ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ޕްރޮޖެކްޓަށް ސައުދީ ފަންޑުން 63.7 މިލިއަން ސައުދީ ރިޔާލް (17 މިލިއަން ޑޮލަރު/ 263 މިލިއަން ރުފިޔާ)ގެ އިތުރު ލޯނެއް ދީފިއެވެ.
އެކްސްޕޭންޝަން އޮފް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ޕްރޮޖެކްޓްގެ ދެވަނަ އެޑިޝަނަލް ލޯންގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި، ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމެންޓާއިއެކު ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނެވެ. އެ ރަސްމީޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ، މޫސާ ޒަމީރެވެ. ސަޢޫދީ ފަންޑުގެ ފަރާތުން، އެ ފަންޑުގެ ސީ.އީ،އޯ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލްމުރްޝިދެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަށް ހަމަޖެހިގެން ދިޔަ އިތުރު މާލީއެހީގެ ސަބަބުން މި މަޝްރޫޢުގެ މަސައްކަތް އަވަހަށް ނިންމުމަށް އިތުރުބާރަކަށް ވެގެންދާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
"އަދި މި މަޝްރޫޢު ނިމުމާއެކު، ރާއްޖެއަށް އިޤްތިޞާދީ ގޮތުން ގިނަގުނަ ފައިދާތަކެއް ވެސް ލިބިގެންދާނެއެވެ. އެގޮތުން ފަތުރުވެރިންނަށާއި އިތުރު އެއާލައިންތަކަށް ޖާގަ ލިބި، ފަތުރުވެރިކަމާއި، ވިޔަފާރި އަދި ދަތުރުފަތުރުފަދަ އިޤުތިޞާދީ ތަރައްޤީއާއި ގުޅުންހުރި ސިނާއަތްތަކަށް އިތުރު ކުރިއެރުން ލިބިގެންދާނެއެވެ. މިކަމުގެ ސަބަބުން ޤައުމީ އުފެއްދުންތެރި ކަމުގައި އެންމެ އިސްދައުރެއް އަދާކުރާ ފަތުރުވެރިކަމުގެ ސިނާޢަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ." ރައީސް އޮފީހުން ބުނެއެވެ.



advertisment

