ޕާކިސްތާނުގެ ރައްޔިތުން "ވިނަ ކާންޖެހުނަސް ނިއުކްލިއަރ ބޮމެއް އޮންނަން ޖެހޭ" ކަމަށް ބޮޑު ވަޒީރު ޒުލްފިގާރު ޢަލީ ބުއްޓޫ ވިދާޅުވުމަކީ ޕާކިސްތާނުން ނިއުކްލިއަރ ބާރުވެރިކަން ހޯދުމަށް ކުރި ދަތުރުގެ ފެށުމެވެ. ބުއްޓޫ މިހެން ވިދާޅުވީ ޕާކިސްތާނުގެ ހަތުރެއްގެ ގޮތުގައި އަބަދުވެސް އޮންނަ އަވަށްޓެރި އިންޑިއާއިން 1974 ވަނަ އަހަރު ނިއުކްލިއަރ ޓެސްޓެއް ހެދުމާ ގުޅިގެންނެވެ. ޕާކިސްތާނުން ނިއުކްލިއަރ ބާރަކަށްވުމަށް މަސައްކަތް ފެށުމާ އެކު ބައިނަލްއަޤްވާމީ ދުނިޔެއިން އެކި ގޮތްގޮތުން އެކަމަށް ހުރަސްއަޅަން މަސައްކަތްކުރިއެވެ. ޚާއްޞަކޮށް އިންޑިއާއާއި އިސްލާމީ ޤައުމަކަށް މިފަދަ ބާރެއް ލިބުމަށް ނޭދޭ އިޒުރޭލުގެ ޒަޔަނިސްޓް ދައުލަތާއި ދުނިޔޭގެ ބޮޑެތި ބާރުތަކުންނެވެ.
ބޮޑުވަޒީރު ޒުލްފިގާރު ޢަލީ ބުއްޓޫގެ ވެރިކަން އަސްކަރީ އިންޤިލާބަކުން ވައްޓާލުމަށްފަހު 1977 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތީ ޖެނެރަލް މުޙައްމަދު ޒިޔާއުލްޙައްޤެވެ. ބުއްޓޫ ފައްޓަވާފައިވާ ނިއުކްލިއަރ ޕްރޮގްރާމް ވަރުގަދަކޮށް ކުރިއެރުވުމަށާއި އަސްކަރީގޮތުން ބާރުގަދަ ޤައުމަކަށް ޕާކިސްތާނު ހެދުމަށް ޒިޔާ ވަރަށް ބޮޑު އިސްކަމެއް ދެއްވިއެވެ. ޔޫރޭނިއަމް މުއްސަދިކުރުން އިތުރުކުރައްވައި ސިއްރިއްޔާތުގައި ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ ޤާބިލުކަމާ ހަމައަށް ވާސިލުވެވަޑައިގެންނެވިއެވެ. މި ހިސާބަށް ވަޑައިގެންނެވީ އެ ދުވަސްވަރު އަފްޣާނިސްތާނަށް ރަޝިޔާ (ސޯވިއެޓް ޔޫނިއަން) ގެ ސިފައިން އެރުމުން އެމެރިކާއިން ރަޝިޔާ ހުއްޓުވުމަށް ކުރި މަސައްކަތުގައި އެމެރިކާގެ ބައިވެރިއެއްގެ ގޮތުގައި އޮވެގެންނެވެ. މި ސިޔާސަތުގެ ސަބަބުން ޕާކިސްތާނުގެ ނިއުކްލިއަރ ޕްރޮގްރާމާ މެދު އެމެރިކާއިން ބަލަމުން ދިޔައީ ކަނު ލޮލަކުންނެވެ.
ޕާކިސްތާނުގެ އަސްކަރީ ޤާބިލްކަން އިތުރުކުރުމަށާއި ނިއުކްލިއަރ ބާރަކަށް ވުމަށް ކުރަމުން ދިޔަ މަސައްކަތް ހުއްޓުވުމަށް އެމެރިކާއާއި އިޒުރޭލާ ގުޅިގެން ހިންގި ސިއްރު މިޝަންއެއްގައި ޒިޔާ ދަތުރުކުރެއްވި މަތިންދާ ބޯޓު ވައްޓާލައިގެން 1988 އޯގަސްޓް 17 ވަނަ ދުވަހު އެ މަނިކުފާނު ޝަހީދުކޮށްލިއެވެ. މި ހާދިސާގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި އެ ބޯޓު ވެއްޓުނީ އެ ބޯޓުން ދަތުރުކުރި މީހަކު ބޯޓުތެރެއަށް ގޭހެއް ދޫކުރުމުގެ ސަބަބުންނެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު ޒިޔާއާއި ޕާކިސްތާނުގެ ޖޮއިންޓް ޗީފް އޮފް ސްޓާފް ކޮމިޓީގެ ޗެއަރމަން ޖެނެރަލް އަޚްތަރު އަބްދުއްރަޙްމާނާއި ޒިޔާގެ ގާތް އެކުވެރިއެއް ކަމުގައިވާ ބްރިގޭޑިއަރ ޞިއްދީޤު ސާލިކު މި ހަމަލާގައި ވަނީ ޝަހީދުވެފައެވެ. ބަހަވަލްޕޫރުގައި އެމެރިކާއިން ބޭއްވި ޑެމޮންސްޓްރޭޝަނެއް ބައްލަވާލެއްވުމަށްފަހު، އިސްލާމް އާބާދަށް ދަތުރުކުރެއްވި މި ބޯޓުގައި ޕާކިސްތާނުގައި ހުންނެވި އެމެރިކާގެ ސަފީރު އާނޯލްޑް ލުއިސް ރަފެލް އާއި ޕާކިސްތާނަށް އެމެރިކާއިން ދޭ އަސްކަރީ އެހީގެ މިޝަންގެ އިސްވެރިޔާ ޖެނެރަލް ހަރބަރޓް އެމް.ވަސޮމް ވެސް ހިމެނުނެވެ. ބޯޓުން ދަތުރުކުރި 29 މީހުން ވެސް މަރުވެފައިވާ މި ހާދިސާއަކީ ޒަޔަނިސްޓް އިޒުރޭލުންގެ މޮސާޑުން ރާވައިގެން ދިން ޖާނުންފިދާވުމުގެ ހަމަލާއެކެވެ. ބޮޑު ވަޒީރު ޒިޔާއުލްޙައްޤު ޝަހީދުކޮށްލުމުންނާއި ޕާކިސްތާނާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން ނިއުކްލިއަރ މަޝްރޫޢަށް މަޑުޖެހުމެއް އައެވެ.
ޕާކިސްތާނުގެ ބޮޑު ވަޒީރުކަމަށް މުޙައްމަދު ނަވާޒު ޝަރީފް ވަޑައިގެންނެވުމަށްފަހު އެންމެ ބޮޑު އިސްކަމެއް ދެއްވަން ނިންމެވީ ޕާކިސްތާނުގެ ނިއުކްލިއަރ ޕްރޮގްރާމެވެ. ނަވާޒު ޝަރީފް ގެންގުޅުއްވީ މަދަނީ ބޭނުންތަކަށް ނިއުކްލިއަރ ހަކަތަ އުފެއްދުމާއެކު ނިއުކްލިއަރ ހަތިޔާރު ވެސް އުފެއްދެވުމަށް ވާސިލުވެވޭފަދަ "އޮޅުންނުފިލާ" ސިޔާސަތެކެވެ. ނަމަވެސް ޕާކިސްތާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅިގެން އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަކުރިއެވެ. އަދި ޔުރޭނިއަމް މުއްސަނދިކުރުމުގެ ޕްރޮގްރާމް ހުއްޓުވުމަށް ބޮޑެތި އަދަދުތަކުން އިޤްތިޞާދީ އެހީތައް ހުށަހަޅަމުން ދިޔައެވެ. އެންމެފަހުން އެމެރިކާގެ ފިއްތުންތަކުގެ ސަބަބުން ފަރަންސޭސިވިލާތުގެ އެހީތެރިކަމާއެކު އިމާރާތްކުރަން ރޭވި ނިއުކްލިއަރ ހަކަތައިގެ ޕްލާންޓުގެ ޕްލޭންތައް ހުއްޓާލިއެވެ. އެއަށްފަހު ނިއުކްލިއަރ ހަކަތައިގެ ޕްލާންޓްތައް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ޗައިނާގެ އެހީތެރިކަމާއެކުގައެވެ.
އިންޑިއާއިން 1998 ވަނަ އަހަރުގެ މޭމަހު ނިއުކްލިއަރ ދެވަނަ ޓެސްޓެއް ހެދިއެވެ. މިކަމާ ގުޅިގެން ޕާކިސްތާނުގެ އޭރުގެ ބޮޑުވަޒީރު މުޙައްމަދު ނަވާޒު ޝަރީފް ޕާކިސްތާނަކީ ނިއުކްލިއަރ ބާރަކަށް ހަދާނެކަމަށް ވައުދުވެވަޑައިގަތެވެ. އަދި އޭރު ޕާކިސްތާނުގެ އިދިކޮޅު ލީޑަރ ބޭނަޒީރު ބުއްޓޫ ޕާކިސްތާނުން ލަސްނުކޮށް ނިއުކްލިއަރ ޓެސްޓް ހެދުމަށް ގޮވާލެއްވިއެވެ. އަދި ޕާކިސްތާނުގެ ރައްޔިތުން މިކަމުގައި އަޑުއުފުލައި ސަރުކާރަށް ހިތްވަރުދެމުން ގެންދިޔައެވެ.
ބޮޑު ވަޒީރު ނަވާޒު ޝަރީފް އަސްކަރީ ބާރުތައް ތައްޔާރީ ހާލަތަށް ގެންނެވިއެވެ. އަދި ޤައުމީ ސަލާމަތީ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބޭއްވިއެވެ. އެ ބައްދަލުވުމުގައި ނިއުކްލިއަރ ޓެސްޓަކަށްފަހު ޤައުމަށް ކުރިމަތިވާނެ މާލީ، ޑިޕްލޮމެޓިކް، އަސްކަރީ، ސްޓްރެޓެޖިކް އަދި ޤައުމީ ސަލާމަތާ ގުޅޭ ކަންބޮޑުވުންތަކާ މެދު މަޝްވަރާކުރެއްވިއެވެ. މި މަޝްވަރާތަކަށް ފަހު ކޮންމެ އަގެއް ދައްކަވަން ޖެހުނަސް ނިއުކްލިއަރ ޓެސްޓް ކުރުމަށް ބޮޑުވަޒީރު ނަވާޒު ޝަރީފު ނިންމެވިއެވެ.
ޕާކިސްތާނުން ނިއުކްލިއަރ ޓެސްޓް ހެދުމުގެ އެއް ދުވަސްކުރިން އިންޑިއާގެ އެއްގަމާއި ވައިގެ ސަރަޙައްދު ބޭނުންކޮށްގެން ޕާކިސްތާނުގެ ނިއުކްލިއަރ ވަސީލަތްތަކަށް ހަމަލާދޭން އިޒުރޭލުން މަސައްކަތްކުރިއެވެ. މިކަން ޕާކިސްތާނުގެ އިންޓެލިޖެންސް އިދާރާއިން ވަނީ ފަޅާއަރުވާލާފައެވެ. އަދި ޕާކިސްތާނުގެ އެއަރ ފޯސް ތައްޔާރީ ހާލަތަށް ގެނެސް ނިއުކްލިއަރ ބޮންތައް ޑިޕްލޯއިކުރުމަށް ތައްޔާރުކުރިއެވެ. ޕާކިސްތާނުން ކާމިޔާބުކަމާއެކު ނިއުކްލިއަރ ބޮން ޓެސްޓްކުރީ 1998 މޭ 28 ވަނަ ދުވަހުއާއި 30 ވަނަ ދުވަހުއެވެ.
ޕާކިސްތާނުގެ ކާމިޔާބު ނިއުކްލިއަރ މަޝްރޫޢުގެ މޭސްތިރިއަކީ ޑރ. ޢަބްދުލް ޤަދީރު ޚާން (އޭކިޔު ޚާން) އެވެ. މިއީ ޕާކިސްތާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ ބައްޕައެވެ. އޭނާ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ނިއުކްލިއަރ ޓެކްނޮލޮޖީއާއި ހުނަރު ޕާކިސްތާނަށް ގެނައުމުގައި އިސް ދައުރެއް އަދާކުރައްވާފައެވެ.
* ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން



advertisment