އާޖެންޓީނާގެ ވެރިރަށް ބޮއިނޮސް އައިރީސްގައި އަމިއްލަ ފަރާތަކުން ހިންގާ ޒުލެއްގައި އެތައް އަހަރެއް ވަންދެން އަޅައިނުލައި ތިބި ހައިވާނުންތަކެއް ސަލާމަތްކޮށްފިއެވެ.
ލުހާން ނަމަކަށް ކިޔާ ހައިވާނު ބަޖީޗާއިން ހިމާޔަތް ދިނީ 64 ޖަނަވާރަށެވެ. އެއީ އިހުމާލުވެފައިވާ ދެ ސާރިދޯޅު ކަމަށްވާއިރު ބާކީ ތިބީ ސިންގާ އާއި މިނިކާވަގެވެ.
މި ހައިވާނުން ސަލާމަތްކުރީ ޖަނަވާރުން ސަލާމަތްކުރާ، ހިލޭސާބަހަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ ފޯ ޕޯސްއިންނެވެ.
ކުއްލި ހާލަތުގައި ހިންގި އޮޕަރޭޝަނެއްގައި ކޮންމެ ހައިވާނެއް ވަނީ ހޭނައްތައިފައެވެ. އަދި އަވަސް ފަރުވާ އާއި ސާޖަރީ ހެދުމަށް ގެންދިޔައީ ޓެންޓްތަކަކުން ހަދައިފައިވާ ވަގުތީ ހޮސްޕިޓަލްއަކަށެވެ.
މި މިޝަންގެ ލީޑަރު ކަމަށްވާ ޑރ. އާމިރު ހަލީލު ބުނީ މިއީ އެ ޖަމިއްޔާއިން މިހާތަނަށް ހިންގި އެންމެ ބޮޑު އެއް އޮޕަރޭޝަން ކަމަށެވެ.
"ހަމައެކަނި އާޖެންޓީނާ ނުވަތަ ދެކުނު އެމެރިކާއަކު ނޫން. ނަމަވެސް މުޅި ދުނިޔެއަށް ބަލާއިރު ވެސް،" އޭނާ ބުންޏެވެ.
ފޯ ޕޯސްގެ ޕްރޮގްރާމްތަކާ ބެހޭ ވެރިޔާ ލޫޗިއާނާ ޑީއަބްރާމޯ ބުނީ އެހާ ދިގު މުއްދަތެއްގައި ހައިވާނުންތަކަކަށް އިހްމާލުވެފައިވާކަން އެނގުމަކީ "ބޮޑު ސިހުމެއް" ކަމަށެވެ.
"ކޮށިތަކުގައި ތޮއްޖެހިފައޭ ބުނުމަކީ ހަގީގަތާ ނުބައްދަލު ބުނުމަކަށް ނުވާނެ،" އޭނާ ބުންޏެވެ.
ލޫޗިއާނާ ބުނީ ތިން އަކަ މީޓަރު (32 އަކަ ފޫޓު) ކޮށްޓެއްގައި ހަތް އަންހެން ސިންގާ ވެސް ބައިތިއްބައިފައި ތިބި ކަމަށެވެ.
ފޯ ޕޯސްއިން މި ހައިވާނުންތައް ސަލާމަތްކުރީ ސަރުކާރުން ދިން ކޮންޓްރެކްޓެއްގެ ދަށުންނެވެ. އެއީ ބުޅާ އާއިލާގެ ބޮޑެތި ވައްތަރުތައް އަމިއްލަ މީހުންގެ ހައިވާނު ބަގީޗާތަކުގައި ގެންގުޅުން ހުއްޓުވައިލުމަށް ފަށައިފައިވާ މަޝްރޫއެއްގެ މަރުހަލާއެއްގެ ގޮތުގައެވެ.



advertisment