Support Us

ކުރު ފިލްމް ސްކްރީންޕްލޭ- "އޯ.ޑީ"*

  1. އެތެރެ

ޒުވާން ފިރިހެނަކު އޮތީ ތަޅުންގަނޑު މަތީގައެވެ. އޭނާ މަސައްކަތް ކުރަމުންދަނީ ނިދޭތޯއެވެ. ނަމަވެސް ހަށިގަނޑު ތުރުތުރުލަމުންދެއެވެ. އަދި އޭނާ ދެކޮޅަށް ދެކޮޅަށް ފުރޮޅެމުންދެއެވެ.

ކޮޓަރި ވަރަށް ހުހެވެ؛ އެނދަކާއި ޒަމާންވީ މޭޒަކާއި އަދި ބާވެހަލާކުވެފައިވާ ކަބަޑަކާއި ލޯގަނޑެއް ހުއްޓެވެ.

ފާރުގައި ހުރި ޒަމާންވީ ގަޑިއަކުން ދައްކާ ގޮތުގައި އެއީ މެންދުރުފަހެވެ.

އެންމެ ފަހުން ޒުވާނާ ތެދުވެއެވެ. ނުހަނު އުނދަގޫކަމާއެކު، ބާވެފައިވާ ޓީ-ޝާޓެއް ލައެވެ. އަދި ބޭރަށް ދެއެވެ.

  1. ބޭރު

އެއީ މެންދުރުފަހެވެ. އަމީނީ މަގުން ބައެއް މީހުން ދާ މަންޒަރު ފެނެއެވެ.

ޒުވާން ފިރިހެންމީހާގެ ލޮލުގެ ކައިރިވަނީ ކަޅުވެފައެވެ. އަދި އޭނާ ހިކިއަނަރޫފައެވެ. އޭނާގެ ގޭދޮށުގައި ހުރީ ދެކޮޅަށް ތެޅިފޮޅޭ ހާލުގައެވެ. އޭނާގެ ލޯ އެކި ދިމަދިމާއަށް ނަޒަރު ހިންގަމުންދެއެވެ.

ބަނގްލަދޭޝްގެ ދެ މަސައްކަތްތެރިން އޭނާގެ ގާތުން ލައިފައި ދާން ފަށައިފިއެވެ.

ޒުވާން ފިރިހެންމީހާ ދުވާރުން ވަކިވެފައިވާ ގަލެއް ނަގައެވެ. އަދި އެ ދެ މީހުންނާ ދިމާއަށް ހޫރައިލައެވެ. ގާބުރި ޖެހެނީ އެ ތަނުން އެއް ބަނގްލަދޭޝް މީހާގެ ބޮލުގައި، ފަހަތުންނެވެ. އަދި އޭނާއަށް ހަޅޭއްލަވައިގަނެވިފައި ދުވާރު މައްޗަށް ވެއްޓެއެވެ.

އެ މީހާގެ އެކުވެރިޔާ އެހީއަށް އެދި ރޮއެގަނެއެވެ. ނަމަވެސް ހިނގައިފައި ދާ މީހުން ދާ ގޮތަށް ދެއެވެ. ޒަހަމްވެފައިވާ މީހާގެ ރުއިންތަކާމެދު އަޅައިލުމެއް ނެތް ގޮތަށެވެ.

ޒުވާން ފިރިހެން މީހާ އަވަސް އަވަހަށް އެ ތަނަށް ދެއެވެ. ކަޓަރެއް ނަގައި، ބަނގްލަދޭޝްގެ ދެ މީހުންނަށް ބިރުދައްކައެވެ.

ވެއްޓިފައިވާ މީހާގެ ފަހަތު ޖީބަށް އަތް ކޮއްޕައިލައިފައި ވޮލެޓަކާއި މޮބައިލް ފޯނެއް ނަގައެވެ.

އޭނާ ދެން އެ ތަނުން ދުވެ ފިލައެވެ.

ބަނގްލަދޭޝް މީހާގެ އެކުވެރިޔާ އެހީއަށް އެދި ރޮމުންގެންދެއެވެ. ސާފު ނުވާ ބަހަކުންނެވެ. ނަމަވެސް ހިނގައިމީހުން ހިނގައިފައިދެއެވެ. މި ފަހަރު، އެ ދެ މީހުންނާ، ގަސްދުގައި ދުރުކަމެއް ބަހައްޓައިގެންނެވެ.

  1. ބޭރު

ކެފޭއެއްގެ ބޭރުގައި، ހެރޮއިން ބޭނުންކުރާ، މަސްތުވާތަކެއްޗަށް ދެވިހިފައިފައިވާ އެޑިކްޓުންތަކެއް ހިމެނޭ ގްރޫޕެއް، ވަކި ކަމެއް ނެތިފައި ތިބި ގޮތަކަށް ވަގުތު ހޭދަކުރަމުންދެއެވެ.

ޒުވާން ފިރިހެންމީހާ އެ މީހުންގެ ގާތަށް ދެއެވެ. އަދި އެ ތާނގައި ތިބި ޒުވާން ފިރިހެނުންގެ ތެރެއިން މީހަކަށް 100ރ.ގެ ނޫޓެއް ދިއްކޮށްލައެވެ. މުށިކުލައަކަށްދާ ހިކި ފުށްތަކެއް އެޅި ޕެކެޓެއް، ފައިސާ ބަލައިގަތް މީހާ އެއްކަލަ ޒުވާން ފިރިހެންމީހާއަށް ދެއެވެ.

ޒުވާން ފިރިހެންމީހާ އޭގައި ހިފައެވެ. އަދި ހަލުއިކޮށް ހިނގައިފައި އެ ތަނުން ދެއެވެ.

  1. އެތެރެ

ޒުވާން ފިރިހެންމީހާ އަނެއްކާވެސް ހުރީ އޭނާގެ ކޮޓަރީގައެވެ.

ތަޅުންގަނޑުމަތީގައި އޭނާ އިށީނދެއެވެ. ކަފަކޮޅަކަށް ލުނބޯހުތްކޮޅެއް ފިތައިލައެވެ. ކުރިން ގަތް ޕްލާސްޓިކް ކޮތަޅުގައި ހުރި މުށިކުލައިގެ މާއްދާކޮޅާ ލުނބޯހުތްކޮޅު މަސްހުނިކޮށްލައެވެ. ދެން އެ ދިޔަކޮޅު އޭނާ ސިރިންޖަކަށް އަޅައެވެ.

އޭނާ ޓީ-ޝާޓެއް ނަގައެވެ. މުލައްދަނޑީގައި އެ ބާރަށް އޮޅައިލައެވެ.

ލައިގެން ހުރި ޓީ-ޝާޓުގެ އަތްކުރި އޮޅައިލައެވެ. އޭނާގެ އަތް ހުރީ ދަނބުކަން ގަދަ ނާރުތަކެއް މަތިން ތިރިއަށް ފާޅުވާ ފަތެއްގެ ސިފައިގައެވެ.

މައި ނާރެއް އޭނާ ފާހަގަކޮށްލައެވެ. އަދި ސިރިންޖު ވައްދައިލައެވެ.

ކޮންމެވެސް ވަރެއްގެ ލޭކޮޅެއް ސިރިންޖަށް ދަމައިލައެވެ. އަދި ސިރިންޖުގައި ހުރި ދިޔަކޮޅާ އެ ލޭކޮޅު މަސްހުނިވެއެވެ. އޭނާ ދެން އަލުން އެ ލޭކޮޅު އޭނާގެ އަތަށް އަނބުރައި ފޮނުވައިލައެވެ.

އޭނާގެ އަނގައިން "އާހް"އެއް ބޭރުވެއެވެ. އަދި އޭނާގެ މޫނުމަތިން އުފާވެރިކަން ފާޅުވެއެވެ.

އޭނާ ތާއްޔާ ޖެހެން ފަށައެވެ. އަދި މަޑުމަޑުން، މޫނުކޮޅު ވަތަށްވާ ގޮތަށް ތަޅުންގަނޑު މައްޗަށް ތިރިވެއެވެ.

  1. އެތެރެ

ކޮޓަރީގައި ހުރި ގަޑިން ދައްކަނީ އެއީ އިރުއޮއްސުނު ފަހުން ވަގުތުކޮޅެއް ކަމަށެވެ.

ބުރުގާ އަޅައިފައި ހުރި މުސްކުޅިއަކު ކޮޓަރިއަށް ވަދެއެވެ. އަދި ޒުވާން ފިރިހެންމީހާއާ ގާތަށް ދެއެވެ.

ޒުވާން ފިރިހެންމީހާގެ ކޮނޑުގައި އޭނާ އަތްލައެވެ. އަދި ބުނެއެވެ:

ދަރިފުޅާ…

ޒުވާން ފިރިހެންމީހާ ހަރަކާތެއް ނުކުރެއެވެ. އަންހެންމީހާ ޒުވާން ފިރިހެންމީހާގެ ކޮނޑުގައި ހިފައި ހިއްލައިލައެވެ. ޒުވާން ފިރިހެންމީހާގެ އަތުން ތަޅުންގަނޑު މައްޗަށް ސިރިންޖު ވެއްޓެއެވެ.

ނިމުނީ

* އޯ.ޑީ ނުވަތަ އިނގިރޭސި ބަހުން ދިގުކޮށް ކިޔާ ނަމަ "އޯވަ-ޑޯޒް"ވުމަކީ މަސްތުވާއެއްޗެއް ވިހަވާ މިންވަރަށް ބޭނުންކުރުމެވެ. މިއީ ސިއްހީ ކުއްލި ހާލަތުގައި މި ލަފުޒު ބޭނުން ކުރާ މާނައެވެ.

** ނޯޓް: މިއީ 2005 ވަނަ އަހަރު މާލޭގައި ބޭއްވި ގައުމީ ބޮޑީބޯޑިން މުބާރާތުން ތިން ވަނައަށް ދިޔަ އާދަމް ނިޝާޒް (ނިއްޕެ)، އެއިރު އުމުރުން 18 އަހަރު ވެސް ނުވަނީސް ލިޔެފައި، އަޅުގަނޑަށް ދެއްކި، އަދި އޭނާގެ އަމިއްލަ ބްލޮގްގައި، 13 ޖުލައި 2008 ގައި ޝާއިއުކުރި ކުރު ފިލްމް ސްކްރީންޕްލޭއެއްގެ ތަރުޖަމާއެވެ. ވީޑިއޯގްރަފީއަށް ޝައުގު ހުންނަ ނިއްޕެގެ މި ކުރު ފިލްމް ހެދިކަމުގެ މައުލޫމާތު ލިބިފައެއް ނެތެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *