ތިރީގައިވާ ފޮޓޯތަކުގައި މި ދައްކާލަނީ 1977 ވަނަ އަހަރުގެ ޖުލައި މަހުގެ 17 ވަނަ ދުވަހު ޏ. އަތޮޅު އޮފީހުގެ އޭރުގެ ކާތިބު ފާރޫޤު އަޙްމަދު ލިޔުއްވި ރޭޑިއޯތެލެފޯން މެސެޖަކާއި ދޫނޑިގަމު އަބުލަޣީގޭގައި މިހާރުވެސް އޮތް 1978 ވަނަ އަހަރުގެ ސެޕްޓެމްބަރ 15 ވީ ހުކުރު ދުވަހުގެ ލެޓިނުން ލިޔެފައިވާ ހުކުރު ޚުޠުބާގެ ނަކަލެކެވެ.

ތާނަ އަކުރު އުވާލައި ދިވެހިބަހުން ލިޔާ އަކުރުތަކަކީ ލެޓިން އަކުރު ކަމަށް ސަރުކާރުން ރަސްމީކޮށް ހަމަޖެއްސީ 1976 ގައެވެ. އެކަމަކު ސަރުކާރުގެ ލިޔުންތައް ލެޓިނުން ލިޔެ އުޅުނީ ގާތްގަނޑަކަށް ތިން އަހަރެއްހާ ދުވަހުއެވެ.
ދިވެހިން އަރަބި ބަހުން ލިޔެ އުޅުނު ޒަމާނެއްވެސް ދިޔަ ކަމަށްވެއެވެ. އެނގިފައިވާ ގޮތުން އެންމެ އެވޭލާ ލިޔުންތައް ހުރީ ދިވެސް އަކުރުންނެވެ.
ދިވެހިރާއްޖެއަށް ޓެލެކްސް ތަޢާރަފުވެ ވިޔަފާރިއާއި އިޤްތިސާދު ކުރިއަރައިދާން ފެށުމުން، ޓެކްނޮލޮޖީގެ އެހީގައި މުވާސަލާތު ކުރުމުގެ ބޭނުންތައް އިތުރުވާން ފެށިއެވެ.
ޓެލެކްސް މެޝިނަކުން ތާނައިން ލިޔެފައިވާ ލިޔުމެއް ވަޔަރލެސްކޮށް އެހެން ގައުމަކަށް ނުވަތަ އެހެން އޮފީހަކަށް ނުފޮނުވެއެވެ. ހަތްދިހައިގެ އަހަރުތަކަކީ އިނގިރޭސި ބަސް ދަންނަ މީހުން ރާއްޖޭގައި އެހާ ގިނަ ޒަމާނެއްވެސް ނޫނެވެ. އެހެން ކަމުން ބޭރުގެ މުޢާމަލާތުތަކަށާއި އިޤްތިސާދީ މުޢާމަލާތުތަކަށް ތާނަ އަކުރުން ޓެލެކްސް ނުފޮނުވުމުގެ ދަތިކަން ވަރަށް ބޮޑުވިއެވެ.

މިކަމަށް ޙައްލު ހޯއްދެވުމަށް ރައީސް އިބްރާހިމް ނާސިރު އެޅުއްވި ފިޔަވަޅަކީ ތާނަ އަކުރުގެ ބަދަލުގައި ދިވެހި ލިޔުންތައް ލެޓިން އަކުރުން ލިޔާގޮތަށް ބަދަލުކޮށް ތާނަ އަކުރު އުވާލެއްވުމެވެ. ދިވެހި ބަހުން ލިޔުމަށް އުފެއްދެވި ލެޓިން އަކުރުތަކަށް ދިން ނަމަކީ "މާލޭ ލެޓިން" "Male' Latin" އެވެ.
ލެޓިން އަކުރު ތަޢާރަފު ކުރެއްވުމަފަހު މި އަކުރުތަކުން ލިޔުމަށާއި ކިއުމަށް ދިވެހިން އަހުލުވެރި ކުރުވުމަށް ވަރަށް ބޮޑު ކޭމްޕެއިނެއް ސަރުކާރުން ހިންގެވިއެވެ. ރަށްރަށުގެ ކަތީބުންނާއި އިމާމުންނާއި ޤާޟީންނާއި ކާތިބުން މާލެ ގެންނަވައި ލެޓިނުން ލިޔާނެގޮތް ދަސްކޮށްދެއްވައި 'ލެޓިނުން ލިޔާށާއި ކިޔަން އެނގޭ ކަމުގެ ސަނަދު' ވެސް ދެއްވިއެވެ.
މި ކޭމްޕެއިނަށްފަހު ސަރުކާރުގެ ލިޔުންތަކާއި ރޭޑިއޯ މެސެޖްތަކާއި ހުކުރު ޚުޠުބާ ފަދަ ހުރިހާ ލިޔުންތަކެއް ހުންނަނީ ލެޓިނުންނެވެ. އެ ދުވަސްވަރު ޗާޕްކުރި ބައެއް މަޖައްލާތަކާއި ވާހަކަ ފޮތްތައްވެސް ލެޓިނުން ޝާއިޢު ކުރިއެވެ.
ލެޓިނުން ހުކުރު ހުތުބާ ކިޔަންފެށި ދުވަސްވަރު، 12.35ގައި ކިޔަންފަށާ ހުތުބާ، އަސުރުވާއިރު ވެސް ނުނިމިގެން އުޅެންޖެހިފައިވެއެވެ. މިއީ ހަގީގަތެކެވެ.
ނަވާރަ ސަތޭކަ ހަތްދިހަ އަށްވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އައިއިރު ރައީސް ނާސިރު ވަނީ އިތުރު ދައުރަކަށް ކުރިމަތި ނުލައްވާ ގޮތަށް ނިންމަވައިފައެވެ. އެހެންކަމުން އެ އަހަރު ރައީސުލް ޖުމްހޫރިއްޔާކަމުގެ މަގާމަށް އިންތިޚާބުވެ ވަޑައިގަތީ ރައީސް އަލްއުސްތާޛު މަޢުމޫނު ޢަބްދުލްޤައްޔޫމެވެ. އެ މަނިކުފާނު ރައީސްކަމާ ޙަވާލުވެ ވަޑައިގެން އަލުން ތާނަ އަކުރު ބޭނުން ކުރައްވަން ނިންމަވައި ލެޓިން އަކުރު އުވާލެއްވީއެވެ. ދިވެހީންގެ އަމިއްލަ އަކުރު އެ ދުވަހު އުވިނުދިޔައީ ރައީސް މައުމޫން ފެއްޓެވި ގައުމީ ބުރަ މަސައްކަތްޕުޅުންނެވެ.
ލެޓިން އަކުރު އުވާލެއްވި ނަމަވެސް ނުރަސްމީ/ރަސްމީ ގޮތުން ލެޓިން ބޭނުން ކުރަމުން ގެންދެއެވެ. ސަރުކާރުގެ ވަރަށް ގިނަ ލިޔުންތަކާއި ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ ލިޔުންތަކާއި އިޤްތިޞާދީ މުޢާމަލާތްތަކުގައި ލެޓިން އަކުރު ބޭނުން ކުރަމުން އައެވެ.
ދެން އައީ ކޮމްޕިއުޓަރާއި މިހާރުގެ ޓެކްނޮލޮޖީގެ ޒަމާނެވެ. ޓެކްނޮލޮޖީ އައިސް ތާނަ އަކުރުގެ މުހިއްމުކަން ވަރަށް ބޮޑަށް ކުޑަކޮށްލައިފިއެވެ. ނަމަވެސް ސަރުކާރާއި އަމިއްލަ ފަރުދުންގެ މަސައްކަތުން ތާނަ ފޮންޓުތައް ތައާރަފުވެ، ފޯނުން ވެސް މިހާރު ތާނަ ލިޔެވެއެވެ. އެކަމަކު އަދިވެސް ލެޓިނުން ލިޔުން ނެތިއެއް ނުދެއެވެ. އަމުދުން ޒުވާން ޖީލު ނުވަތަ ޖެންޒީން ލިޔަނީ އިނގިރޭސިން ނުވަތަ ލެޓިނުންނެވެ.
އާންމުންގެ ތެރޭގައި ތާނަ އަކުރަށް އަންނަމުންދާ ހީނަރުކަން މިދާ ނިސްބަތުގައި ދަށަށް ދާނަމަ މި އަކުރުގެ މައްޗަށް ލެޓިން އަކުރު ކުރިހޯދައި، ރަސްމީ ސިފައެއްގައި އުވައިނުލިޔަސް ތާނަ އުވިގެން ދިއުމީ ކައިރި ކަމެކެވެ. ސަރުކާރުން ވަރަށް ވަރުގަދަ ފިޔަވަޅެއް އަޅުއްވައި ތާނަ އަކުރު ސަލާމަތް ކުރެވޭނެ މަގު ނުހޯއްދެވިއްޔާ 2050 ވަނަ އަހަރާ ހަމަޔަށް ދާއިރު ދެން އަންނަ ޖީލުގެ ދިވެހިންގެ އަޣުލަބިއްޔަތު މި އަކުރު ބޭނުމެއް ނުކުރާނެއެވެ.
ނޯޓް: މިތާނގައި ހިމަނައިފައިވަނީ ލެޓިން ހުކުރު ޚުޠުބާގެ ފުރަތަމަ ސަފުޙާއެވެ. މިއީ ތާރީޚި މަޢުލޫމާތެއް ހިއްސާ ކުރުމުގެ ބޭނުމުގައި ލިޔުނު ލިޔުމެއް ކަމުން މުޅި ޚުޠުބާ ނުލީއެވެ.



advertisment
One Response
"ދިވެހި ބަހުން ލިޔުމަށް އުފެއްދެވި ލެޓިން އަކުރުތަކަށް ދިން ނަމަކީ "މާލޭ ލެޓިން" "Male' Latin" އެވެ."
މިއީ ކޮން ލިއުމެއްގައި އޮތް މަޢުލޫމާތެއްތޯ؟ އޭރުގެ ރޖގެ އޮފީހުން ނެރުއްވި އެއްވެސް ދެންނެވުމަކުން، ފޮތަކުން މި ނަން ނުވަތަ އެހެން ނަމެއް ވެސް ދުށް ހަނދާން ނުވާތީ އޮޅުންފިލުވައިލުމުގެ ގޮތުން ދަންނަވައިލީ.