2 ވަނަ ޗެޕްޓަރ: ކާނި ގަސްފަންނު އަތިރިމަތި
އުލިގަމުގައި ދުވަސްތައް ދައުރުވަމުން ދިޔައީ ލަސްލަހުން މަޑުމަޑުންނެވެ. ރާޅުތައް ބީއްސާ އަޑުގެ ހަމަޔާ އެއްވަރަށެވެ. ކޮންމެ ހެނދުނެއް ފެށެނީ އެރަށު ކުޑަ މަދުރަސާއިންނެވެ. އެތާނގެ ބާދަގަނޑު ރަނގަބީލުގެ އާދަޔާ ޚިލާފު ގުގުމަކުންނެވެ. އެކަމަކު ނިމުމެއް ނެތް ނޫ އުޑުތަކުގެ ދަށުގައި ހެއްވާ އަދި އުފާވެރިކަމާއި މިނިވަންކަމުން ފުރިފައިވާ މެންދުރު ވަގުތުތަކަކީ ހަސަނާއި އަހުމަދާއި މަރިޔަމް އެންމެ ގިނައިން އެކުގައި އުޅޭ ވަގުތުތަކެވެ.
އެމީހުން އެންމެ ގަޔާވާ ކުޅިވަރަކީ ބައްޓެވެ. އޭގައި ބޭނުން ކުރަނީ ފަންވަތުން ގަތައި ރޯނުން ބަނދެފައި އޮންނަ ތަންކޮޅެއް ބޮޑު ސުވާއެކެވެ. މި ބޯޅަ ކުޅެނީ ވަކި ގަވާއިދެއް ބަލައިފައެއް ނޫނެވެ. ބައެއް ފަހަރު ބަށިކުޅޭ ގޮތަށެވެ. އަނެއް ފަހަރު ވޮލީ ކުޅޭ ގޮތަށެވެ. ކޮންމެ ގޮތަކަށް ކުޅުނަސް އެއީ ފޯރިގަދަ ކުޅިވަރެކެވެ. މި ކުޅިވަރު ކުޅުމުގައި ހަރަކާތް އަވަސް އަދި ފަރިތަ ހަސަން ނުހަނު ކުޅަދާނައެވެ. އޭނާގެ ކާމިޔާބީތައް ފާހަގަކުރަމުން ދިޔައީ ކޮންމެ ފަހަރަކުވެސް އެންމެ ގިނަ ޕޮއިންޓު ހޯދަމުންނެވެ. އެހެންނަމަވެސް އަހުމަދުގެ ވިސްނުން ތޫނު ރޭވުންތަކުންވެސް ކިތަންމެ ފަހަރަކު ލަނޑު ޖަހާލައެވެ. އެމީހުންގެ ސާދާ ކުޅިވަރު ފޯރިގަދަ މުބާރާތަކަށް ބަދަލުވެފައި ވެއެވެ. އަދި މަރިޔަމް، އޭނާގެ އަވަސް ހިނިތުންވުން ތަކުން، ކޮންމެ މެޗެއްގެ ކާމިޔާބީގެ އުފާވެރިކަން ދެޓީމަށް ވެސް ގެނެސްދެއެވެ. މޮޅުވާ ޓީމަށް ލިބޭ އިނާމަކީ ވެސް އޭނާގެ އަތްތިލަބަޑި ޖެހުމާއި ފޯރިދިނުމެވެ.
ވަކިން އުޖާލާ އެއް ދުވަހެއްގެ މެންދުރު، އެތައް ގަޑިތަކެއް ވަންދެން އެކި ކުޅިވަރު ކުޅުމުގެ ސަބަބުން އެމީހުންގެ ކޯތާފަތަށް ރަތްކުލަ އަރަމުން ދިޔައިރު، ހަސަން މިހެން އިއުލާން ކުރިއެވެ.
"ހިނގާ މިއަދު ދެން މޫދަށް އެރި ފަތާލަން ދަމާ!"
އަހުމަދު ވަގުތުން ފޯރިގަދަވިއެވެ. "އާނ، ހިނގާ ދުވެފައި ގޮސް މޫދަށް ފުންމާލަން!"
މޫދަށް ދައުވަތުދޭ ރާޅުތަކާ ދިމާއަށް ޔަގީންކަމެއް ނެތި ނަޒަރު ހިންގާލުމާއެކު މަރިޔަމް ފަސްޖެހުނެވެ. އޭނާ ހާސްވެފައި ހުރެ އެ މަޑު ގޮނޑުދޮށުގައި އިށީނެވެ.
"އަހަރެން މޫދަކަށް ނޭރޭނަން،" އާންމުކޮށް އުފާވެރިކަން ފެންނަ މޫނުމަތިން ހިތާމަވެރިކަން ފާޅުވެގެން ދިޔައެވެ.
"ކީއްވެ ނުދާންވީ؟" އެ އެންމެން އެހާ މަޖާ ކުރަން ދާއިރު މަރިޔަމް ނުގޮއްސާނެތީ ގެއްލިދާނެތީ ކަންބޮޑުވެފައި ހުރެ ހަސަން އަހާލިއެވެ.
އެވަގުތު ލަދުން މަރިޔަމްގެ ކޯތާފަތް ރަތްވެގެން ދިޔައެވެ. "މަންމަ ބުނަނީ އަންހެން ކުދިން ފިރިހެން ކުދިން ގޮތަށް މޫދަށް އެރޭކަށް ނުވާނެޔޭ. މަންމަ ކަންބޮޑުވަނީ… ބައެއް ކަހަލަ ކަންކަމާ ހެދި."
އަޙްމަދު މާޔޫސްކަމުގެ ތެރޭގައި ދެބުމަ ގޮށްޖަހައި ބާރުކޮށްލަމުން ބޯ ހޫރާލިއެވެ. "އެއީ ކޮންމެވެސް ކަހަލަ ސިއްރު ކަމެއްގެ ވާހަކަ. ތިއީ ވެސް އަހަރެމެން ފަދައިން ނިކަން މޮޅަށް ފަތާ ކުއްޖެއްނު؟ އެންމެ ފަހަރަކު މޫދަށް އެރި ފަތާތާލިޔަކަސް އެއްވެސް ގެއްލުމެއް ނުވާނެ."
"އަހަރެމެން ތިބޭނީ އައްސޭރިފަށުގައި" ހަސަން ކެތްމަދުވެފައި އިތުރަށް ބުނެލިއެވެ. "ފުން ހިސާބަކަށް ނުދާނަމޭ."
އެމީހުންގެ އުއްމީދީ ނަޒަރުތަކާއި، ޝައުޤުވެރިކަމާއި، އަދި އޭނާވެސް ދާހިތްވެފައިވާ ވަރުން މަރިޔަމްގެ އަޒުމް ބަލިކަށިވިއެވެ. އެންމެ ފަހުން އާނއެކޭ ބުނުމަށް ބޯޖަހާލަމުން ކުރިއަށް ޖެހިލީ އޭނާ ވެސް އެކަމަށް ފޯރި ގަދަވެފައި ހުރި ވަރުންނެވެ. މާގިނައިރުތަކެއް ނުވެ، އެ އެންމެން ވެސް ފުން ވިލާ ދިމާއަށް ފަތަމުން ދާން ފަށިއިފިއެވެ. އެހެން އެއްވެސް ޚިޔާލެއް އެކެއްގެ ވެސް ނެތް ފަދައިންނެވެ.
އަޑިޔަށް ބަލާއިރު މުރަކަތަކުގެ މެދުގައި ދުވަމުންދާ ރީތި މަސްތަކެއް ފަހަތުން ފީނަމުން ހަސަން އެންމެފަހުން ގޮސް ފަރުމައްޗަށް ބިންދާ ރާޅުތަކާ ހަމަޔަށް ހިނގައްޖެއެވެ. ކޮންމެވެސް ގޮތަކުން އޭނާ މަރިޔަމް ބިރުގަންނަވާލުމުން އޭނާ ތޫލި އަޑަކުން ހަޅޭއްލަވައިގަތެވެ.
އެކަމަކު އެމީހުންގެ އުފާވެރިކަން ކުއްލިއަކަށް ފުނޑުފުނޑުވެގެން ދިޔައީ އެއްގަމުން ނިކަން ހަރުކަށި އަޑެއް ގުގުމާލުމުންނެވެ.
"މަރިޔަމް! މޫދުގައި ތިޔަ ކުރަނީ ކީއްތަ؟"
އެއެންމެން ވަގުތުން ފިނިވެގެން ދިޔައެވެ. ބިރުން ހުއްޓުން އެރިއެވެ. ގޮނޑުދޮށުގައި މަރިޔަމްގެ މަންމަ ޚަދީޖާ މަނިކެ، ދެ ކިހިލިފައްޗަށް ދެއަތް ޖަހާލައިގެން ހުރިއިރު މޫނުމަތީގެ ކުލަވަރު ހަރުކަށިވެފައިވާތަން މަރިޔަންއަށް ފެނުނެވެ. މަރިޔަމް އަވަސް އަވަހަށް ބާރަށް ދުވެފައި އައިސް މޫދުން އަރައިފިއެވެ. އޭނާގެ ދެލޯ ބިރުން ރަތްވެގެން ދިޔައެވެ.
"މަންމާ، އަހަރެން،" އަޑު ތުރުތުރު އަޅަމުން މަރިޔަމް ވާހަކަ ފެށިއެވެ.
"ބަހަނާއެއް ދައްކާނެ ކަމެއް ނެތް،" ޚަދީޖާ މަނިކެ އޭނާގެ ވާހަކަ މެދުކަނޑުވާލިއެވެ. "ހަމަ މިހާރު ގެޔަށް ދޭ."
ލަދުންނާއި ބިރުން މަންމަގެ ފަހަތުން ހިނގައިގަތުމުގެ ކުރީން އޭނާގެ ރައްޓެހީންނަށް ބަލާލިއެވެ. ހިތްދަތި ނަޒަރަކުންނެވެ.
އެ ދުވަހުގެ ހަވީރު، ހިރުނދު ގަހުގެ ފުޅާ ގޮފިތަކުގެ ދަށުގައި، ހަސަނާއި އަޙްމަދު މަޑުމަޑުން އިށީނދެގެން ތިބީ، ކަނޑު މައްޗަށް އިރު އޮއްސޭ މަންޒަރު ބަލާށެވެ. އުދަރެހަށް ރަން ކުލައާއި ފިޔާތޮށިކުލައާއި އަދި ވައިލެޓް ކުލައިގެ ވިލާތަކުން ރޮނގު ދެމި ކުލަ ޖެހެމުން ދިޔައެވެ.
"މަރިޔަން ދެން އަންނާނެ ކަމެއް ވެސް ނޭނގޭ،" އަހުމަދު އެ ޚިޔާލުފާޅު ކޮށްލިއިރު އޭނާގެ އަޑުގައި މާޔޫސްކަމާއި ހިތާމަވެރިކަމުގެ ކުލަވަރު ހުއްޓެވެ. "މަރިޔަމްގެ މަންމަ އެ ގޮއްޔެއަށް ނިކަން ވަރުކޮށްކޮށްލާނެ."
ހަސަން ފަންވަތަކުން ބިންމަތީ އެއްޗެއް ކުރަހަން އިނދެފައި ފުންނޭވާއެއް ދޫކޮށްލިއެވެ. "އަހުންމެން މަރިޔަން އަކަށް ދެރަގޮތެއް ވިޔަކަ ނުދޭނެނު. އެކަމަކު މަރިޔަމްގެ މަންމަ އެގޮތަކަށް ނުބަލާނެ. ގޭން ނުނެރެ ބެހެއްޓީމަ އޭނާމާ ދެރަވާނެ."
އަހުމަދު ގަހުގެ ބުޑަށް ލެނގިލައިގެން އަރާމު ގޮތަކަށް އިނެވެ. "އަހަރެމެންވާނެ ކޮންމެވެސް ގޮތަކުން އޭނާ ބޭރަށް ނެރެވޭނެ ގޮތެއް ހޯދަން."
އެ ދެ ކުދިން ހިމޭންކަމާއެކު އެތާ އިށީނދެގެން ތިބެ އެކި ގޮތްގޮތް ރާވަމުން ދިޔައެވެ. އޭރު އިރު އޮއްސި އަނދިރިވެ ތަރިތައް ދިއްލެން ފަށަފިއެވެ. ހަނދު އަރާފައި ހުރީމާ ރަށް މައްޗަށް ހަނދުވަރުގެ ރިހި ކުލަ އަރައި އެހިމޭން ރަށުގެ މަގުތައް މަތި އަލިވެގެން ދިޔައެވެ.
ހަސަނު ތެދުވަމުން ބުންޏެވެ. "ހިނގާ މިސްކިތަށް އަރާލާފައި ގެޔަށް ދަމާ. މާދަމާ ކޮންމެވެސް ގޮތެއް ވިސްނާނީ."
ހަސަން ވަރަށް އުންމީދާއެކު ބުނެލިއެވެ.
ދުވަސްތައް ހަފްތާތަކަށް ބަދަލުވަމުން ދިޔަވަރަކަށް އެ ދެ ފިރިހެން ކުދިން ފޫހި ބޮޑު ވަމުން ދިޔައެވެ. މަރިޔަން ގޭން ނެރެވޭނެ އެއްވެސް ގޮތެއް ނުވިސްނުނު މެއެވެ.
ހޫނު ދުވަހެއްގެ މެންދުރު ހަސަނާއި އަހުމަދު އެކަނި މޫދަށް އެރި ތިއްބެވެ. އޭރު އެދިމާ ގޮނޑުދޮށުގައި މަރިޔަން ބަލަން ހުރިތަން އެމީހުންނަށް ފެނިއްޖެއެވެ.
"މަރިޔަން އާދޭ އަވަހަށް!" ހަސަން އުފަލުން ގޮވާލިއެވެ. "މޫދަށް އެރިލުމަކީ ކިހާ މަޖާކަމެއް!"
މަރިޔަމް ބަލިކަށި ގޮތަކަށް ހިނިތުންވެލިއެވެ. "ދެން ހިޔެއް ނުވޭ މަންމަ އަހަރެން ފޮނުވާނެހެންނެއް."
އަހުމަދަށް އޭނާ ދެރަވެފައި ހުރިވަރު ފެނުމުން އަވަސް އަވަހަށް ވާހަކަ ބަދަލުކޮށްލިއެވެ. އެމީހުންގެ އުފާވެރި ދުވަސްތައް ނިމި ދިޔައީކަން އެނގުމުން ނުހަނު ބޮޑަށް ހިތްދަތިވިއެވެ.
އޭރު އެކު އެކީގައި ކުޅެން އުޅުނު ދުވަސްތައް އެއީ މިހާރު ހަމަ އެކަނި ހަނދާނެކެވެ. ބަގީޗާގައި ފޮޅުނު މާތައް ފަރިވެ ބިންމައްޗަށް ވެއްޓުމުން އެމާތަކެއް އަލަކުން ފެންނާކަށް ނުހުންނާނެއެވެ. މިއަދު އެކުދީންގެ ޅައުމުރު ފާއިތުވެ ހިނގައްޖެއެވެ. އިސާހިތަކު އަހުމަދު މާލެއަށް ފުރުވާލެވޭނެއެވެ. މަރިޔަން ވެސް ނައިފަރަށް ކިޔަވަން ފޮނުވަން އުޅޭ ޚަބަރު އިވެއެވެ.
ކުރިމަތީގައި އޮތީ ދެން ވާނީ ކިހިނެއްކަން ނޭނގޭ މުސްތަގުބަލެވެ. މާޒީ ކިތަންމެ އުފާވެރި ނަމަވެސް، އެމާޒީ އަލުން އަނބުރާ ލިބޭކަށްނެތެވެ.
ތިން ކުދީންވެސް ވަކިވުމެއް ނުވާނެ ވައުދު ތަކާއެކު ޒުވާން ކަމުގެ މުސްތަގުބަލާ ދިމާލަށް ދަތުރު ފަށައިފިއެވެ. އެއީ ދުނިޔެވީ އުސޫލެވެ. އެއްވެސް ކަމެއް ދާއިމަށް ނުވާނެ އެވެ. އެހެންކަމުން މި ދުވަސްތައް ވެސް ނިމިގެން މިދިޔައީ އެވެ. ކޮންމެ ކުއްޖަކުވެސް ވިސްނަމުން ދިޔައީ މިގުޅުންތަކަށް ދެންވާނީ ކިހިނެއްބާއޭ ހިތައެވެ.
ކުރިޔަށް އޮތީ އުންމީދާއި އިންތިޒާރުގެ ދުވަސްތަކެވެ.
(ނުނިމޭ)



advertisment