ޙަޔާތުގެ ނައު ކުރާ ދަތުރަށް ވަޔާ އޮއި ފައްސަ ނުވެދާނޭ
ލަޔާޤަތު ހުރިކަމަކު ނިޔަމީން ނިޔާމަ ދަތުރު ނުވެވިދާނޭ
ޖަހާ ފުސްކޮޅުކޮޅާ އުދަރެސް ބަނަވެ ވައިހަރުވެ ޖެހިލާފައި
ގަހާވަޅު ހުންނަ ވައިވަރުގޮސް ސުހައިލަށްވެސް އެނބުރިދާނޭ
ނަގާ ބިޔަ ރާޅުތައް އުޅަނދާ ހިތާނުވެދާ މިސާލެއްގައި
މަގާ އޮޑި ފޭނުކޮށް ނުފުދޭ ގޮތަށް ޙާލަތު ފުރޮޅިދާނޭ
ދެބޮމަ ދަންމާނު ދޫކޮށްފައި ނުހަނުފަހިކޮށް ކުރިންދުވިއޮޑި
އޮބައިލައިފައި ފަހަށްދިޔަ ރަށްތަކަށް ދާން އެބުރި ޖެހިދާނޭ
ފުރާއިރު މޫސުމާ ނަކަތާ ބަލައިވިސްނައި ހަދަންޖެހުނަސް
ދުރާލައި ނުބެލި އޮތް އޮތުމުން ގަދައިގައި ނަކަތު ޖެހިދާނޭ
ޚިޔާލުގެޗާޓު ކުރަހައިގެން ބަނދަރުކަނޑައެޅި ޔަޤީންކޮށްގެން
ރިޔާ ފޮޅިވައިލިޔަސް ދާންވާ ރަށާ ހަމަޔަށް ނުދެވިދާނޭ
މިސާލުތަކުން މިފަދަ ހުރިހައި ފިލާވަޅު ދަސްނުކޮށް ފުރިނަމަ
ފިސާރި މުޞީބަތާ ލައިގަނެ ޣަރަޤުގެ ހިތާމަ ޖެހިދާނޭ
