ދިވެހި ގައުމަށް މި ޑިމޮކުރަސީ މުޞީބާތެއް ކަމަށް އެބަވޭ
ރިވެތި ޚުލުޤާ އަދަބު ސަދަބާ ފަނާކުޅަ ފަންޏަށް އެބަވޭ
ދޮގާ މަކަރާ ޚިޔާނާތާ ފަސާދަ އެކަނި ވެފައި ޙާޞިލް
ރޮނގާލީންވެސް މަގާމު ތަކަށް ކުފޫހަމަވާ ކަމަށް އެބަވޭ
ޢުލޫމެއް ތަޖުރިބައެއްނެތި އެކަނި އަޑުބާރު ޝަރުޠު އެއީ،
ސުލޫކީ ޝަރުޠު ހަމަވުމަކަށް ބަލައިގަނެ އެކި މަގާމުދެވޭ
ސިޔާސީ ޕޯޑިއަމުތަކުގައި އެފަދަ މީހުން އަރައި ތިބެގެން
ކިޔައިދޭ ފިތުނަވެރި ވާހަކަ އަހައިގެން ބުއްދި ފާސިދުވޭ
ޝަރީޢަތަކަށް ސަފުން ސާބިތު ނުވާނަމަވެސް ކޮރަޕްޝަނުގައި
ޚަރީފުގެ މޫސުމެއް ލައިގަތް ފަދަވެ ގައުމު މި ހަނާއެބަވޭ
ހޮވާންވީ މީހަކީ ބިޔަ ބޮޑު ސަނަދުވެރިއެެއް ކަމަށް ވީމާ
ހޮވައިދިނަކަސް އަމާނާތްތެރި ވެދާނެއެކޭ ހިޔެއް ނުވެވޭ
މިހާރު މިއޮތް ނިޒާމުން އެންމެ ވޯޓެއްވެސް ދިނުން ބިރުބޮޑު
މިހާރު މިއޮތް ގޮތުން ވޯޓެއް ލުމީވެސް ފާފައެކެ ހީވޭ
އެހެންވީމާ މި އިސްލާމީ ވަޠަނުގެ ސަލާމަތަށް ވިސްނައި
އެހެންކޮންމެސް ނިޒާމެއް ހޯދުމަށް ވާޖިބު ކަމަށް އެބަވޭ
