Support Us

ޝައިޚު އަބޫ ޢަބްދުﷲ އަލް އަންދަލޫސީގެ އިމްތިހާނު

ޝައިޚު އަބޫ ޢަބްދުﷲ އަލް އަންދަލޫސީއަކީ ބަޣުދާދުގައި ދިރިއުޅުއްވި ސްޕޭން (އަންދަލުސް) އަށް ނިސްބަތްވެ ވަޑައިގެންނެވި ވަރަށް ބޮޑު ޢިލްމުވެރިޔެކެވެ. މިއީ ހިޖުރައިން ދެވަނަ ޤަރުނުގެ ތެރޭގައި އެޒަމާނުގައި އުޅުއްވި ވަރަށް ބޮޑު އިމާމެކެވެ. ޙަދީޘް ޢިލްމާއި، ފިޤުހާއި، ތަފްސީރާއި، އަދި އެހެނިހެން ޝަރުޢީ ޢިލްމުތަކުގައި ފުންނާބު އުސް ޤުރުއާން ހިތުދަސް ބޭފުޅެކެވެ. މިއީ ތިރީސް ހާސް ހަދީސް ހިތު ދަސްކުރައްވާފައިވާ، އެ ޒަމާނުގައި ބަޣުދާދުގައި ހުންނެވި އެންމެ ބޮޑު އެއް ޢިލްމުވެރިޔާއެވެ. އަބޫ ޢަބްދުﷲ އަލް އަންދަލޫސީގެ އަރިހުން ހަތް ސަތޭކަ ކުދިން ދިޔައީ ދީން އުނގެނެމުންނެވެ. އެކަލޭގެފާނުގެ މަޖިލިސްތަކުގައި 12 ހާސް މީހުން ދިޔައީ ބައިވެރިވެ ޢިލްމުގެ ފައިދާ ލިބިގަންނަމުންނެވެ.

މި ވާހަކައަކީ އެ ޒަމާނުގައި ޝައިޚު އަބޫ ޢަބްދުﷲ އަލް އަންދަލޫސީގެ އަރިހުގައި އުޅުއްވި ބޭފުޅެއް ކަމަށްވާ ޝައިޚް ޝިބްލީ އަރިހުން ވާރިދުވެފައިވާ ވާހަކައެއް ކަމަށް ބުނެވެއެވެ.

އެއް ދުވަހަކު ބަޣުދާދުން ބޭރަށް ގާފިލާއަކާއެކު ޝައިޚު އަބޫ ޢަބްދުﷲ އަލް އަންދަލޫސީ ނިކުމެވަޑައިގަތެވެ. އެކަލޭގެފާނުގެ އަރިހުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ކުދި ބަޔަކު ވެސް ބައިވެރިވިއެވެ. އެ ދަތުރުގައި ގާފިލާއިން ފެން ހުސްވެގެން ފެންލުމަށް ކައިރީގައި އޮތް ރަށަކަށް އަރައިވަޑައިގަތެވެ. އެއީ ރޫމީން ވެރިކަން ކުރަމުންދިޔަ ނަސޯރާދީނުގެ ރަށެކެވެ. ފެންބަލާ ދިޔައިރު ވަޅުން ފެންނަގައިދިނުމުގެ މަސައްކަތުގައި އުޅެނީ ޒުވާން އަންހެން ކުދީންތަކެކެވެ. އެތަނުގައި އެހެން ހުރިހާ ކުދީންނަށްވުރެ ބުރުސޫރަ ރީތި ކުއްޖަކު ހުއްޓެވެ. އެ ކުއްޖާ ފެނިވަޑައިގަތުމާ އެކު ޢިލްމުވެރިޔާގެ ހިތްޕުޅު އެ ކުއްޖާގެ މައްޗަށް ލެނބިގެންދިޔައެވެ. އެހެންކަމުން އެ ކުއްޖާއާ ބެހޭ ގޮތުން އެ ކުދީންނާ ސުވާލުކުރެއްވިއެވެ.

އެ ކުދީން ދެންނެވިއެވެ. އެއީ މި ރަށުގެ ވެރިޔާގެ ދަރިކަނބަލެކެވެ. އެ ކަމަނާ ފޮނުއްވާފައި އެ ވަނީ ކައިވެނިފުޅު ކުރެއްވުމުގެ ކުރިން ފިރިކަލުންނަށް ޚިދުމަތްކުރެއްވުމުގެ ޢަމަލީ ތަޖުރިބާ ދެއްވާށެވެ.

އެ ކުއްޖާ ފެނިވަޑައިގެން ފަހުން އަބޫ ޢަބްދުﷲ އަލް އަންދަލޫސީ ހުންނެވީ ބަސްހުއްޓިފައެވެ. ދަތުރުމަތީގައި ކިޔަވައި ދެއްވަމުން ގެންދެވި ގެންދެވުން ވެސް ހުއްޓަވައިލެއްވިއެވެ. އެކަމާ ސުވާލުކުރުމުން ވިދާޅުވިއެވެ. އެ ކުއްޖާ ފެނިވަޑައިގެންނެވި ހިސާބުން އެހެން ހުރިހާ ކަމަކުން ފޫހިވެއްޖެއެވެ. ތިމަން ކަލޭގެފާނު ދޫކުރައްވައި ތިޔަބައިމީހުން ދާށެވެ. ޢިލްމުވެރިޔާ އެއްގޮތަކަށް ވެސް އެހެން ގޮތެއް ގަބޫލު ނުކުރެއްވުމުން ޢިލްމުވެރިޔާ އެ ރަށުގައި ބަހައްޓައިފައި ގާފިލާ ދަތުރަށް ފެށިއެވެ.

ޝައިޚް ޝިބްލީ ވިދާޅުވިއެވެ. އޭގެ އަހަރެއްހާ ދުވަސްފަހުން ޝައިޚު އަބޫ ޢަބްދުﷲ އަލް އަންދަލޫސީގެ ޚަބަރެއް ވޭތޯ އެ ރަށަށް އެކަލޭގެފާނާއި އެކުވެރީންގެ ބަޔަކު ދުރުވިއެވެ. މި ބޭކަލުން އެ ރަށަށް ދުރުވެ މަޢުލޫމާތު ހޯއްދަވައި ބެއްލެވުމުން އެނގިވަޑައިގަތީ އަބޫ ޢަބްދުﷲ އަލް އަންދަލޫސީ އުޅުއްވަނީ ޖަންގަލީތެރޭގައި އޫރު ބަލަހައްޓަވައި އޫރަށް ޚިދުމަތްކުރެއްވުމުގައި ކަމެވެ. އެ ބޭކަލުން އެކަމާ ހައިރާންވެގެން ސުވާލުކުރުމުން އެ ރަށުގެ މީހުން ބުންޏެވެ. އެ ރަށުގެ ވެރިޔާގެ ދަރިކަނބަލުންގެ ކައިވެނިފުޅަށް ޢިލްމުވެރިޔާ އެދިވަޑައިގަތުމުން ރަނުގެ ގޮތުގައި ތިން ޝަރުތެއް ހުށަހެޅުނެވެ. މިގޮތުން ފުރަތަމަ ދެ ޝަރުތު އެކަލޭގެފާނު މިހާރު ވަނީ ފުރިހަމަ ކުރައްވާފައެވެ. މިހާރު އެ ފުރިހަމަ ކުރައްވަނީ ފަހު ޝަރުތެވެ. ފުރަތަމަ ޝަރުތަކީ އިސްލާމްދީން ދޫކޮށް ނަސޯރާ ދީނަށް ވެންނެވުމެވެ. ދެވަނަ ޝަރުތަކީ ފައްޅިއަށް ޚާދިމެއްގެ ގޮތުގައި ޚިދުމަތްކުރުމެވެ.

މި ވާހަކަތައް އަޑުއައްސަވައިފައި ހައިރާންވެ ތިއްބަވައި އެ ބޭކަލުން އެކުވެރި ޢިލްމުވެރިޔާ ފެނޭތޯ ޖަންގައްޔަށް ވަދެވަޑައިގަތެވެ. ޖަންގަލި ބަލަމުން ގެންދަވަނިކޮށް އެ ބޭކަލުންނަށް އަބޫ ޢަބްދުﷲ އަލް އަންދަލޫސީ އާ ބައްދަލުވެއްޖެއެވެ. އޭރު އެ ޢިލްމުވެރިޔާ ހުންނެވީ އެ ރަށުގެ މީހުން ބުނި ފަދައިން އޫރު ހުއިހެއްޕުމުގެ މަސައްކަތުގައެވެ. އެކަމާ ހައިރާންވެގެން ޝައިޚް ޝިބްލީ ސުވާލުކުރެއްވިއެވެ. ކަލޭގެފާނަށް ވެފައި ތިޔަވަނީ ކީއްތޯއެވެ؟ ކަލޭގެފާނަށް ލިބިވަޑައިގެންފައިވާ ޢިލްމުވެރިކަން ކޮބައިތޯއެވެ؟ ކަލޭގެފާނަކީ ކީރިތި ޤުރުއާން ހިތުދަސް ބޭފުޅަކީމުއެވެ.

އަބޫ ޢަބްދުﷲ އަލް އަންދަލޫސީ ވިދާޅުވިއެވެ. ތިމަންނާގެ އެއްވެސް ޢިލްމެއްނެތެވެ. ހަނދާނުން ހުރިހާ އެއްޗެއް ފިލައި ހިނގައްޖެއެވެ. ކީރިތި ޤުރުއާނުގެ އެންމެ ދެ އާޔަތެއްގެ ދެ ތަންކޮޅެއް ފިޔަވައި ޤުރުއާނުން އެއްވެސް މިންވަރެއް ހަނދާނަކު ނެތެވެ. އެއީ ކޮން ދެ އާޔަތެއްތޯ ސުވާލު ކުރެއްވުމުން ފުރަތަމަ ކިޔަވާ ވިދާޅުވި އާޔަތަކީ އަލްޙައްޖު ސޫރަތުގެ 18 ވަނަ އާޔަތުގެ ފަހުބައެވެ. ކިޔަވާ ވިދާޅުވީ:-

وَمَن يُهِنِ اللَّهُ فَمَا لَهُ مِن مُّكْرِمٍ ۚ إِنَّ اللَّهَ يَفْعَلُ مَا يَشَاءُ۩

މާނައަކީ"އަދި ﷲ، ނިކަމެތިކުރެއްވި މީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް މާތްކޮށްހިތާނެ މީހަކު ނުވެތެވެ. ހަމަކަށަވަރުން، ﷲ، އެކަލާނގެ އިރާދަކުރައްވާކަމެއް ކުރައްވަތެވެ."

އެއަށްފަހު ދެން ކިޔަވާ ވިދާޅުވީ ސޫރަތުލް ބަޤަރާގެ 108 ވަނަ އާޔަތުގެ ފަހުބައެވެ. އެއީ:-

وَمَن يَتَبَدَّلِ الْكُفْرَ بِالْإِيمَانِ فَقَدْ ضَلَّ سَوَاءَ السَّبِيلِ۩

މާނައަކީ "ކާފިރުކަމަށް އީމާންކަން ބަދަލުކުރާ މީހާ (ދަންނާށެވެ!) ފަހެ، އެމީހާޔަށް ހަމަ މަގު ގެއްލިއްޖެކަން ކަށަވަރެވެ."

އެ މީހުން ދެންނެވިއެވެ. ކަލޭގެފާނަކީ ތިރީސް ހާސް ހަދީސް ހިތުދަސްކުރައްވައިގެން ހުންނެވި ޢިލްމުވެރިއެކެވެ. އެ ހަދީސްތައް ކޮބައިތޯއެވެ؟ އަބޫ ޢަބްދުﷲ އަލް އަންދަލޫސީ ވިދާޅުވިއެވެ. އެންމެ ހަދީސެއް ފިޔަވައި އެހެން ހުރިހާ ހަދީސެއް ހިތުން ފިލައި ހިނގައްޖެއެވެ. އެ ހަދީސަކީ

‏ "مَنْ بَدَّلَ دِينَهُ فَاقْتُلُوهُ"‏

މާނައަކީ "އެމީހެއްގެ ދީން ބަދަކުކޮށްފި މީހާ ތިޔަބައި މީހުން ޤަތުލުކުރާކުރާށެވެ."

އެ ހިސާބުން ޢިލްމުވެރިޔާގެ ހާލާމެދު ހިތާމަކުރާ ހާލުގައި އެ ބޭކަލުން އެ ރަށުން ނުކުމެވަޑައިގަތުމަށް ދަތުރު ފެށްޓެވިއެވެ. އެ ދަތުރުގައި ތިން ވަނައަށް ވީ ދުވަހު އެ ބޭކަލުންނަށް ކޯރަކުން ފެންވަރައިގެން ޝަހާދަތުގެ ދެ ކަލިމަ ކިޔަމުން އަންނަ މީހަކު ފެނިވަޑައިގަތެވެ. އެ މީހަކު ބޭކަލުންގެ އަރިހަށް އައިއިރު އެއީ ޝައިޚު އަބޫ ޢަބްދުﷲ އަލް އަންދަލޫސީއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަން ކަލޭގެފާނު މި ވަނީ ޠާހިރުވެ އިސްލާމްދީނަށް އަނބުރާ ރުޖޫޢަވެފައެވެ. ސާފު ހެދުންކޮޅެއް ދެއްވާށެވެ. އެއަށްފަހު ނަމާދު ކުރެއްވިއެވެ. އަދި އެ ބޭކަލުންނާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ.

ތިމަން ކަލޭގެފާނު މީގެ އަހަރެއްހާ ދުވަސްކުރިން މި ރަށަށް ފުރަތަމަ އައި ދުވަހު މި ރަށުގެ ފައްޅިތައް ފެނިފައި ހިތަށް އެރިއެވެ. ތިމަން ކަލޭގެފާނަށް މާތް ﷲ ގެ ހިދާޔަތް މިވަނީ ލިބިފައެވެ. ބަލާބަލާށެވެ. މިއީ ހާދަ ނުވިސްނޭ ނިކަމެތި މޮޔަ ބަޔަކު ދިރިއުޅޭ ރަށެއްތާއެވެ. މިހެން ހިތަށް އެރުމާ އެކު ބޮޑާކަމާއި ކިބުރުވެރިކަމުގެ ޝުޢޫރެއް ހިތުގައި ހިނގައިގަތެވެ. އެ ހިނދު ތިމަން ކަލޭގެފާނުގެ ހަށިގަނޑުގެ އެތެރެއިން އަޑެއް އިވުންހެން ހީވިއެވެ.

"ތިބާއަށް ދެއްވާފައި ތިވާ އިސްލާމް ދީނުގެ ހިދާޔަތަކީ ތިބާގެ މޮޅުކަމުން ނުވަތަ ތިބާއަށް ލިބިފައިވާ ޢިލުމުގެ ސަބަބުން ލިބިފައިވާ އެއްޗެއް ނޫނެވެ. އެކަމަކު އެއީ ﷲ ސުބުހާނަހޫ ވަތަޢާލާ ތިބާއަށް ދެއްވި ހެޔޮ ރަޙުމަތެކެވެ. ތިބާ ތިޔަކަމުގައި އިމްތިހާނު ކުރެވޭނެއެވެ."

އެއް އަހަރު ދުވަހު ތިމަން ކަލޭގެފާނު މި ހޭދަކުރެއްވީ އެ އިމްތިހާނުގެ ތެރޭގައެވެ. މީގެ ތިން ދުވަސް ކުރިން ތިޔަ ބޭކަލުން ތިމަންކަލޭގެފާނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވައި ހެއްދެވުމަށްފަހު ކުއްލިއަކަށް ހެޔޮ ވިސްނުން ވިސްނެން ފެށިއެވެ. ދެން ތިމަން ކަލޭގެފާނު ދެއަތް ނަންގަވައި މާތް ﷲ އަށް ދުޢާ ދެންނެވީއެވެ. ކުރިން ވެސް ހިދާޔަތް ދެއްކެވި ފަދައިން މި އަޅާއަށް ހިދާޔަތް ދައްކަވާދޭނދޭއެވެ. އަދި ތިމަން ކަލޭގެފާނުގެ ޢަމަލުތަކާމެދު ހިތާމަކޮށް ރޮއި އެކަލާނގެ ޙަޟްރަތުގައި އާދޭސް ދެންނެވުމުގައި ދެމިހުރީމެވެ. އެއަށްފަހު މާތްﷲގެ ރަޙުމަތްފުޅުން ތިމަން ކަލޭފާނަށް އަނެއްކާ ވެސް ހިދާޔަތް ދައްކަވައި ޢިލްމު ވެސް އަނބުރާ އިޔާދަކޮށްދެއްވައިފިއެވެ.

ބުނެވޭގޮތުގައި ޝައިޚު އަބޫ ޢަބްދުﷲ އަލް އަންދަލޫސީ އެނބުރި ބަޣުދާދަށް ވަޑައިގެން އަނެއްކާ ވެސް މީހުންނަށް ދީނީ ޢިލްމު އުގަންނަވައިދެއްވުމުގައި ދެމިހުންނެވިއެވެ. އެކަލޭގެފާނުގެ އަރިހުން ޢިލްމު އުނގެނޭ ކުދިން އެތައް ގުނައެއް އިތުރުވެގެން ދިޔައެވެ.

މަޢުލޫމާތު:

މައުލާނާ މުޙައްމަދު ޒަކަރިއްޔާ ކަނދަލަވީ.(1971). ދަ ސްޓޯރީ އޮފް ޝައިޚް އަބޫ އަބްދުﷲ އަލް އަންދަލޫސީ

އިސްލާމިކް ހޭސްޓެޑް. (2020). ދަ ސްޓޯރީ އޮފް ޝައިޚް އަބޫ އަބްދުﷲ އަލް އަންދަލޫސީ އެންޑް އަ ވޮމެން.

 

* ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *