Support Us

ކޮލަމް ރަންދެލި: އިޒުރޭލުން އީރާނަށް ދިން ޙަމަލާގެ އިޤުތިޞާދީ އަދި އިޖުތިމާޢީ ގެއްލުން

އިޒުރޭލުން އީރާނާއެކު ކުރި 12 ދުވަހުގެ ހަނގުރާމައިގެ ޚަރަދުތައް އެތައް ބިލިއަން ޑޮލަރަކަށް އަރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އޮޕަރޭޝަނަލް ޚަރަދު 5.4 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، މިސައިލް ޙަމަލާތަކުން ލިބުނު ގެއްލުން 1.35 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

އީރާނަށް ޙަމަލާދިން ފުރަތަމަ ހަފުތާގެ ތެރޭގައި އިޒުރޭލުން ގާތްގަނޑަކަށް ފަސް ބިލިއަން ޑޮލަރު ޚަރަދުކޮށްފައިވާ ކަމަށް ފައިނޭންޝަލް އެކްސްޕްރެސް އިން ހާމަކޮށްފައި ވެއެވެ. ހަނގުރާމައިގެ ދުވާލެއްގެ ޚަރަދު 725 މިލިއަން ޑޮލަރަށް އަރާ އިރު، އޭގެ ތެރެއިން 593 މިލިއަން ޑޮލަރަކީ ސީދާ ޙަމަލާތައް ދިނުމަށް ހިނގި ޚަރަދެވެ. އޭގެ އިތުރުން ދިފާޢީ ފިޔަވަޅުތަކާއި އަސްކަރީ ފައުޖުތައް އެއްތަނުން އަނެއް ތަނަށް ގެންދިއުމަށް 132 މިލިއަން ޑޮލަރު ޚަރަދުވެފައި ވެއެވެ.

އެންޓި މިސައިލް އެއާރ ޑިފެންސް ސިސްޓަމްތައް ހިންގުމަށް ދުވާލަކު އިޒްރޭލަށް 10 މިލިއަން ޑޮލަރާއި 200 މިލިއަން ޑޮލަރާ ދެމެދުގެ ޢަދަދެއް ޚަރަދުވާނެ ކަމަށް ވޯލް ސްޓްރީޓް ޖާރނަލް އިން ރިޕޯޓްކޮށްފައި ވެއެވެ.

އިޒުރޭލުގެ ފިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗް، އިޒުރޭލުގެ ޤާނޫނު ހަދާ މަޖިލިސް، ކެންސެޓްގެ ފައިނޭންސް ކޮމިޓީއަށް މަޢުލޫމާތު ދެމުން އެއްބަސްވެފައިވާ ގޮތުގައި، ދާދި ފަހުން ހިންގި "އޮޕަރޭޝަން އަޔަން ޑޮމިނިއަން" އަށް ގާތްގަނޑަކަށް 20 ބިލިއަން ޝެކެލް ނުވަތަ ގާތްގަނޑަކަށް 5.4 ބިލިއަން ޑޮލަރު ޚަރަދުވެފައިވާއިރު، އީރާނުގެ މިސައިލް ޙަމަލާތަކުން ލިބުނު މާއްދީ ގެއްލުންތަކުގެ ރަސްމީ ޚަރަދު 4.5 ބިލިއަން ޝެކެލް ނުވަތަ 1.35 ބިލިއަން ޑޮލަރަށް އަރާފައިވެއެވެ.

ފިނޭންސް މިނިސްޓަރު ބުނި ގޮތުގައި ޑިފެންސިވް މިސައިލް ސިސްޓަމްތައް، ޚާއްސަކޮށް "ޑޭވިޑްސް ސްލިންގް އެންޑް އެރޯ" އިން ހުއްޓުވަން މަސައްކަތްކުރި ކޮންމެ ހަމަލާއަކަށް ހަތަރު މިލިއަން ޑޮލަރާއި ހަމައަށް ޚަރަދުވެފައިވާ އިރު، ވައިގެ ޙަމަލާތަކާއި ރިޒާވް ފޯސްތައް ހަނގުރާމައިގައި ބޭނުންކުރުމުގެ ސަބަބުން ދުވާލެއްގެ ޚަރަދުތައް މީގެ ކުރިން މައްޗަށް ނުދާ މިންވަރަށް ވަނީ އުފުލިފައެވެ. މި ހަނގުރާމަ ދިގުދެމިގެން ގޮސްފިނަމަ މަހެއްހާ ދުވަހުގެ ތެރޭގައި ޖުމްލަ ޚަރަދުގެ ބިލް 12 ބިލިއަން ޑޮލަރަށް ވުރެ ބޮޑުވެދާނެ ކަމަށް އިޤުތިޞާދީ މާހިރުން ދިޔައީ އިންޒާރު ދެމުންނެވެ.

މުދަލަށް ލިބުނު ގެއްލުމުގެ ރަސްމީ ހިސާބުތައް މިހާރު ވަނީ އޮކްޓޯބަރު 2023 ގައި ދިން ހަމަލާތަކުގައި ލިބުނު ގެއްލުމަށްވުރެ ދެގުނަ ބޮޑުވެފައެވެ. ޓެކްސް އޮތޯރިޓީގެ ވެރިޔާ އަމީރު ދަހާން ބުނި ގޮތުގައި ފުރަތަމަ ބާރަ ދުވަހުގެ ތެރޭގައި އެކަނި ވެސް ގާތްގަނޑަކަށް ފަންސާސް ހާސް ކްލޭމް ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި ތެލް އަވީވުން ހަލާކުވެފައިވާ މީހުން ދިރިއުޅޭ ބްލޮކްތަކާއި ހައިފާގެ ތެޔޮ ރިފައިނަރީ އަދި ވައިޒްމަން އިންސްޓިޓިއުޓް ފަދަ ފެސިލިޓީތައް ހިމެނެއެވެ. އިޤުތިޞާދީ ޕްރެޝަރު ބޮޑުވެ، ޑިފެންސް ބަޖެޓަށް 857 މިލިއަން ޑޮލަރުގެ އިތުރު ކުރުމަށް ރުހުން ވަގުތުން ދިނުމަށާއި، ޞިއްޙީ އަދި ތަޢުލީމު ފަދަ އިޖުތިމާޢީ ދާއިރާތަކުން 200 މިލިއަން ޑޮލަރު އުނިކުރުމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ އެދިފައެވެ.

މީގެ އިތުރުން ވިޔަފާރި މުޖުތަމަޢު އޮތީ އިނދަޖެހިފައެވެ. އެތެރެއާއި ބޭރުގެ ވިޔަފާރިވެރިންނަށް އިޒުރޭލަކީ މިހާރު އެއްވެސް ޔަޤީންކަމެއް އޮތް ތަނެއް ނޫނެވެ. ޙިއްސާގެ ބާޒާރު އޮތީ ފުނޑިފައެވެ. ފަތުރުވެރިކަމުގެ އާމްދަނީ އެއްކޮށް ހުއްޓިފައިވާއިރު، ބީރްޝަބާ އާއި ހައިފާ ފަދަ ސިނާޢީ މަރުކަޒުތަކުގެ އުފެއްދުންތެރިކަން ވަނީ އެއްކޮށް ހުއްޓިފައެވެ.

ސަރުކާރަށް ފާޑުކިޔާ މީހުން ބުނާ ގޮތުގައި ހަނގުރާމައަށް ކުރާ ޚަރަދުތަކުގެ ސަބަބުން ވަރަށް އަވަހަށް އިޒުރޭލުގެ އަހަރީ ބަޖެޓުގެ ޑެފިސިޓް ހަ ޕަސެންޓަށް އަރާފާނެއެވެ. މާލީ ތަޖުރިބާކާރުން ލަފާދެނީ ޓެކްސް ބޮޑުކުރުމާއި، ލޯނު ނެގުމާއި، ނުވަތަ ޚަރަދުތައް ފޫބެއްދުމަށް އިޖުތިމާޢީ ރައްކާތެރިކަމަށް ކުރާ ޚަރަދު އިތުރަށް ކަނޑާލުން ފަދަ ހަރުކަށި ނިންމުންތަކެކެވެ. އިޒުރޭލުގެ ބޮންޑްތަކުގެ ރޭޓިން މުރާޖަޢާ ކުރާނެ ކަމުގެ އިންޒާރު ބައިނަލްއަޤުވާމީ ކްރެޑިޓް އެޖެންސީތަކުން މިހާރު ވަނީ ދީފައެވެ.

އީރާނުން 550 އަށް ވުރެ ގިނަ ބެލިސްޓިކް މިސައިލާއި ގާތްގަނޑަކަށް 1،000 ޑްރޯނުން އިޒުރޭލަށް ހަމަލާދީފައި ވާއިރު، އޭގެ ތެރެއިން ގިނަ ޑްރޯންތައް ވަނީ ހުއްޓުވާފަ އެވެ. ނަމަވެސް ދިފާޢީ ނިޒާމުތައް ފޫއަޅުވާލުމުގައި ކާމިޔާބު ހޯދި މިސައިލްތަކުގެ ސަބަބުން ގެއްލުން ލިބުނީ ހަމައެކަނި މުދަލަށް ނޫން ކަމަށާއި، އިޒުރޭލުގެ އިޤުތިޞާދަށްވެސް ވަނީ ފުން ޒަޚަމްތަކެއް ދީފައެވެ.

އިޒުރޭލުގެ ޑިފެންސް މިނިސްޓްރީން، އަދިވެސް މި ހަނގުރާމައަކީ އިޒުރޭލު "ވުޖޫދުގައި ދެމިއޮތުމުގެ ހަނގުރާމައެއް" ކަމަށް ބުނެ، އިތުރު ފައިސާ ހޯދުމަށް ދަނީ އެދެމުންނެވެ. ނަމަވެސް އިޤުތިޞާދީ ތަޖުރިބާކާރުން އިންޒާރުދޭ ގޮތުގައި، އިޒުރޭލުގެ މާލިއްޔަތަށް އިތުރުވަމުންދާ ބުރައިގެ ސަބަބުން އެތެރޭގެ ސިޔާސީ ފިތުނަތައް ފުންވެފައި ލިބޭ ގެއްލުންތައް މާބޮޑުވާނެއެވެ.

މި ހަމަނުޖެހުމުގެ ސަބަބުން އިޤުތިޞާދީ ގޮތުން ކުރިމަތިވާ ގެއްލުންތަކުގެ ސަބަބުން ކުރިއަށް އޮތް މަސްތަކުގައި އިޒުރޭލުގެ ކުރިއެރުމުގެ ރޭޓް މަޑުޖެހި، ވަޒީފާނެތް މީހުންގެ ޢަދަދު މައްޗަށްޖެހި، ފަގީރުކަމުގެ ޙާލަތު އިތުރަށް ގޯސްވެދާނެ ކަމަށް ތަޖުރިބާކާރުން އިންޒާރުދެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *