Support Us

ޣައްޒާގައި ހާލުގައި ޖެހިފައިވާ ތުއްތުކުއްޖެއް

ޣައްޒާގައި ކޮންމެ 45 މިނެޓަކުން ކުއްޖަކު ޝަހީދުކޮށްލާ

ނޯޓު: މިއީ އަލް ޖަޒީރާގައި މިއަދު ޝާއިއުކުރި ރިޕޯޓެއްގެ ތަރުޖަމާއެއް

ސުރުހީގައި އެ ވަނީ ވޭތުވެދިޔަ 535 ދުވަހު ނުވަތަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި އިސްރާއީލުން ދުވާލެއްގެ މައްޗަށް ފަލަސްތީނުގެ ޣައްޒާގައި ނިސްބަތުން 30 ކުޑަކުދިން ޝަހީދުކޮށްލިކަމުގެ ތަފާސްހިސާބެވެ.

އޮކްޓޫބަރު 2023 ގެ ހަތް ވަނަ ދުވަހު ޣައްޒާ ހަނގުރާމަ ފެށި ފަހުން އިސްރާއީލުންވަނީ މަދުވެގެން 17،400 ކުދިން މަރައިލައިފައެވެ. އޭގެ ތެރޭގައި ކާކުކަން ދެނެގަނެވުނު 15،600 ކުދިން ހިމެނެއެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ ކުދިން އަދިވެސް ވަނީ ބިމާހަމަކޮށްލި އިމާރާތްތަކުގެ ދަށުގައި ސުންނާފަތިވެފައިވާ ގާތަކުގެ ދަށުގައި ވަޅުލެވިފައެވެ. އޭގެ ތެރެއިން ގިނަ ކުދިން ބެލެވެނީ މަރުވެފައިވާ ކަމަށެވެ.

ސަލާމަތުން މި ވަގުތު ތިބި ގިނަ ކުދިންނަކީ އެތައް ހަނގުރާމައަކުން ނަފުސާނީ އަސަރުކޮށްފައިވާ ކުދިންނެވެ. އެ ހުރިހާ ކުދިންނަކީ އިސްރާއީލުން ބައްދައިލައި އެކަހެރިކޮށްލައިފައިވާ ޖަލެއް ކަހަލަ ތަނެއްގައި އުފަންވީއްސުރެ ދިރިއުޅެމުން އައިސްފައިވާ ކުދިންނެވެ. މި ކަމުގެ ސަބަބުން އެ ކުދިންގެ ހުރިހާ ކަމަކަށް ވަނީ ނޭދެވޭ އަސަރުކޮށްފައެވެ.

ޣައްޒާގެ ކުޑަކުދިންގެ ހާލަތު:

ފަލަސްތީނުގެ ސިއްހީ ވުޒާރާ، ސޭވް ދަ ޗިލްރަން ޖަމިއްޔާ އަދި އދ.އިން އިއްޔެ އާއްމުކޮށްފައިވާ ޣައްޒާގެ ކުޑަކުދިންގެ ހާލަތާ ބެހޭ ތަފާސްހިސާބު

ޣައްޒާގެ އާބާދީގައި ހިމެނޭ 2.3 މިލިއަން މީހުންގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅައެއްބަޔަކީ ކުޑަކުދިންނެވެ.

ވޭތުވެދިޔަ 17 މަހުގެ ތެރޭގައި އިސްރާއީލުގެ ހަމަލާތަކުގައި އެ ކުދިންގެ ގެދޮރު ވަނީ ހަލާކުވެފައެވެ. ސްކޫލްތައް ވަނީ ސުންނާފަތިކޮށްލައިފައެވެ. އަދި ސިއްހީ ހިދުމަތް ދޭ ވަސީލަތްތައް ވެސް ވަނީ ގާތްގަނޑަކަށް އެއްކޮށްހެން ނައްތައިލައިފައެވެ.

މި ކަމަށް ނަޒަރު ހިންގައިލަން މި ގޮތަށް ވިސްނައިލައިށެވެ؛ މިސާލަކަށް، ކޮޓަރިއެއްގައި 100 ކުދިން ތިބި ނަމަ:

  • އޭގެ ތެރެއިން ދެ ކުދިން ވަނީ ޝަހީދުކޮށްލައިފައެވެ.
  • އޭގެ ތެރެއިން ދެ ކުދިން ވަނީ ގެއްލިފައި ނުވަތަ ބެލެވޭ ގޮތުގައި މަރުވެފައެވެ.
  • ތިން ކުދިން ވަނީ ޒަހަމްވެފައެވެ. އަދި އެއީ ސީރިއަސް ހާލަތެއްގައެވެ.
  • ފަސް ކުދިން ވަނީ ޔަތީމުވެފައެވެ. ނުވަތަ އާއިލާއާ އެކަހެރިވެފައެވެ.
  • ހަށިގަނޑަށް ކާނާ ނުލިބި ސީރިއަސް ހާލަތެއްގައިވާ 5 ކުދިން އެބަތިއްބެވެ.

ބާކީ ތިބި ކުދިންނަކީ ހަނގުރައިމައިގައި ވެސް ބޭރުފުށަށް ފެންނަން ނުހުންނަ އަސަރުކޮށްފައިވާ ކުދިންނެވެ. އެ ކުދިންގެ ސިކުނޑީގެ ދުޅަހެޔޮކަމަށް ނަފުސާނީ އަސަރުކޮށްފައިވާ ކުދިންނެވެ. އެ ކުދިންގެ ރައްކާތެރިކަމާއި ކުރިމަގަށް ވެސް އަސަރުކޮށްފައިވާ ކުދިންނެވެ.

އިސްރާއީލުން ޝަހީދުކޮށްލި މި ކުޑަކުދިންނަކީ ކޮބާ؟

ފަލަސްތީނުގެ ސިއްހީ ވުޒާރާއިން ހޯމަ ދުވަހު ހާމަކޮށްފައިވާ އިސްރާއީލުން ޣައްޒާގައި ޝަހީދުކޮށްލައިފައިވާ ފަލަސްތީނު ކުޑަކުދިންނާ ބެހޭ މައުލޫމާތު

މިއީ ޣައްޒާގެ ފިރިހެންދަރިންނާއި އަންހެންދަރިންނެވެ. އެ ކުދިންގެ ހަޔާތް ވާން ޖެހޭނީ މައުސޫމުކަމުން ފުރިގެންވި ހަޔާތަކަށެވެ. އަދި އުފަލުގައި އުޅެން ފުރުސަތު ލިބުނު ކުދިންތަކަކަށެވެ.

ލިޔެކިޔުމުން އެނގެން ހުރި ޝަހީދުކޮށްލި ކުދިންގެ ތެރޭގައި ހިމެނެނީ:

  • އުމުރުން އެއް އަހަރު ނުވާ 825 ކުދިންނެވެ.
  • އުމުރުން އެއް އަހަރު ވިޔަސް ހިނގަން ވެސް ނުފަށާ 895 ކުދިންނެވެ.
  • ޕްރީސްކޫލަށް ދިޔަ އުމުރުން ދެ އަހަރާއި ފަސް އަހަރާ ދެމެދުގެ 3،266 ކުދިންނެވެ. މިއީ ކުޅިވަރު ކުޅެ، އާ އެއްޗެއްސާއި އާ ކަންތައްތައް ހޯދައިގަނެ، ބޮޑުވަމުން އަންނަ އައުމާމެދު އަންތަރީޒުވެ ހުންނަ ހާލު، ވިސްނުން ހިންގަން ފަށާ އުމުރުގެ ކުދިންނެވެ.
  • އުމުރުން ހަ އަހަރާއި 10 އަހަރާ ދެމެދުގެ 4،032 ކުދިންނެވެ. މި ކުދިން ވަނީ ކްލާސްރޫމްތައް ފަޅުވާން ދޫކޮށް މި ދުނިޔެއިން ވަކިވެފައެވެ. ސްކޫލް ޔުނީފޯމް ލާން ވެސް ލިބުނީ މަދު ފުރުސަތެކެވެ.
  • އުމުރުން 11 އަހަރާއި 14 އަހަރާ ދެމެދުގެ މެދުމަދްރަސީ 3،646 ކުދިންނެވެ. އެ ކުދިން ވަނީ ތިން ހަނގުރާމަ ދެކެފައެވެ. އެއީ 2012، 2014، އަދި 2021 ގައި ހިނގާ ދިޔަ ހަނގުރާމަތަކެވެ. ނަމަވެސް އެ ކުދިން ޝަހީދު މިވީ ހަތަރު ވަނަ ހަނގުރައިމައިގެ ތެރޭގައެވެ.
  • އުމުރުން 15 އަހަރާއި 17 އަހަރާ ދެމެދުގެ 2،949 ކުދިންނެވެ. މިއީ ހުޅުވިފައިވާ ދުނިޔެއަށް ފައި އަޅަން ތައްޔާރުވެގެން ތިބި ކުދިންނެވެ. މިނިވަންކަމުގެ ހުވަފެންތައް ދޫކޮށްފައި ދުނިޔެއާ ވަކިވި ކުދިންނެވެ. އަދި ކުރިމަގުގެ ފޮނިކަން ނުދެކި ފުރާނަ ދިޔަ ކުދިންނެވެ. މީގެ ތެރެއިން އުމުރުން 17 ގެ ކުދިންނަކީ ހަތަރު ހަނގުރާމަ ދެކެފައިވާ ކުދިންނެވެ. އެއީ 2008 އިން 2009 އަށް ހިނގި ހަނގުރާމަ އާއި 2012، 2014، އަދި 2021 ގައި ހިނގި ހަނގުރާމަ ވެސް ހިމެނޭ ގޮތަށެވެ. އެ ކުދިން ޝަހީދުވެގެން ދިޔައީ ފަސް ވަނަ ހަނގުރައިމައިގައެވެ.
  • ޖުމްލަ ގޮތުން ބަލާއިރު ޝަހީދުވެގެން މިދިޔައީ ޣައްޒާގެ 8،899 ފިރިހެންދަރިންނާއި 6،714 އަންހެންދަރިންނެވެ.

ފައިން ފުރަތަމަ ފިޔަވަޅު ނޭޅެނީސް ޝަހީދުކޮށްލި 1،720 ކުޑަކުދިން:

ކާކުކަން ދެނެގަނެވިފައި ނުވާ ހަށިގަނޑުތައް ނުހިމަނާ، އިސްރާއީލުން ޝަހީދުކޮށްލައިފައިވާ އުމުރުން އެއް އަހަރުން ދަށުގެ ތުއްތުކުދިންނާ ބެހޭ މައުލޫމާތު، ފަލަސްތީނުގެ ސިއްހީ ވުޒާރާއިން ހޯމަ ދުވަހު ހާމަކޮށްފައިވާ ގޮތުގެ ޗާޓެއް
ޝަހީދުވެފައިވާ އުމުރުން އެއް އަހަރުގެ މުހައްމަދުގެ ކުރެހުމެއް

މި މަހު 18 ގައި އިސްރާއީލު ސިފައިން ޣައްޒާއަށް އެއް ފަހަރާ 100 ހަމަލާ ދިނެވެ. ހަނގުރާމަ ހުއްޓައިލަން ހަމާސްއާއެކު ވެފައިވާ ދެ މަސް ދުވަހުގެ އަހުދު މުގުރައިލައިފައެވެ.

އެއާ ވިދިގެން އައި 36 ގަޑިއިރުގެ ތެރޭގައި 436 މީހުން ޝަހީދުވިއެވެ. އޭގެ ތެރޭގައި މަދުވެގެން 183 ކުޑަކުދިން ހިމެނެއެވެ. އަދި 94 އަންހެނުންނާއި 34 މުސްކުޅިންނާއި 125 ފިރިހެނުން ހިމެނެއެވެ.

ޝަހީދުވި ކުޑަކުދިންގެ ތެރޭގައި އުމުރުން އެއް އަހަރުގެ މުހައްމަދު އަބޫ ހިލާލު ހިމެނެއެވެ. އޭނާ މަރުވީ ބަނޑަށް ހަތް މަސްވި އޭނާގެ މަންމަ އަފްނާން އާއެކުއެވެ. އެއީ އަލް-މަވާސީ ކޭމްޕަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައެވެ. މިއީ "ސޭފް ޒޯން" ނުވަތަ ރައްކާތެރި ތަނެއްގެ ގޮތުގައި އިސްރާއީލުން ކަނޑައަޅައިފައިވާ ސަރަހައްދެކެވެ. މުހައްމަދުގެ ބައްޕަ އަލާ، އޭނާ އާއި އޭނާގެ މަންމަ މި ކޭމްޕަށް ފޮނުވައިލީ މުހައްމަދާއި އޭނާގެ މަންމައަށް ރައްކާތެރިކަން ލިބޭނެ ކަމަށް އުއްމީދުކޮށްގެން ހުރެއެވެ.

"އޭ، އަހަރެންގެ ދަރިފުޅާއެވެ. ސުވަރުގެއަށް ދާށެވެ. ތިބާގެ ހުރިހާ ކުޅޭ އެއްޗެހި އެ ތަނުގައި ހުރި ތަން ތިބާ ދެކޭނެއެވެ،" މުހައްމަދުގެ ފުރާނަ ނެތް މަސްގަނޑު އަތަށް ލައިގެން އިނދެ، ހިތްހަލާކުވެފައިވާ މުހައްމަދުގެ ބައްޕަ ރޮމުން ބުންޏެވެ.

މުހައްމަދަކީ އިސްރާއީލުން ޝަހީދުކޮށްލި އުމުރުން އެއް އަހަރުގެ 895 ކުދިންގެ ތެރޭގައި ހިމެނޭ ކުއްޖެކެވެ. އަދި އެއީ "މުހައްމަދު" މި ނަން ދީފައިވާ ކުދިންގެ ތެރެއިން އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވި 935 ކުޑަކުދިންގެ ތެރޭގައި ހިމެނޭ ކުއްޖެކެވެ.

ޝަހީދުވުމުން ކުޅިވަރުގެ އުފަލުން މަހްރޫމުވި 3،266 ކުޑަކުދިން:

ކާކުކަން ދެނެގަނެވިފައި ނުވާ ހަށިގަނޑުތައް ނުހިމަނާ، އިސްރާއީލުން ޝަހީދުކޮށްލައިފައިވާ އުމުރުން ދެ އަހަރާއި ފަސް އަހަރާ ދެމެދުގެ، ޕްރީސްކޫލަށް ދާ ތުއްތުކުދިންނާ ބެހޭ މައުލޫމާތު، ފަލަސްތީނުގެ ސިއްހީ ވުޒާރާއިން ހޯމަ ދުވަހު ހާމަކޮށްފައިވާ ގޮތުގެ ޗާޓެއް
އުމުރުން ތިން އަހަރުގައި ޝަހީދުވެފައިވާ ރީމު އަދި ޝަހީދުވެފައިވާ އޭނާގެ ކާފަ ޚާލިދުގެ ކުރެހުމެއް

ރީމު ޝަހީދުކޮށްލީ އޭނާގެ އުމުރުން އެންމެ ތިން އަހަރުގައެވެ. އޭނާގެ އުމުރުން ފަސް އަހަރުގެ ބޭބެ ތޯރިގުއާ އެކުއެކީއެވެ. ނުސައިރާތު ރެފިއުޖީ ކޭމްޕްގައި ހުންނަ އެ ކުދިންގެ އާއިލީ ގޭގައެވެ. އެއީ 2023 ގެ ނޮވެމްބަރުގައި އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައެވެ.

ރީމު ޝަހީދުވުމާ ގުޅިގެން، އޭނާގެ ކާފަ ޚާލިދު ނަބްހާން، ރީމުގެ ފުރާނަ ނެތް މަސްގަނޑު އުނގަށް ލައިގެން އިނދެ، ރީމަކީ ނަބްހާންގެ "ފުރާނައިގެ ފުރާނަ"ކަމަށް އޭނާ ބުނާ ވީޑިއޯއެއް ފުޅާ ދާއިރާއެއްގައި ފެތުރިގެން އައެވެ. މި މަންޒަރު ވެގެން އައީ ޣައްޒާގެ އާބާދީން ތަހައްމަލު ކުރަމުންދާ ބޮޑު ވޭން ރަމްޒު ކުރި މަންޒަރަކަށެވެ.

ޚާލިދު އޭނާގެ ލޮބުވެތި ކާފަދަރިފުޅުގެ ހަނދާންތައް އާކުރިއެވެ. ކޮންމެ ދުވަހަކު ބައްދަލުވާއިރު ޚާލިދުގެ ގައިގައި ރީމު ބައްދައިލައިކަން ހިތާމައާއެކު ހަނދާން އާކޮށްލިއެވެ.

އޭގެ ފަހުން މިދިޔަ ޑިސެމްބަރު 16 ގައި ޚުދު ޚާލިދު ވެސް ވަނީ އިސްރާއީލުގެ ހަމަލާއެއްގައި ޝަހީދުވެފައެވެ. އޭނާގެ ވަގުތު ހޭދަކުރީ އެހީއަށް ބޭނުންވާ މީހުންނަށް އެހީ ދިނުމުގައެވެ.

ކްލާސްރޫމްތައް ފަޅުކޮށްފައި މި ދުނިޔެ ދޫކޮށްދިޔަ 4،032 ކުޑަކުދިން:

ކާކުކަން ދެނެގަނެވިފައި ނުވާ ހަށިގަނޑުތައް ނުހިމަނާ، އިސްރާއީލުން ޝަހީދުކޮށްލައިފައިވާ އުމުރުން ހަ އަހަރާއި 10 އަހަރާ ދެމެދުގެ، ޕްރައިމަރީ ސްކޫލަށް ދާ ކުދިންނާ ބެހޭ މައުލޫމާތު، ފަލަސްތީނުގެ ސިއްހީ ވުޒާރާއިން ހޯމަ ދުވަހު ހާމަކޮށްފައިވާ ގޮތުގެ ޗާޓެއް
އުމުރުން ހަ އަހަރު ނުވަނީސް ޝަހީދުވި ހިންދުގެ ކުރެހުމެއް

އުމުރުން ފަސް އަހަރުގެ ހިންދު ރަޖަބުއަކީ ހިތްއަލި، ހިތްހެޔޮ، ހަޔާތާމެދު އުފާވެރިކަމެއް ބެހެއްޓި، އަދި ކަންބަލާހިތްވާ ޒާތުގެ ކުއްޖެއްކަމަށް އޭނާގެ އާއިލާ އާއި އަވަށްޓެރިން ބުންޏެވެ.

މި ދިޔަ އަހަރުގެ ޖަނަވަރީ 29 ގައި ހިންދު ވެގެން އައީ ލެއިން ތަތްތެޅިފައިވާ ކާރެއްގެ ތެރޭގައި މަރުވެފައިވާ އޭނާގެ އާއިލާގެ ތެރެއިން ސަލާމަތްވި ހަމައެކަނި ކުއްޖާއަށެވެ.

އޭނާގެ އާއިލާ ވެގެންދިޔައީ ތަލް އަލް-ހަވާ އަވަށަށް އިސްރާއީލުން އަޅަމުން ދިޔަ ބޮންތަކުން ސަލާމަތްވުމަށް ފިލަނިކޮށް އިސްރާއީލުގެ ޓޭންކެއްގެ ޝިކާރައަކަށްވި ބަޔަކަށެވެ. ހިންދު ހުރީ އެކަނިވެފައެވެ. ނަމަވެސް ފަލަސްތީނުގެ ރެޑް ކްރެޒެންޓް ސޮސައިޓީ (ޕީ.އާރް.ސީ.އެސް)އަށް އޭނާއަށް ގުޅުނެވެ.

އޭނާގެ އެންމެ ފަހު ވަގުތުކޮޅުގައި އެ ފޯނު ކޯލުގައި އޭނާ ސަލާމަތްކޮށްދިނުމަށް އާދޭސްކުރިއެވެ. އޭނާގެ ބިރުގަތްފައިވާ ރުއިންތައް މުޅި ދުނިޔެއަށް ގުގުމައިގެން ދިޔައެވެ.

"އަހަރެން ވަރަށް ބިރުން މި ހުރީ. އާދޭސްކޮށްފައި މި ބުނީ އާދޭ. އާދޭސްކޮށްފައި މި ބުނީ އަހަރެން ގެންދަން ކޮންމެވެސް މީހަކު ފޮނުވައިދީ،" ކުއްލި އެހީ ދޭ ފަރާތްތަކާއެކު އޭނާ ދައްކަމުން ދިޔަ ހިތާމަވެރި ތިން ގަޑިއިރުގެ ވާހަކައިގައި އޭނާ ތަކުރާރުކޮށް ބުނަމުން އައެވެ. އެއިރު އިސްރާއީލުން ދިޔައީ އެ ކުއްލި އެހީ ދޭ ފަރާތްތަކުން އޭނާގެ ގާތަށް އައުމަށް ހުރަސްއަޅަމުންނެވެ.

އޭނާގެ ހަށިގަނޑު ފެނުނީ އޭގެ 12 ދުވަސް ފަހުން އޭނާގެ އާއިލާގެ މެންބަރުންގެ ގާތުގައި އޮއްވައެވެ. އަދި އެ މީހުންގެ ގާތުގައި އޭނާ ސަލާމަތްކުރަން އެހީވި ސިއްހީ އެހީތެރިންގެ ހަށިގަނޑުތައް ވެސް އޮތެވެ.

އޭނާގެ ހަނދާނުގައި ގާއިމުކޮށްފައިވާ ހިންދު ރަޖަބު ފައުންޑޭޝަނުން އޭނާގެ ހަނދާން އާކުރަމުން އާދެއެވެ. އަދި އޭނާ އާއި އިސްރާއީލުން ޣައްޒާގައި ފަށައިފައިވާ ހަނގުރާމައިގައި ނޭދެވޭ އަސަރުކުރަމުންދާ މީހުންނަށް އިންސާފު ހޯދައިދޭން އެ ފައުންޑޭޝަނުން މަސައްކަތް ކުރަމުން އާދެއެވެ.

ބޮޑެތި ނުވަނީސް ޝަހީދުވި 3،646 ކުޑަކުދިން:

ކާކުކަން ދެނެގަނެވިފައި ނުވާ ހަށިގަނޑުތައް ނުހިމަނާ، އިސްރާއީލުން ޝަހީދުކޮށްލައިފައިވާ އުމުރުން 11 އަހަރާއި 14 އަހަރާ ދެމެދުގެ ކުދިންނާ ބެހޭ މައުލޫމާތު، ފަލަސްތީނުގެ ސިއްހީ ވުޒާރާއިން ހޯމަ ދުވަހު ހާމަކޮށްފައިވާ ގޮތުގެ ޗާޓެއް
(މަތިން ތިރިއަށް ގަޑީގެ ކަށި އެނބުރޭ ގޮތަށް) އުމުރުން 14 އަހަރުގެ ސުހައިލު، އުމުރުން 12 އަހަރުގެ ޖޫލީ އަދި އުމުރުން 10 އަހަރުގެ މަޖްދުގެ ކުރެހުމެއް

އޮކްޓޫބަރު 2023 ގެ 19 ގައި ޣައްޒާގެ އެންމެ ދުވަސްވީ ނަސޯރާ ދީނުގެ ފައްޅި ކަމަށްވާ ސެއިންޓް ޕޯފީރިއަސްއަށް އިސްރާއީލުގެ ވައިގެ ހަމަލާއެއް އެރިއެވެ. އެ ހާދިސާގައި މަދުވެގެން 18 މީހުން މަރުވިއެވެ.

އޭގެ ތެރޭގައި އެއްބަނޑުއެއްބަފާ ތިން ކުދިން ހިމެނުނެވެ. އެއީ އުމުރުން 10 އަހަރުގެ މަޖްދު ރާމިޒު އަލް-ސޫރީ އާއި އުމުރުން 12 އަހަރުގެ ޖޫލީ ރާމިޒު އަލް-ސޫރީ އަދި އުމުރުން 14 އަހަރުގެ ސުހައިލު ރާމިޒު އަލް-ސޫރީއެވެ.

އެ ކުދިންގެ ހިތްހަލާކުވެފައިވާ ބައްޕަ ވަނީ އެ ފައްޅި ތެރޭގައި ސަލާމަތް ހޯދަން އެ ކުދިން މަސައްކަތްކުރި ހިތާމަވެރި ވަގުތުގެ ވާހަކަ ކިޔައިދީފައެވެ.

"އަހަރެމެން ހީކުރީ މިއީ އަހަރެމެންނަށް ރައްކާތެރި ތަނެއް ކަމަށް. މާތް ކަލާނގެ ގެކޮޅުގައި އަހަރެމެންނަށް ލިބޭނެ އެންމެ ފަހު ސަލާމަތްތެރިކަން ކަމަށް. އެ މީހުން އަހަރެންގެ ކުދިންނަށް ބޮން އެޅީ ކުރިން އިންޒާރެއް ނުދީ. އެ މީހުން އަހަރެމެންގެ ކުދިން މަރައިލީ. އަހަރެމެންގެ ދެބެންގެ ދެދަރިންނާއި ތިމާގެ މީހުންގެ ދަރިން،" ކަރުނައަޅާ ރޮމުން ހިތާމަކުރާ ހާލު އޭނާ ކިޔައިދިނެވެ.

ކުރިމަގު ހަގީގަތަކަށް ނުވެ މި ދުނިޔެ ދޫކުރި 2،949 ކުޑަކުދިން:

ކާކުކަން ދެނެގަނެވިފައި ނުވާ ހަށިގަނޑުތައް ނުހިމަނާ، އިސްރާއީލުން ޝަހީދުކޮށްލައިފައިވާ އުމުރުން 15 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނާ ބެހޭ މައުލޫމާތު، ފަލަސްތީނުގެ ސިއްހީ ވުޒާރާއިން ހޯމަ ދުވަހު ހާމަކޮށްފައިވާ ގޮތުގެ ޗާޓެއް
އުމުރުން 15 އަހަރުގެ މަހްމޫދުގެ ކުރެހުމެއް

މަހްމޫދު އަލް-ދަހްދޫހު ބޭނުންވީ ނޫސްވެރިއަކަށް ވާށެވެ. އަލް ޖަޒީރާގެ ޣައްޒާގައި ހުންނަ އެންމެ އިސް ނޫސްވެރިޔާ ކަމަށްވާ އޭނާގެ ބައްޕަ ވާއިލު އަލް-ދަހްދޫހު ފަދައިންނެވެ.

އޭނާގެ ވަޒަނުގެ ވާހަކަތައް ދުނިޔެއަށް ކިޔައިދޭން އަޒުމް ކަނޑައަޅައިގެން، "ހަގު ވާއިލު"ގެ ނަމުން ވެސް މުހާތަބު ކުރެވޭ އުމުރުން 15 އަހަރުގެ މަހުމޫދު، އޭނާގެ ދައްތަ ޚުލޫދު އާއެކު ފެށީ ޣައްޒާގައި އިސްރާއީލުން އަޅަމުންދިޔަ ބޮންތަކާއި ޣައްޒާގައި އިތުރުވަމުންދިޔަ އިސްރާއީލުގެ އަނިޔާވެރިކަމުގެ އަސަރުތައް ވީޑިއޯކުރާށެވެ.

"ޣައްޒާއަކު ރައްކާތެރި ތަނެއް ނެތް… މިއީ ޣައްޒާގައި އެންމެ ވަރުގަދަ އަދި އެންމެ އަނިޔާވެރި ހަނގުރާމަ އަހަރެމެން ތަހައްމަލުކުރި. އަހަރެމެން ދިރިހުންނަށް އެހީވެދީ،" ދެބެއިން އާދޭސްކުރިއެވެ.

މަހްމޫދު އެއިރު ކިޔަވަމުން އައީ ހައި ސްކޫލްގެ އެންމެ ފަހު އަހަރުއެވެ. އޮކްޓޫބަރު 2023 ގެ 25 ވަނަ ދުވަހުގެ ރޭ މަހްމޫދު ޝަހީދުވިއެވެ. އޭނާގެ މަންމަ އާއި އުމުރުން ހަތް އަހަރުގެ އަންހެން ކޮއްކޮ ޝާމް އާއި އެއްބަނޑުއެއްބަފާ މީހެއްގެ އުމުރުން ދޮޅު އަހަރުގެ ދަރިފުޅެއް ކަމަށްވާ އާދަމް އާއި އިތުރު 21 މީހުންނާއެކުއެވެ. އެއީ ނުސައިރާތު ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައެވެ. އެ ތަނަށް އެ މީހުން ދިޔައީ އެ ތަނުން ހިމާޔަތް ހޯދަން އިސްރާއީލު އަސްކަރިއްޔާއިން ބުނުމުންނެވެ.

މުހައްމަދު، ރީމު، ހިންދު، އަލް-ސޫރީ ބެއިންތައް އަދި މަހްމޫދު ކަހަލަ ކުދިންގެ ހަޔާތުން ޣައްޒާގައި އިސްރާއީލުން ނިގުޅައިގަތް ގުނާ އަދަދު ނުކުރެވޭ ކުޑަކުދިންގެ ޅަފަތް ވަގަށް ނަގައިފައިވާ ގޮތުގެ އުދުވާން ދައްކައިދެއެވެ. މިހާރު ފެންނަން ހުރީ ހަމައެކަނި އެ ކުދިންގެ މައުސޫމުކަމުގެ ހަނދާންތަކެވެ. އަދި ދެން ދުވަހަކު ވެސް ހަގީގަތަކަށް ނުވާނެ އެ ކުދިންގެ ކުރިމަގުތަކުގެ ވާހަކަތަކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *