ހުޅަނގުގެ ނުބައިނުލަފާކަމޭ އިންސާފު ނެތުމުގެ އަސްލަކީ
ދުޅަހެޔޮ ހަޔާތަކު މީސްތަކުން އުޅުމަށް އެޅޭ ބޮޑު ހުރަހަކީ
ކުލަ ދޮންމަކު ގައިހަންގަނޑުގެ ކަޅުޑޯގަކާ ފަރަގެއް ނެތޭ
ދުލަކުން ތެދެއް ބުނެ ޢަހުދަކަށް ތެދުވެރިވުމޭ ނެތްސިފަޔަކީ
ކޮލަނައިޒުކޮށްގެން މުޅިދުނިޔެ އަތްދަށުލިޔޭ "ރަން" ފޭރުމަށް
ޑޮލަރާ ޕައުންޑާ ޗާޕުކޮށް ނެރުމޭ އެކަމުގައި ގަސްތަކީ
ޙައްޤޭ ނުޙައްޤޭ ގަދައަޑުން ގޮވަމުން ލަވާނަމަވެސް ހަޅޭއް
ހައްލައިލުމުގެ އުކުޅެއް ކަމަށްވާތީ އެކަމުގައި ދެރަޔަކީ
މޮޅުކޯޓުތައް ލައިގެންގަޔަށް ބޮޑު ގޮނޑިގޮނޑީ ތިއްބެއްކަމަކު
އޮޅުވައިލަމުން ހުރިހައި ކަމެއް ގެންދާކަމޭ އުނިސިފަކީ
އެވެރިން ރުހޭ އިޒުރޭލު ފަދަ ގައުމެއް ޖަރީމާ ހިންގިޔަަސް
އެވެރިންގެ ލޯ ކަނުވާކަމޭ އެކަމަށް ދިރުންދޭ ސަބަބަކީ
ޣައްޒާގެ ނިކަމެތި އާންމުނަށް އިޒުރޭލުދޭ އަނިޔާ ތަކަށް
ރައްދެއްދިނަސް މާބޮޑުކުށެއް ކަމުގައިދުށުން ގޯސްސިފަޔަކީ
