ހއ. އަތޮޅަށް ގެސްޓްހައުސް ފައިނޭންސިން ޕްރޮޑަކްޓް ބޭންކް އޮފް މޯލްޑިވްސް އިން މިއަދު ތަޢާރަފުކޮށްފިއެވެ.
މި ޕްރޮޑަކްޓް ތައާރަފްކުރުމަށް މިއަދު މެންދުރުފަހު ހއ. ފިއްލަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން، ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ "ހއ. އަތޮޅުގައި ގެސްޓްހައުސް ފައިނޭންސިން ތަޢާރަފުކުރުމަކީ އިޤްތިޞާދީ ކުރިއެރުން އިތުރުކޮށް، ދިވެހިން ހިންގާ ވިޔަފާރިތަކަށް ބާރުވެރިކަން ހޯދައިދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތުގެ ރަމްޒެއް" ކަމަށެވެ. އޭނާ ވިދާޅުވީ މީގެ ބޭނުމަކީ "މާލީ ހައްލުތައް ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖައްސައިދީ، ފަތުރުވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށާއި، އައު ފުރުޞަތުތައް އުފެއްދުމަށާއި ހއ. އަތޮޅުގައި ދެމެހެއްޓެނިވި ކުރިއެރުން ހޯދުމަށް ވިޔަފާރިވެރިންނަށް އެހީތެރިވުން" ކަމަށެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ތޯރިގް އިބްރާހިމާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުހައްމަދު ސައީދުގެ އިތުރުން ބޭންކުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ދާދި ފަހުން ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ގެސްޓްހައުސް ފައިނޭންސިންގ ޕްރޮޑަކްޓު އިތުރަށް ފުރިހަމަކޮށް ގިނަ ބަޔަކަށް ފައިނޭންސްއަށް ފަސޭހައިން ވާސިލުވެވޭނެ ގޮތަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ފައިނޭންސިން އަށް ހުށަހަޅާ ގެސްޓްހައުސް ރަހުނުގެ ގޮތުގައި ހުށަހެޅޭނެ ގޮތް ހަމަޖައްސާފައިވެއެވެ.
"ހއ. އަތޮޅުގައި ގާއިމުކުރެވުނު އޭޓީއެމްތަކުގެ ޚިދުމަތާއެކު ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ގޮތުގައި ބީއެމްއެލް އިން ދެމުންދާ ޚިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެއެވެ. މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 107 ސެލްފްސަރވިސް ބޭންކިން ސެންޓަރ، 165 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ." ބީ.އެމް.އެލްގެ ބަޔާނެއްގައި ވެއެވެ.
"ބޭންކުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އީޖާދީ ބޭންކިން ހައްލުތަކެއް ގާއިމުކޮށް މުޖުތަމަޢު ބާރުވެރިކުރުވުމަށެވެ."



advertisment

