މި އުޅެނީ އަނެއްކާ އަހަރެމެން އެންމެން މުއްސަނދި މަހުޖަނުންނަށް ވާން ބާވައެވެ؟
ދުނިޔޭގެ އެންމެ ކައިރީގައިވާ ޕްލެނެޓް މާސް އާއި އެއާ ޖެހިގެން އޮންނަ ގޭހުގެ ޕްލެނެޓް ޖުޕިޓާއާ ދެމެދު އޮންނަ ގިނިހިލައިގެ ބޮޅެއްގައި އާދަޔާ ހިލާފު ގިނިހިލައެއްވެއެވެ.
އަލުއިއެއްގެ ބައްޓަމައަށް އޮންނަ، ދިގުމިނުގައި 173 މޭލު އަދި ހުރަހުގައި 144 މޭލު ހުރި، "16 ސައިކީ"ގެ ނަން ދީފައިވާ މި ގިނިހިލައިގައިވަނީ ރަނާއި ޕްލެޓިނަމާއި އަދި ކޯބަލްޓެވެ.
އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ލަފާކޮށްފައިވާ ގޮތުގައި މި މައުދަންތަކުގެ އަގު 10 ކުއިންޓިލިއަން ޑޮލަރަށް އަރައެވެ. އެއީ 10 ގެ ފަހަތަށް 18 ސުމެއް ލުމުން އަންނަ އަދަދެކެވެ. އެހެން ގޮތަކަށް ބުނާ ނަމަ 10 ބިލިއަން ބިލިއަން ޑޮލަރެވެ. މިއީ 154 ގެ ފަހަތަށް 18 ސުމެއް ލުމުން އަންނަ ރުފިޔާގެ އަދަދެކެވެ. އެހެން ގޮތަކަށް ބުނާ ނަމަ 154 ބިލިއަން ބިލިއަން ރުފިޔާއެވެ. މީގެ މާނައަކީ ދުނިޔޭގެ ކޮންމެ މީހަކަށް 1.2 ބިލިއަން ޑޮލަރު ޖެހޭނެއެވެ. ދުނިޔޭގެ މިހާރުގެ އާބާދީއަކީ އަށް ބިލިއަން މީހުންނެވެ.
އެހެން ގޮތަކަށް ބުނާ ނަމަ "16 ސައިކީ"ގައި ހުރި މައުދަންތަކަކީ މުޅި ދުނިޔޭގެ އުފެއްދުންތެރިކަން ނުވަތަ ޖީ.ޑީ.ޕީ ކަމަށްވާ 100 ޓްރިލިއަން ޑޮލަރަށްވުރެ 100،000 ގުނަ ބޮޑު އަދަދެކެވެ. ސަތޭކަ ޓްރިލިއަންގައި 14 ސުމެއްވެއެވެ. މާނައަކީ މިއީ 1,546,000 ބިލިއަން ރުފިޔާއެވެ.
އިރުގެ ވަށައިގެން އެނބުރޭ އެނބުރުމުގައި "16 ސައިކީ" ދުނިޔެއާ 186 މިލިއަން މޭލާއި 372 މިލިއަން މޭލާ ދެމެދުގެ ކައިރި މިނަކަށް އާދެއެވެ. ނާސާއިން 2023 ގެ އޮކްޓޫބަރު 13 ގައި އުދުއްސައިލި، "ސައިކީ" ނަމަކަށް ކިޔާ، ވޭނެއްގެ ބޮޑުމިން ހުރި ޖައްވީ އުޅަނދު އަންނަ އަހަރު މާސް ކައިރިއަށް ގޮސް 2029 ގައި މި ގިނިހިލަ ކައިރިއަށް ދާނެއެވެ. އެއީ ގަޑިއަކު 124،000 މޭލުގެ ދުވެލީގައި ދަތުރުކޮށްފައެވެ. އެއީ މި ގިނިހިލައިގައިވަނީ ކޮންކޮން މައުދަންތަކެއްތޯ ދިރާސާކޮށް ޔަގީން ކުރުމަށެވެ.
މިއީ ނާސާއިން، މައުދަން އެކުލެވޭ، މި ދުނިޔެއިން ބޭރު ބިމަކަށް، ދަތުރުކުރާ ފުރަތަމަ ފަހަރެވެ.
"މި ދަތުރުން 'ސައިކީ' އުޅަނދަށް ހޯދޭނެ ސައިންސްގެ އެތައް މައުލޫމާތާމެދު އަހަރެންގެ ޝައުގުވެރިކަން ބޮޑު،" ނާސާގެ އޮފިޝަލެއް ކަމަށްވާ ނިކޮލާ ފޮކްސް ބުންޏެވެ.
"ސައިކީ" އުޅަނދު ގިނިހިލައިގެ ވަށައިގެން ދެ އަހަރު އޯބިޓު ނުވަތަ ބުރުޖަހާނެއެވެ. އެއަށް ފަހު މި އާދަޔާހިލާފު ގިނިހިލައާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް މި ގިނިހިލައާ 47 މޭލު ކައިރިކުރާނެއެވެ.
ގިނަ ގިނިހިލައިގައި ހުންނަނީ ހިލަ އާއި ގަނޑުފެން ކަމަށްވިޔަސް "16 ސައިކީ"ގެ ބިމުގައި 30 ޕަސެންޓާއި 60 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ދަގަނޑާއި ނިކަލް ހުރި ކަމަށް ވެސް ބެލެވެއެވެ. މިހެންވެ، ސައިންސްވެރިން ބުނަނީ "16 ސައިކީ"އަކީ ކުރިން ފުރާފުރިހަމަ ނުވި ޕްލެނެޓެއް ކަމަށް ބެލެވޭ ކަމަށެވެ. ނޫނީ މިއީ މައުދަންތަކުން މުއްސަނދި ގޮތްނޭނގޭ ގިނިހިލައެއް ކަމަށް ވެސް ވެދާނެކަމަށް އެ މީހުން ދެކެއެވެ.
"މި ގިނިހިލައަކީ ހަމައެކަނި މައުދަންތަކުގެ ބިމަކަށް ނުވެދާނެ. ސަބަބަކީ ގިނިހިލައަކީ ޕްލެނެޓްތަކަށް ބަދަލުވާ އެއްޗެހި. މިހެންވެ ޕްލެނެޓް އުފެދޭ ގޮތް ވެސް މި ގިނިހިލައިގެ ސަބަބުން އަހަރެމެންނަށް އެނގިގެން ހިނގައިދާނެ،" އެމެރިކާގެ މަސަޗޫސެޓްސްގެ ޓެކްނޮލޮޖީއާ ބެހޭ މުއައްސަސާގެ ޕްރޮފެސަރު ބުންޔާމީން ވައިސް ބުންޏެވެ. އޭނާ މިހެން ބުނީ ނާސާގެ އުޅަނދު 2023 ގެ އޮކްޓޫބަރުގައި ފުރުވައިލި ތަނާ ނެރުނު ބަޔާނެއްގައެވެ.
ގިނިހިލަ ކައިރިއަށް ގޮސްފައި "ސައިކީ" އުޅަނދުން މި ގިނިހިލައިގެ ބޭރު ފަށަލަ އާއި ދަމާބާރު ނުވަތަ ގްރެވިޓީ އަދި ދަގަތްފާނު ފަށަލަ ވެސް ދިރާސާކުރާނެއެވެ. މިއީ ގިނިހިލައިގެ ބިމުގައި ވަނީ ކޮން ކަހަލަ އިތުރު މާއްދާތަކެއްތޯ ދިރާސާ ކުރުމަށެވެ.
މި އާދަޔާ ހިލާފު ގިނިހިލަ "ތަހުގީގު ކުރުމުން" އަހަރެމެންގެ އިރުގެ ނިޒާމު ނުވަތަ "ސޯލާ ސިސްޓަމް"ގައި އަހަރެމެން މި އުޅޭ ދުނިޔެ ކަހަލަ ޕްލެނެޓްތައް މީގެ 4.5 ބިލިއަން އަހަރު ކުރިން އުފެދުނީ ކިހިނެތްކަން ދެނެގަތުމުގެ އުއްމީދު އެބައޮތްކަމަށް ސައިންސްވެރިން ބުނެއެވެ.
"މި ގިނިހިލަ ދިރާސާ ކުރުމުން މި ކައުނާއި މި ކައުނުގައިވާ އަހަރެމެންގެ މަގާމަކީ ކޮބައިކަން އިތުރަށް ފަހުމްވާނެކަމަށް އަހަރެމެންނަށް އުއްމީދުކުރެވޭ. ހާއްސަކޮށް އަހަރެމެން މި އުޅޭ ދުނިޔޭގެ އެންމެ ފުނުގައިވާ މައުދަންތަކުގެ ގޮތްނޭނގޭ 'ކޯ’އާ ބެހޭ މައުލޫމާތުތައް،" ނިކޮލާ ބުންޏެވެ.
މިހާރު އުފެދިފައިވާ ސުވާލަކީ "16 ސައިކީ"ން މައުދަން ނަގަން މި ގިނިހިލައިގައި މައިންކުރުމުގެ މަސައްކަތްކުރާނީ ކިހިނެތްތޯއެވެ. ސަބަބަކީ މި ގިނިހިލަ ދުނިޔެއަށް ގެނައުމުގެ ގާބިލުކަން އެކުލެވޭ ޓެކްނޮލޮޖީއެއް ނާސާގައި އަދި ނެތެވެ. އަނެއްކޮޅުން އެހާ ދުރު ހިސާބަކުން މައިން ކުރުން ވެގެން އަންނާނީ ލޮޖިސްޓިކް ގޮތުންނާއި އިގުތިސާދީ ގޮތުން ވެސް ބޮޑު ގޮންޖެހުމަކަށެވެ.
މި ގިނިހިލައިގެ ބޮޑު ބައެއް ދުނިޔެއަށް ގެނެވުނަސް އެ ހިސާބުން އަމަލުކުރާނީ ކިހިނެތްކަމާމެދު އެތައް ދުވަހެއް ކުރިން ވެސް ސުވާލު އުފެދިފައިވާ ކަމަށް "ސައިކީ"ގެ ދަތުރުގެ ކަންތައްތައް ބަލަހައްޓާ ނާސާގެ އިސް ސައިންސްވެރިޔާ ލިންޑީ އެލްކިންސް-ޓެންޓަން 2017 ގައި ގްލޯބަލް ނިއުސްއަށް ބުންޏެވެ.
"އެ ހިލަގަނޑު ގެނެސް އޭގައި ބަގުޑިބައްދައިގެން އޭތި އަހަރެމެން ފޮރުވައިގެން ތިބޭނީބާ؟ އަހަރެމެން މި އުޅޭ ދުނިޔޭގައި މައުދަންތަކުގެ ވަސީލަތްތައް ކޮންޓްރޯލް ކުރާހެން އެ ވެސް ކޮންޓްރޯލް ކުރާނީބާ؟ މިސާލަކަށް، އަލިމަހުގެ މާކެޓް ކުންފުނިތަކުން ކޮންޓްރޯލް ކުރާ ގޮތަށްބާ؟ އެއް ގޮތަކީ މި ގިނިހިލަ ދުނިޔެއަށް ގެނެސް އިންސާނުންނަށް ބޭނުންވާ މައުދަންތަކުގެ ވަސީލަތްތައް ހޯދާ ގޮތް ހައްލުކުރުންބާ؟ މިއީ ހަމައެކަނި ކޮށްލެވޭ ސުވާލުތަކެއް،" އެމެރިކާގެ އެރިޒޯނާ ސްޓޭޓްގެ ޔުނިވާސިޓީގެ ޑިރެކްޓަރުކަން ވެސް ކުރާ ލިންޑީ ބުންޏެވެ.
މި ގިނިހިލައިގައި ހުރި މައުދަންތައް ނަގަން މައިންކުރުމަށް މަގުފަހިވި ނަމަވެސް ކުރެވޭ އަނެއް ސުވާލަކީ މި ގިނިހިލައިން ލިބޭ ގިނަ އަދަދެއްގެ މައުދަންތައް އަހަރެމެންގެ މި ދުނިޔޭގެ އިގުތިސާދަށް ކުއްލިއަކަށް "އަޅައިލައިފި ނަމަ" ދުނިޔޭގެ މައުދަންތަކުގެ އަގު ކުއްލިއަކަށް ވެއްޓޭނެކަމެވެ. އެހާ ހިސާބުން މި ގިނިހިލައިގެ އަގުވެއްޓުނީއެވެ. ހުރިހާ އިންސާނުން މަހުޖަނުންނަށްވުމުގެ ހުވަފެން ފެނަށް ދިޔައީއެވެ.



advertisment