ހިޔާލު މުޅިން ތަފާތެވެ. އޭނާ ބުނެފައިވަނީ މިހެންނެވެ:

އަހަރެންގެ ދޮށީ ދަރިފުޅަށް 16 އަހަރު ފުރުމުން އޭނާ އަހަރެންގެ ގާތުގައި ބުނީ އޭނާ ވެސް ބޭނުމީ އާމްދަނީ ލިބޭ ގޮތަށް ބޮކްސިން ދާއިރާއިން ކުރިއަށް ދިއުމަށް ކަމަށެވެ.

އެކަމަކު އަހަރެން ހަމަ ވަގުތުން 'ނޫން' ބަސް ބުނީމެވެ. އަދި އޭނާއާ ދިމާއަށް ބުނީމެވެ:

ދަރިފުޅު މޮޔަވީ ހެއްޔެވެ؟! ތިބާ ދިޔައީ އަމިއްލަ (ރަނގަޅު ފެންވަރުގެ) މަދަރުސާއަކަށެވެ. ތިބާއަކަށް ބޮކްސިން ތަޅާ މީހަކަށް ނުވެވޭނެއެވެ.

ތިބާ ވަނީ ދުނިޔޭގެ ތަންތަނަށް ޒިޔާރަތްކޮށްފައެވެ. ޔޫރަޕަށް ވެސް ދިޔައިމުއެވެ.

ތިބާއަކަށް ބޮކްސިންއެއް ނުތެޅޭނެއެވެ. ތިބާ ބޭނުންވަނީ އަހަރެން ކަހަލަ މީހުންނާ ބޮކްސިން ތަޅަން ހެއްޔެވެ؟ ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ނޭދެވޭ އަސަރުކޮށްފައިވާ މީހުންނާ ހެއްޔެވެ؟ ހަޔާތުގައި އިތުރު ގޮތެއް ނެތިގެން އާމްދަނީ ހޯދުމަށް ބޮކްސިން ދާއިރާއަށް މަޖުބޫރުވެގެން ވަދެގެން އުޅޭ މީހުންނާ ހެއްޔެވެ؟ އަމިއްލަ އާއިލާ ސަލާމަތް ކުރުމަށްޓަކައި ބޮކްސިން ރިންގްގައި ތިބާ މަރައިލަން ވެސް ޖެހިލުން ނުވާނެ މީހުންނާ ހެއްޔެވެ؟

ބޮކްސިންއަކީ ތަހުޒީބު މީހުން ކުޅޭ ކުޅިވަރެއް ނޫނެވެ. އަހަރެންގެ ދަރިން އެ ދާއިރާއަށް ވަންނާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެއީ މީހާގެ ޝަރަފުވެރިކަން ދަށްކޮށްލާ ކުޅިވަރެކެވެ.

ބޮކްސިންއަކީ ތިބާގެ ހަޔާތުން ހުރިހާ އެއްޗެއް ބީވެގެން ދިއުމުން ނުވަތަ ހުރިހާ ކަމަކުން މަހްރޫމުވުމުން ވަންނަ ދާއިރާއެކެވެ.

އެއީ އެތައް ގުރުބާނީއަކާއި ވޭނާއި ހިތާމަތައް ބަރުދާސްތު ކުރަންޖެހޭ ދާއިރާއެކެވެ.

އަހަރެން އެ އަނިޔާވެރިކަމާއި ޒަހަމްތަކާ ކުރިމަތިލީ އަހަރެންގެ ދަރިން ދުވަހެއްގައި ވެސް ހިތާމައަކަށް ހުށަހެޅުނަ ނުދިނުމަށެވެ.

އަހަރެންގެ ދަރިންނާ ދިމާއަށް އަހަރެން ބަލައިލުމުން ފެންނަނީ ސްކޫލަށް ގޮސް ކިޔެވި ކުދިންނެވެ. މެދުފަންތީގެ އަރާމު ދިރިއުޅުމެއް ލިބިފައިވާ ކުދިންނެވެ. ބޭނުން ކޮންމެ ކަމެއް ކުރެވިދާނެ ވަސީލަތްތަކާއި ފުރުސަތުތައް ލިބިފައިވާ ކުދިންނެވެ.

ބޮކްސިންއަކީ އެންމެ މަތީ ފަޑިއަށް އެރޭނީ ކާކަށްތޯ ބަލާ ކުޅިވަރެކެވެ. އެހެން އެންމެން ގިތްގަޅުވައިލައިފައެވެ. އަހަރެންގެ ދަރިން އެ ކަހަލަ ޕްރެޝަރަކަށް ވެއްޓޭކަށް ބޭނުމެއް ނޫނެވެ.

  • ތަރުޖަމާއެއް
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *