މާލޭ އުތުރު ފަރާތު ބަނދަރު ސަރުކާރުން އެމް.ޕީ.އެލާ ހަވާލުކޮށްފިއެވެ.
އެމް.ޕީ.އެލުން ބުނީ، ޓްރާންސްޕޯޓް މިނިސްޓްރީ އާއި އެމް.ޕީ.އެލާ ދެމެދު ސޮއިކުރި ފަހުމުނާމާއެއްގެ ދަށުން، އެމް.ޕީ.އެލް ސަރަހައްދުން ފެށިގެން މަސްމާރުކޭޓު ކުރިމަތީގައިވާ ލޯކަލް މާރުކޭޓުގެ ހުރަސްތޮއްޓާ ހަމައަށް، ޖޫން ހަތަރަކުން ފެށިގެން ވަނީ އެމް.ޕީ.އެލާ ހަވާލުކޮށްފައެވެ. އެހެންކަމުން މި ބަނދަރު ހިންގައި ބަލަހައްޓާނީ އެމް.ޕީ.އެލްގެ މާލޭ ނޯތު ހާބަރގެ ދަށުން ކަމުގައި ވެސް އެމް.ޕީ.އެލުން ބުނެއެވެ.
"މާލޭ ނޯތު ހާބަރުން މި ބަނދަރު ހިންގުމާ ހަވާލުވުމާއެކު، މި ބަަނދަރުން 2025 އޯގަސްޓް 1 ވަނަ ދުވަހުން ފެށިގެން ޚިދުމަތް ދޭނީ މާލޭ ނޯތު ހާބާރގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދު ފަހަރަށެވެ. މި ބަނދަރުން ޚިދުމަތް ހޯދަން ބޭނުންވާ އުޅަނދުފަހަރުގެ ތެރެއިން، މިހާތަނަށް މާލޭ ނޯތު ހާބަރގައި ރަޖިސްޓްރީކޮށްފައިނުވާ އުޅަނދުތަކަށް މިހާރު ވަނީ ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލައިފައެވެ." އެމް.ޕީ.އެލުން ބުނެއެވެ. "އަދި 2025 ސެޕްޓެމްބަރ 1 ވަނަ ދުވަހުން ފެށިގެން އަލަށް މާލޭ ނޯތު ހާބަރގެ ދަށަށް ކަނޑައެޅުނު ސަރަހައްދުން ޚިދުމަތް ފޯރުކޮށްދޭނީ މާލޭ ނޯތު ހާބަރ ހިންގުމުގެ އުސޫލުގެ ދަށުންނެވެ. މާލޭ ނޯތު ހާބަރ ހިންގުމުގެ އުސޫލާއި ޓެރިފް މީގެ ކުރިން ވާނީ ގެޒެޓްކޮށްފައެވެ."
މި ބަދަލާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، މާލޭ ނޯތު ހާބަރގެ އޮޕަރޭޝަންސް ނަންބަރ 3006545 އަށް ގުޅުމަށް އެމް.ޕީ.އެލުން އެދެއެވެ.



advertisment

