މި މަހުގެ 21ވަނަ ދުވަހުގެ ރޭ ފަޅި އިރުކޭތައެއް ދުނިޔޭގެ ދެކުނަށް ފެންނާނެއެވެ. މިކޭތަ އެންޓާޓިކާގެ ބަޔަކަށާއި ނިއުޒިލޭންޑަށް ރަނގަޅަށް ފެންނާނެއެވެ. އަދި އޮސްޓްރޭލިޔާގެ އެންމެ އިރުމަތީ އައްސޭރިފަށުގެ ސަރަހައްދަށްވެސް ވަރަށް ކުޑަ މިންވަރަކަށް ފެންނާނެއެވެ. އެއީ، އެ ކޭތަ ހިފާކަން އެނިގެން ގަސްތުގައި ބަލައިފި މީހަކަށެވެ. އެހެން ނޫނީ ކޭތަ ފެންނަ މިންވަރު އޮސްޓްރޭލިޔާއަށް ނޭނގޭހައި ކުޑަވާނެއެވެ.
ރާއްޖެއަކަށް އެ ކޭތައެއް ނުފެންނާނެއެވެ. ސަބަބަކީ، އެ ކޭތަ ހިފައިފައި ހުންނާނެ ވަގުތަކީ ޔޫޓީސީ ޓައިމުން ވަގުތު ބަލާނަމަ، މި މަހުގެ 21ވަނަ ދުވަހުގެ ހަވީރު 5.30 އިން ފެށިގެން އެ ރޭ 9.54 އާ ދެމެދުގައި ކަމަށްވާތީއެވެ. އެއީ، މާލޭ ގަޑިން 21ވަނަ ދުވަހުގެ ރޭ 10:30 އިން ފެށިގެން އެރޭ މެންދަމުން އަލިވެ 02:54 އާ ދެމެދެވެ.
ރާއްޖެއަށް ފެންނަ ކޭތައެއް ދެން ފެންނާނީ އަންނަ އަހަރުގެ މާރިޗު ތިނެއްގައި ދުނިޔޭގެ އިރުމަތީ ސަރަހައްދަށް ހިފާ ހަނދުކޭތައެއް ވީއްލަމުންދާ ވަގުތު، ފަނޑުހިޔަނި ކޭތައެެއްގެ ގޮތުގައެވެ.
މީގެ އިތުރުން މި ސެޕްޓެމްބަރު މަހަކީ، ފަލަކީގޮތުން ކައުނީ ފަސް ކަމެއްގައި ޚާއްޞަވެގެންވާ މަހެކެވެ. އޭގެ ތެރޭގައި މި މަހުގެ ހަތް ވަނަ ދުވަހުގެރޭ ހިފި ފުރިހަމަ "ރަތްހަނދުކޭތަ" ހިމެނެއެވެ.
ދެވަނަ ކަމަކީ، އެރޭ އިރާއި ހަނދާއި ދުނިޔެ މާރަހައެއް ވުމެވެ.
ތިން ވަނަ ކަމަކީ، މި މަހުގެ 21ވަނަ ދުވަހުގެރޭ ދުނިޔޭގެ ދެކުނު ސަރަޙައްދަށް ހިފާ އިރުކޭތަ ހިފުމެވެ.
ހަތަރު ވަނަ ކަމަކީ، 21ވަނަ ދުވަހުގެރޭގައިވެސް މާރަހައެއް ވުމެވެ.
ފަސްވަނަ ކަމަކީ، މި މަހުގެ 21ވަނަ ދުވަހުގެރޭ މާލޭ ގަޑިން 12:53 ގައި ކާންޏަ ރާހީގެ 29 ދަރަޖަ ފަސް ދަގީގުގައި އިރާއި ހަނދު އެއްއުއިވެ، މިހާރު ހިނގަމުންދާ ހަނދުމައްސަރު ކަމަށްވާ ރަބީޢުލް އައްވަލް މަސް ފަލަކީގޮތުން ނިމި ރަބީޢުލް އާޚިރު މަހުގެ ވަގުތުތައް ހަނދު ގުނަން ފަށާ ފެށުމެވެ.
ހަވަނަ ކަމަކީ، މި މަހުގެ 22ވަނަ ދުވަހުގެރޭ އީކުއޭޓަރ ހުރަސްކޮށް ދުނިޔޭގެ ދެކުނު ފަޅިޔަށް އިރު ބަދަލުވާ ބަދަލުވުމެވެ.
ދުނިޔެއާއި އިރާއި ހަނދާ އެއްއުއިވުމަކީ، އެއިރަކު ހިނގަމުންދާ ހަނދުމައްސަރު ފަލަކީގޮތުން ނިމުމާއި، އައު ހަނދުމައްސަރެއްގެ ވަގުތުތައް ހަނދު ގުނާން ފެށުމެވެ.
އެއްއުއިވުން ކަމަށް ބުނާ ބަހަކީ، ކައުނީ ތަކެތި ދުނިޔޭގެ ވަށައިގެން ބުރުޖަހާކަމުގެ ފިކުރުން ނަޒަރުކުރުމުގައި ދުނިޔޭގެ ނިސްބަތުން ކައުނީ ދެ އެއްޗެއް އެއް މިޞްރާބުވާ އެއް މިޞްރާބުވުމެވެ. ނުވަތަ، ދުނިޔޭގެ ނިސްބަތުން ކައުނީ ޖިސްމެއް، އުޑުގެ ސާބިތު ބުރުޖަކާއި ނުވަތަ ނަކަތަކާއި ނުވަތަ ބުރުޖެއްގެ ވިޔަސް ނަކަތެއްގެ ވިޔަސް ދަރަޖައަކާއި ނުވަތަ ދަގީގަކާއި ނުވަތަ ސާނިއާއަކާ އެއް މިޞްރާބުވާ އެއް މިޞްރާބުވުމެވެ.
އެކަމަކު، ކޮންމެ އެއްއުއިވުމަކީ، މާރަހައެއް ވުމެއް ނޫނެވެ. މާރަހަވާވުމަކީ، ކައުނީ ދެ ޖިސްމަށްވުރެ ގިނަ ޖިސްމު އެއް ލޮންސިއަކަށް އަމުނާލައިފައި ހުންނައިރު ހުންނާނެ ގޮތަށް މާރަހަވާ ޖިސްމުތައް އެތުރި ސީދާވެގެންވާ ސީދާވުމެކެވެ.
އިރާއި ހަނދާއި ދުނިޔޭގެ ހަރަކާތުގެ ކޮންމެ މާރަހައެއްގައި އިރުކޭތައެއް ނުވަތަ ހަނދުކޭތައެއް ހިފާނެއެވެ. އެކަމަކު އިރާއި ހަނދާއި ދުނިޔޭގެ ހަރަކާތުގައި މާރަހަވުމަކާ ނުލައި ހަމައެކަނި އެއްއުއިވުމަކުން އެއްވެސް ކޭތައެއް ނުހިފާނެއެވެ. އެއީ، މާރަހަވުމާއި އެއްއުއިވުމަކީ މުޅީން ތަފާތު ދެ ގޮތަކަށްވާ ދެ ކަމަކަށް ވާތީއެވެ.
މި މަހުގެ ހަތްވަނަ ދުވަހުގެރޭގައި ވެފައިވާ މާރަހަ ވެފައިވަނީ އިރާއި ހަނދާ ދެމެދަށް ދުނިޔެ ދިމާވާ ގޮތަށެވެ. އެގޮތަށް ދިމާވާ ހާލަތުގައި ވާ މާރަހަވުމުގައި ހިފާނީ ހަނދު ކޭތައެވެ.
އެފަދައިން މި މަހުގެ 21ވަނަ ދުވަހުގެ ރޭގައި ވާނީ އިރާއި ދުނިޔެއާ ދެމެދަށް ހަނދު ދިމާވާ ގޮތަށްވާ މާރަހަވުމެކެވެ. އެގޮތަށް ދިމާވާ ހާލަތުގައިވާ މާރަހަވުމުގައި ހިފާނީ އިރުކޭތައެވެ.
