ހުޅަނގުގެ ގައުމުތަކުން މިހާރު އެދިގެން އުޅެނީ "ހަމަހަމަ އަދި އިންސާފުވެރި ނިއުކްލިއަ މަޝްވަރާތަކަކަށް ނޫން" ކަމަށް އީރާނުން މިއަދު ބުނެފިއެވެ.
"މިހާރު ހުށަހަޅައިފައިވާ ގޮތުން އެ ކަހަލަ ކަމަކަށް އެމެރިކާއިން ތައްޔާރު ކަމަކަށް ނުފެނޭ،" އީރާންގެ ހާރިޖީ ވަޒީރު އައްބާސް އަރާގްޗީ (ފޮޓޯ) ވިދާޅުވިއެވެ.
"އެމެރިކާގެ ބޮޑުވެގެންވާ އެދުންތަކަކީ އިންސާފުވެރި ޑީލެއް ލިބޭނެ ކަމެއް ނޫން،" ވެރިރަށް ތެހްރާންގައި ބޭއްވި މަތީ ފެންވަރުގެ ޖަލްސާއެއްގައި އޭނާ ވިދާޅުވިއެވެ.
އައްބާސް ވިދާޅުވީ ހުޅަނގުގެ ހުށަހެޅުންތަކަށް "ހަރުކަށިކޮށް ނޫނެކޭ" ބުނާ ކަމަށެވެ.
"ނިއުކްލިއަ ޕްރޮގްރާމްތަކާ ބެހޭ ގޮތުން ވާހަކަތައް ބޭއްވޭކަށް ނެތް،" އޭނާ ވިދާޅުވިއެވެ.
އައްބާސް ވިދާޅުވީ މި ދިޔަ ޖޫން މަހު އިސްރާއީލާ ގުޅިގެން އެމެރިކާއިން އީރާންގެ ނިއުކްލިއަ ޕްރޮގްރާމް ހިންގާ މަރުކަޒުތަކަށް ހަމަލާ ދިނުމުން ލިބުނު ބޮޑެތި ގެއްލުންތަކަށް ފަހު މިވީ ދުވަސްތަކުގައި އެއިން އެއްވެސް މަރުކަޒެއްގައި ޔުރެނިއަމް މާއްދާ ފައްކާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ނުވާ ކަމަށެވެ.
އީރާންގެ ނިއުކްލިއަ ޕްރޮގްރާމާ ގުޅޭ ވާހަކަތައް ކުރިއަށްގެންދާ ގޮތަށް ހުޅަނގުން ނުފޫޒު ފޯރުވަން އުޅޭ ކަމަށް އައްބާސް ތުހުމަތު ކުރެއްވިއެވެ.
"ޑިޕްލޮމެޓިކް ގުޅުންތައް ވާން ޖެހޭނީ ހުރިހާ ފަރާތެއްގެ މަސްލަހަތު ހިމާޔަތް ކުރެވޭ ގުޅުންތަކަކަށް. އެއީ ގަދަބާރުން ހިންގާ ގުޅުންތަކަކަށް ވެގެން ނުވާނެ،" އައްބާސް ވިދާޅުވިއެވެ.



advertisment