7 ވަނަ ޗެޕްޓަރ – ތެޅިފައިވާ ތަށިތަކެއް ފަދައިން
އިރުއަރައި އެތައް އިރެއް ވީއިރުވެސް ނަޝްފާއަކަށް ދެން ހަދަންވީ ކިހިނެއް ކަމެއް ނޭނގުނެވެ. އޭނާގެ ނަފްސުގެ ތާހިރުކަން މިވަގުތު ހުރީ ކިހާވަރަކަށް ބާއޭވެސް އޭނާގެ ހިތާ ސުވާލުކުރެވުނެވެ. ބެޑް ޝީޓްތަކުގައި އަދިވެސް ޒަޔާންގެ ވަސް ހަރުލާފައި ހުއްޓެވެ. ކޮޓަރީގައި އޭނާގެ ނިދިއަޑު ގުގުމާފައިވެއެވެ. އަދިވެސް އޭނާގެ ހޫނުކަން ފިލައި ނުގޮސް ހުއްޓެވެ. އޭނާގެ ހިތުގެ ތެޅުންތައް މައިތިރިވާ ގޮތެއް ނުވިއެވެ. ކުރީ ރޭ ބުނަން އުޅެ އުޅެ ނުބުނެވުނު ވާހަކަ ކިޔާ ދެވިފައި މިވަނީ ހާދަ އެހެން ކަހަލަ ގޮތަކަށެވެ. މާމުއިގެ ފޮނިކަން އެކުލެވޭ ފަދައަކުންނެވެ. ވިޔަސް އެފޮނިކަން މިވަނީ ހިތިކަމަށް ބަދަލުވެފައެވެ.
އޭނާ މިކަމާ އެތައް އިރަކު ވިސްނާވެސް މިއަކަށް ރަނގަޅު ޖަވާބެއް ނުލިބުނެވެ. އޭނަގެ ހާސްކަން ދުންގަނޑެއް ފަދައިން އޭނާ ވަށައިލައިފައި ވެއެވެ. ވިސްނި ވަރަކަށް ހިތަށް އިހުސާސް ކުރެވެނީ ގަދަ ފިންޏެކެވެ. އެއަކީ އުފަލެއް ލިބޭ ފަދަ ފިނިކަމެއް ނޫނެވެ. އެއީ ހާސް ކުރުވާ ފިނިކަމެކެވެ. އެ ފިނިކަމުން އަތްފައި މިވަނީ ގަނޑުވެފައެވެ. ނޭވާލާން ވެސް އުނދަގޫ ވާވަރަށެވެ. އޭނާ އަވަހަށް ތައްޔާރުވެގެން މާލެ ދިއުމަށް ބައިސްކަލަށް އަރައިފިއެވެ.
ދިޔަ މަގުމަތީގައި ވެސްހަމަ އެ ޚިޔާލުތައް އޭނާގެ ސިކުނޑީގައި ވިކަމުން ދިޔައެވެ.
މެންދުރުވީއިރު އޭނާ ހުރީ މޫދު މަލަ ކޭޓަރިންގަށް މިސްރާބު ޖަހާފައެވެ. މަގުމަތީން ފެންނަ ކޮންމެ މީހަކީ ޒަޔާންހެން ހީވެއެވެ. ގަހަކުން ފަތެއް ހެލުނަސް ހީވަނީ ޒަޔާން އޭނައަށް ގޮވާހެންނެވެ. އެންމެ ފަހުން މޫދު މަލަ ކޭޓަރިންގ އަށް ފޯރައިފިއެވެ. އެތަނުގައިވާ އޭނާގެ އަމިއްލަ ތަކެތި ހިފައިގެން އަވަހަށް ދިއުމުގެ މަގުސަދުގައެވެ. އަދި މާލެ ދޫކޮށް އޭނާގެ އަމިއްލަ ރަށަށް ކުޑަހުވަދުއަށް ދާންވެސް ހިތަށް އަރަމުން ދިޔައެވެ. އެވެސް މާލެއައިސް އުޅެނިކޮށް ޒަޔާންގެ ކުރިމައްޗަށް އާދެވިދާނެތީއެވެ.
އޭރު މެންދުރުގެ އަވި ރެސްޓޯރެންޓުގެ ނަންބޯޑަށް އެޅިފައި ހުއްޓެވެ. އެކަމަކު އެއްވެސް ބަޔަކު އެތަނަކަށް އަދި އައިސްފައެއް ނުވެއެވެ. — ރިސެޕްޝަންގެ ސީލިންގ ފަންކާ ހުރީ ހިންގާފައެވެ. ބަދިގެ ތެރޭގައި ބަޔަކު ޗުކުލައްވާ އަޑު އިވޭހެން ހީވެއެވެ.
އޭނާ މަޑުމަޑުން ފިޔަވަޅުގެ އަޑު ނީއްވައި ގޮސް ބަލާލިއެވެ. ބަދިގެތެރޭން ފެނުނީ ހައިރާންވާ ކަހަލަ މަންޒަރެކެވެ. އިވެމުން ދިޔައީ އަންހެނަކާއި ފިރިހެނެއްގެ އުފާވެރި ހީނލުންތަކެއްގެ އަޑެވެ.
ފެނުނު މަންޒަރުން ނަޝްފާގެ ހިތް އަނެއްކާވެސް ފުނޑުފުނޑުވެގެން ދިޔައެވެ.
ބަދިގޭގެ ދޮރުދޭތެރޭން ރަނގަޅަށް ބަލާލިއިރު. އެތަނުގައި ރިފާއު ހުއްޓެވެ. އޭނާގެ އޭޕްރަން ވަނީ މޮހެލާފައެވެ. އޭނާ ހިނިތުންވެފައި ހުރީ ދުވަހަކުވެސް އޭނާ ހީނލިތަން ފެނިފައި ނުވާ ފަދަ ހިތްގައިމު ކަމަކާއެކުގައެވެ. އޭނާއާ ޖެހޭ ނުޖެހޭފަށުގައި ޕުޑިންގތައްޓެއް ހިފައިގެން ހުރީ ނިކަން ރީތި އަންހެންކުއްޖެކެވެ. ލީމާއެއްގެ ވާހަކަ ރިފާއު ވަނީ ބުނެފައެވެ. އެވާނީ އެ ލީމާއަށެވެ. އޭނާ ސަމުސަލެއް ނަގައި ރިފާއުގެ ތުންފަތާއި ދިމާލަށް އުފުލާލިއެވެ. އޭނާ ހީލަމުން ދެކޮޅު ހަދަން މަސައްކަތް ކުރަމުން ދިޔަގޮތް ދައްކާލިއެވެ. ލީމާ ގަދަކަމުން އޭނާގެ އަނގަޔަށް ލަވައިދިނެވެ. ދެން އެދެމީހުން ހީނލީ އެތައް ދުވަހެއްވަންދެން ގުޅިގެން އުޅޭ ދެ ލޯބިވެރީން ފަދައަކުންނެވެ.
ނަޝްފާ ފިނިވެގެން ދިޔައެވެ. އެ މަންޒަރު އޭނަގެ ގައިގައި ޖެހުނީ ތޫނު ޚަންޖަރެއް ފަދައިންނެވެ. އޭނާގެ މޭގައި ހުޅުރޯވިއެވެ.
ނޭވާއެއްގެ އަޑުވެސް ނީއްވަން އޭނާ އަނގަމަތީ އަތް އަޅައިގެން ފަހަތަށް ޖެހިލިއެވެ.
އޭނާ އިތުބާރު ކުރި އެންމެން އޭނާ މޮޔަހެއްދީތާއެވެ. -ހައްތާވެސް ޚިޔާނާތްތެރިކަމެވެ. -މިކަން މިއަދު އޭނާއަށް އިހްސާސް ކުރެވިއްޖެއެވެ.
ރުޅިއައިސް ފަޅައިގެންދާ ފަދައަކުން އޭނާ ކައުންޓަރަށް ގޮސް އޭނާގެ ތަކެތި އެއްކުރަން ފަށައިފިއެވެ. އެވަގުތު އޭނާ އޭނައަށް އެތާއޮތް ކާވެނިކާޑެއް ލޮލުގައި އަޅައިގަތެވެ.
އެއީ ކްރީމް ކުލައިގެ ސިޓީއުރައެކެވެ. ކައިވެނީގެ ދައުވަތެކެވެ.
ދެއަތް ތުރުތުރު އަޅަމުން އޭނާ އެކާޑު ނަގައި ބަލައިލިއެވެ. އެ ނަންތައް ލިޔެފައިވަނީ ރަން އަކުރުތަކުންނެވެ.
ލީމާ އެންޑް ޒަޔާން – ކައިވެނީގެ ރަސްމިއްޔާތު
ހިނދުކޮޅަކަށް އޭނާއަށް ނޭވާއެއް ނުލެވިފައި ހުއްޓެވެ. އެއާއެކު އަކުރުތައް ފުސްވެގެން ދިޔައެވެ. އޭނާގެ ބޮލަށް އެނބުރުން އެރިއެވެ.
އޭނާ ކާޑުގެ އަނެއް ފަރާތް ބަލައިލިއެވެ. – އެޑްރެސްގައި ލިޔެފައި އޮތީ ޓްވައިލައިޓް، ވިލިނގިލި އެވެ. އެއީ ޒަޔާންގެ އެޑްރެސްކަން އޭނާއަށް ޔަގީންވިއެވެ.
ނަޝްފާގެ ކަކުލުހުޅުން ވާގި ދޫވިއެވެ. އައި ރުޅިންނާއި ލިބުނު ހިތްދަތިކަމުން ކެތްނުކުރެވޭފަދަ ހާލަތަކަށް އޭނާ ވެއްޓުނެވެ.
އޭނާ އެތަނުން އަވަހަށް ދާން ނުކުތް ވަގުތު ފަހަތުން މީހަކު ގޮވާލިއެވެ.
“ނަޝްފާ!”
އޭނަ އެނބުރިލިއެވެ. އެއީ ޒަޔާން އެވެ. އޭނަ ފެނުމުން އޭނާގެ ދެލޯ ބޮޑުވިއެވެ.
“ނަޝްފާ، ޕްލީޒް، ލެޓް މީ”
ޒަޔާން އަތްދިއްކޮށްލަމުން ނަޝްފާ ގެ ކައިރިއަށް ޖެހިލިއެވެ. އެވަގުތު ނަޝްފާ އަރައިގެންފައި ހުރި ރުޅި ބޮޑުކަމުން އިޚްތިޔާރެއް ނެތި އަތް ހޫރައިލިއެވެ. އޭނާ ހޫރާލިއަތް މަތަ ނުވެ ގޮސް އެރީ ޒަޔާންގެ ކަންކަށްޓަށެވެ. އެވަގުތު ނަޝްފާއަށް އެކުރެވުނު ކަންތައް އިހްސާސްވިއެވެ. އެކަމަކު އޭނާ އެކަމާ ދެރައެއްވެސް ނުވިއެވެ.
މިއަޑުފަށްގަނޑަށް ލީމާއާ ރިފާއު އެތަނަށް އަތުވެއްޖެއެވެ. މިވީގޮތް ފެނި، ލީމާ ވެގެން އުޅެނީ ކިހިނެއްހޭ ނަޝްފާ ކުރެން އަހާލިއެވެ. ނަޝްފާ ތޫނު ބެލުމަކުން ލީމާއަށް ބަލައިފައި ބުންޏެވެ.
“ކަލޭ އިންނަން އުޅޭ މީހާ ކުރެން އަހާބަލަ.” ނަޝްފާ ރުޅި ފަޅައިގެން ގޮސް ބުންޏެވެ. “އޭނާ އަހަރެންނާއެކު ލޯބީގެ ޑްރާމާއެއް ކުޅެން އުޅުނީ ކޮން ބޭނުމަކުހޭ އަހާބަލަ.”
ސިހިފައި ދެލޯ ބޮޑުކޮށްގެން ކޯތާފަތުގައި ހިފަހައްޓައިގެން ހުރެ ޒަޔާން ފަހަތަށް ފިޔަވަޅެއް އެޅިއެވެ.
“އަހާބަލަ، އޭނަކުރެން.” ނަޝްފާ ތުރުތުރު އަޅައެވެ. “އަހާ ބަލަ ކީއްވެހޭ އަހަރެން ގޮވައިގެން މުޅިރޭ ހުޅުމާލޭގައި އުޅުނީ. އަހަރެންގެ އެނދުގައި… “
އެވަގުތު ޒަޔާން ލީމާގާތު ބުނަން ފެށިއެވެ.
“އެއީ އެހެން ހިނގި ކަމެއް ނޫން”
“ކިހާވަރެއް ވީމަތަ އެހެން ހިނގިކަމަކަށްވާނީ؟” ނަޝްފާގެ ލޮލުން ކަރުނަ ހިލިގެންދިޔައެވެ. “އަހަރެން ގާތު ބުނިންތަ ތިމަން މިއުޅެނީ މީހަކާ އިންނާށޭ؟ ”
“ޒަޔާން!” ލީމާގެ ނޭވާ ހާސްވިއެވެ. – ދެން އޭނާގެ ނަޝްފާގެ ގާތަށް މޫނު ޖެހޭ ހިސާބަށް ކައިރިވެލިއެވެ. “ ކޮން މަގުސަދެއްގަތަ ކަލޭ އަހަރެންގެ ވާންއުޅޭ ފިރިމީހާ ބަދުނާމު ކުރަނީ، އެގޮތަށް އޭނައާމެދު ކަންތައް ކުރަން ކެރުނީ ކިހިނެއްތަ؟!”
ނަޝްފާ އައިސްފައި ހުރި ރުޅިން ނަޝްފާގެ ބުރުގާގައި ހިފާ ދަމައިގެންފިއެވެ.
“ދުރަށްދޭ!” އޭނާ ލީމާ ކޮއްޕާލިއެވެ. “ މީހަކާ އިންނަން އުޅޭ އިރު ބަދިގޭތެރޭ ގުރާ ޖޯޑެއްހެން ހިލޭ މީހަކަށް ސަމުސަލުން ޕުޑިން ކާންދޭން ހުންނާކަށް ކަލޭ ލަދެއް ވެސް ނުގަނޭދޯ؟”
އެއާއެކު ލީމާ ނަޝްފާގެ ކަންކަށިމަތީގައި ނިކަން ބާރަށް ޖަހައިފިއެވެ.
ނަޝްފާ ލީމާގެ ބުރުގާ ދަމައިގެން ހޫރާލިއެވެ. ދެން އެ ޒުވާން ދެ އަންހެނުން ދެ ބުޅާފަދައިން ކޯޅިގަތެވެ. އެވަގުތު ޒަޔާންއާއި ރިފާއު އައިސް ދެމީހުން ދުރުކުރަން އުޅެގަތެވެ. އެ ތަޅާފޮޅުންގަނޑު މަތަވީ އިރު ލީމާގެ ބުރުގާ އޮތީ ވަޔާއެކު ގޮސް ކުނިތަކުގެ ތެރެއަށް ވެއްޓިފައެވެ. އޭރު ނަޝްފާގެ އިސްތަށިގަނޑުން ވެސް ބައެއް އޮތީ ބުރިވެފައެވެ.
ޒަޔާން އާއި ރިފާއު ވެގެން މިދެމީހުން ދުރަށް ޖައްސަން ކުރި މަސައްކަތުގެ ތެރޭގައި ކައުންޓަރު މަތީ ހުރި ދެތިން ތަށްޓެއްވެސް ވެއްޓި ކުދިކުދިވެގެން ދިޔައެވެ.
ނަޝްފާ ބާރަށް ނޭވާލަމުން އޭނާގެ އެތިކޮޅު ހިފައިގެން އެތަނުން ނުކުމެއްޖެއެވެ. އޭނާގެ މޫނުމަތިން ކަރުނައިގެ ރޮނގުތައް ދެމެމުން ދިޔައިރު އޭނާގެ ދެއަތް ތުރުތުރު އަޅަމުން ދިޔައެވެ. އޭނާ އެނބުރި ބަލާވެސް ނުލާ ބާރުބާރަށް ގޮސް ބައިސްކަލަށް އަރައި ދުއްވާލިއެވެ.
ބޭރުގައި ވައި ގަދަވެ އަވި މަޑުވާން ފަށާފައި ވެއެވެ. ވިއްސާރަ ވިލާގަނޑެއް ނަގާ ބޯމަތި ވަމުން ދިޔައެވެ.
ނަޝްފާ ވައިރޯޅިއެއްހާ ބާރަށް ބައިސްކަލު ދުއްވަމުން ދިޔައެވެ. އަރާފައި ހުރި ރުޅި މަތަ ކުރެވޭތޯ ގަދައަޅަމުންނެވެ. އެކަމަކު އޭނާގެ ހިތް އޮބި ނޯންނަ ވަރަށް ތެޅެމުން ދިޔައެވެ. މޭގައި ހީވަނީ ހުޅުރޯވެފައި ހުރިހެންނެވެ.
މިހާތަނަށް ގަބޫލުކުރަމުން ދިޔަ ހުރިހާ ކަމެއް ސައިބޯނި ބޮކިތަކެއް ފަދައިން ވަޔަށް އަރައިގެން ދިޔައެވެ. ހުރިހާ އެއްޗެއް ތަޅުންގަނޑަށް ވެއްޓުނު ބިއްލޫރި ތަށިތައް ފަދައިން ތަޅައިގެން ހިނގައްޖެއެވެ.
(ނުނިމޭ)



advertisment