Support Us

ކައިރީގައި އުޅޭ މީހުންގެ ނުފޫޒު

ބިލިއަނަރެއްގެ ގާތުގައި ދިގު މުއްދަތަކަށް ހިދުމަތްކުރި ސެކައްޓަރީއެއް ރިޓަޔަރވާތީ އޭނާއަށް ދެން ދުވަހަކުވެސް ލާރިއާ ދޭތެރޭ ކަންބޮޑުވާން ނުޖެހޭ ގޮތަށް ކަމެއް ކޮށްދޭން ބިލިއަނަރު ނިންމިއެވެ. އޭނާގެ ކޮޓަރިއަށް ސެކައްޓަރީ ގެންގޮސް އޭނާއަށް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދިނެވެ. ސެކައްޓަރީ ބޯހޫރުވައިލައިފައި އެ ޗެކު އިންކާރުކުރިއެވެ. އަދި ބުންޏެވެ.

"މިއީ ކީތްކުރަން އަހަންނަށް ދޭ އެއްޗެއްހެއްޔެވެ؟ އަހަރެންގެ އަތުގައި ވެސް ބިލިއަން ޑޮލަރު އެބަހުއްޓެވެ."

އެ ހިނދު ބިލިއަނަރަށް ލިބުނީ ކުއްލި ހައިރާން ކަމުގެ ޝޮކެކެވެ.

"ތިޔައީ ކިހިނަކުން ވާނޭ ކަމެއް ހެއްޔެވެ؟ ކަލޭ އަހަރެން ގާތު މިހާ ދުވަހު މަސައްކަތް ކުރި އިރު ކަލެއަށް ލިބެނީ ކޮންމެ މަހަކު އެންމެ 5،000 ޑޮލަރެވެ. އެވަރު ލިބިގެން ކަލެއަށް ބިލިއަނެއް ރައްކާ ކުރެވޭނީ ކިހިނެތް ހެއްޔެވެ؟" އޭނާ ބުންޏެވެ.

"ބޮސް ކައިރީގައި މިހާ ދުވަހު މަސައްކަތް ކުރަން ފުރުސަތު ލިބުނުކަމީ އަހަރެންގެ ނަސީބެވެ. ބޮސްގެ ހުރިހާ ބައްދަލުވުން ތަކެއްގައި ވާހަކަތައް އަޑުއަހައި، ބިންތަކާއި ހިއްސާ ގަންނަމުން ދިޔައިރު އަހަރެން ވެސް ހަމަ އެ ކަންކަން ދިޔައީ ކުރަމުންނެވެ. އެހެންވެ ބޮސް މިލިއަންތަކެއް ހޯދި ކޮންމެ ފަހަރަކު އަހަރެންނަށް ވެސް ލައްކައިން ލިބުނެވެ. ބިލިއަންނުން ހޯދިއިރު މިލިއަނުން ލިބުނެވެ."

މި ވިސްނުން ތޫނު ސެކައްޓަރީ ކަންކުރި ގޮތުން ލިބެނީ ވަރަށް އަގުހުރި ފިލާވަޅެކެވެ. ކައިރީގައި ގެންގުޅޭ މީހުން މުހިންމު ވަނީ އެހެންވެގެންނެވެ. ހަޔާތުގައި ރަނގަޅު މީހުން ކައިރީގައި ގެންގުޅޭނަމަ ތިމާގެ ކިބައިގައި އަށަގަންނާނީ ރަނގަޅު ސިފަތަކެވެ. އެމީހުންގެ ސަބަބުން މަގުފަހިވެގެން ދާނީ ރަނގަޅު ކަންކަމަށެވެ.

ރަނގަޅު މީހުންގެ މިސާލަކީ މާމުއި ކުޅަނދުރުގެ މިސާލެވެ. މާމުއި ކުޅަނދުރަށް މާމެލާމެލި ހުރި ތަންތަން އެނގޭނެއެވެ. އޭތީގެ ފަހަތުން ހިނގައްޖެ މީހަކަށް މާމެލާމެލި ފެންނާނޭކަން ކަށަވަރެވެ. އެގޮތުން ކައިރީގައި ހެޔޮ ކަންކަމަށް ދޯޅު މީހުން ގެންގުޅެންޏާ އެމީހުންގެ ފަރާތުން ހެޔޮ ވިސްނުމާއި ހެޔޮމަގުން ދިޔުމަށް އިލްހާމު ލިބޭނެއެވެ.

ވިސްނުން ތޫނު މީހުން ފަހަތުން އުޅެންޏާ ހެޔޮ ވިސްނުން އާލާވާނެއެވެ. ކުރިއެރުމަށް މަސައްކަތްކުރާ މީހުންނާ އެކުގައި އުޅެންޏާ ކުރިމަގު ހިޔާރުކުރެވޭނެއެވެ. ލަނޑުދަނޑިތައް ކަނޑައަޅައި އެއަށް ވާސިލުވާން މަސައްކަތްކުރާ މީހަކަށް ވެވޭނެއެވެ.

ކައިރީގައި ޝަކުވާ ކުރާ މީހުން ގެންގުޅެންޏާ ރަނގަޅު އެއްވެސް ކަމެއް ނުފެންނާނެއެވެ. މީހާގެ ވިސްނުމާއި ފިކުރު އަދި އަމަލުތައް ވެސް ދާނީ ދުވަހުން ދުވަހަށް ދަށަށެވެ. އެހެން ކަމުން ކައިރީގައި އުޅޭ މީހުންގެ އޯޑިޓެއް ހަދައިލާށެވެ. އެމީހުންގެ ކިބައިގައި ހުރި ރަނގަޅު ސިފަތަކަކީ ކޮބައިތޯ ބަލައިލާށެވެ. އެއީ ތިމާގެ ކިބައިގައި އަށަގަންނުވަން ބޭނުންވާ ސިފަތަކެއްތޯ އަމިއްލަ ނަފުސާ ސުވާލު ކޮށްލާށެވެ. ގިނަ ފަހަރު ތިމާއަށް ނޭނގި ނަމަވެސް އެ މީހުންގެ ކިބައިގައި ހުންނަ ސިފަތަކާ އެއްގޮތަށް ތިމާގެ އަމަލުތައް ދާނީ ބައްޓަން ވަމުންނެވެ. އެހެންކަމުން، ތިމާގެ ވަށައިގެން ތިބި މީހުންނަށް ސަމާލުކަން ދީ، ކުރިއަރަން ބޭނުންވާ ދާއިރާތަކުން ކާމިޔާބީ ހޯދައިފައިވާ މީހުން ގާތް ކުރާށެވެ. އެމީހުންގެ ކިބައިން ކަންކަން އުނގެނެން ނިޔަތް ގަންނާށެވެ. އެމީހުންގެ ހިކުމަތްތެރިކަމުން ފައިދާ ހޯދަން އަޒުމު ކަނޑައަޅައިށެވެ. އެއީ ތިމާގެ ދިރިއުޅުމުގައި ބޮޑު ބަދަލެއް ގެނެސްދޭނެ ކަމެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *