ދުނިޔެއީ ކުޑަ ހިނދުކޮޅެއްކަން ހަނދުމަ ނެތުމޭ ދެރަޔަކީ
އުނިކަމުން ބުއްދީގެ ވިސްނައި ނުގަނެވޭކަން ދެރަޔަކީ
ނާރަޔޭ އިރު ދުނިޔެއަށް ނޯއްސޭ ގޮތަށް އެއް ދުވަހުވެސް
ފާރަވެރި މަލަކުން ލިޔާފަތް ހަނދުމަ ނެތުމޭ ދެރަޔަކީ
ކަށްވަޅާ ހަމަޔަށް ވިޔަސް ގެންދާނެ ފުރުޞަތު ނެތް މުދާ
ބައްކުރަން ހަމަނަހަމަވެސް ނުބެލޭ ކަމޭ ބޮޑު ދެރަޔަކީ
އިއްވިޔަސް ޚުޠުބާ ހުކުރުދުހު އޭގެޔަށް ނުވިކަން ސަމާލު
ސިއްކަޖެހި ނަރަކައިގެ ފަތް ވާތަށް ލިބޭކަން ދެރަޔަކީ
ނުކެނޑުމަށް އެންގެވިގުޅުން ރަޙިމުގެ ކަނޑާލާފައި ވުމުން
ނުކެޔަކަސް އަޚުނާއި އުޚުތުން އަސަރު ނުކުރުން ދެރަޔަކީ
އަތުޖެހޭނަމަ ނޫޓު ވަރިހަމަކޮށް ދެވޭ ގެއްލުން އަޚަށް
އަތުޖެހުނު އާލާތަކުން އަނިޔާ ދެވޭކަން ދެރަޔަކީ
ވެލިޖަހަމެ ތިންމުށް އަޚުން ވަޅުލާ ވަގުތު ސަހަރާ ތެރޭން
ހެލިނުލެވެނީސް މަރު އަމިއްލަ ހަނދާން ނެތޭކަން ދެރަޔަކީ
