އެމެރިކާގެ ރައީސް ކަމަށް ޑޮނަލްޑް ޓްރަމްޕް ދެ ވަނަ ފަހަރަށް ވަޑައިގަތުމަށް ފަހު ސަރުކާރުގެ ހިންގުން ހަރުދަނާ ކުރެއްވުމަށް އުފެއްދެވި ޑިޕާޓްމަންޓް އޮފް ގަވަންމަންޓް އެފިޝެންސީ (ޑީ.އޯ.ޖީ.އީ)ގެ ވަޒީރުކަން ދެއްވި ބިލިއަނަޔަރު އީލޯން މަސްކު "އެމްޕަތީ" ނުވަތަ އެކަކުގެ އިހުސާސް އަނެކަކު ދެނެގަތުމާއި ހަމްދަރުދީގެ އިހުސާސް ނައްތައިލައްވަން ވަނީ ހަނގުރާމައެއް ފަށްޓަވައިފައެވެ.
"މިއީ މުޖުތަމައުގައި ހިނގަމުންދާ 'އިންސާނީ ޙަޟާރަތު އަމިއްލަ މަރަކުން މަރައިލުން’،" މަސްކު ވިދާޅުވިއެވެ.
އިނގިރޭސި ބަހުން މިއަށް ކިޔަނީ "ސިވިލިޒޭޝަނަލް ސުއިސިޑަލް އެމްޕަތީ"އެވެ. މި ބަސް އެންމެ ފުރަތަމަ ބޭނުންކުރީ ކެނެޑާގެ އިލްމްވެރިއެއް ކަމަށްވާ ގަޑް ސާޑްއެވެ.
މަސްކު ވިދާޅުވީ ހަމްދަރުދީވުމަކީ އޭނާ ގަބޫލުކުރައްވާ ކަމެއް ކަމަށާއި އެހެން މީހުންނަށް އަޅައިލަން ޖެހޭނެ ކަމަށާއި ނަމަވެސް ހަމްދަރުދީވުމުގެ އިހުސާސްގެ ސަބަބުން މުޖުތަމައު ހަލާކުވަމުންދާ ކަމަށެވެ.
"ހުޅަނގުގެ ޙަޟާރަތުގެ އަސާސީ ނިކަމެތިކަމަކީ ހަމްދަރުދީވުމާއި ހަމްދަރުދީވުމުން އެ ކަމުގެ ނާޖާއިޒު ފައިދާ ނެގުން. ހުޅަނގުގެ ޙަޟާރަތުގައިވާ މައްސަލައެއް ހައްލުކުރަން ކަމަށް ބުނެ ހަމްދަރުދީވުމުގެ އިހުސާސްގެ ނާޖާއިޒު ފައިދާއެއް ނަގަމުންދަނީ،" މަސްކު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ހަމްދަރުދީވުމަކީ މިހާރު "ހަތިޔާރެއް" ކަމަށެވެ.
މަސްކު ވިދާޅުވީ "ސޯޝަލް ސެކިއުރިޓީ" ނުވަތަ އިޖުތިމާއީ ރައްކާތެރިކަމަކީ "ޕޮންޒީ ސްކޭމެ"އް ކަމަށެވެ. ނަމަވެސް ޓްރަމްޕް ވިދާޅުވެފައިވަނީ ސަރުކާރުގެ ހިންގުމުގެ ހަރަދުތައް ކުޑަ ކުރައްވާއިރު އިޖުތިމާއީ ރައްކާތެރިކަމާއި ސިއްހީ އެހީ ފޯރުކޮށްދެއްވުމާ ދެކޮޅަށް ފިޔަވަޅު ނާޅުއްވާނެ ކަމަށެވެ.
ޑީ.އޯ.ޖީ.އީގެ ވަޒީރުކަމުގެ މަގާމުގައި ހުންނަވައިގެން މަސްކު ކުރައްވަމުން އަންނަ މަސައްކަތަކީ ކޮބައި ކަމާއި އެ މަސައްކަތުގެ ބޮޑު ކަމަކީ ރައްޔިތުންނަށް އަދި ސާފު ނުވެ އޮތް ސިޔާސަތުތަކެކެވެ. އެ ވުޒާރާއިން މަސައްކަތް ކުރަމުން އަންނަނީ ސަރުކާރުގެ ހަރަދުތަކުން އެއް ޓްރިލިއަން ޑޮލަރު (15 މިލިއަން މިލިއަން ރުފިޔާ) މަދުކުރެވޭތޯއެވެ.

ގަޑް ސާޑް ވެސް އިންޓަވިޔު ދޭ ޖޯ ރޯގަންއާއެކު މި ދިޔަ ހުކުރު ދުވަހު ވާހަކަ ދެއްކެވި ތިން ގަޑިއިރުގެ ޕޮޑްކާސްޓެއްގައި މަސްކު ވިދާޅުވީ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން ރާވަނީ ލިޔެކިޔުން ނެތް ގަވައިދާ ހިލާފަށް އެމެރިކާއަށް އެތެރެވާ ބިދޭސީން އެމެރިކާއަށް ހިޖުރަކުރުވައި އެ ބައިމީހުންނާއެކު އެމެރިކާގެ ސަރުކާރު އެ މީހުންގެ އަތްދަށަށް ދާއިމީ ގޮތެއްގައި ގެންދިއުމަށް ކަމަށެވެ.
"ޑިމޮކްރެޓުންނަށް އިތުރު ހަތަރު އަހަރުގެ ދައުރެއް ލިބުނު ނަމަ ވޯޓު ދެކޮޅަށް ކިރޭ ސްޓޭޓްތަކުގައި ދިރިއުޅުމަށް ގަވައިދާ ހިލާފަށް އެމެރިކާއަށް ހިޖުރަކުރާ ބިދޭސީންގެ އަދަދު އިތުރުކޮށް، އެ ބައިމީހުން ގަވައިދަށް ފައްތައި، ވޯޓު ދެކޮޅަށް ނުކިރޭނެ ގޮތަކަށް އެ ސްޓޭޓްތައް ބަދަލުކޮށްލާނެ. ދެން އެ ބައިމީހުންނަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ. އެ ބައިމީހުންނަށް ގާނޫނު ހަދާ މަޖިލިސް ކަމަށްވާ ކޮންގްރެސް އާއި ރައީސްކަމުގެ މަގާމު ވެސް ކާމިޔާބު ކުރެވޭނެ،" ރޯގަންއަށް މަސްކު ވިދާޅުވިއެވެ.
މިއީ މިހާރު ތާކުންތާކު ނުޖެހޭ ތިއަރީއެއް ކަމަށް ބެލެވޭ "ރިޕްލޭސްމެންޓް ތިއަރީ" ފަދަ އަސްލެއް ނެތް ނަޒަރިއްޔާތެއް ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. ރިޕްލޭސްމެންޓް ތިއަރީގައި ބުނާ ގޮތުން "ލިބަރަލް" ހިޔާލު ގެންގުޅޭ ވައަތު ފިޔައިގެ ފަރާތްތަކުން އަންނަނީ އެމެރިކާއަށް އުފަންވާ ރައްޔިތުން ގައުމުގެ ސަގާފަތާއި ވޯޓު ދިނުމުގެ ދާއިރާއިން ދުރުކުރުމަށް މަސައްކަތް ކުރަމުންނެވެ. އެއީ ގަވައިދާ ހިލާފަށް ބިދޭސީން އެމެރިކާގައި ވަޒަންވެރި ކުރުވައިގެންނެވެ. މިއީ ގައުމިއްޔަތުގެ އިހުސާސް ރޯކުރަން ހައްދުފަހަނަޅާފައިވާ ދޮން މީހުންގެ ގްރޫޕްތަކާއި "ކޮންޒަވެޓިވް" ހިޔާލު ގެންގުޅޭ މީޑިއާ ޝަހުސިއްޔަތުތަކާއި އަދި މިހާރު ކޮންގްރެސްގައި ހިމެނޭ، ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީގެ މެންބަރުން ކުރިއަރުވަން މަސައްކަތްކުރާ ހިޔާލެއް ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.
މި ތިއަރީގައި ހަގީގަތާ ހިލާފު ވިސްނުންތަކެއް އެކުލެވޭ ކަމަށް ވެސް އެ ފަރާތްތަކުން ބުނެއެވެ. އެ ގޮތުން ފުރަތަމައިން ވެސް އެމެރިކާގެ ރަސްމީ ރައްޔިތުން ނޫން ބަޔަކަށް ވޯޓު ނުލެވޭ ގޮތަށް އޮތުމާއި ގަވައިދާ ހިލާފަށް އެމެރިކާއަށް އެތެރެވާ ބިދޭސީންނަށް ރަށްވެހިންނަށް ވުމަށް ސީދާ މަގުތަކެއް ނެތެވެ.
ރޯގަންއަށް މަސްކު ދެން ވިދާޅުވި ވާހަކައިން، އެމެރިކާ ސަރުކާރުގެ ސައިޒު ކުޑަކުރަން މަސްކު ބޭނުންވެ ވަޑައިގަންނަވަނީ ކީއްވެކަން ހާމަވިއެވެ. އެއީ އަމިއްލަ ވިޔަފާރީގެ ދާއިރާ ނުވަތަ ޕްރައިވެޓް ސެކްޓަރުގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ތެރެއިން ބައެއް ކުންފުނިތައް ހިންގުމާ ސަރުކާރުން ހަވާލުވުމާއި ބައެއް ކުންފުނިތައް ސަރުކާރުން ގަތުމާއި އަދި ބައެއް ކުންފުނިތައް ސަރުކާރުން ގާއިމުކުރުމަށް މަސްކު ބޭނުންވެ ވަޑައިގަތުމެވެ. މިހެންވެ، ފަރުދުންނާމެދު ހަމްދަރުދީވުން އޮންނަ ނަމަ "ކަލެކްޓިވް" ނުވަތަ ޖަމާއަތްތަކަށް އެއީ ނުބައި އަސަރެއް ކުރާނެ ކަމެއް ކަމަށް މަސްކު ގަބޫލު ކުރައްވާ ކަމަށް އޭނާގެ ވާހަކައިން ދޭހަވިއެވެ.
މި މޭރުމުން ވާހަކަ ދައްކަވަމުން މަސްކު ވިދާޅުވީ ދުނިޔޭގެ ފަސް ވަނައަށް އެންމެ ބޮޑު އިގުތިސާދު ކަމަށްވާ އެމެރިކާގެ ކެލިފޯނިއާ ސްޓޭޓުން އެ ސްޓޭޓަށް ލިޔެކިޔުން ނެތި ހިޖުރަ ކުރާ ބިދޭސީންނަށް ވެސް، ކެލިފޯނިއާގައި އާމްދަނީ މަދުން ލިބޭ ފަރުދުންނަށް ހިންގާ ސިއްހީ އިންޝުއަރެންސް ދޭ ޕްރޮގްރާމްގެ ދަށުން، އެ ފަދަ ބިދޭސީންނަށް ސިއްހީ އިންޝުއަރެންސް ދޭން ކެލިފޯނިއާގެ ސްޓޭޓް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ހަމްދަރުދީވުމުގެ ސިފަ މަސްކުގައި ނެތްކަން އެއީ ލިޔުންތެރިޔާ ވޯލްޓާ އައިސެކްސަން ދާދި ފަހުން ޝާއިއު ކުރި މަސްކުގެ ބަޔޯގްރަފީގައި ފާހަގަކޮށްފައިވާ ކަމެކެވެ. ގާތްގަނޑަކަށް 400 ބިލިއަން ޑޮލަރު (ހަ މިލިއަން މިލިއަން ރުފިޔާ) މިލްކިއްޔާތަށް ލިބުނު ފުރަތަމަ މަހުޖަނަށްވުމުން ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމު ލިބިލެއްވި މަސްކުގެ ހަޔާތާ ބެހޭ ގޮތުން ލިޔުމަށް، ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސް ނުވަތަ ޓްވިޓާ ބައްލަވައިގަތުމުގެ މަރުހަލާގައި މަސްކު އުޅުއްވިއިރު މަސްކު ދިރިއުޅުމުގެ ހުރިހާ ދާއިރާތަކާ ބެހޭ މައުލޫމާތު އެއްކުރުމަށް މަސްކު ވަނީ ވޯލްޓާއަށް ފުރުސަތު ދެއްވައިފައެވެ.
މި ބަޔޯގްރަފީގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި މަސްކު ހިންގަވާ ދެ ކުންފުނި ކަމަށްވާ ޓެސްލާ އާއި ސްޕޭސްއެކްސްގައި މަސައްކަތްކުރާ މުވައްޒަފުންނާ ދޭތެރޭ މަސްކު ހަމްދަރުދީވެ ވަޑައިނުގަނެއެވެ. އެ ގޮތުން މުވައްޒަފުން ވަޒީފާއިން ވަކިކުރެއްވުމަށް ވެސް މަސްކު އެއްގޮތަކަށް ވެސް ދެވަނަ ވިސްނެވުމަކަށް ވަޑައިނުގަންނަވާ ކަމަށް ބަޔޯގްރަފީގައި ވޯލްޓާ ލިޔެފައިވެއެވެ.
އިންސާނުންގެ ސަލާމަތްތެރިކަމަށް މަސްކު އެދިވަޑައިގަންނަވާ ކަމަށް އެ ކުންފުނިތަކުގެ މުވައްޒަފުންގެ ގާތުގައި މަސްކު ވިދާޅުވެފައިވާ ކަމަށް ވޯލްޓާ ލިޔެފައިވެއެވެ. އެއީ ޓެސްލާއިން ކަރަންޓުން ދުއްވާ ކާރު އުފެއްދުމުންނާއި ޖައްވުގައިވާ ދުރު ބިންތަކަށް ނުވަތަ ޕްލެނެޓްތަކަށް އިންސާނުން ސްޕޭސްއެކްސްގެ އުޅަނދުތަކުގައި ފޮނުވައިގެންނެވެ.
މީގެ އިތުރުން އެކްސް ނުވަތަ ޓްވިޓާގައި އެމެރިކާގެ ގާނޫނު އަސާސީގައި ހިމެނޭ "ފަސްޓް އެމެންޑްމެންޓް" މާއްދާ ނަގަހައްޓަން މަސްކު ބޭނުންވެ ވަޑައިގަންނަވާ ކަމަށް ވޮލްޓާ ލިޔެފައިވެއެވެ. މި މާއްދާގައި ބުނާ ގޮތުން އެމެރިކާ ރައްޔިތުންގެ އަސާސީ ހައްގުތައް ރައްކާތެރިކުރަން ޖެހެއެވެ. އޭގެ ތެރޭގައި ދީނީ މިނިވަންކަމާއި ވާހަކަ ދެއްކުމާއި ނޫސްވެރިކަމާއި އެއްވެ އުޅުމާއި ކަންތައްތަކަށް އެދި ސަރުކާރަށް ޕެޓިޝަން ހުށަހެޅުން ކަށަވަރުކޮށްދެއެވެ.
"އިންސާނުންނަށް އެހީތެރިވެވަޑައިގަތުމުގެ ހިޔާލު މަސްކަށް ކަމުދޭ. ހަގީގަތުގައި އޭނާގެ ވަށައިގެން މަސައްކަތްކުރާ 20 މީހުންނަށްވުރެ ބޮޑަށް އާއްމު އެހެން އިންސާނުންނަށް އޭނާ ހަމްދަރުދީވޭ،" 2023 ގައި ސީ.އެން.އެންގެ ނޫސްވެރިޔާ ކްރިސްޓިއާނާ އަމަންޕޫރަށް ދިން އިންޓަވިޔުއްގައި ވޯލްޓާ ބުންޏެވެ.
ނުރައްކާތެރި ރިސްކު ނަންގަވާ، ކޮމިކްތަކުގައި އުޅޭ އާދަޔާ ހިލާފު ބާރުތައް ހުންނަ "ސުޕަ ހީރޯ"އެއް ގޮތަށް އަމިއްލަ ނަފުސާމެދު މަސްކު ދެކެވަޑައިގަންނަވައެވެ. މަރުވެދާނެތީ ބިރުގަންނަ ކަމަށް ރޯގަންއަށް ތަކުރާރުކޮށް ވިދާޅުވިއެވެ. ނަމަވެސް މިހާރު އިންސާނުން ސަލާމަތްކުރުމުގެ ބަދަލުގައި މަސްކު ގަބޫލު ކުރައްވަނީ އޭނާ ވަޑައިގަންނަވަނީ އެމެރިކާ ސަރުކާރު ސަލާމަތް ކުރައްވަމުން ކަމަށެވެ. އެއީ ސަރުކާރުން ކުރާ ހަރަދުތަކުން އެތައް ބިލިއަން ޑޮލަރެއް ރައްކާތެރިކޮށްގެންނެވެ. ގިނަ އަދަދެއްގެ އެމެރިކާ ރައްޔިތުންގެ ހަޔާތަށް އެ ކަމުން އަސަރު ކުރި ނަމަވެސް މެއެވެ. އޭނާ އަޅުއްވަމުން އަންނަ ފިޔަވަޅުތަކުގެ ސަބަބުން ސަރުކާރުން ދޭ ހިދުމަތްތަކާއި އެ ރައްޔިތުންގެ ވަޒީފާތައް ގެއްލުނު ނަމަވެސްމެއެވެ.



advertisment