ގްރީންލޭންޑަކީ މައުދަންތަކުން އެންމެ މުއްސަނދި ދުނިޔޭގެ އެންމެ ބޮޑު ޖަޒީރާ ރަށެވެ. އާބާދީއަކީ 56،000 މީހުންނެވެ. އޭގެ ތެރޭގައި ގިނައީ އިނުއިޓު ނަސްލަށް ނިސްބަތްވާ ބައެކެވެ.
މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ހޫނުވަމުންދާ ދުނިޔޭގެ އުތުރު ބިތް ނުވަތަ ނޯތު ޕޯލުގެ އާކްޓިކް ސަރަހައްދުގައިވާ ގުދުރަތީ ވަސީލަތްތަކުން ފައިދާ ހޯދުމަށް ވާދަ ކުރަމުން އަންނަ ގައުމުތަކުގެ ސަބަބުން ގްރީންލޭންޑަށް މިހާރު ވަނީ އިގުތިސާދީ ހެޔޮ ބަދަލުތަކެއްގެ ކޮޅުމަތި ފެންނަން ފަށައިފައެވެ.
މިއަދު ގްރީންލޭންޑަށް ބައިނަލްއަގުވާމީ މަސްރަހުގައި ކުއްލި ސަމާލުކަމެއް ލިބިގެން އުޅެނީ އެމެރިކާގެ ރައީސް ކަމަށް ހައްދުފަހަނަޅާފައިވާ ކަނާތު ފިޔައިގެ ޑޮނަލްޑް ޓްރަމްޕް އަލުން އިންތިހާބުވެ ވަޑައިގަތުމުންނެވެ. އެ ގޮތުން ދުނިޔޭގެ މަސްރަހު ހަލަބޮލި ކޮށްލައްވަމުން ވަޑައިގަންނަވާ ދަތުރުގައި ގްރީންލޭންޑް އެމެރިކާގެ ސްޓޭޓަކަށް ހަދަން ކޮންމެހެން ބޭނުންވެ ވަޑައިގަންނަވާ ކަމަށާއި އެއް ގޮތަކުން ނޫނީ އަނެއް ގޮތަކުން ނަމަވެސް އެ ރަށް އެމެރިކާގެ ތަނެއް ގޮތަށް ހަދާނެ ކަމަށް ވައުދުވެ ވަޑައިގަތުމުންނެވެ.
ގުދުރަތީ އެތައް ބާވަތެއްގެ މައުދަންތަކުން މުއްސަނދި ގްރީންލޭންޑް އެމެރިކާގެ ބާރުގެ ދަށަށް ގެންނަން ޓްރަމްޕް ބޭނުން ކުރައްވަމުން ވަޑައިގަންނަވާ އުކުޅުތަކުގެ ޝިކާރައަކަށްވެފައިވާ މި ޖަޒީރާ ގިނަ ބަޔަކަށް މިހާތަނަށް އެނގިފައިވަނީ ދުނިޔޭގެ "ބޮލުގައި" އޮންނަ މާސިންގާ ގަނޑުފެންގަނޑެއްގެ ގޮތުގައެވެ. ނަމަވެސް ވައިކިން ނަސްލުގެ ސައްޔާހު އެރިކް ދަ ރެޑް އެ ރަށުގައި މީހުން ރަށްވެހިކުރުވަން ޝައުގުވެރިކުރުވަން "ގްރީންލޭންޑް" ނުވަތަ ލަފުޒީ މާނައަށް ބަލާ ނަމަ "ފެހި ބިން"ގެ ނަމުން ނަން ދިން މި ޖަޒީރާއަކީ 4،000 އަހަރުގެ ދިގު އިންސާނީ ތާރީހެއް އޮތް ރަށެކެވެ.

ޔޫރަޕްގެ ގައުމެއް ކަމަށްވާ ޑެންމާކްގެ ބާރުގެ ދަށުގައި އޮތަސް އަމިއްލަ ވެރިކަމެއް ކުރަމުން އަންނަ ގްރީންލޭންޑަކީ އުތުރު އެމެރިކާ ބައްރުގައި އެމެރިކާގެ އުތުރުން އޮންނަ ކެނެޑާ އާއި ޔޫރަޕްގެ އުތުރުން އޮންނަ ސްކެންޑިނޭވިއާ ސަރަހައްދުގައިވާ ގައުމުތަކަށް ނިސްބަތްވާ ނޯސް ނަސްލުގެ މީހުންނާއި ނަސޯރާ މަޒުހަބެއް ކަމަށްވާ ލުތަރަން މަޒުހަބަށް ތަބާވާ މީހުން އެ މަޒުހަބު ފަތުރަން މަސައްކަތް ކުރި ފާދިރީންނާއި ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރައިމައިގެ ދުވަސްވަރު ޖަރުމަނުގައި ވެރިކަން ކުރި އެޑޮލްފް ހިޓްލަރާއި ރަޝިއާގެ އެއިރުގެ ހިލާފަތް ކަމަށްވާ ސޯވިއެޓް ޔުނިއަންގެ ކިބައިން ދިފާއު ވާން އެމެރިކާއިން އަސްކަރީ މަރުކަޒެއްގެ ގޮތުގައި ވެސް ބޭނުން ކުރި ޖަޒީރާ ރަށެކެވެ.

މިހެންވެ، ގްރީންލޭންޑް އަތުލުމަށް ޓްރަމްޕް މިހާރު ގަދައަޅުއްވާ މަސައްކަތް ކުރައްވަނީ ކީއްވެކަން ދެނެގަތުމަށް ގްރީންލޭންޑްގެ ފާހަގަކޮށްލެވޭ ތާރީހަށް ބަލައިލުމަކީ ތާރީހަށް ޝައުގުވެރިވާ ކޮންމެ މީހަކަށް މުހިންމު މައުލޫމާތެއް ކަމަށް ފެނެއެވެ.
އެ ގޮތުން މި ބަލައިލަނީ ގްރީންލޭންޑްގެ ތާރީހުގެ މުހިންމު މަރުހަލާތަކަށެވެ.
އީސާ އަލައިހިއްސަލާމްގެ ގާތްގަނޑަކަށް 2،500 އަހަރު ކުރި:

ގްރީންލޭންޑްގެ އުތުރު ސަރަހައްދުތަކަށް އިންސާނުން ފުރަތަމަ އައިސް ވަޒަންވެރިވީ އުތުރު އެމެރިކާ ބައްރުގެ ކެނެޑާ އާއި ގްރީންލޭންޑާ ދެމެދު އޮންނަ ކުޑަ ކަނޑު ގަނޑުވުމާ ގުޅިގެންނެވެ. މިއީ އިނުއިޓު ނަސްލުގެ މީހުން ގްރީންލޭންޑަށް ހިޖުރަ ކުރި ހަ ބުރުގެ ތެރެއިން ފުރަތަމަ ބުރެވެ.
މީލާދީން ގާތްގަނޑަކަށް 985 ވަނަ އަހަރު:

އެރިކް ވައިކިން ނަސްލުގެ މީހުންނާއެކު ބޯޓުތަކެއްގައި ގްރީންލޭންޑަށް އައެވެ. މި ކަން ފާހަގަކޮށްފައިވަނީ އައިސްލޭންޑްގެ ތާރީހުގައެވެ. ނޯސް މީހުން ގްރީންލޭންޑްގެ ދެ ސަރަހައްދެއްގައި ވަޒަންވެރިވިއެވެ. އާބާދީގައި ހިމެނުނީ 2،500 އާއި 5،000 އާ ދެމެދުގެ އަދަދުގެ މީހުންނެވެ. ނަމަވެސް "ހަގީގަތް ނޭނގޭ" ގޮތަކަށް އެ ރަށްވެހިން ގްރީންލޭންޑުން "ގެއްލުނެ"ވެ. އެއީ މީލާދީން ގާތްގަނޑަކަށް 1450 ގެ އަހަރުތަކުގެ ތެރޭގައެވެ.
މީލާދީން 1200 ވަނަ އަހަރު:

އިނުއިޓު ނަސްލުގެ މީހުން ގްރީންލޭންޑަށް ހިޖުރަ ކުރުމުގެ އެންމެ ފަހު ބުރުގައި ތޫލީ ދަރިކޮޅުގެ މީހުން ގްރީންލޭންޑަށް އައެވެ. އެއީ މިހާރު އެމެރިކާގެ ސްޓޭޓެއް ކަމަށްވާ އަލަސްކާއިންނެވެ. މި މީހުން މުޅި ގްރީންލޭންޑްގައި ފެތުރިގަތެވެ. މި މީހުންނަކީ މިއަދު ގްރީންލޭންޑްގެ އަސްލު ވަޒަންވެރިންގެ އާބާދީގެ 90 ޕަސެންޓް ރައްޔިތުންގެ ކާބަފައިންނެވެ.
މީލާދީން 1721 ވަނަ އަހަރު:

ގްރީންލޭންޑްގައި ވީނުވީއެއް ނޭނގި ނެތިދިޔަ ނޯސް ނަސްލުގެ މީހުން ރަށްވެހިވި ބިންތައް ހޯދުމަށް ނަސޯރާ ދީނުގެ ލުތަރަން މަޒުހަބު ފަތުރާ ފާދިރީ ހަންސް އޭގެޑީ ގްރީންލޭންޑަށް އައެވެ. ނޯސް ނަސްލުން ސަލާމަތްވި އެއްވެސް މީހަކު ނުފެނުމުން ގްރީންލޭންޑްގެ މިހާރުގެ ވެރިރަށް ނޫކް ކައިރީގައި އޮންނަ ކެންގެކްގައި މީހުންނަށް ދިރިއުޅެވޭނެ ސަރަހައްދެއް ބިނާކުރަން ފެށިއެވެ. އަދި އަސްލު ވަޒަންވެރިން ނަސޯރާ ދީނަށް ވެއްދުމަށް މަސައްކަތް ފެށިއެވެ. މި ކަން ވެގެން އައީ ޑެންމާކުން މި ޒަމާނުގައި ގްރީންލޭންޑްގެ މައްޗަށް އިސްތިއުމާރު ހިންގަން ފެށުމަށެވެ.
މީލާދީން 1814 ވަނަ އަހަރު:
ސްކެންޑިނޭވިއާގެ ގައުމެއް ކަމަށްވާ ނޯވޭ ހިމެނޭ ގޮތަށް އެއް ގައުމެއް ގޮތަށް އެއިރު އޮތް ޑެންމާކާއި ނޯވޭގެ ރަސްކަން އުވުމުން ގްރީންލޭންޑް ރަސްމީ ގޮތުން ބަދަލުވީ ޑެންމާކްގެ އިސްތިއުމާރީ ބާރު ހިނގާ ތަނަކަށެވެ. ގްރީންލޭންޑަކީ ބޭރު ދުނިޔެއާ އެކަހެރިކޮށްލައިފައިވާ ތަނަކަށް ހަދަން ޑެންމާކްގެ ކަމާ ބެހޭ ފަރާތްތަކުން ސިޔާސަތެއް ތަރައްގީ ކުރިއެވެ. ޑެންމާކްގެ ދައުލަތުން ހިންގާ މޮނޮޕޮލީއަކުން ގްރީންލޭންޑްގެ ވިޔަފާރި ދާއިރާ ހިންގަން ފެށިއެވެ.
މީލާދީން 1854 އާއި 1987 ވަނަ އަހަރާ ދެމެދު:

އެލުމިނިއަމް މާއްދާ އުފައްދަން ބޭނުންކުރާ މައުދަނެއް ކަމަށްވާ ކްރަޔޮލައިޓް ދުނިޔޭގައި ވިޔަފާރީގެ ގޮތުން ވިއްކާ ހަމައެކަނި މަސްދަރަކަށް ގްރީންލޭންޑްގެ ހުޅަނގުދެކުނުގައި އޮންނަ އިންވިޓޫޓު ސަހަރު ވެގެން އައެވެ. އެ މައިނުގެ މުޅި ތާރީހުގައި 3.7 މިލިއަން ޓަނުގެ ކްރަޔޮލައިޓް ނެގިއެވެ. އޭގެ ތެރެއިން ބޮޑު ބައެއް ވިއްކީ އެމެރިކާއަށެވެ. އެންމެ ބޮޑަށް މި ވިޔަފާރި ކުރިއަރައިގެން އައީ 1939 އިން 1945 ގައި ހިނގި ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރައިމައިގައި އަސްކަރީ މަތިންދާބޯޓުފަހަރު އުފައްދަން އެލުމިނިއަމް މާއްދާ ބޭނުންވެގެންނެވެ. މައިނުގައި ހުރި ހުރިހާ ގުދުރަތީ ކްރަޔޮލައިޓް ހުސްވުމުން އެ ތަން ބަންދުކުރުމަށް ފަހު ފެކްޓަރީތަކުން އޭގެ ބަދަލުގައި އުފައްދަން ފެށީ މަސްނޫއީ ކްރަޔޮލައިޓެވެ.
މީލާދީން 1917 ވަނަ އަހަރު:

މުޅި ގްރީންލޭންޑަކީ ޑެންމާކްގެ ހައްގެއް ކަމަށް އެމެރިކާ ސަރުކާރުން ބަލައިގަތެވެ. މި ގޮތަށް އެމެރިކާއިން ބަލައިގަތީ ޑެންމާކްގެ ބާރުގެ ދަށުގައި އެޓްލާންޓިކް ކަނޑުގައި އޮންނަ ވާޖިން ޖަޒީރާތައް 25 މިލިއަން ޑޮލަރު (385 މިލިއަން ރުފިޔާ)ގެ އަގަށްވާ ރަން ޑެންމާކަށް ދީފައި ވާޖިން ޖަޒީރާތައް އެމެރިކާއިން ގަތް އެއްބަސްވުމުގެ ދަށުންނެވެ.
މީލާދީން 1941 އިން 1945 ވަނަ އަހަރާ ދެމެދު:

ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރައިމައިގެ މެދުތެރޭގައި އެމެރިކާއިން ގްރީންލޭންޑް ހިފިއެވެ. އެއީ ހިޓްލަރުގެ ޖަރުމަނީން ގްރީންލޭންޑް ހިފައި، އުތުރު އެމެރިކާ ބައްރަށް ހަމަލާ ދޭން ގްރީންލޭންޑް އަސްކަރީ މަރުކަޒެއްގެ ގޮތުގައި ބޭނުންކޮށްފާނެކަމުގެ ބިރު އުފެދިގެންނެވެ. އެމެރިކާއިން ގްރީންލޭންޑް ހިފީ ޑެންމާކުން ބޭރުކޮށްލައިފައިވާ ޑެންމާކްގެ ސަރުކާރާއެކު ގާއިމުކުރި މުއާހަދާއެއްގެ ދަށުންނެވެ. މި އެއްބަސްވުމުގެ ދަށުން ވެސް ގްރީންލޭންޑްގެ އިސްތިގުލާލާއި ސިޔާދަތަކީ ޑެންމާކްގެ ހައްގެއް ކަމަށް އެމެރިކާއިން ގަބޫލުކުރިއެވެ.
މީލާދީން 1946 ވަނަ އަހަރު:

ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމަ ނިމުނުއިރު އެމެރިކާގެ ރައީސްކަމުގައި ހުންނެވި ހެރީ ޓްރޫމަންގެ ސަރުކާރުން ގްރީންލޭންޑް ގަތުމަށް ޑެންމާކަށް ހުށަހެޅިއެވެ. އެއީ އެ ޖަޒީރާގައި ހުރި އަސްކަރީ މަރުކަޒުތައް އެމެރިކާގެ ބާރުގެ ދަށުގައި ބޭއްވުމަށް ކަށަވަރު ކުރުމުގެ ގޮތުންނެވެ. ޓްރޫމަން ވިދާޅުވީ "އެމެރިކާގެ ދިފާއުއަށް ގްރީންލޭންޑަކީ ވަރަށް މުހިންމު ތަނެއް" ކަމަށެވެ. ގްރީންލޭންޑް ވިއްކައިލަން ޑެންމާކުން ދެކޮޅުހެދިއެވެ. އެކަމަކު އެ ރަށުގައި ހުރި އަސްކަރީ މަރުކަޒުތައް އެމެރިކާގެ ބާރުގެ ދަށުގައި ބަހައްޓަން ދިގު މުއްދަތުގެ އެއްބަސްވުމެއް ދެ ގައުމުގެ ދެމެދުގައި ގާއިމުކުރިއެވެ.
މީލާދީން 1953 ވަނަ އަހަރު:
ޑެންމާކްގެ އިސްތިއުމާރު ހިނގާ "ކޮލޮނީ"އެއްގެ ބަދަލުގައި އަމިއްލަ ވެރިކަމެއް ހިނގާ ޑެންމާކްގެ "ކައުންޓީ"އަކަށް ގްރީންލޭންޑް ބަދަލުވިއެވެ. އެއީ ޑެންމާކްގެ ގާނޫނު އަސާސީއަށް ގެނައި ދުސްތޫރީ އިސްލާހެއް ނުވަތަ "ކޮންސްޓިޓިއުޝަނަލް އެމެންޑްމެންޓް"އެއްގެ ދަށުންނެވެ. ނަމަވެސް، ގްރީންލޭންޑްގެ ކަންތައްތައް ނިންމުމުގެ ހަގީގީ ބާރު ދީފައިވަނީ ޑެންމާކްގެ ވެރިރަށް ކޯޕެންހޭގަންގައި، ގްރީންލޭންޑްގެ ކަންތައްތައް ބަލަހައްޓަން އުފައްދައިފައިވާ ވުޒާރާ، މިނިސްޓްރީ އޮފް ގްރީންލޭންޑްއަށެވެ.
މީލާދީން 1979 ވަނަ އަހަރު:

ގްރީންލޭންޑްގެ ދާހިލީ ކަންތައްތަކަށް ރަށްވެހިންގެ ބާރު އިތުރު ކުރުމަށް ގޮވާލިގޮވާލުން ވަރުގަދަވުމުގެ ނަތީޖާއަކަށްވީ "ހޯމް ރޫލް އެކްޓް" ނުވަތަ "ދާހިލީ ވެރިކަމުގެ ގާނޫނު" އުފެއްދުމެވެ. މި ގާނޫނުގެ ދަށުން ގްރީންލޭންޑްގެ އަމިއްލަ ޕާލަމަންޓެއް ނުވަތަ ގާނޫނު ހަދާ މަޖިލީހެއް އުފެއްދިއެވެ. އަދި ގްރީންލޭންޑްގެ ދާހިލީ އިދާރީ ބާރުތަކަށް، ތައުލީމާއި ސިއްހަތާއި މަސްވެރިކަން ފަދަ ދާއިރާތައް ހިންގުމުގެ ބާރު ދިނެވެ. ޑެންމާކު ޕާލަމަންޓުން ވެސް މި ގާނޫނު ބަލައިގަތެވެ. އަދި ގްރީންލޭންޑްގެ ރަށްވެހިންގެ 70 ޕަސެންޓް ރައްޔިތުން މި ގާނޫނު ތަންފީޒު ކުރަން ވޯޓު ދިނެވެ.
މީލާދީން 2009 ވަނަ އަހަރު:

ޑެންމާކްގެ ރަސްކަމުގެ ތެރޭގައި ހިމެނޭ އަމިއްލަ ވެރިކަމެއް ކުރާ ގައުމަކަށް ގްރީންލޭންޑް ބަދަލުވިއެވެ. "ސެލްފް-ގަވަންމަންޓް އެކްޓް" ނުވަތަ "އަމިއްލަ ސަރުކާރު ހިންގުމާ ބެހޭ ގާނޫނު" ތަންފީޒުކުރަން ގްރީންލޭންޑްގެ 75 ޕަސެންޓް ރައްޔިތުން ވޯޓު ދިނެވެ. އަދި މި ގާނޫނު ޑެންމާކްގެ ޕާލަމަންޓުން ފާސްކުރިއެވެ. ގްރީންލޭންޑްގެ ރަށްވެހިންގެ ވޯޓަކުން އެދޭ ނަމަ ގްރީންލޭންޑަކީ މިނިވަން ގައުމެއްގެ ގޮތުގައި އޮތުމަށް ހައްގު އޮތް ޖަޒީރާއެއް ކަމަށް މި ގާނޫނުން ބަލައިގަތެވެ. ނަމަވެސް ގްރީންލޭންޑްގެ ދިފާއީ އަދި ހާރިޖީ ކަންތައްތައް ބެލެހެއްޓުން ޑެންމާކްގެ ބާރުގެ ދަށުގައި ބޭއްވިއެވެ.
މީލާދީން 2019 ވަނަ އަހަރު:

ގްރީންލޭންޑް ގަތުމަށް ޓްރަމްޕް ފުރަތަމަ ފަހަރަށް ހުށަހެޅުއްވުމުން ޑެންމާކާއި އެމެރިކާއާ ދެމެދު ޑިޕްލޮމެޓިކް އަރައިރުމެއް ހިނގިއެވެ. ޓްރަމްޕްގެ ހިޔާލާ ޑެންމާކްގެ ބޮޑު ވަޒީރު މެޓަ ފްރެޑަރިކްސަން ދެކޮޅުހެއްދެވިއެވެ. "ގްރީންލޭންޑަކީ ވިއްކާ އެއްޗެއް ނޫން. ގްރީންލޭންޑަކީ ޑެންމާކެއް ނޫން. ގްރީންލޭންޑަކީ ގްރީންލޭންޑުގެ ތަނެއް. ޓްރަމްޕްގެ ހުށަހެޅުއްވުމަކީ ސީރިއަސް މާނައެއްގައި ހުށަހެޅުއްވި ހުށަހެޅުއްވުމެއް ނޫން ކަމަށް އަހަރެން އުއްމީދުކުރަން،" މެޓަ ވިދާޅުވިއެވެ. މި އާ ވިދިގެން ކޮޕެންހޭގަނަށް ހަމަޖައްސަވައިފައިވާ ދަތުރެއް ޓްރަމްޕް އަވަހަށް ކެންސަލް ކުރެއްވިއެވެ.
މީލާދީން 2025 ވަނަ އަހަރު:

ގްރީންލޭންޑް އެމެރިކާއަށް ނުވިއްކަވާ ގޮތަށް ނިންމަވައިފައިވާކަން މެޓަ ހާމަކުރެއްވި ނަމަވެސް، އެމެރިކާގެ ޕާލަމަންޓް ނުވަތަ ކޮންގްރެސްއަށް ދެއްވި ތަގުރީރެއްގައި ޓްރަމްޕް ވިދާޅުވީ ގައުމީ ސަލާމަތީ ސަބަބުތަކަށްޓަކައި އެމެރިކާއަށް ގްރީންލޭންޑް ބޭނުން ކަމަށެވެ. "އަހަރެންނަށް ހީވަނީ އަހަރެމެންނަށް އެ ތަން ލިބޭނެހެން. އެއް ގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ވެސް އަހަރެމެންނަށް އެ ތަން ލިބޭނެ،" ޓްރަމްޕް ވިދާޅުވިއެވެ.
މި ބަލައިލެވުނީ ގްރީންލޭންޑްގެ ދިގު ތާރީހުގައި އެ ތަން ބަލަހައްޓަމުން އައިސްފައިވާ ޑެންމާކާއި އެމެރިކާއާއެކު އޮތް ގުޅުމުގެ މައްޗަށެވެ. ކަންތައްތައް މިހާރު ހުރި ގޮތުން އެނގެނީ ގްރީންލޭންޑްގެ ކުރިމަގު ކަނޑައަޅަން ގްރީންލޭންޑްގެ ރައްޔިތުންނަށް ޑެންމާކުން ދޫކޮށްލައިފައިވާ ކަމެވެ. އަދި މިހެންވެ، ގްރީންލޭންޑް ވިއްކުމުގެ ހިޔާލާ ޑެންމާކުން މުޅިން ދެކޮޅުކަމެވެ. މިހެންވެ، އެމެރިކާގެ ސްޓޭޓަކަށް ގްރީންލޭންޑް ހަދަން ޓްރަމްޕް ދެކެވަޑައިގަންނަވާ ހުވަފެނަށް ވާނެ ގޮތެއް އަދި ނޭނގެއެވެ.



advertisment