ސަރުކާރުން އެންމެ އިސްކަންދޭ އެއް މަސައްކަތަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް މަޝްރޫޢު ނިންމައި، އޮޕަރޭޝަން ފެށުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ އަށް ވަނަ އެޕިސޯޑްގައި މިއަދު ވާހަކަފުޅުދައްކަވަމުންނެވެ.
އިންތިޤާލީ މަރުޙަލާގައި އެންމެ ފުރަތަމަވެސް ވަޑައިގެންނެވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ހިނގަމުންދާ ގޮތް ބައްލަވައިލެއްވުމަށް ކަމަށާއި، އެ ދުވަހު ދެއްވި ބަސްދީގަތުމުގައިވެސް ވިދާޅުވެފައިވާނެ ފަދައިން، އައު ޓަރމިނަލްގެ މަޝްރޫޢު ނިންމައި، އޮޕަރޭޝަން ފެށުމަކީ މި ސަރުކާރުން އެންމެ އިސްކަންދޭ މަޝްރޫޢު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް އައު ޓަރމިނަލް ހުޅުވުމަށްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ހަލުވި ދުވެލީގައި ކުރިއަށް ދާއިރު، އެއަރޕޯޓްގެ ތަރައްޤީއަށްޓަކައި އެކި ދުވަސްވަރު، އެކި ވެރިން ތިއްބަވައިގެން ގެނެސްދެއްވި ކުރިއެރުންތަކުގެ ޙައްޤު ތަޢުރީފު އެ ބޭބޭފުޅުންނަށް ދެއްވަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލް މަޝްރޫޢު ނިންމައި، އޮޕަރޭޝަން ފެށުން ވެގެންދާނީ ދިވެހިރާއްޖޭގެ އިޤްތިޞާދަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށް ކަމަށާއި، ވަކީން ޚާއްޞަކޮށް އެއީ ފަތުރުވެރިކަމުގެ ދާއިރާއަށް ގިނަ ދޮރުތަކެއް ހުޅުވިގެންދާނެ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ސިފަކުރެއްވިއެވެ. މި އެއަރޕޯޓަކީ ދިވެހި އިޤްތިޞާދުގެ އެންމެ މުހިންމު އެސެޓް ކަމަށާއި، އެތަނަށް އަންނަ ކޮންމެ ކުރިއެރުމަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ލިބޭ ކުރިއެރުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެއަރޕޯޓަކީ ހުރިހާ ރައްޔިތުންގެ ކުރިއެރުމާއި ލާބަޔާއި މަންފާއާ ގުޅިފައި އޮތް ތަނެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ހަމަ މިފަދައިން ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރު އޮޕަރޭޓްކުރަމުން އަންނަ ސަރަޙައްދީ އެއަރޕޯޓްތަކާއި، ތަރައްޤީ ކުރަމުން އަންނަ އެއަރޕޯޓްތަކުގެ މަޝްރޫޢުތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.
ކުރިއަށް އޮތީ މިނިވަންދުވަހުގެ މުނާސަބާ ކަމުގައި ފާހަގަކުރައްވައި، ޤައުމުގެ ވެރިޔާގެ ހައިސިއްޔަތުން އެންމެ ބޭނުންފުޅުވާ ކަމަކީ، "ދިވެހިރާއްޖެއަކީ ވަރަށް އެކުވެރި ރައްޔިތަކު ދިރިއުޅޭ، ހަމަޖެހުން ޤާއިމުވެފައި އޮތް ޤައުމަކަށް ވުން" ކަމަށާއި، ބަދަލު ހިފުމުގެ ރޫހު ނެތިކޮށްލައި، އުފާވެރި، އެކުވެރި މުޖުތަމަޢެއް ދިވެހި ޤައުމުގައި އޮތުމަށް އެދިވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮތުމުގެ ޙަޤީޤަތް ގުޅިފައިވަނީ މުޖުތަމަޢުގެ ގުޅިލާމެހުމާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.



advertisment

