Support Us

ދަނގެތީ އައު އިންޖީނުގޭގެ މަސައްކަތް 14.8 މިލިއަނަށް ހަވާލުކޮށްފި

އދ. ދަނގެތީގައި އަލަށް ޤާއިމްކުރަން ނިންމައިފައިވާ އިންޖީނުގެއާއި ކަސްޓަމަރ ސަރވިސް ބިލްޑިން އަދި އިންޖީނުގޭގެ ވަށާފާރު އިމާރާތްކުރުމުގެ މަސައްކަތް 14.8 މިލިއަން ރުފިޔާއަށް ބަޔަކާ ހަވާލުކޮށްފިއެވެ.

ގިނަވެގެން 330 ދުވަހުގެ ތެރޭގައި މަސައްކަތްކޮށް ނިންމައި ހަވާލުކުރާ ގޮތަށް މި މަސައްކަތް ހަވާލުކޮށްފައި ވަނީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.

ސްޓެލްކޯ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީއެވެ. އަލްޓެކްގެ ފަރާތުން، އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ ހުސައިން ތަސްމީނެވެ.

އެ ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ފަހުމީ ވިދާޅުވީ، ދަނގެއްޗަކީ ލޯކަލް ޓުއަރިޒަމްގައި ކުރިއަރަމުން އަންނަ ރަށަކަށްވުމުންނާއި، ގެސްޓްހައުސްތައް އިތުރުވެ، ކަރަންޓު ބޭނުން ކުރާ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ރަށަކަށްވުމުން، އައު އިންޖީނުގެއެއް ބޭނުންވެފައިވާ ރަށެއް ކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން ދޮޅުއަހަރެއްހާ ދުވަހުގެ ތެރޭގައި އިންޖީނުގެ ނިންމައި ބޭނުން ކުރަން ފެށުމާއެކު، ދަނގެތީގެ ރައްޔިތުންނަށް މިހާރަށްވުރެ ފުރިހަމަ ހިދުމަތެއް ދެވި، އެކަމުގެ ފަސޭހަތައް ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު އަބުދުﷲ ރަޝީދު ވިދާޅުވީ، މިއަދަކީ ދަނގެތީގެ ރައްޔިތުންނަށް ވަރަށް އުފާވެރި ދުވަހެއް ކަމަށާއި، މިއީ ދަނގެތީ ރައްޔިތުންގެ ވަރަށް ގިނަ ދުވަހުގެ އިންތިޒާރެއް ކަމަށެވެ. ދަނގެއްޗަކީ ހާއްސަކޮށް ޓުއަރިޒަމަށް ފައްކާވަމުން އަންނަ ރަށަކަށްވުމުން، މިވަގުތުވެސް މިހާރުގެ އިންޖީނުގެ އިންތަނުގެ ސަބަބުން، ކައިރީގައި ހުރި ގެތަކަށާއި، ގެސްޓްހައުސްތަކަށް ދަތިތަކެއް ކުރިމަތިވާ ކަމަށާއި، މިއަދުގެ މި އެއްބަސްވުމާ އެއްކޮށް، އެމީހުންނަށް އަލިމަގެއް ފެނިގެންދިޔައީ ކަމަށެވެ. ދަނގެތީ ރައްޔިތުންނަށް މިކަންކަން އަވަސްކޮށްދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކޮށްދެއްވާފައިވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ބިމުގެ ދަތިކަން އޮތް ނަމަވެސް އައު އިންޖީނުގެ އެޅުމަށްޓަކައި ބިން ހަމަޖެއްސިކަމަށްޓަކައި ދަނގެތީ ކައުންސިލަށް ވެސް ޝުކުރު އަދާކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *