8 ވަނަ ޗެޕްޓަރ. ޕިކްނިކް ދަތުރު
ހަސަންގެ ކުޑަ ބައްތެލި އެރި އިރުގެ ފިޔާތޮށި ދަޅައިގެ ތެރޭގައި އައިސް ހިރުނދު ގަސް ފަންނަށް ލަފައިފިއެވެ. ބައްތެލި ކަނބަން ހުރީ ހަސަނެވެ. ދިރުނބާކޮޅުގައި ޒުބޭރު ހުއްޓެވެ. އެއީ ކުޑައިރުއްސުރެންވެސް އެކުގައި އުޅެމުން އަންނަ ކުއްޖެކެވެ. އެއްފަހަރަކު ޒުބޭރު މަރިޔަންގެ ރުމާ ޖަހައިގެން ދުއްވައިގަތުމުން ހަސަނު ގޮބޮޅިއެއް އެއްލައި އޭނާގެ ބޮލުގައި ޖެހި ހަނދާން މިހާރުވެސް އޭނާ ހުރެއެވެ. އެކަމަކު މިހާރު އެކަން ހަނދާން ކުރަނީ މަޖާ ކަމެއްގެ ގޮތުގައެވެ.
ބައްތެލި ލަފާލިތަނުން ދަތުރުދާން ތައްޔާރުގައި ތިބި އެންމެން އަރަންފަށައިފިއެވެ. ދަތުރުގައި ކައްކާނެ ތެލިތަށިތަކާއި ކާބޯތަކެއްޗާވެސް ހިފައިގެންނެވެ. ބައްތެއްޔަށް މީހުން އެރީ ފެންމަތީގައި ބައްތެލި ހަރުލާ ހުންނާނެ ވަރަކަށް ނޫނެވެ. ހަސަނު އަންގައިފިއެވެ. ފަނަރަ މީހުންނަށް ވުރެން ގިނައިން އަރައިގެން ނުވާނެއެވެ. އޭރުވެސް ވިއްސަކަށް މީހުން އަރާތިއްބެވެ. އޭގެ ތެރޭން ބާލަންވީ ވަކި މިވެނި މީހެކޭ ބުނެވޭކަށް ވެސް ނެތެވެ. ހައްތާވެސް އަހުމަދުގެ ރައްޓެހީންނެވެ. ނުވަތަ މަރިޔަންގެ ތިމާގެ މީހުންނެވެ. އޭގެ ތެރޭގައި ހަސީނާވެސް އެކަކަށް ހުއްޓެވެ.
ހަސަން ދިރުބާކޮޅަށް އަރައި ބައްތެލި ނައްޓާލިއެވެ. އޭރުވެސް އަރަން އައިސް އެތައް ބަޔަކު މޫދުގައި ކަކޫތާފެނުގައި ތިއްބެވެ.
އުޑުމަތީގައި ވިލާ ރޮއްޖެއްވެސް ނެތެވެ. ކަނޑު އޮތީ ތެޔޮ އަޅާފައި އޮތްހެންނެވެ. އެ ދުވަހަކީ ގުދުރަތީ ގޮތުންވެސް ޕިކުނިކު ދަތުރަކު ދާން އެންމެ އެކަށީގެންވާ ދުވަސްހެން ހީވެއެވެ.
އަހުމަދު ލިބުނު ފުރުސަތުގައި ކޮޅުފަސްކޮޅަށް އަރާ ހުންގާނު ހިފައިފިއެވެ. އެއާއެކު ރިޔާ ކަނޑައި ވައި އަޅުވައިފިއެވެ. ބައްދެލި ހިތްގައިމުކަމާއެކު ދުއްވައިގެންފިއެވެ. މަރިޔަންއާއި ހަސީނާއާ އަދިވެސް ދެތިން އަންހެން ކުދިން ކޮޅުފަސްކޮޅު ފިލާގަނޑު މަތީގައި އިށީނދެއްޖެއެވެ.
ނެރުން ނުކުތުމާއެކު އަހުމަދުގެ ރައްޓެހި ޒުވާނުންތައް ބެރުތަކާއި ޑަބިޔާތައް ނެރެ ލަވަ އަޅުވާލައިފިއެވެ. ރާގަކަށް ހަމަޔަކަށް ބެލުމެއް ނެތި އެންމެން އަޑުގަދަ ކުރަން ފަށައިފިއެވެ. އަންހެންވެރިންވެސް ލަވައިގައި ބައިވެރިވެ ފޯރި ނަނގަން ފަށައިފިއެވެ.
އަހުމަދު އޭނައަށް ރިސޯޓުގައި ކެޓަމަރާން ދުއްވައިގެން ލިބުނު ހުނަރުތައް ދައްކަމުން ފަރިތަކަމާއެކު ބައްތެލި ދުއްވަމުން ދިޔައެވެ.
އިރެއްވީހެން ވެސް ހީނުވެ ބައްތެލި ގޮސް މަޑުލަށް ގާތްކޮށްލިއެވެ. އޭރުވެސް ހަސަނު ދިރުނބާކޮޅު، އިއްތަފޫކައިގެން ޒަންބީލަ އަރާ އިންހެން އިނެވެ.
މަޑުލުގެ ގޮނޑުދޮށަށް ބައްތެލި ރަނގަޅަށް ނުލެފެނީސް ޒުވާނުންތައް މޫދަށް ފުންމާލައިފިއެވެ. އެއް ބަޔަކު ދޯނީގައި ހުރި ކާތަކެތި އެއްގަމަށް ގެންދިޔައެވެ. ކެއްކުމުގެ ކަންކަމުގެ އިސް މީހަކަށް ހުރީ މަރިޔަންއެވެ. އޭނާއަށް އެހީތެރިވާން ދެތިން އަންހެން ކުދީން ހަރަކާތްތެރިވަމުން ދިޔައެވެ. އޭގެ ތެރޭގައި ހަސީނާ ވެސް އުޅެއެވެ.
ޒުބޭރު އައިސް ހުރީ ހަސަނުގެ ފަޅިން ނަމަވެސް އޭނާ ބައްތެލި ބަނދެފައި އެއްގަމަށް އަރައިފިއެވެ. އޭނާގެ ސަމުގާގެ މިސްރާބު ހުރީ ހަސީނާއާ ދިމާއަށެވެ.
މޫދަށް ފުންމާލި ކުދީންގެ ތެރޭން އެއްބަޔަކު ދިޔައީ ލާންދާ އަޅާށެވެ. އެއްގަމުގައި ތިބި އަހުމަދުގެ ފަހުލަވާނުން ހަލުވިކަމާއެކު ޖެނެރޭޓަރު ހިންގައި ސްޕީކަރު ގުޅައި ލަވަ ޖަހަން ފަށައިފިއެވެ. ފަޅު ރަށެއް ވީމާ ކަންފަތަށް ނުކުޅަދާނަ ވަރަށް ވޮލިއުމް ފުލްކޮށްލައިފިއެވެ.
ދެންތިބި ކުދިން ތާސްކުޅުމާއި އެނޫންވެސް އެކުއްޖަކު ހިތާވާ ކުޅިވަރެއް ކުޅެމުން ދިޔައެވެ.
އަހުމަދު މަރިޔަންގެ ވަށައިގެން މެއްސެއްހެން އެބުރެމުން ދިޔައެވެ. އޭނާ ބަލަމުން ދިޔައީ މަރިޔަންގެ ގާތު އިންނަން އަހާލެވޭނެ ދަނޑިވަޅަކަށެވެ. މަރިޔަން އުޅެނީ އެއަށް ވުރެން އަވަދިނެތިއެވެ. ފުރަތަމަ، ބިސްގަނޑުއަޅައި ސައި ހަދައި އެންމެންނަށް ލިބޭނެ ގޮތް ހެދުމެވެ. އެއަށް ފަހު ޖޫސް ތައްޔާރު ކުރުމެވެ. އޭގެ ފަހުން ނޫޑުލްސް އާއި މަސްބަތް ކެއްކުމުގައެވެ. އިސާހިތަކު ދާ އަޅަން ދިޔަ ކުދީން މަސްފައްޗެއް ގެނެސްފިއެވެ. އެމީހުން އަލިފާން ރޯކޮށް މަސް ފިހެން އުދައިފިއެވެ. ވަލުތެރޭން އެއްބަޔަކު ބަނބުކެޔޮ ގެނެސް އެވެސް ފިހެން ފަށައިފިއެވެ. ރުއްރުކުން ކާށްޓާއި ކުރުނބާވެސް ގެނެސްފިއެވެ. ރަށަކީ މަރިޔަންގެ ތިމާގެ މީހަކު ބަލަހައްޓާ ރަށެއް ކަމުން މަނާ އެއްވެސް ކަމެއް ނެތެވެ.
ދަތުރުގެ މަޖާކަމާއި ފޯރިގަދަވެފައިވާ ވަރުން އެކަކަށް އަނެކަކު ދައްކާ ވާހަކައެއް ދޭހަވާ ވަރެއް ނުވިއެވެ. މެންދުރުން އަނބުރާ ދޭއް ތިނެއް ޖަހަނިކޮށް ހުސްނާ ތަށްޓަކަށް މަސްބަތް އަޅައިގެން ޖޫސްތައްޓެއް ހިފައިގެން އައިސް ހަސަނަށް ދިއްކޮށްލިއެވެ. އޭރު އަހުމަދަށްވެސް ނޫޑުލްސް ތައްޓެއް މަރިޔަން ދިއްކޮށްލަނީއެވެ. ހަސަން އޮތީ އަތިރިމައްޗަށް ލަނބާލާފައި އޮތް ކާނިގަހެއްގެ ގޮފިގަނޑެއް މަތީގައެވެ. ހުސްނާ އައުމުން އޭނާ ބަލާލި އިރު މަރިޔަން އަހުމަދަށް ކާން އަޅާ ދޭތަން ފެނުނެވެ.
ހަސީނާއަކީ ހަސަން މާ ގާތް މީހަކަށް ނުވިޔަސް އެވަގުތު އޭނާ އެ ތަށީގައި ހިފައިފިއެވެ. އޭނާ އޮތީ ހެނދުނުއްސުރެން އެއްޗެއް ނުކައި ވަރަށް ބަނޑުހައިވެފައެވެ. ހަސަން އޭނާ ގެނައި ތަށި ހަސަނަށް ދިއްކޮށްލިތަން މަރިޔަންއަށް ފެނުނުތޯ ވެސް ބަލައިލިއެވެ. މަރިޔަންވެސް އެ މަންޒަރު ރީއްޗަށް ފެނުނު ނަމަވެސް ފެނުނު ކަމަކަށް ނުހެދިއެވެ.
"އަހަންނަށް އެނގޭ މިހާރު ހަސަނު ހުންނާނީ ބަނޑުހައި ވެފައިކަން،" ހަސީނާ ނިކަން ތުއިކޮށް ހަސަނަށް ބަލާލިއެވެ. "ނިކަން ބަލާބަލަ، އެންމެންވެސް އެތިބަ ކަނީނު،" ހަސީނާގެ މަގުސަދަކީ މަރިޔަންއާއި އަހުމަދު ގާތުގައި ތިބެގެން ކާތަން ހަސަނަށް ދައްކައި އޭނާގެ ހިތް ތަޅުވާލުމެވެ.
ހަސަނު އެކަމަކަށް މާ ބޮޑު ޝައުގުވެރިކަމެއް ނުދޭކަމަށް ހަދާފައި ތަށި ހިފައިގެންގޮސް ގަހަކަށް ލެނގިލައިގެން ހުރެ ކާން ފަށައިފިއެވެ.
ހަސީނާ ދާން ފެށުމުން ހަސަނުވެސް ކުޑަކޮށް ހީނލާފައި "ޝުކުރިއްޔާ" އޭ ބުނެލިއެވެ.
މެންދުރު ކެއުމުގެ ފަހުން އެންމެން ބަނޑުދަމާލި ވަގުތު މަރިޔަންއާއި އަހުމަދާއި ހަސީނާއާއި ޒުބޭރު ރަށުތެރެއަށް އަރައިގެން ދާން އޮންނަ ހަނިމަގަކުން ގޮސް ނިވާވެއްޖެއެވެ.
ހަސަންއަށް އެމަންޒަރު ފެނުނެވެ. އޭނާގެ ހިތުގައި ނޭނގޭ ބާވަތެއް ރިހުމެއް އުފެދިގެން ދިޔައެވެ. އެހެންވާން ޖެހޭނެ ސަބަބެއް ނެތްއިރުގައި ވެސް މެއެވެ. މިއަދަކީ އެހެން ޒަމާނެކެވެ. މިއަދަކީ އަހުމަދުގެ ދުވަހެވެ. މިރަށުގައި އަހުމަދު ކުރަން ބޭނުން ކަމެއް ކުރެވޭނެއެވެ. ހުރިހާ ޝަރުތެއް އޭނާގެ ކިބައިގައި ފުރިހަމަވެފައި އެބަހުއްޓެވެ. ޒުވާންކަމެވެ. މުއްސަނދިކަމެވެ. ކުޅަނދާނަ ކަމެވެ. އެކަމަކު ކުޅަދާނަކަން ވަޒަން ކުރެވޭނީ ކިހިނެއްހެއްޔެވެ؟ ކުޅޭ ކުޅިވަރަކުން ހެއްޔެވެ؟ ކުރާ މަސައްކަތަކުން ހެއްޔެވެ؟
އޭނާގެ ހިތުގައި މި ހިނގައިގަތް ނުތަވަސްކަން ފިލުވުމަށް އޭނާ ގޮނޑުދޮށަށް ފައިބައިގެން ރާޅުޖަހާފަށުން ހިނގަމުން ދިޔައެވެ. ދަތުރު އައި މީހުންގެ ތެރޭން އެކަކުވެސް ފެންނާކަށް ނެތެވެ. އެމީހުން ގޮސް ވަނތްތަނެއް އެނގެންވެސް ނެތެވެ.
އެވަގުތު އޭނާ އުޑުމައްޗަށް އެއްލި ކަޅިޔަކުން ވަރަށް ދުރުގައި ހުރި ކަޅުވިލާކޮޅެއް ފެނުނެވެ. އެއަކީ ސަހަލަކުން ދާނެ ކަމެއް ނޫންކަން އޭނާއަށް ވިސްނުނެވެ. އޭނާ ދުވެފައި ރަށުތެރެއަށް ދިޔައެވެ. އަދި ބާރަށް ގޮވަން ފަށައިފިއެވެ.
"ވިއްސާރަވަނީ. އެންމެން އަވަހަށް ފުރަން އާދޭ."
މިހެން ހަސަނު ގޮވާލިއަސް އެކަކުވެސް ކަހާތަން ހިރުވާ ވެސް ނުލައެވެ. އެކަމަކު ޒުބޭރުއާއި ހަސީނާއަށް މިއަޑު އިވިއްޖެއެވެ. އޭނާ ހަސީނާގެ ގާތު ބުނެފިއެވެ.
"ހަސަނު ބުނާ އެއްޗެއް އަޑު އަހަން ޖެހޭނެ."
އެހެންވެ ހަސީނާ ގޮސް މަރިޔަންއާއި އަހުމަދަށް އެވާހަކަ އެންގިއެވެ. އެއީ ސީރިއަސް ވަގުތެއްކަންވެސް އޭނާއަށް އެނގޭމެއެވެ. އެހެންނަމަވެސް އެއީ އެމީހުން ކުރަން ޖެހޭނެކަމެކެވެ.
"އަޅާ ނުލާ." އަހުމަދު ވަގުތުން ދެކޮޅު ހެދިއެވެ. "އަދި ޖެހީ ހަތަރެއް. މި މޫސުމުގައި ފަސްގަޑިބައިގަ ފުރިޔަސް އިރު ހުއްޓާ ރަށަށް ލެފޭނެ."
އެހެންވެ އެމީހުން ތިބިތަނުން ގުޑައެއް ނުލިއެވެ.
ފަހެއް ޖެހިތަނާ ދަތުރު ދިޔަ މީހުންނަށް މޫސުން ގޯސްވެއްޖެކަން ވިސްނޭވަރު ވެއްޖެއެވެ. އޭރު ނަގާފައި ހުރި ކަޅު ވިލާގަނޑުން ކަފި ފަޅައިގެން މޫދާ ދިމާއަށް ފައިބަމުން ދިޔައެވެ. އޭރު ވައިވެސް ބާރުވާން ފަށައިފިއެވެ. ދެން އެންމެން އަވަސް އަރުވާލައި ގޮސް ބައްތެއްޔަށް އަރަން ފަށައިފިއެވެ.
އަހުމަދު ބައްތެލި ދުއްވާލަން ކަމަށް ހިތާ ކޮޅުފަސްކޮޅަށް އަރައި ރިޔާ ނަގަން އުޅެގެންފިއެވެ. އޭރު ވައި ޖެހެނީ އުލިގަމު މަތިންނެވެ. ރިޔާ ނެގިތަނާ ރިޔަލުގައި އިދިފުށަށް ވައި އަޅައި ބައްތެލި ނުފެތުނީ ކިރިޔާއެވެ. އަހުމަދަށް ކޮންޓްރޯލު ވާވަރެއް ނުވިއެވެ. އޭރު ހުރިހާ ދިމާއަކުން ރާޅު އުފުލި ބައްތެލި ހަލުވާލައިފިއެވެ. އެންމެން ރޮއި ކިޔުނު ހެޔޮ އެއްޗެއް ކިޔަން ފަށައިފިއެވެ.
ހަސަނު އިނީ ދިރުނބާކޮޅުގައެވެ. އޭނައާ ޖެހިގެން އިނީ މަރިޔަންގެ މަންމަ ފަރާތު ބޭބެއެކެވެ. އެއީ މަރިޔަން ބަލަހައްޓައި ސަލާމަތުން ގެނައުމަށް އޭނާގެ މައިންބަފައިން ފޮނުވާފައި އިން މީހެކެވެ. އޭނާ އަވަހަށް ހަސަނު ގާތު، ގޮސް އަހުމަދު އަތުން ހުންގާނު އަތުލާށޭ ބުނެފިއެވެ.
ވަގުތުގެ ހައްސާސްކަން މަރިޔަންއަށް ވިސްނިގެން އޭނާ ހަސަނަށް ގޮވާލިއެވެ.
"ހަސަނު. އަހަރެމެން ގޮވައިގެން ރަށަށް ގެންގޮސްދީ."
އޭރު އަދި އިރެއް ނޯއްސެއެވެ. އެހެން ނަމަވެސް ހުޅަނގު ފަރާތުގައި ނަގާފައި ހުރި ވިލާގަނޑު ކަޅުކަމުން އެއްގޮތަކަށްވެސް އިރުގެ އަލިކަންފުޅެއް ނުލިބެއެވެ. ވަށައިގެން އޮތީ އަނދިރި ކަމެވެ. އެއާ އެކު ވާރޭ އޮއްސާލައިފިއެވެ.
ހަސަނު މަތިކަން މަތިން ހިނގާފައި އައިސް މަޅުގަނޑެއްގެ ދަށުން ސަތަރިގަނޑެއް ނަގައި ކޮޅުފަސްކޮޅުގައި ތިބި އަންހެންވެރިންނަށް ހިޔާވާނެހެން އެ ސަތަރި ދަމާލިއެވެ. ހަސަނު ހުންގާނު ހިފައިފައި ސަތަރިގަނޑުގެ އެއްކޮޅުގައި ހިފަހައްޓަން އަހުމަދާ ހަވާލު ކުރިއެވެ.
ހަސަން ވަގުތުން ބައްތެލި ކޮންޓްރޯލުކޮށްފައި އެ ގަދަ ވައިތެރޭ ރިޔާނަގައި ބޭރަށް ދުއްވާލިއެވެ. ބައްތެލި ރާޅުތައް ކަފަމުން ދެމިގެންފިއެވެ. ދެން އޭނާ ޒުބޭރަށް ގޮވާފައި "ދިޔަފޮދު ހިއްކައިލަން ފައިބަގަ" މިހެން އެންގިއެވެ.
ބައްތެލީގެ ދަށުކިބައިން ރާޅުކަފަމުން ދެއެވެ. އަރާހާ ލޮނެއް ޒުބޭރު ހިއްކަމުން ދިޔައެވެ. ދިރުނބާކޮޅުން ރާޅުތައް ފޮނު ވިއްސަން ފެށުމުން ބައެއް ޒުވާނުންނަށް މިކަން މަޖަލަކަށް ވެއްޖެއެވެ. އޭރު އެންމެންހެން ތިބީ މަތިކިބައިގައެވެ. މިކަން ހިޔަލުގައި ތިބި އަންހެން ކުދިންނަށްވެސް މަޖާވެގެން ސަތަރިގަނޑުތެރޭން ނުކުންނަން ފަށައިފިއެވެ. މިހާރު އަހުމަދުގެ ފަޅިން އައި އެންމެންވެސް ހަސަނަށް ސާބަސްދީ އަތްޖަހަން ފަށައިފިއެވެ.
އެއްބަޔަކު ބެރުގެ ހަމަޔަށް ޑަބިޔަލެއް ޖަހަން ފަށައިފިއެވެ. އަދި "ވާރެޔާ ބޯއްޓޯ. ކުދިން ކުޅޭ ނާއްޓޯ،" އަންބާ ފަށައިފިއެވެ.
ދެނަކާ ދެނެއް ނެތެވެ. ހީވީ ޕިކްނިކް ދަތުރު ފެށުނީ އަދި ކިރިޔާހެންނެވެ. ނަގާފައި ހުރި ގަދަ ވިލާގަނޑަކަށް ބެލުމެއް ނެތި ހަސަނު ހޭރިޔާ ކުރަމުން އެދިޔަ ބާރު މިނުގައި އުލިގަމު ހިރުނދުގަހާ ދިމާއަށް ބައްތެލި ބީއްސާލިއެވެ.
އޭރު ހަސަނު ވަނީ އެ ގަދައިގައި ދަތުރު ކުރަމުން ބޮޑު ރަތް މަހެއްވެސް ބާނާފައެވެ.
އެންމެން ހަސަނަށް ސަނާކިޔަމުން އެއްގަމަށް ފައިބައިފިއެވެ. ހަސަނު ބައްތެލި ކަނބާފައި ފަޅުތެރޭން ގޮސް ފައްތިޔަލުގައި އަޅައިފިއެވެ. އޭނާ ފެންވަރައި ހަދައިގެން ރަތްމަހުގެ ގަރުދިޔައާއި ފިހުނު ބަނބުކެޔޮ ކައިގެން އޭނާ ގެންގުޅޭ ކުޑަ ރޭޑިއޯ ހުޅުވާލައިން ނިދަން ޖައްސާލައިފިއެވެ.
މަރިޔަންއަކާއި އަހުމަދެއް ހަނދާން ކުރާކަށް ވަގުތެއް ހޭދައެއް ނުކުރިއެވެ.
އޭރު ރޭޑިއޯ މޯލްޑިވްސް އިން ފޮނުވަމުން ދިޔަ ހިންދީ ލަވައިގެ ތެރެއަށް އޭނާ ގެއްލިފައި އޮތެވެ.
"އިކް ޕިޔާރްކަ ނަޣްމާހޭ.."
(ނުނިމޭ)



advertisment