ނަފުސަށް އަޅާ ތެދުވެރި ނުވެވި ތަޤްވާގެ ސިފަ ނުލިބޭނެޔޭ
ނަފުރަތު ނުބައި އެދުމަށް އެހިނދު ރޫޙާ ހިތުން ކުރެވޭނެޔޭ
ފަޖުރުން ފަށައިގެން މުޅިދުވަހު އެއްޗެއްނުކައި ހުއްޓަސް އަޅާ
އަޖުރުގެ ޙަޤީޤީ ދަރުމައެއް ތަޤްވާގެ ސިފަނެތި ނުލިބެޔޭ
ޤުރުއާނުގައި ވާރިދުވެފައި އޮތުމުން ވަޙީގައި تَتَّقُوْنَ
ޙުރުމަތް އަދާކޮށް ބަސްފުޅަށް ކުރިނަމަ ނަޒަރު ވިސްނޭނެޔޭ
ރޯދައިގެ ސަބަބުން ނަފުސުގައި ދޫކޮށްލުމުގެ ސިފަ ހާނުވައި
ހޯދައިނުގަނެ ހުރިނަމަ އަޅާ ސީދާ މަގުން ނުހިނގޭނެޔޭ
ދުނިޔޭގެ ޢަމަލީ މަގުމަތީ ނާރައި ކުށަށް ނުހިނގޭ އަޅާ
އުނިވާނެޔޭ ހެޔޮ ކަންކަމުން ތަޤްވާގެ ސިފަވެސް ނުލިބެޔޭ
ވިއްކަން އެހެރަ ލޯޝަންތަކާ މޭކަޕު ތަކުން ސިފަ ފޮރުވިޔަސް
ސިއްކައިގެ އަސަރެއް ނިތްކުރިން ފާސިޤުކަމުގެ ނުފޮހޭނެޔޭ
