8 ވަނަ ޗެޕްޓަރ
އެދުވަހު ކުޑަހުވަދޫ ފެރީ މާލޭން ފުރައިގެން ދަތުރު ކުރަމުން ދިޔައީ ނަޝްފާ ވެސް ގޮވައިގެންނެވެ. އޭނާ އެދަނީ އޭނާގެ ރަށަށެވެ. މަންމަ ދިރިއުޅެނީ ވެސް އެރަށުގައެވެ.
ފެރީގެ ކުޑަދޮރެއްގެ ކައިރީ އިށީނދެގެން އިނދެ ފަނޑުވަމުން އަންނަ އުޑުމައްޗަށް ބަލަން އޭނާ އިނެވެ. ރާޅުތަކުގެ ތެރޭން އޭނާގެ ހިޔަނި އުފުލި ތިރިވަމުން ދިޔައެވެ.
އޭނާ މިދަނީ ހުރިހާ އެއްޗެއް ދޫކޮށްލާފައެވެ.- މާލެއާއި ކޭޓަރިންގެ ވަޒީފާއާއި ޒަޔާން ވެސް މެއެވެ.- އެހުރިހާ އެއްޗެއް މަޑުމަޑުން ދުރަށް ގޮސް އޮބާލަނީއެވެ.
އަމިއްލަ ނަފްސަށް އޭނާ މިނިވަން ކަމަށް ބުނި ނަމަވެސް އޭނާގެ ހިތް އަދިވެސް ތެޅެމުން ދިޔައީ އޭނާގެ ހިތުތެރޭގައި ގައިދުވެފައި އޮވެގެންނެވެ.
ހަމަ ކުއްލިއަކަށް މާލޭގައި އޭނާ އުޅެމުންދިޔަ ހަޔާތް ފުނޑުފުނޑުވެގެން ދިޔައީއެވެ.
ލީމާ ކައިވެނި ކެންސަލް ކޮށްލީ އޭނާގެ އުންމީދާއި ހިތްދަތިކަން ފޮރުވަން ވެގެންނެވެ.
އޭނާގެ ބައްޕަ މަނިކު އިތުރު އެއްޗެއް ނުބުނެ- ހަމައެކަނި ބުނުއްވީ އަވަހަށް މެލޭޝިއާއަށް ފުރަންވީ ކަމުގައެވެ. މި ހިނގި ކަންކަމުން ލީމާގެ ހިތުގެ ހަގީގީ އުންމީދުތަކަކީ ކޮބައިކަން އެނގިގެން ދިޔައެވެ.
ޒަޔާންއަކީ އޭނާގެ އުންމީދު ނޫންކަން އޭނައަށް މާރަނގަޅަށް އެނގިގެން ދިޔައެވެ.
ޒަޔާން އަކަށް ލޮލުފިޔައެއްވެސް ނުޖެހުނެވެ. މަސައްކަތެއް ކުރާ ހިތެއް ނުވިއެވެ. ކީސްކުނޑީގެ ވަސް ޖެހުނަސް އަނބުރައިގަނެއެވެ. ލަކުޑިގަނޑެއް ކީހާލާއިރަށް، އެއްޗެއް މަށާލާއިރަށް ޚިޔާލަށް އަންނަނީ އޭނާގެ ހިތް ކީހި ފަޅިފަޅިވެގެން ދިޔަ ގޮތެވެ.
އޭނާ ވަޑާންކުރާ ކާޕެންޓްރީ ބަންދުކޮށްލާފައި މަޖުނޫނެއްހެން މަގުމައްޗަށް ނުކުމެއްޖެއެވެ.
ކޮންމެ ހަވީރަކުވެސް ޒަޔާން ހުޅުމާލޭ ބްރިޖް ދޮށަށް ގޮސް ހުންނަތަން ފެންނަން ފަށައިފިއެވެ. އޭނާ އިންތިޒާރު ކުރަނީ ނަޝްފާއަށެވެ. އަނެއްކާވެސް އޭނާ ފެނިދާނެ ކަމުގެ އުންމީދުގައެވެ. އެކަމަކު ދުވަހަކުވެސް އެކަމެއް ނުވެއެވެ. ދުވަސްތައް ހަފްތާތަކަށް، ހަފްތާތައް އަހަރުތަކަށް ވެގެން ދިޔައެވެ. ބްރިޖުގެ ލައިޓްތައް ބަދަލުވެ، މާލެ ބޮޑުވަމުން ދިޔަ ނަމަވެސް އޭނާގެ އެ ލޯބި އެގޮތުގައި ދެމިހުއްޓެވެ.
އެއް ދުވަހެއްގެ ހަވީރު އުޑުމަތި އޮރެންޖު ކުލައިގެ އަލިފާންގަނޑެއް ހެން ރޯވެފައި ހުއްޓެވެ. އޭނާ ވަރަށް ދަންނަ އަޑަކުން ގޮވާލިއެވެ.
"ޒަޔާން، ކޮންމެ ދުވަހަކު ހަވީރު މިތާ ތި އިންނަނީ ކީއްވެ؟"
އެއީ އޭނާގެ ވަރަށް ދުވަސްވީ ރަހުމަތްތެރިއެއް ކަމަށްވާ އަޒީއެވެ.- ނިކަން މަޖާ އެހާމެ ހިތްހެޔޮ ރައްޓެއްސެކެވެ.
އޭނާ ޒަޔާންގެ ކޮނޑުގައި އަތްޖަހާލަމުން ބުންޏެވެ. "ކޮބާ މިހާރު ލީމާއާ އިން ފަހަކުން ވަޑާން ގެޔަކުން ވެސް ނުފެނޭ، ކިހިނެތް ތިހަދަނީ؟"
ޒަޔާން އަޒީއަށް ކަންދިމާވި ގޮތް ކޮންމެވެސް ވަރަކަށް ކިޔައިދީފިއެވެ.
"އެހެންތަ؟ ކިހާ ދެރަގޮތެއް ތި ދިމާވީ."
"ތިހެން މަޖްނޫނު ހެދިފައި ނޫޅެ ހިނގާ އަހަރެންނާއެކު ކުޑަ ހުވަދޫއަށް ދާން. އީދުތެރޭ ނިކަން މަޖާވާނެ. އެއީ އަހަރެންގެ ރަށް – މިއުޒިކާއި، ކުޅިވަރުތަކާއި، އަދި އެހެންވެސް މަޖާ ކަންކަން އޮންނާނެ."
ޒަޔާން ފަސްޖެހުނެވެ. އެކަމަކު އަޒީގެ މިދައުވަތު ގަބޫލުކުރިއެވެ. އަޒީ ފުރި ލޯންޗުން ޒަޔާން ކުޑަހުވަދުއަށް ދިޔައީ ނަޝްފާގެ ރަށަކީވެސް އެއީކަން ކުޑަކޮށްވެސް އެނގިހުރެގެންނެއް ނޫނެވެ.
***
ސާފު ނޫކުލައިގެ ވިލުތެރޭން އައިސް ކުޑަހުވަދޫގެ ޖެޓީ މައްޗަށް މައްޗަށް ފެރީ މަޑުކޮށްލިއެވެ. ކުޑަ ހުވަދޫއަކީ ޖަވާހިރެއް ފަދަ ހިތްގައިމު ރަށެކެވެ. – ހުރިހާ ތަރައްގީއަކާ އެކުވެސް ރުއްތަކާއި ގަސްގަހާގެހި އަދިވެސް ވަރަށް ގިނައެވެ. އެގަސްތަކާއި ރުއްތައް ވަޔާއެކު ހެލެމުންދެއެވެ. ރަށުގެ ބިޔަ ދޮންވެލި ބީޗްގައި ކުޑަކުދިން ހުސްފައިގައި ދުވެ ކުޅިވަރު ކުޅެމުން ދިޔައެވެ.
އިރު އޮއްސުމާއެކު މުޅި ރަށް ކުލަކުލައިން ދިއްލިގެން ދިޔައެވެ. އާކާވެނީގެ ޢަރޫޝާއެއް ފަދައިން މުޅި ރަށް ނަލަހައްދާފައިވެއެވެ.
ރޭގަނޑު ކައި ނިމުނުތަނާ ކުޅިވަރު ބިމުގައި މިއުޒިކްޝޯއެއް ކުޅޭ އަޑު އިވިގެން ދިޔައެވެ. އަޒީއާއި ޒަޔާން އެދިމާލަށް ހިނގަމުން ދިޔައެވެ. އޭރު އުޑުމަތީގައި ތަރިތަކުގެ ސަނދުވާއެއް ދެމިފައިވެއެވެ.
ޒަޔާން އެއްވެ ތިބި މީހުންގެ ތެރޭގައި ހުއްޓިގެން ހުއްޓެވެ. އޭރު މުޅި ހޯލް އޮތީ ފުރިފައެވެ. އެތަނުން އިވެމުން ދިޔައީ ހިތްގައިމު ލަވަތަކާއެކު މިއުޒިކް ކުޅެމުންދާ އަޑެވެ. އަދި ދޭތެރެއަކުން މަޖާ އައިޓަމެއްވެސް ގެނެސްދެއެވެ.
ކުޅިބަލަން އެއްވެ ތިބި މީހުންގެ ތެރެއަށް އޭނާ ލޯހިންގަމުން ދިޔައިރު ފެނުނު މަންޒަރަކުން އޭނާގެ ހިތް ހުއްޓުނެވެ.
އެއީ ދެވަނަ މީހެއް ނޫނެވެ. ނަޝްފާއެވެ. އޭނާގެ ސިފަޔަކަށް ބަދަލެއް އައިސްފައެއް ނުވެއެވެ. އެކަމަކު އިސްތަށިގަނޑު ވަނީ ކުރުކޮށް ކޮށާފައެވެ. އޭނާގެ ގާތަށް ދާންވީއެއް ކަމެއް، ނުވަތަ އެތަނުން ދުރަށް ދާންވީ ކަމެއް ނޭނގުނެވެ. އޭނާގެ ދެފައި ބިންމަތީގައި ހަރުލިއެވެ. ނޭވާއެއް ލާންވެސް އޭނާއަކަށް ހަނދާނެއް ނުވިއެވެ.
އޭނާ ހުރީ ސްޓޭޖްމަތީގައި އޭރު ކިޔަމުން ދިޔަ ލަވައިގެ ތެރެއަށް ގެއްލިފައެވެ. "އޭ މެރޭ، ހަމްސަފަރ، އެކްޒަރާ އިންތިޒާރް. ސުން ސަދާއޭން، ދޭ ރަހީހޭ، މަންޒިލް ޕިޔާރްކީ."
އޭނާވެސް އެލަވައިގެ ފަހަތުން ތުންފަތް ހަލުވަމުން ދިޔައެވެ. އެވަގުތު ހީވަނީ އެލަވައިގައި އެކިޔަނީ އޭނާގެވެސް ހިތުގެ ސަދާތައް ހެންނެވެ. މޫނުމަތީން ހިނިތުންވުމެއް ފެންނަން ހުއްޓެވެ. އޭނާގެ އަތުގައި ހިފައިގެން ތިންހަތަރު އަހަރުގެ ކުޑަ އަންހެން ކުއްޖަކުވެސް ހުއްޓެވެ. އެކުއްޖާވެސް ނެށުމުގެ ހަރަކާތެއް ގެންނަމުން ދިޔައެވެ. ކުޅިބަލަން ތިބި އެންމެންވެސް ދަނީ އެ ލަވަޔަށް އަތް ޖަހަމުންނެވެ.
ޒަޔާން ހިތްވަރުކޮށްލާފައި ނަޝްފާގެ ގާތަށް ޖެހިލިއެވެ. އަލުން ގެއްލޭނެ އެއްޗެއް މިހާރަކު ނެތެވެ. ޚުދު ނަޝްފާ އެވަނީ އޭނާއަށް ގެއްލިފައެވެ.
ޒަޔާން ކައިރިއަށް ޖެހިލުމުން ފުރަތަމަ އޭނާ ފެނުނީ އެ ކުޑަކުއްޖާއަށެވެ. އެކުއްޖާ އޭނައަށް ބަލަންފެށީ އަޖައިބެއް ފެނިގެން ބަލާހެންނެވެ. ޒަޔާން އަށްވެސް ބެލެނީ އެކުއްޖާއަށެވެ. ހީވަނީ އެއީ ކުޑަކޮށްލާފައި ހުރި އޭނާ ހެންނެވެ.
ޒަޔާންގެ އޮޅުންބޮޅުން އިތުރުވީ އެހާ ހިސާބުންނެވެ. އޭނާ ކައިރިއަށް ޖެހިލުމާއެކު ނަޝްފާއަށް ވެސް އޭނާގެ ހަތަރުކަޅި ހަމަވިއެވެ. އޭނާގެ ލޮލުގައި އަދިވެސް ވަނީ ރުޅިވެރި ކަމެވެ. ނުރުހުމެވެ. ހިތްދަތި ކަމެވެ.
"ނަޝްފާ" ޒަޔާން ގޮވާލިއެވެ. ކޮންމެ ގޮތެއް ނަޝްފާ ހެދި ކަމަށްވިޔަސް ހެޔޮ ކަމަށެވެ.
"ޒަޔާން، މިރަށުގަ؟" ނަޝްފާ މިހެން ބުނި އަޑު މިއުޒިކްގެ އަޑުގެ ތެރެއަށް ފޭދިގެން ދިޔައެވެ.
ޒަޔާން ކުޑަ ކުއްޖާގެ އަތުގައި ހިފަން އަތްދިއްކޮށްލުމުން ނިކަން ފަސޭހައިން އޭނާވެސް އަތުގައި ހިފައިފިއެވެ.
ޒަޔާންގެ ހިތަށް އެވަގުތު ވަދެގެން ދިޔަ ޝުއޫރުތަކެއް ބަޔާން ކުރާކަށް ވެސް ނޭނގުނެވެ. އޭނާގެ ހިތް އާދަޔާ ޚިލާފު އުފަލަކާއެކު ތެޅިގެން ދިޔައެވެ.
ޝޯ ނިމުމުން ނަޝްފާ އޭނާގެ މަންމައާ ދަރިފުޅު ހަވާލުކޮށްލާފައި ގޮނޑުދޮށާ ދިމާލަށް ހިނގައިގަތެވެ. އޭރު ދިޔަރެސް ވަނީ ގަދަ ނޫކުލައާއި ފަނޑު ނޫކުލަތަކުގެ ކުދި ބޮކިތަކެއް ދިއްލިފައިވާހެން އެއޮތް ދިގު ގޮނޑުދޮށް އެއްކޮޅުން އަނެއްކޮޅަށް ވިދާލާފައެވެ. އެއީ ދުވަހަކުވެސް ޒަޔާން ދެކެފައި ނުވާ ފަދަ އަޖައިބު މަންޒަރެކެވެ.
ސްޓޭޖްގެ އަޑުތަކާ ދުރަށް ދެވުމުން ނަޝްފާ އަވަހަށް އަހައިލިއެވެ.
"މިރަށަށް ތިޔަ އައީ އެކަނިތަ؟" ނަޝްފާ އެ ސުވާލުގެ ޖަވާބަށް ކެތްމަދުވެފައި ހުއްޓެވެ.
"އެކަންޏެއްނު އަންނާނީ. އެކަނި އުޅޭ މީހަކު."
"ކޮބާ ލީމާ؟"
ޒަޔާން ފުންނޭވާއެއް ލިއެވެ. "ނޭނގޭ ވީތަނެއް. ހީވަނީ މެލޭޝިއާގަ ހެން."
"ކާވެނި ނުކުރަންތަ؟ ކީއްވެތަ؟"
އޭގެ ދިގު ޖަވާބެއް ދޭކަށް ޒަޔާން ބޭނުމެއް ނުވިއެވެ.
"ނަޝްފާގެ ފިރިމީހާ ކޮބައިތަ؟" ޒަޔާންވެސް ހުރީ އެ ސުވާލު ކުރަން ކެތް މަދުވެފައެވެ.
ނަޝްފާވެސް އެސުވާލުގެ ދިގު ޖަވާބެއް ނުދިނެވެ.
"ފިރިޔަކު ނެތް." ނަޝްފާ ވެސް ދިނީ ކުރު ޖަވާބެކެވެ.
ދެމީހުންގެ ވެސް ހަޔާތުގައި މާޒީވެގެން ދިޔަ ދުވަސްތަކާއި ދިމާވި ކަންކަމުގެ ވާހަކަ ކިޔައިދޭން މުޅި ރޭވެސް މާ ކުރު ހެން ހީވިއެވެ.
ސްޓޭޖްގެ މިއުޒިކް ނިމެން ކައިރިވީމާ އަނެއްކާވެސް ދެމީހުން ސްޓޭޖް ދޮށަށް އަތުވެއްޖެއެވެ. އޭރު ކުޑަ ކުއްޖާ މަންމަ ލަސްވެގެން ބަލަބަލާ ހުއްޓެވެ.
އޭނާ ދުވެފައި ގޮސް ނަޝްފާގެ އަތުގައި ހިފައި އެއްޗެއް ބުނަން އުޅުނެވެ. ނަޝްފާ އޭނައާ އެއްވަރަކަށް ގުދުވުމުން އެކުއްޖާ އަހާލިއެވެ.
"މަންމާ.. މި ބޭބެއަކީ ކާކު؟"
"މިބޭބެއަކީ.." ޒަޔާން ޖަވާބު ދޭން އުޅުނެވެ. "ކޮއްކޮއަށް ކިޔަނީ ކޮންނަމެއް؟"
"ޒައިކޯ" އެކުއްޖާ ޒަޔާންގެ ކަންފަތްދޮށުގައި ބުންޏެވެ.
"ޒައިފާ" ނަޝްފާ އެކުއްޖާގެ ނަން ބުނެދިނެވެ.
"ބޭބެ ގާތު ބުނޭ، ސައިބޯން ގެޔަށް އަންނާށޭ." ނަޝްފާގެ މަންމައަށް މިކަންވެގެން އުޅޭގޮތް ވިސްނިގެން ގެޔަށް ދިއުމަށް ޒަޔާންއަށް ދައުވަތު ދިނެވެ. ނަޝްފާގެ މަންމަ ސޮފިއްޔާ ނޫނަސް ފެންނަ ކޮންމެ މީހަކަށްވެސް ޒައިފާ އާއި ޒަޔާން ކިހާ ވައްތަރުކަން ފާހަގަ ކުރެވޭނެއެވެ.
"ބޭބެ ކީއްވެ އަހަންނާ ވައްތަރީ؟" އެވަރުގެ ކުއްޖަކަށް މިކަހަލަ އެއްޗެއް ބުނަން އެނގޭނެޔޭ އެކަކުވެސް ހިޔެއް ނުކުރެއެވެ.
"ޒައިކޯގެ ބައްޕަ ދޯ؟"
ޒަޔާން އިޚްތިޔާރަކާ ނުލާ ޒައިފާ ނަގައި މެޔާއެކު ޖައްސައި އުރާލިއެވެ.
ސޮފިއްޔާ ޒަޔާންއަށް ތައްޔާރުކޮށްދިނީ މީރު ސަޔެކެވެ. އެދުވަހު އެގޭގައި ތަފާތު އެތައް ބާވަތެއްގެ ހެދިކާ ހަދާފައި ހުއްޓެވެ. އޭގެ ތެރޭންވެސް ޒަޔާންއަށް މީރުވީ މަސް ބަޖިޔާއެވެ. އެ ބަޖިޔާ ތައްޔާރު ކުރެވިފައިވަނީ އިއްތިފާގުން ނަޝްފާއަށެވެ.
ޒަޔާން ފުރަން އޮތީ އޭގެ އަނެއް ރޭގެ ވަގުތެއްގައެވެ.
ފުރުމުގެ ކުރީގައި އަނެއްކާވެސް ޒަޔާންއަށް ނަޝްފާގެ ގޭން ދައުވަތު ދެވުނެވެ. އެއީ ހިތްދަތިކަން އެ ކުޑަ އާއިލާއަށް ވެރިވެގެން ދިޔަ ރެޔެކެވެ. އޭނާ ކިތަންމެ ބޭނުން ވިޔަސް ޒަޔާން މިރަށުގައި އުޅޭނީ ކިހިނެއްހެއްޔެވެ؟ ނަޝްފާ އޭނައާ ދޭތެރޭ ދެކެނީ ކިހިނެއް ކަމެއް ނޭނގެއެވެ. އޭނާ ބޭނުންވާ ސިފަތައް އޭނާގެ ގައިގައި އެބަ ހުރި ހެއްޔެވެ؟ އޭނާ ބޭނުންވާނީ އުޅޭނެ ގެޔަކާއި ދަރީންނާއި އޭނާ އާއެކު ހީނހީފައި އުޅޭނެ ފިރިޔެކެވެ. އޭނާ މަސައްކަތެއް ނުކޮށް ހުންނަތާ ކިތަންމެ ދުވަހެކެވެ. ނަޝްފާ އުޅެން ބޭނުންވާނީ ހުޅުމާލޭގައި އޭނާ އުޅެމުން ދިޔަ އެނެކްސް ކަހަލަ ތަނެއްގައެވެ. އެއީ ފިސާރި ފައިސާ ހުރެގެން ހޯދައިދެވޭނެ ފަދަ ތަނެކެވެ.
އެއީ މިއަދު ޒަޔާންއާ އެކަށީގެންވާނެ ކަމެއް ނޫންކަން އޭނާއަށް އެނގެއެވެ.
ފުރަން އޮތް ގަޑި ޖެހުމުން ހިތުގައި ހިލައެއް ބާއްވައިގެން ޒަޔާން އެގެއިން ނުކުންނަން ހިނގައިގަތެވެ.
ތަންކޮޅަކަށް ދެވުނުތަނާ "ބައްޕާ!" މިހެން ކިޔައި ޒައިޝާ ރޮއިގަތް އަޑު އޭނާއަށް އިވުނެވެ. އޭނާގެ ދެފައިގައި ޗޭނުގަނޑެއް އޮޅާލެވުނުހެން ހީވެއެވެ. އޭނާއަށް އެންމެ ތަންކޮޅެއްވެސް ކުރިޔަކަށް ނުދެވުނެވެ.
ޒަޔާންއަކަށް އޭނާ ހިތް ކުރި މަޖްބޫރު ކުރުމަކާ ދެކޮޅެއް ނުހެދުނެވެ. އޭނާގެ ފިޔަވަޅުތައް ފަހަތަށް އެނބުރުނެވެ.
އޭނާގެ ތަގުދީރުގެ ދެއްކި މަގުން އޭނާ ހިނގަމުން ދިޔައެވެ.
ނަޝްފާގެ ގޭގެ ދޮރާށި ކުރިމަތީ ހުރީ ސޮފިއްޔާއެވެ. "ވަދޭ، ދަރިފުޅާ!" އޭނާ މަޑުމަޑުން ބުންޏެވެ. "މާލެ ދަނީ ކީއްކުރަން؟ މިއީ ދަރިފުޅުގެ ގެ!"
އެވަގުތު ޒައިޝާ ދުވެފައި އައިސް ޒަޔާންގެ ދެފައި އެއްކޮށް ހިފަހައްޓައިފިއެވެ. ނަޝްފާ ވެސް ނުކުމެ ޒަޔާންގެ ދަބަސް އަތުލައިގެން އެތެރެއަށް ގެންގޮސްފިއެވެ.
ތެދެކެވެ. މިއީ ޒަޔާންގެ ގެއެވެ. ނަޝްފާއަށް އެންމެ ހިތްހަމަޖެހޭނެ ގެ ވެސް މެއެވެ. އަދި އޭނާ އެންމެ ލޯބިވާ ދަރިފުޅާއެކު އުޅެވޭނެ މަންޒިލަކީ ވެސް މިއީއެވެ.
ޒަޔާންއާއި ނަޝްފާ އެކުއެކީގައި ކުޑަހުވަދޫގެ ރީތި ގޮނޑުދޮށުން ހިނގަމުން ދިޔައެވެ. އިރުއޮއްސޭ ހިތްގައިމު ރަންދަޅަތަކުން ޒައިޝާގެ އިސްތަށިގަނޑު ރަންކުލައިން ދިއްލިފައި ހުއްޓެވެ.
ނަޝްފާއާއި ޒަޔާން އެކު އެކުގައި އެކުއްޖާގެ އިސްތަށިގަނޑު ހާވާލިއެވެ. އުފާވެރި ކަމުގެ އިންތިހާގައި އެމީހުން ހެމުން ދިޔައެވެ.
ލޯތްބަކީ އެކަކަށް ވެސް އޭގެ މައްޗަށް އިޚްތިޔާރެއް ނޯންނާނެ އެއްޗެއްކަން މިއަދު މިވަނީ ހާމަވެފައެވެ.
(ނިމުނީ)



advertisment