މި މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ވަރަށް ފުރިހަމަ ހަނދުކޭތައެެއް ހިފާނެއެވެ. އެއީ، އެންމެ ފުރިހަމަ ކޭތަ އެކެވެ. އެ ކޭތަ މުޅި ދިވެހިރާއްޖޭގެ ހުރިހައި ހިސާބަކަށްވެސް އެއްވަރަށް ފެންނާނެއެވެ. މި ކޭތައަކީ، ފުރިހަމަ "ބްލަޑްމޫން" އެކެވެ. ނުވަތަ އެންމެ ފުރިހަމަ ރަތްކޭތަ އެކެވެ.
މި ކޭތައަކީ، ފަހުގެ ތާރީޚެއްގައި ހިފާ އެންމެ ދިގު ހަނދުކޭތަ ކަމަށް ނިސްބަތްކޮށް ބައެއް ނޫސްތަކުގައި ލިޔެފައި ހުއްޓާ ދުށް ހަނދާނެއް ވެއެވެ. ނަމަވެސް، މި ކޭތައަކީ، ފަހުގެ ތާރީޚެއްގައި ހިފާ އެންމެ ދިގު ކޭތައެެއް ނޫނެވެ.
ދާދި ފަހުން ވަރަށް ދިގު ކޭތައެެއް ހިފައިފައި ވެއެވެ. އެއީ، 19 ނޮވެމްބަރ 2021 ގައެވެ. އެ ކޭތައިގެ ވަގުތު ހަ ގަޑިއިރާއި ދެ މިނިޓަށް ދިގުދެމިގެން ގޮސްފައިވެއެވެ. އެކަމަކު މި މަހުގެ ހަތް ވަނަ ދުވަހުގެރޭ ހިފާ ކޭތައިގެ ވަގުތުގެ ދިގުމިނަކީ ފަސް ގަޑިއިރާއި 27 މިނިޓެވެ. އެއީ، 2021ގެ ކޭތައަށް ވުރެން 35 މިނިޓް ވަގުތުގެ ގޮތުން މަދު ކޭތައެކެވެ.
އިސްވެ ބުނެވުނު 2021ގެ ކޭތައިގެ ކުރިން އެފަދަ ދިގު ވަގުތެއްގެ ކޭތައެެެއް ހިފައިފައިވަނީ 18 ފެބްރުއަރީ 1440 ގައެވެ. އެހެންކަމުން މި ފަހަރުގެ ކޭތައިގެ ވަގުތު 2021 ގަައި ހިފި ކޭތައިގެ ވަގުތަށް ވުރެން 35 މިނިޓު، ވަގުތުގެ ގޮތުން މަދުވާތީ، މިފަހަރުގެ ކޭތައަކީ މިފަހުން ހިފާ އެންމެ ދިގު ކޭތައަށް ނުވަނީއެވެ.
މި މަހުގެ ހަތް ވަނަ ދުވަހުގެރޭ ހިފާ ހަނދުކޭތަ އެންމެ ފުރިހަމަޔަށް ފެންނާނެ އެއްގައުމަކީ ދިވެހިރާއްޖެއެވެ. ސަބަބަކީ، މި ކޭތަ އެންމެ ފުރިހަމަވާ ވަގުތު ކަމަށްވާ މާލޭގަޑިން ރޭގަނޑު 11:12 ގައި ހަނދު ހުންނާނީ މަލޭ އޮންނަ ޠޫލު (ލޮންޖިޓިޔުޑް) އަށް ވުރެން 13 ދަރަޖަ އިރުމަތީގައި ކަމަށްވެފައި، ހަ ދަރަޖަ ދެކުނު ޢަރުޟު (ލެޓިޓިޔުޑް) އެއްގައި ކަމަށްވުމުން ހަނދު ފެންނާނީ މާލެއަށް މެދު އުޑުގައި ހުންނައިރު ހުންނަ ފަދަ ގޮތެއްގައި މެދުއުޑާ ދާދި ކައިރީގައި ކަމަށް ވާތީއެވެ.
މި ކޭތަ އެންމެ ފުރިހަމަވާ ވަގުތު އެންމެ ރީތިކޮށް ފެންނާން ހުންނާނެ އެއް ގައުމަކަށް ރާއްޖެ ވުމުގެ އެއް ސަބަބަކީވެސްއެއެވެ. މި ކޭތައިން ލޮލަށް ފެންނަ ކޭތަ ހިފާން ފަށާ ވަގުތަކީ އެރޭ މާލޭގަޑިން 09:27 އެވެ. ލޮލަށް ފެންނަ ކޭތަ ވީއްލާ ގަޑިއަކީ މާލޭގަޑިން އެރޭ 12:56 އެވެ.
މި ކޭތައިގެ ވަގުތު އެހައި ދިގުދެމިގެންދާ ސަބަބަކީ، އެ ވަގުތު ހަނދު ހުންނާނީ ޢަރުޟުގެ ގޮތުން ހަ ދަރަޖަ ދެކުނުގައި ކަމަށްވެފައި ހަނދު ދަތުރު ކުރަމުން އަންނާނީ ޚައްޠު އިސްތިވާ އާ ދިމާޔަށްކަމަށްވެފައި، އެވަގުތު އިރު ހުންނާނީ ފަސް ދަރަޖަ 46 އުތުރު ޢަރުޟުގައި ކަމަށްވެފައި އިރުވެސް ދަތުރު ކުރަނީ ޚައްޠު އިސްތިވާ އާ ދިމާޔަށް ކަމުގައިވާކަމެވެ.
އަދި އިރާއި ހަނދު ދުނިޔެއާ ހުންނަ ދުރުކައިރި މިނުގެ ނަޒަރުން އެ ދޭތީގެ ބޮޑުމިން ވަޒަންކުރާ ހަމައިން ބަލާއިރު އެރޭ ހަނދުގެ ސައިޒަކީ މެދުމިނުގެ ސައިޒަށް ވުރެން ބިޔަ ސައިޒެއް ކަމަށްވާތީ، އެރޭގެ ކޭތައިގެ ވަގުތުގެ ދިގުމިން 2021 ގެ ހަނދުކޭތައިގެ ވަގުތަށް ވުރެން 35 މިނިޓްގެ ވަގުތު މަދުވުމުގެ ސަބަބަކަށް ވެއެވެ.
މި ކޭތަ ފެންނާނެ ސަރަޙައްދުގައި ހިމެނޭ ގައުމުތަކުގެ ނަންތައް ވަކިވަކީން ތަފްޞީލު ކުރުމަށް ވުރެން ކުރުކޮށް ބަޔާން ކުރުމަށްޓަކައި ފެސިފިކު ކަނޑިގެ މެދުން ފެށިގެން ހުޅަނގަށް ގޮސް އެޓްލާންޓިކް ކަނޑުގެ އިރުމަތީ ސަރަހައްދާ ދެމެދުގައި ހިމެނޭ ހުރިހައި ގައުމަކަށްވެސް ފެންނާނޭ ކަމަށް ބުނުން ފުދެއެވެ.
ފަލަކުގައި އެވަގުތު އިރާއި ހަނދު ހުންނާނެ ޕޮޒިޝަނަށް ބަލާއިރު ހަނދު ހުންނަނީ ޙޫތު (ޕީޝީޒް) ގެ ފުރަބަދުރުވަ ނަކަތުގައި ކަމަށްވެފައި އިރު ހުންނަނީ ސުންބުލާ (ވާގޯ) ގެ އުތުރަ ނަކަތުގައި ކަމުން އިރާއި ހަނދު އެވަގުތު ފަލަކުގައި ހުންނަ ފަލަކީ ދުރުމިނުގެ ތަފާތަކީ 180 ދަރަޖައެވެ. މާރަހަވާ ގޮތަށް އެ މިންވަރަށް އިރާއި ހަނދު ތަފާތުވާ ކޮންމެ ފަހަރަކީވެސް ހަނދުކޭތަ ހިފާ ފަހަރެކެވެ.
ސެޕްޓެމްބަރު ހަތް ވަނަ ދުވަހުގެރޭ މާލޭގަޑިން 11:12 ގައި އިރާއި ހަނދާއި ދުނިޔެ އެއްދަނޑިއަކަށް އައިސް އެންމެ ފުރިހަމަ މާރަހައެއް ވާނެއެވެ. މި ކޭތައިގެ ސަބަބަކީ އެ މާރަހަވުމެވެ.
އެރޭގެ މޫސުމީ ހާލަތަށް ބަލާއިރު އެ ރެޔަކީ އުތުރަ ނަކަތުން ފުރަތަމަ ރޭ ކަމަށްވިޔަސް އެރެޔަކީ ވިއްސާރަވާނޭ ރެއެއް ކަމަށް ނުފެނެއެވެ. ނަމަވެސް އުޑުމަތީ އެންމެ ސާފު ރެޔަކަށް ނުވާނެއެވެ. ވިލާ ގިނަ ރެއެއް ކަމުގައިވެސް ވާނެއެވެ.
ކުރިން ދުރާލައި މި ކޭތަ ހިފާކަން އެނގުމަކީ، އެރޭގައި ކުރާ ކޭތަ ނަމާދަށް ދިއުމަށް ލިބޭ ފަސޭހައެއް ކަމުގައި ވާނެއެވެ. ކޭތަ ނަމާދަކީ ގަދަވެގެންވާ ސުންނަތް ނަމާދެކެވެ.
