އިނގިރޭސި ވިލާތުގައި ވަގަށް ކަނޑައިލި 200 އަހަރު ވީ ސިކަމޯ ގެޕް ބާވަތުގެ ގަހުން ސަލާމަތް ކުރެވުނު 49 ނިރު އިންދަން ފަށައިފިއެވެ.
މި މައްސަލައިގައި ދެ މީހުން ހަތަރު އަހަރަށް ޖަލަށް ލާން މި ދިޔަ މޭ މަހު ހުކުމްކުރި ނަމަވެސް އެ މީހުން މި ގަސް (ފޮޓޯ) ކަނޑައިލި ސަބަބު އަދިއަދަށްދާންދެން ވެސް ހާމައެއް ނުކުރެއެވެ.
އެ ދެ މީހުން ވަނީ އަށް ލައްކަ ޑޮލަރު (12 މިލިއަން ރުފިޔާ)ގެ ޖޫރިމަނާއެއް ވެސް ދައްކަން ހުކުމްކޮށްފައެވެ.
އުމުރުން 39 އަހަރުގެ ޑޭނިއެލް ގްރެހެމް އާއި އުމުރުން 32 ގެ އެޑަމް ކެރަތާސްގެ މައްޗަށް ސާބިތުވީ "ގަސްދުގައި އަދި ވަކި ސަބަބެއް ނެތި" ގަސް ކަނޑައިލުމުގެ ކުށެވެ. އެއީ 2023 ވަނަ އަހަރު މި ގަސް ކަނޑައިލިކަން ސާބިތުވެގެންނެވެ.
މަޝްހޫރު ހޮލީވުޑް ފިލްމް "ރޮބިންހުޑް: ޕްރިންސް އޮފް ތީވްސް"ގައި ވެސް ދައްކާ ގަހުގެ "ތަރިކަ ރައްކާ ކުރެވުނީ އިނގިރޭސި ވިލާތުގެ ނެޝަނަލް ޓްރަސްޓްގެ އަވަސް ވިސްނުންތެރިކަމުން" ކަމަށް ރަސްމީ ފަރާތްތަކުން ބުންޏެވެ.
ނެޝަނަލް ޓްރަސްޓްއަކީ ތާރީހީ އަދި ގުދުރަތީ ތަންތަން ރައްކާތެރިކުރާ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ.
"ސަލާމަތްކުރެވުނު 49 ނިރަށް ރަނގަޅަށް ފަރުވާ ބެހެއްޓިން. އެކި ސަރަހައްދުތަކުގައިން އިންދަން މިހާރު ވަނީ ތައްޔާރަށް،" ނެޝަނަލް ޓްރަސްޓްގެ ޑިރެކްޓަރު ޖެނެރަލް ހިލަރީ މެކްގްރެޑީ ބުންޏެވެ.
އޭނާ ބުނީ "ކޮންމެ ޒުވާން ސިކަމޯ ގެޕް ގަހެއް ވާނީ ރޫހު ދިރުވާ މަސްދަރަކަށް" ކަމަށެވެ.
"އެއްވެސް ފަރުވާލެއް ނެތި ކުރާ ކަންތައްތަކަށް ފަހު ވެސް، ނަގަހައްޓަން ޖެހޭ ރަނގަޅު ކަންތައްތައް ހުރިކަން ހަނދާންކޮށްދޭނެ،" ހިލަރީ ބުންޏެވެ.
އޭނާ އިޝާރާތްކުރީ، ފަހުން ރަހްމަތްތެރިކަމުގެ ގުޅުން ކަނޑައިލައިފައިވާ ޑޭނިއެލް އަދި އެޑަމް، ގަސް ކަނޑައިލި ސަބަބު ހާމަ ނުކުރާތީ އެ ކަމަށެވެ.



advertisment