Support Us

މޯލްޑިވިއަން އިން އެފް.އައި.ޓީ ފަސިންޖަރުންގެ ޓިކެޓްގެ އަގުހެޔޮކޮށްފި

ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް އަންނަ ފްރީ އިންޑިޕެންޑެންޓް ޓްރެވެލަރސް (އެފް.އައި.ޓީ) ފަސިންޖަރުންގެ ޓިކެޓް އަގު ޤައުމީ އެއަރލައިން، މޯލްޑިވިއަން އިން ހެޔޮކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދެއްގެ ދަށުން, އެފް.އައި.ޓީ ފަސިންޖަރުންގެ ޓިކެޓް އަގު މިހާރުގެ އަގުތަކަށް ވުރެ އެވްރެޖްކޮށް 15 އިންސައްތަ ހެޔޮވާނެ ކަމަށް މޯލްޑިވިއަނުން ބުނެއެވެ.

"މި ބަދަލުގެ މަޤްޞަދަކީ ރާއްޖެއަށް ޓުއަރ އޮޕަރޭޓަރުންނާއި، ޓްރެވެލް އޭޖަންޓުން މެދުވެރިނުވެ އަންނަ ފަސިންޖަރުންނަށް އަތްފޯރާ ފަށުގައި ރާއްޖޭގެ އެތެރޭގެ ދަތުރުތައް ކުރެވޭނެ މަގު ތަނަވަސްކޮށްދިނުމާއި، ރާއްޖޭގެ ރަށްރަށުގެ މުޖުތަމަޢުތަކަށާއި ޓޫރިޒަމް ދާއިރާއަށް އިޤްތިޞާދީ ގޮތުން ފައިދާ ކުރުވުމެވެ. މި އަގުތަކަށް ސެޕްޓެމްބަރު 1 ގައި ވަނީ ޓިކެޓު ވިއްކަން ފަށައިފައި ނަމަވެސް މި އަގުތަކުގައި ދަތުރުކުރަން ފަށާނީ އަންނަ ނޮވެމްބަރުން ފެށިގެންނެވެ." މޯލްޑިވިއަނުން ބުނެއެވެ.

"މި އިނީޝިއޭޓިވްއަކީ ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް އަޅުގަނޑުމެން ކުރާ މަސައްކަތުގެ ތެރެއިން، އަޅުގަނޑުމެންގެ ފަސިންޖަރުންނަށް އިތުރު ފައިދާތަކެއް ހޯދައިދިނުމަށް އަޅައި ފިޔަވަޅެއް. ރާއްޖޭގެ ރަށްތަކަށް ދަތުރުކުރުމަށް ފަތުރުވެރިންނަށް މި ހުޅުވައިލެވޭ ދޮރުގެ ސަބަބުން ރާއްޖޭގެ ގިނަ ރަށްތަކަކަށް ދަތުރުކުރުމުގެ މަގު ތަނަވަސް ވެގެންދޭނެ. ޓިކެޓުގެ އަގު ކުޑަކުރުމުން ޓޫރިޒަމްގެ ސިނާޔަތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެތުރިގަންނާނެ،" މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް އިޔާސް ވިދާޅުވިއެވެ.

މޯލްޑިވިއަންއަކީ ރާއްޖޭގައި އެންމެ ގިނަ ރަށްތަކަކަށް ޚިދުމަތްދޭ އެއަރލައިނެވެ. މިހާރު މޯލްޑިވިއަން އިން 17 ރަށަކަށް ފްލައިޓުގެ ޚިދުމަތް ދެމުން ގެންދެއެވެ.

އެފް.އައި.ޓީ ފަސިންޖަރުންގެ ޓިކެޓުތައް އަގުހެޔޮ ކުރުމުގެ އިތުރުން، މޯލްޑިވިއަން އިން މިހާރުވެސް ރާއްޖޭގެ ޓޫރިޒަމް ވިޔަފާރިތަކަށާއި، ރިސޯޓުތަކަށާއި، ގެސްޓްހައުސްތަކަށް ޓިކެޓު ވިއްކަމުން ގެންދަނީ ޚާއްޞަ ރޭޓްތަކަކަށެވެ.