އެމެރިކާގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ނިއު ޔޯކްގެ މޭޔަރުކަމަށް އިންތިހާބުވެފައިވާ އިންޑިއާ ނަސްލުގެ މުސްލިމެއް ކަމަށްވާ އުމުރުން 34 އަހަރުގެ ޒުހްރާން މަމްދާނީއާ ކުރިން ހަތުރުވެރިކަން އޮތަސް މިހާރު ބޭނުންވެ ވަޑައިގަންނަވަނީ އޭނާއަށް އެހީވާންކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި ޒުހްރާންއާ އިއްޔެ ބައްދަލުކުރެއްވި ބައްދަލުކުރެއްވުމުގައި ޓްރަމްޕް ކުރިން ޒުހްރާންއަށް ދެއްކެވި ހަތުރުވެރިކަމުގެ ސިފައެއް ނުދައްކަވައެވެ. އޭގެ ބަދަލުގައި ވިދާޅުވީ ބައްދަލުވުން ނިމިގެންދިޔައީ "ރަހްމަތްތެރި އަދި ބިނާކުރަނިވި ނަތީޖާތަކަކާއެކު" ކަމަށެވެ.
"އަހަރެން ހީކުރިވަރަށްވުރެ އަހަރެމެން ދެ މީހުން އެއްބަސްވާ ކަންތައްތައް މާ ގިނަ،" ޒުހްރާންއަށް ކުރިން އެތައް ފަހަރަކު ބަހުގެ ހަމަލަތަކެއް ފޮނުއްވައިލައިފައިވާ ޓްރަމްޕް މި ފަހަރު ވިދާޅުވިއެވެ.
ޒުހްރާންއާއެކު ޓްރަމްޕް ބޭއްވެވި ބައްދަލުކުރެއްވުމުގެ އެޖެންޑާގެ ކުރީގައިވަނީ ކުއްޔާއި ގެދޮރާއި އަދި ކާބޯތަކެތީގެ އަގުތައް ނިއު ޔޯކް ރަށްވެހިންނަށް އަތްފޯރާފަށަށް ގެންނެވުމެވެ.
"އަހަރެން ބޭނުންވަނީ އޭނާއަށް އެހީވާން. އޭނާއަށް ދެރައެއް ދޭކަށް ނޫން،" ޓްރަމްޕް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޒުހްރާން ބޭނުންވާ އިތުރު އެޕާޓްމަންޓްތައް އެޅުމާއި އަސާސީ ހިދުމަތްތައް ކަމަށްވާ ފެނާއި ކަރަންޓާއި ފާހާނާ ކުރުމުގެ ނިޒާމުގެ ހަރަދުތައް ކުޑަކުރަން ވެސް އެހީވެ ވަޑައިގަންނަވާނެ ކަމަށެވެ.
ބައްދަލުވުމަށްފަހު، ކުރިން ޓްރަމްޕްއާ ދެމެދު އޮތް ހަތުރުވެރިކަމުގެ ވާހަކައެއް ޒުހްރާން ނުދައްކައެވެ.
"އަހަރެން ހިއްސާކުރީ ނިއު ޔޯކްގެ ގިނަ ރަށްވެހިންގެ ކަންބޮޑުވުންތަކާއި ނަފުސުގެ އަސާސީ ޝަރަފުވެރިކަން ދެމެހެއްޓޭނެ ގޮތް،" ޒުހްރާން ބުންޏެވެ.



advertisment