ޗެޕްޓަރ 1: ހޮސްޕިޓަލުގެ ވެއިޓިން ރޫމް
މާލެ މިހާރަކަށް އައިސް ނުނިދައެވެ. ޚާއްސަކޮށް ފަތިސް ވަގުތު މާލެ ހަރަކާތްތެރިވަމުން ދަނީ ކުރިއާ ތަފާތުކޮށް ނިކަން ހަލަބޮލިކޮށެވެ. މަގުތައް ފުރިފައިވަނީ މޮޓޯސައިކަލާއި ކާރުތަކުންނެވެ. ހިނގާ މީހުންވެސް މަދެއް ނޫނެވެ. މިހާރަކަށް އައިސް ކޮޅުކޮޅު މައްޗަށް ބަސްތައް ވެސް ދަތުރު ކުރާތަން ފެނެއެވެ. ބައިސްކަލެއް ފެންނަނީ ހާލަކުން ފަހަރަކުއެވެ. މަގުގެ ދެފަރާތުގައި ޕާކުކޮށްފައި ހުންނަ ކާރުތައް ވެސް ވަރަށް ގިނައެވެ. ވަށައިގެން ކަނޑުން މުޅި ރަށް ފިއްތާފައިވާތީ މި ޖަޒީރާ ފެންނަނީ މާ ކުޑަކަމަށެވެ. މުޅި ރަށް އޮންނަނީ އަބަދުވެސް ފުރި ބާރުވެފައެވެ.
ޒަޔާން އޭނާގެ ސައިކަލު މަޖީދީ މަގުން ދުއްވަމުން އައީ ފަރިތަކަމާއެކުގައެވެ. ހަނި މަގުމަގުން ގޯޅިއަޅަމުން ޚިޔާލެއް ނެތި ދުއްވަމުން އައެވެ. ލޮނުޒިޔާރަތްކޮޅާ ހަމަޔަށް ދެވުމުން ކަނޑުން އަންނަ ފިނި ރޯޅިތަކުގެ ތާޒާ ލޮނުވަސް އޭނައަށް ދުވަމުން ދިޔައެވެ.
ޒަޔާން އަކީ ޒުވާން ވަޑިއެކެވެ. އޭނާގެ ވޯކްޝޮޕަށް ދެވެނީ ނިކަން ހަނި ގޯޅިއެއްގެ ތެރޭން ލައިގެންނެވެ. ވަށައިގެން އިމާރާތްތައް އުފުލިފައިވާތީ ވައި ރޯޅިއަކަށް ނުވަދެވެއެވެ. އެހެންނަމަވެސް މަތީގައި ހުރި ވެންޓިލޭޓަރަކުން އިރުގެ ދޯދިތައް ރޮނގުރޮނގަށް ވަދެ އަލިވެފައި ވެއެވެ. އޭގެ ތެރޭން ކީހު ކުނޑިތައް ދުންތަކެއްހެން އަރަމުން ދިޔައެވެ. މުޅިތަނުގައި ވާނިޝް އާއި ރެސިންގެ ވަހުން އެއްވަސް ވެފައިވެއެވެ. ޒިޔާން ޖަހާ ނިންމާފައިވާ އަލަމާރިތަކާއި މޭޒުތަކާއި ގޮނޑިތަކުން އޭނާގެ ކުޅަދާނަކަން ދައްކައިދެއެވެ. އެކި ކަހަލަ އާޑިޒައިންތަކަށް ތައްޔާރުކުރަމުންދާ ފަރުނީޗަރުތަކާއި އެހެނިހެންވެސް ލަކުޑީގެ ކުދިކުދި ވަޑާންކޮށްފައި ހުންނަ ގެވެހި ތަކެތި ހަދަން ފަށައިފަ އާއި ނިމިފައި ހުއްޓެވެ. އެއިން ކޮންމެ އެއްޗަކުންވެސް ދައްކަނީ އޭނާ އެ ފަންނުގައި ކުޅަދާނަކަން ހުރި މިންވަރެވެ. މުޅިތަނުގައި ވަޑާމުގެ ސާމާންތައް ހުއްޓެވެ. ވަޑާންކަށްޓާއި ރޮންދާއާއި އަދި ލޭތު މެޝިނާއި ކީހާ މެޝީންތަކެވެ. އެއިން ކޮންމެ އެއްޗަކީ އޭނާ ކޮންމެ ދުވަހަކުހެން ބޭނުން ކުރަމުން އަންނަ ތަކެއްޗެވެ.
އެ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ލަކުޑިން ހަދާފައިވާ ބަރު ފްރޭމެއް އުފުލަމުން ދަނިކޮށް އޭނާގެ ހިފަހައްޓާފައި ހުރި ތަނުން އަތް ކައްސާލައިގެން ދިޔައެވެ. އެ ލަކުނޑިގަނޑު ވެއްޓިގެން ދިޔައިރު އޭނާގެ އަތްވެސް މަށައިގެން ދިޔައެވެ. އޭނާގެ އަތުން ހޯސްލާފައި ލޭ އޮހެރެން ފެށިއެވެ.
އޭނާގެ އަތުގައި ހުރި ޒަޚަމުގައި ފޮތިގަނޑެއް އޮޅައިގެން މަޑުމަޑުން ސައިކަލް ދުއްވަމުން ހޮސްޕިޓަލަށް ދިޔައެވެ. މާލޭގެ ޓްރެފިކްގެ ހަލަބޮލިކަމުގެ ތެރޭގައި ދުއްވަމުން ގޮސް އިންދިރާގާނދީ ހޮސްޕިޓަލް ކައިރީ ތަނެއްގައި ސައިކަލު ބަހައްޓައިފައި ފޭބިއެވެ. އޭރު މަޣުރިބް ނަމާދަށް ބަންގި ގޮވަނީ އެވެ.
ހޮސްޕިޓަލުގެ ތެރޭގައި އޭރުވެސް ގިނަ ހަރަކާތްތައް ހިނގަމުން ދިޔައެވެ. އޭނާ ޑޮކްޓަރަކަށް ދައްކަން އެދުނެވެ. އެއަށްފަހު އޭނާ ވެއިޓިން ރޫމްގައި އިށީނދެ އިނެވެ. އެތަނުގައި ފަންކާއެއް ހުއްޓަކަސް އެޔަކުން މާބޮޑު ފިނިކަމެއް ނުލިބެއެވެ. ޒަޔާން، އޭނާގެ އަތުގައި ހިފަހައްޓާލައިގެން އިސްޖަހައިގެން އިނެވެ.
އެވަގުތު ވެއިޓިން ރޫމްތެރެއަށް ބައިސްކަލު ހެލްމެޓެއް ހިފައިގެން، ބޮޑުވާ އިނގިލީގައި ރުމާލެއް އޮޅާލައިގެން ހުރި ޒުވާން އަންހެނަކު ވަދެގެން އައެވެ. އޭނާ އަވަސް ފިޔަވަޅުތަކެއް އަޅަމުން އައިސް ޒިޔާން އިން ގޮޑީގެ ކުރިމަތީ ހުރި ހުސްގޮނޑީގައި އިށީނެވެ. ޒިޔާން އިސްއުފުލާ ބަލާލުމާއެކު އޭނާވެސް ބަލައިލިއެވެ. އެވަތު ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ.
އޭނަ ކުޑަކޮށް ހިނިތުންވެލިއެވެ. "ހާދަ ބޮޑަށަ ޒަޚަމްވެފަ؟" އޭނަ ކަންބޮޑުވެފައި އަހާލިއެވެ.
ޒަޔާންގެ ނަޒަރު ދުރަށްލަމުން ލަމުން ހީނލިއެވެ. "އާނ.. ކިހިނެއްވެފަ އިނގިއްޔަށް ތިއޮތީ؟"
"ބައިކް ޗޭން އަޅުވަން އުޅެނިކޮށް،" ރުމާލުން ބަނދެފައިވާ ޝަހާދަތް އިނގިލި އުފުލާލަމުން އޭނާ ބުނެލިއެވެ. "ޗޭނުގައި އިނގިލި ތާށިވީ،" ލުއި ގޮތަކަށް އޭނާ ހީލުމުން ހީވީ އެ ކޮޓަރި އުޖާލާވެގެން ދިޔަހެންނެވެ. އޭނާ ބުނެލިއެވެ. "އަހަންނަކީ ނަޝްފާ."
"ޒަޔާން."
އެ ނަން އެމީހުންގެ މެދުގައި ތައާރަފު ވެގެން ދިޔައިރު، ނޭނގޭ ހޫނުކަމެއް އިހްސާސްވެގެން ދިޔަހެން ވެސް ހީވިއެވެ.
އެމީހުން ފުރަތަމަ ވާހަކަ ދެއްކީ ކުދިކުދި ކަންތައްތަކުގެ ވާހަކަ- މާލޭގެ ޓްރެފިކްގެ ކަންތައް ބޮޑުކަމާއި، ހުޅުމާލޭގެ މަގުތަކުގެ ފަސޭހަކަމުގެ ވާހަކައެވެ. އެ ވާހަކައިގެ ތެރޭގައި ނަޝްފާ އުޅެނީ ހުޅުމާލޭގައި ކަން އެނގުނެވެ. އަދި ޒަޔާން އަކީ ވަޑާން ކުރުމުގެ މަސައްކަތުގައި އުޅޭ މީހެއްކަން ވެސް ނަޝްފާއަށް އެނގިގެން ދިޔައެވެ. މީގެ އިތުރަށް ވެސް ނަޝްފާ ކޮންމެ ދުވަހަކު ޖޮގިން އަށް ދާވާހަކައާއި ސިނަމާލޭ ބްރިޖް މަތިން އިރުއަރާ މަންޒަރު ބަލާ ހިތްވާ ވާހަކަ ފަދަ ކިތަންމެ ވާހައެއް ދެމީހުންގެ ދެމެދުގައި ދެކެވުނެވެ. އަދި ނަޝްފާ އަކީ ކޭޓަރިން ޚިދުމަތެއްގައި އުޅޭ މީހެއް ކަމަށް ވެސް އޭނާ ބުންޏެވެ. އެހެން ނަމަވެސް އެއީ ޕާޓްޓައިމްގައެވެ.
ޑޮކްޓަރަށް ދައްކަން ވަންނަން ވަންދެން އެދެމީހުން އެކަކު އަނެކަކާ ވާހަކަ ދައްކަންތިއްބެވެ. އެތަނަށް މީހުން ވަދެ ނުކުމެ ހެދިކަމެއް ރޭކާވެސް ނުލައެވެ. އޭރު އެ ދެމީހުންނަށް ވަނީ އެތައް ޒަމާނެއް ވަންދެން ދެކެފަރިތަވެފައިވާ ދެ ރައްޓެހީން ކަމުގައިވެސްފައެވެ. ހީވަނީ އިތުރަކަށް އެކަކު އަނެކަކާ ބެހޭ ގޮތުން ކިޔާދޭނެ އެއްވެސް ވާހަކައެއް ނެތް ކަމަށެވެ. އެކަމަކު ޒަޔާން އަކީ އޭރު ކޮންމެވެސް ކުއްޖަކާ އެންގޭޖްވެ އިންނަން ތައްޔާރުވެފައިވާ މީހެއް ކަމެއް ނަޝްފާ ގާތަކު ނުބުނެއެވެ. އަދި ނަޝްފާ އުޅޭ އޮފީހުގެ ވެރިޔާއާ އޭނާއާ ދެމެދު އުފެދެމުންދާ ގުޅުމުގެ ވާހަކައެއް ވެސް ނުބުނެއެވެ.
ނަރުސް ކުއްޖަކު އައިސް ޒަޔާންއަށް ގޮވާލުމުން އޭނާ ފަސްޖެހުނެވެ. "ފަރުވާތެރި ވާތި!" މަޑުމަޑުން ނަޝްފާ ބުނެލިއެވެ.
"އަދި ކަލޭވެސް.." ތަދުވި ނަމަވެސް ހިނިތުންވެލަމުން އޭނާ ޖަވާބު ދިނީ، "ތިޔަ ބައިސްކަލުގެ ޗޭނަށް ސަމާލުކަން ދީގެން އުޅޭތި."
ދެމީހުންނަށް ވެސް ތިބެވުނީ ހިނިތުން ވެވިފައެވެ.
ޒަޔާން ފަހަތަށް އެނބުރިލާފައި ބަލައިލިއެވެ. އޭނާގެ ހިތުގެ ތެޅުންތައް އަވަސްވެފައިވިއެވެ. އެކަމަކު އޭނާ ހިތާހިތާ ބުނެލިއެވެ. އެއަކީ އެއްވެސް އާކަމެއް ނޫން- ބަހާރު މޫސުމެއްގައި ގުލްޝަންގެ ތެރޭން އެކި ކަހަލަ މާތައް ފޮޅިފައިވާތަން ފެންނާނެއެވެ. ފަހަކުން އެހަނދާނެއް ނުހުންނާނެއެވެ. އެކަމަކު ހިތުގެ އަޑިން ކޮންމެވެސް ކަމެއް ބަދަލުވެއްޖެކަން އެނގުނެވެ.
ކޮންމެވެސް އާ މާތަކެއް ފޮޅެން އުޅޭ އުޅޭހެން ހީވިއެވެ. ޒަޔާން އޭނާގެ ހިތުގެ މައްޗަށް ބާރުފޯރުވިއެވެ.
(ނުނިމޭ)



advertisment