ނެތޭ އޮހޮރޭން އިތުރު ތިއްކެއް ފަލަސްޠީނަށް ޓަކައި ކަރުނުން
ނެތޭ ވެރިއެއް ރަހުމު ހުރެގެން އަތެއް ދިއްކޮށް ހަދާ މަދަދުން
ކަރަންޓެއް ބޯހިޔާވައްސެއް ފެނެއް އަދި ކާނެ އެއްޗެެއްނެތި
މަރަށް ހުށަހޮޅި ލެއިން ތަތްތެޅި ޝަހީދުވެގެން ދިޔަސް ޒަޚަމުން
ހުޅަނގު އެންމެން މަދަދު ދީގެން ފަލަސްޠީނީން މަރާއިރުވެސް
ކުޅައުމެއް މަޝްވަރާ ނޫނީ ނެތޭ މުސްލިމު ވެރިން އަމުދުން
ދެކޮޅުވެރި ދައުލަތެއް އިޒުރޭލް އޮތުން ދެމި ނުރުހިގެން ފިއްޔާ
އެކޮޅުގައި ވާގިދޭން ތިބެގެން އެގައުމެއް ގެންދެޔޭ ފުނޑަމުން
ފަލަސްޠީނަށް މަދަދު ދޭނޭ ނެތޭ ލީޑަރަކު ތެދުވާނޭ
"އަލަމު" ގައި ބާރުނެތި ނިކަމެތި ވެފައި މިވަނީ އެފަދަ ސަބަބުން
ނުފެނެޔޭ ކާފިރުން ހުރިހައި އެކީ ގުޅިގެން އުޅޭ އުޅުމެއް
ލެފެން އެވެރިންގެ ގާތަށް ނުކެރި ފަސްޖެހެނީ އެކަމުގެ ބިރުން
މިބިމުގައި އެންމެ އަނިޔާވެރި ނުބައި މީ އެއްޒަމާން ކަށަވަރު
މިބިމުގައި ނެތް ދިނަސް އަނިޔާ މަނާ ކޮށްދޭނެ އިންސާނުން
ނޯޓް: "އަލަމު" ދުނިޔެ (ބޯދާ، ޅެންވެރި ބަހެއް)
