ސިޔާސީ މަސްތަކީ ޑުރަގަށް ވުރެންވެސް މަސްތު ގަދަ ކަމެކޭ
ނިޔާ ނުހިނގާ މޮޔަޔަކަށްވުރެ ހަޔާތް ކުޑަކޮށްލުވާ ކަމެކޭ
ބުރާސްފަތި ހޯމަ މެދުފޮއިގައި ހިފައިގެން ރޯދަ ހުރެގެންވެސް
ތުރާލެއް ފޭސްބުކާ އެކްސުން ނުދީ ކަތަކަށް ނުވާ ކަމެކޭ
ނަމާދު ބަރާބަރަށް ކުރިޔަސް އަތުން ތަސްބީޙަފަތި ގުނިޔަސް
ސަމާލުވެ ދީންމަތީ ހުރުމުގެ ސުލޫކުން ފޭކުރާ ކަމެކޭ
ވަޙީއިން ސާފުކޮށް އެނގުނަސް ނުބައިކަން ފިތުނަ ޤަތުލަށްވުރެ
ނަހީތައް އެންމެހައި އެނގުނަސް އެއަށަ ބިރުވެތި ނުވާ ކަމެކޭ
މައެއް ބަފައެއް އަޚެއް ދަރިއެއް ސަފުންވެސް ވަކިކުރަން ނޭނގޭ
ރައެއް ބޮއިގެން އުޅޭ ފަދައިން އުޅެން މީހާ ޖެހޭ ކަމެކޭ
ހުތުރުއެއް ނުބުނެ ނުމެވާ ދޮގެއް ނާހަދައި ހުރުން ދަތިވާ
އުތުރި ހިތުގައި ހަސަދަ ރުޅިޔާ ނިފާޤާ ކެކި އަރާ ކަމެކޭ
ސަފުން ދައުލަތުގެ އަބުރާ ޢިއްޒަތާ ވެރިކަމުގެ ޙުރުމަތްވެސް
ކަފުންކޮށް ފަސްތަނުން ބަނދެފައި އަތުންކޮނެ ވަޅުލެވުނު ކަމެކޭ
އެއަށްފަހު ގައުމު ބައިބައިކޮށް ދެކޮޅުވެރި ރޫޙު އަށަގަނުވައި
ލެޔަށް އިދިކޮޅު ފަރާތުގެ ދަހިވެ ދުޝްމިނުވާން ޖެހޭ ކަމެކޭ
