ބައެއް ފަރާތްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރޭ އެމެރިކާއިން އީރާނަށް ހަމަލާދިނީ، ފޯޅަވަހީގެ އަސްކަރީ މަރުކަޒު ބޭނުން ކޮށްގެންނެވެ. މިކަމާ ބެހޭގޮތުން، އެމެރިކާއާއި އިނގިރޭސިވިލާތުން ވަކި އެއްޗެއް ހާމަކޮށްފައި ނުވެއެވެ. އެހެންނަމަވެސް، މި ހަމަލާގައި ބޭނުންކުރި ބީ-2 ސްޓެލްތު ބޮންއަޅާ ބޯޓުފަހަރު، ފޯޅަވައްސަށް ގެނައީ، އެމެރިކާގެ މިސޫރީގެ ވައިޓްމަން އެއަރފޯސް ބޭސްއިން އިއްޔެ އެވެ.
އިންޑިއާ ކަނޑުގެ މެދުގައި، ހުރިހާ ފަރާތަކުން ސާފު މޫދާއި ހުދު ދޮންވެލިން ވަށާލެވިފައިވާ ފޯޅަވައްސަކީ، ދުނިޔޭގެ ލޯތަކަށް ނުފެންނަ، އެހެން ނަމަވެސް ދުނިޔޭގެ ހަމަނުޖެހުންތަކާ ވަރަށް ކައިރީގައިވާ ތަނެކެވެ. ޑިއޭގޯ ގާސިއާ ނުވަތަ ފޯޅަވައްސަކީ އެމެރިކާގެ އެންމެ މަޝްހޫރު އަދި އެންމެ ސިއްރު، އެއް އެއަރ ބޭސްއެވެ. އަދި ހާއްސަކޮށް ހުޅަނގަށް، މެދުއިރުމައްޗަށް ބަލާއިރު ފޯޅަވައްސަކީ، އެމެރިކާގެ މުހިންމު އޮޕަރޭޝަނަލް އެސެޓެކެވެ. އެމެރިކާގެ އެންމެ މުހިންމު އަސްކަރީ މަރުކަޒަކީ ފޯޅަވަހީގެ އަސްކަރީ މަރުކަޒެވެ.
ފޯޅަވައްސަކީ އީރާނުގެ ހުޅަނގު ދެކުނުން ގާތްގަނޑަކަށް 4،700 ކިލޯމީޓަރު ދުރުގައި އޮންނަ ޗާގޯސް އާކިޕެލަގޯގެ ބައެކެވެ. އަދި ދިވެހިރާއްޖޭގެ ދެކުނުން ގާތްގަނޑަކަށް 500 ކިލޯމީޓަރު ދުރުގައި އޮންނަ ފޯޅަވައްސަކީ ކުރިން ދިވެހި ޤައުމުގެ ބައެއް ކަމުގައި ތާރީޚު ހެކިދެއެވެ. އެހެން ނަމަވެސް 1960 ގެ އަހަރުތަކުން ފެށިގެން އިނގިރޭސިވިލާތުން އެ ރަށްތަކަށް ވެރިވެގަނެ، އެތަންވަނީ އެމެރިކާއަށް ކުއްޔަށް ދީފައެވެ.
އީރާނާއި ފޯޅަވައްސާ ދެމެދު އޮންނަ ދުރުމިން ކިތަންމެ ބޮޑު ނަމަވެސް، އެއީ އެމެރިކާއަކަށް ހުރަހެއް ނޫނެވެ. ބީ-2 ސްޕިރިޓް ސްޓެލްތު ބޮންއަޅާ ބޯޓުފަހަރަކީ 40 ގަޑިއިރަށް ވުރެ ގިނައިރު އުދުހުމުގެ ގާބިލްކަން ލިބިފައިވާ ބޯޓުތަކެކެވެ. އަދި ދަތުރު މަތީގައި، ތެޔޮ އަޅަން ބޭނުން ވެއްޖެނަމަ، ވައިގެ ތެރޭގައި ތެޔޮ އަޅާލެވޭ ބޯޓެކެވެ.
ބޮންއަޅާ ބޯޓުފަހަރާ އެކު، މި އެއަރ ބޭސްގައި ޖާސޫސީ މަތިންދާބޯޓުތަކާއި، ގްލޯބަލް ހޯކް ޑްރޯންތަކާއި، ކޭސީ-135 އަދި ކޭސީ-10ގެ ޓޭންކަރު މަތިންދާބޯޓުތައް މިވަގުތު ހުރީ ތައްޔާރީ ޙާލަތުގައެވެ. އަދި ސައިބަރ އަދި ސަވައިލެންސް އޮޕަރޭޝަންތަކަށް ސްޕެޝަލް ފޯސަސް ޔުނިޓްތަކާއި ޒަމާނީ އިލެކްޓްރޯނިކް އިކުއިޕްމަންޓްތަކާ އެކު، 24 ގަޑިއިރު ދަނީ، ސަވައިލެންސް ރިޕޯޓްތައް ނަގާ ހިރާސް ވަޒަން ކުރަމުންނެވެ. ކިތަންމެ ދުރުގައި އޮތް ކަމުގައިވިޔަސް، ފޯޅަވައްސަކީ އޮޕަރޭޝަނަލް ހާޒިރީއާއެކު އީރާނަށް ހަމަލާ ދިނުމުގައި އެމެރިކާގެ އިސްތިރާޖީގެ މައިގަނޑު އެއް ތަނެކެވެ.
ރޭ ފަތިހު އެމެރިކާއިން އީރާނުގެ ނިއުކުލިއާރ ފެސިލިޓީތަކަށް ހަމަލާ ދިނުމަށް ބޭނުންކުރީ ބީ-2 ބޮންއަޅާ ބޯޓްފަހަރެވެ. މި ވައްތަރުގެ މަތިންދާބޯޓަކީ ކުރިން އަފްޣާނިސްތާނުގެ ހަނގުރާމައިގައިވެސް ބޭނުންކޮށްފައިވާ މަތިންދާބޯޓެކެވެ. އަދި މި ވައްތަރުގެ ބޯޓުފަހަރު، ރާޑަރުންވެސް ނުފެންނަ ކަމަށް ވެއެވެ. އަދި އެއީ 18،000 ކިލޯގެ ބޮން އުފުލުމުގެ ގާބިލުކަން ލިބިފައިވާ، އަޑަށް ވުރެ ބާރަށް ދަތުރުކުރާ އެއްޗެކެވެ. އެ ވައްތަރުގެ ބޯޓު ފަހަރަށް 50،000 ފޫޓު މަތިން، އަމާޒަށް ހަމަލާ ދިނުމުގެ ގާބިލުކަން ލިބިގެންވެއެވެ.
މި ޓެކްނޮލޮޖީ އެމެރިކާ، ރަޝިޔާ، ޗައިނާ، ފްރާންސް، އަދި އިނގިރޭސިވިލާތަށް ލިބިގެންވެއެވެ. އިސްލާމީ 58 ޤައުމުގައި މި ޤާބިލުކަމެއް ނެތެވެ. އުސްމާނީ ޚިލާފަތު ވެއްޓުމަށްފަހު އިސްލާމީ ޤައުމުތަކުގެ ވެރިން އަންނަނީ އުއްމަތުގެ ދިފާޢުގައި އިހުމާލުވަމުންނެވެ. އެމީހުން އަވަދިނެތި އުޅެނީ އަމިއްލަ ބާރު ގަދަކޮށް، އަމިއްލަ މުއްސަނދިކަން އިތުރުކޮށް، އެކަކު އަނެކަކުގެ ކަރު ބުރިކުރުމުގައެވެ. ދުޝްމަނުން ވަނީ އެމީހުންގެ ތެރޭގައި ނަފުރަތާއި، ބައިބައިވުމާއި، ފިތުނަ ފަސާދައިގެ އަލިފާން ރޯކޮށްފައެވެ. ހުޅަނގުން ޒަމާނީ ހަތިޔާރާއި، މެޝިނަރީޒު އުފައްދާއިރު، އިސްލާމީ ޤައުމުތަކުގެ އިސްވާރުން ބަލަނީ ވާދައަށް އުސް އިމާރާތްތައް ހެދުމާއި، ޅަކުދިންނާއި ކައިވެނި ކުރެވޭތޯއެވެ. މިއީ އެމެރިކާއިން މިއަދު އީރާނަށް ހަމަލާދިން ސަބަބެވެ.
އިސްލާމީ 58 ޤައުމެއްގެ ވެރިން ތުރުކީގައި އެއްވުމަކުން، އެމީހުންނަށް ކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ. އިސްލާމީ އުއްމަތުގެ ގިނަ ޤައުމުތަކުގެ އިސްވާރުން ތިބީ އެމެރިކާގެ އަޅުވެތިކަމުގައި އުފަލުންނެވެ. އެމީހުންގެ ވެރިކަން، އެމެރިކާއިން ދިފާޢުކޮށްދޭނެ ކަމުގެ ހުވަފެން ދުށުމުގައެވެ. އެކަމަކު، ތާރީޚު ހެކި ދެނީ، ދިމާ އިދިކޮޅަށެވެ. އެއް ޒަމާނެއްގައި، ޞައްދާމު ޙުސެއިންއާއި، ޤައްޒާފީއަކީވެސް އެމެރިކާގެ މިތުރުންނެވެ. ޔަހޫދީންގެ ޙީލަތްތެރި އެޖެންޑާއާ އެއްގޮތަށް، އެމެރިކާއިން ބާރު ބޭނުންކޮށްގެން އެދަނީ ފަހަރަކު ޤައުމެއް، އަންދާ އަޅިޔަށް ހަދަމުންނެވެ. އަދި ބާކީ ހުރި ޤައުމުތައް ތިބެން ޖެހޭނީ، އެމީހުންގެ ނަންބަރުގެ އިންތިޒާރުގައެވެ.



advertisment