ޢާޝޫރާ ދުވަހަކީ، މުޙައްރަމް މަހުގެ 10 ވަނަ ދުވަހެވެ. އަހުލުކިތާބީންނާ ޚިލާފުވުމަށް 9 ވަނަ ދުވަހާއި 10 ވަނަ ދުވަހު ރޯދަ ހިފުން މުސްތަޙައްބު ވެގެންވެއެވެ.
މާތް الله ރުއްސުންލެއްވި އިބުނު ޢައްބާސްގެފާނުގެ ކިބައިން ރިވާވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
ކީރިތި ރަސޫލާ ﷺ، ޢާޝޫރާ ދުވަހު ރޯދަހިއްޕަވާ އެކަމަށް އަމުރުކުރެއްވީމާ، އަޞްޙާބުން ދެންނެވޫއެވެ. އެއީ ޔަހޫދީންނާއި ނަޞާރާއިން ޙުރުމަތްތެރިކޮށް ހިތާ ދުވަހެކެވެ. އެހިނދު ކީރިތި ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. އަންނަ އަހަރު الله އިރާދަކުރެއްވިއްޔާ މުހައްރަމު ނުވަ ވަނަ ދުވަހުވެސް ރޯދަހިފާނަމުއެވެ. ރާވީ ވިދާޅުވިއެވެ. ނަމަވެސް އޭގެ ކުރިން ކީރިތި ރަސޫލާ ﷺ ސުވަރުގެވަޑައިގެންފި އެވެ.
އިބުނު ޙަޖަރް އަލްޢަސްޤަލާނީ އާއި އެނޫން ވެސް ބޭކަލުން ވިދާޅުވެއެވެ. ޢާޝޫރާ ދުވަހުގެ ރޯދަ ތިން ދަރަޖަ އަކަށް ދަރަޖަކުރެވެއެވެ.
1: އެންމެ ފުރިހަމަ ގޮތަކީ، އޭގެ އެއްދުވަސް ކުރިންނާއި އެއްދުވަސް ފަހުން ރޯދައެއް ހިފުމެވެ.
2: ދެން އޮތް ގޮތަކީ، 9 ވަނަ ދުވަހާއި 10 ވަނަ ދުވަހު ރޯދަހިފުމެވެ.
3: ހަމައެކަނި 10 ވަނަ ދުވަހު ރޯދަހިފުމެވެ.
މި އަހަރުގެ މުހައްރަމު 10އަށް ވަނީ އަންނަ ހޮނިހިރު ދުވަހެވެ.




advertisment