މަތީގައިވާ ފޮޓޯއަށް ރަނގަޅަށް ބަލައިލާށެވެ. މިއީ، ދުނިޔޭގައި ތަހުޒީބު މީހުންގެ ގޮތުގައި އަޅުގަނޑުމެންނަށް ތަސައްވުރު ކޮށްދީފައިވާ އަދި އިންސާނީ ޙައްޤުތަކުގެ ވާހަކަ އެންމެ ބާރަށް ދައްކާ ހުޅަނގުގެ ހަގީގަތް ފެންނަ އެންމެ ފޮޓޯއެކެވެ. މިއަދުގެ ދުނިޔޭގައި އަޅުގަނޑުމެން ލޯމަތީގައި މީގެ އެތައް ހާސް ފޮޓޯއަކާއި ވީޑިއޯއެއް އެބަ ފެނެއެވެ.
ޣައްޒާގައި ކުރިއަށް އެދަނީ ހަމަ މި އަނިޔާވެރިކަމުގެ ސިލްސިލާއެވެ. ފެންނަމުން އިވެމުން މި ދަނީ މި އަނިޔާވެރިކަމާއި ބޭއިންސާފުގެ ފީތާއެވެ. މިއީ މުސްލިމުންނާ ދެކޮޅަށް ހިންގާ ޢުދުވާނުގެ އެކިއެކި ބައިތަކެވެ. ވަކިވަކި އެތިއެތިކޮޅެވެ.
އަޅުގަނޑުމެން "ޓެރަރިޒަމް" މި ކިޔަވަނީ ހުޅަނގުގެ ފޮތްތަކުންނެވެ. ދުނިޔޭގައި އަޅުގަނޑުމެން ޓެރަރިސްޓުން ވަކިކޮށް ދެނެގަންނަނީ އެ މީހުންގެ ލޯތަކުންނެވެ. އެހެންކަމުން ހަގީގީ ޓެރަރިސްޓުން އަޅުގަނޑުމެންނަށް އޮޅިފައިވާ މިންވަރާއި އޮޅުވައިލައިފައިވާ މިންވަރު އިއްޔެގެ މި ފޮޓޯއާއި މިއަދުގެ ހާލަތުން އެބަ އެނގެއެވެ. ޣައްޒާގައި ޒަޔަނިސްޓުންގެ އަސްކަރީ ވަރުގަދަ ހަމަލާތަކުންނާއި ކާއެތިކޮޅެއް ނުލިބި ބޯއެއްޗެއް ނުލިބި ހައިހޫނުކަމުގައި ބަނޑަށް މަރުވެ ޝަހީދުވެގެންދާ މައުސޫމު ތުއްތު ފުރާނަތަކުގެ ކުށަކީ ކޮބައިތޯއެވެ؟ އެއީ ޓެރަރުސްޓުންތޯއެވެ؟ މި ކުރަނީ ހަނގުރާމަތޯއެވެ؟
މި ފޮޓޯއިން ފެންނަނީ ފަރަންސޭސީން އަލްޖީރިއާ އަޅުވެތިކޮށްގެން އޮތް އިރު އަލްޖީރިއާގެ މިނިވަންކަމަށް ޓަކައި ތެދުވި އަންހެނެއް ކަމަށްވާ ޛުލައިޚާ އައްޝައިބާއެވެ. މި ފޮޓޯއަކީ އޭނާ ހައްޔަރުކުރުމަށްފަހު އަސްކަރީ އުޅަނދެއްގައި ވާޖަހައިފައި އިންދާ ނަގައިފައިވާ ފޮޓޯއެކެވެ. ފޮޓޯ ނަގައިފައި ވަނީ 1957 ވަނަ އަހަރުގެ އޮކުޓޫބަރު މަހުގެ 15 ވަނަ ދުވަހުއެވެ.
ޛުލައިޚާގެ ގައިގައި ވާޖަހައިގެން އަލްޖީރިއާގެ ވެރިރަށުގެ ބޮޑެތި މަގުތަކުގައި ފަރަންސޭސި ސިފައިން މި ޓްރަކު ދުއްވިއެވެ. ބޭނުމަކީ މިނިވަންކަމުގެ ރޫޙާއި ޖޯޝް މަރާލުމެވެ. މިނިވަންކަމަށް ޓަކައި އުންމީދުކުރާ ހިތްތައް ބިރުގަންނުވާ ފަހަތަށް ޖެއްސުމެވެ. އަނިޔާވެރިކަމުގެ ކުރިމަތީގައި އިސްޖެހުވުމެވެ. އަނިޔާވެރިކަމާ ދެކޮޅަށް ބަހެއް ބުނެލިޔަސް ހަދާލާނީ މިހެންކަން ބުނެ އިންޒާރުކުރުމެވެ. އެ ދުވަހު ޓެރަރިސްޓެއްގެ ގޮތުގައި ދައްކަން އުޅުނީ މި ޛުލައިޚާއެވެ. މިއީ ޣައްޒާއިން ވެސް މިއަދު ދައްކަން ބޭނުންވާ މަންޒެރެވެ. މިނިވަންކަމަށް ޓަކައި ތެދުވާ ކޮންމެ މީހަކީ ޓެރަރިސްޓެކެވެ. މިއަދުގެ މުސްލިމު އުންމަތަށް ދީނުގެ އަދުއްވުން ދޭން ބޭނުންވާ މެސެޖު ސާފެވެ. މިކަން މިހާރު ހުޅަނގުގެ އާންމު ރައްޔިތުންނަށް ވެސް ސާފުވަމުން އެބަދާހެން ހީވެއެވެ.
ހިތްވަރު ގަދަ ޛުލައިޚާއަށް ފަރަންސޭސި ސިފައިން މި އަނިޔާތައް މެދުނުކެނޑި 10 ދުވަހު ދިނެވެ. އެކަމަކު އޭނާއެއް ފަރަންސޭސީންނަކަށް ބޮލެއް ނުލެނބިއެވެ. އޭނާގެ ފުށުން ބޭނުންވެގެން އުޅުނު އެއްވެސް މަޢުލޫމާތެއް ނުހޯދުނެވެ. އެންމެފަހުން ގޮތް ހުސްވީ އެ މީހުންނެވެ. އަދި 1957 ވަނަ އަހަރުގެ އޮކުޓޫބަރު މަހުގެ 25 ވަނަ ދުވަހު ހެލިކޮޕްޓަރަކަށް އަރުވައިގެން ގެންގޮސް ވައްޓާލައިގެން އޭނާ ޝަހީދުކޮށްލިއެވެ.
މި ޓެރަރިސްޓް ޢަމަލުތަކާއި ޣައްޒާގައި ޓެރަރިސްޓުން ހިންގާ ނަސްލު ނައްތާލުމުގެ ބޮޑު ނަސްލުހޭދައާ ހުރީ ޒަމާނާއި ހާލަތާއި ވަގުތުގެ ތަފާތެވެ. މިއީ އިސްލާމް ދީނުގެ އެންމެ ކުރީކޮޅު އީމާވި ނިކަމެތި އަޅު މުސްލިމުންނަށް މައްކާގެ ކާފަރުން ދޭންފެށި އަނިޔާއާގެ ސިލްސިލާއެވެ.
މި ކަންކަމުން ލިބޭ ޢިބުރަތަކީ މުސްލިމުން ނިކަމެތިވެ އަޅުވެތިވެއްޖެނަމަ ދީނުގެ އަދުއްވުން މިނިކާ ޖަނަވާރުތަކެއްހެން މުސްލިމުންގެ މައްޗަށް އަރައިގަންނާނެކަމެވެ. އަދި އަޅުވެތިކަމާ ދެކޮޅަށް ތެދުވާ ކޮންމެ ބަޔަކާ ދެކޮޅަށް ވެސް ވޭންދެނިވި އަނިޔާތައް ދޭނެކަމެވެ. މުސްލިމުންގެ އެއްވެސް އާރެއް ބާރެއް ދުނިޔޭގައި އޮންނަން ޔަހޫދީންނާއި ނަސޯރާއިންނާ އަދި ބާޠިލު އެއްވެސް އަގީދާއެއް ގަބޫލުކުރާ އެއްވެސް ބަޔަކު ނުރުހޭނެކަމެވެ.
ޛުލައިޚާ އައްޝައިބާއަކީ އަލްޖީރިއާގެ މިނިވަންކަމަށް ޓަކައި ހަނގުރާމަކޮށް ޝަހީދުވި އެއް މިލިއަން މީހުންގެ ތެރެއިން އެކަކެވެ. މިއަދު ޣައްޒާގައި ޝަހީދުވެދާ ކޮންމެ ތުއްތު ކުއްޖަކާއި ކޮންމެ އަންހެނަކާއި ފިރިހެނަކީ ވެސް މި އުންމަތުގެ ހައްގުގައި ޝަހީދުވެދާ ޠާހިރު ފުރާނައެކެވެ. ދީނުގެ ދުޝްމަނުންގެ އަނިޔާވެރި ޢަމަކުތަކުގައި ޝަހީދުވެދާ އަޅުގަނޑުމެންގެ ލޮބުވެތި އަޚުންނާއި އުޚުތުންނަށް ސުވަރުގޭގެ ދާއިމީ ރަޙުމަތާއި ނިޢުމަތް ލައްވާށިއެވެ. އަދި އަނިޔާ ލިބެމުންދާ ފަރާތްތަކަށް ހިތްވަރާއި ކެތްތެރިކަން މިންވަރުކުރައްވާށިއެވެ.
މަޢުލޫމާތު: މެތިއު ޕްރިމޮންޓް
ނެގީ: ވޮބްލަރ ބަސްޓަރ އެފްބީ ޕޭޖް
* ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން



advertisment