މީހެއްގެ މުޅި ހަޔާތް އެއް ވަތުމަތިން އަނެއް ވަތު ދަށުން ދާއިރު ސަގާފީ ކުޅިވަރުގެ ތެރޭގައި ހިފަހައްޓާލެވުނިއްޔާ ހުންނާނީ ލައްކަ ގިނަ ކަންތައްތައް އެ ރޮނގުން ތަޖުރިބާ ކުރެވިފައެވެ. މިފަދަ މީހެއްގެ ދިރިއުޅުމުގެ އުސްގަނޑުތަކާއި އަޑިގަނޑުތައް ގުޅިފައި ހުންނާނީ ދިވެހިވަންތަކަމާއި ޤައުމިއްޔަތާއެވެ. ޔޫސުންބެގެ ހަޔާތުގެ ބޮޑުބައިގައި ކުލަ ޖައްސާފައި ވަނީ މީގެތެރެއިން އަދަބީ ފަންނުގެ ފިހިންނެވެ. ޔޫސުންބެއަކީ ނ. މަނަދޫ، ދޮންވެލި، ޔޫސުފް އިބްރާހިމަށެވެ. މިއީ އަޅުގަނޑުގެ މަންމައާ އެއްބަފާ ބޮޑުބޭބެއެކެވެ.
އަޅުގަނޑާ ޔޫސުންބެއާ ގޮތް ލޭގެ ގުޅުމާއެކު ކުޑައިރުގެ ފުން ހަނދާންތަކެއް ބިންވަޅު ނެގިފައިވެއެވެ. އޭރު އަޅުގަނޑުގެ ޅަ ހިތުގައި އޮންނަ އެންމެ ބޮޑު އެއް ޝަކުވާއަކީ ޔޫސުންބެއަށް "ދޮންބެ ޔޫސުބު" މީހުން ކިޔުމެވެ. ޔޫސުންބެ ދައްތައަކީ ދޮންބެ ދަރިއަކަށް ވިޔަސް ޔޫސުންބެގެ ބައްޕައަކީ އަޅުގަނޑުގެ ކާފަ އިބްރާހީމް ޙަސަނެވެ. އަޅުގަނޑުގެ އެހެން ޝަކުވާއެއް ވެސް އޭރު އޮވެއެވެ. ޔޫސުންބެއަށް މީހުން ގާޔޫސުންބެ ކުދީން ކިޔުމެވެ. އެ ދުވަސްވަރު ހެނދުނު ހޭލައިގެން ބަދިގެ ފަރާތަށް ދާއިރު ބަދިގޭ އަސްކެނީގައި ކަޅުއޮށްފައްޗެއް އެލުވާފައި ހުރިއްޔާ އެއީ އެ ރޭ ޔޫސުންބެމެން ފަޅުމަތީގައި ދާއެޅިރެއެކެވެ. ބައެއް ދުވަސް ދުވަހު ހެނދުނުހެނދުނާ ޔޫސުންބެ އަޅުގަނޑުމެންގެ ގެއަށް އަންނާނެއެވެ. ހެނދުނު ޔޫސުންބެ ކާނީ ރޭހުރި ބަތަށް ހަކުރު އަޅައިގެންނެވެ. ޔޫސުންބެއަކީ ވަރަށް މަޖާ އަދި އެހާމެ ހިތްހެޔޮ އޯގާތެރި ސަކަ މިޖާޒެއްގެ ވެރިއެކެވެ.
ގިނަ މީހުންނަށް ޔޫސުންބެ އެނގޭނީ ސަގާފީ ކުޅިވަރުގެ ތެރެއިންނެވެ. ލަވަކިޔުންތެރިއެކެވެ. ބޮޑުބެރު ޖެހުން ތެރިއެކެވެ. ދަނޑި ޖެހިއެވެ. ތާރަ ވެސް ޖަހައެވެ. ދަނޑި ޖެހުމުގައި ލަވަނަގާކިޔާ މުރީދެކެވެ. މަނަދޫގައި އަވަށު ކުޅިވަރުގެ އެންމެ ފޯރިގަދަ ދުވަސްވަރު އެންމެ މަޝްހޫރު އެއް އަޑެވެ. ފުރަތަމަ އެއީ އިރުމަތީ އަވަށުގެ ކުޅިވަރުގައި އެންމެ ވަރުގަދަ އެއް ތަނބެވެ. ފަހުން ފެނުނީ ހުޅަނގު އަވަށުގެ ކުޅިވަރުގެ މުރީދަކަށް ހުއްޓައެވެ. އޭގެ ފަހުން ވެސް މަނަދޫގައި ޔޫސުންބެ ހުންނަނީ ސަގާފީ ކުޅިވަރުގައި އަތުކުރި އޮޅާލައިގެންނެވެ. މިއަދުވެސް ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިން މަނަދޫގައި ބަޔަކު ކަމެއް ކުރާނަމަ އެކަމަކަށް ހިތްވަރުދީ ބައިވެރިވުމަށް ޔޫސުންބެ ހުންނަނީ ތައްޔާރަށެވެ.
ޔޫސުންބެއަކީ މައިކާއި ލޯޑުއިސްޕީކަރު ނެތް ޒަމާނުގައި ވެސް މުޅިތަނަށް އިވޭވަރަށް ލަވަ ކިޔަަފައިވާ ވަރުގަދަ އަޑެއްގެ ވެރިއެކެވެ. ޚާއްޞަ ގޮތެއްގައި މަނަދޫގައި ސަގާފީ ކުޅިވަރެއްގެ ގޮތުން ޒަމާނުއްސުރެ ޖަހަމުން އައި ދަނޑިޖެހުމުގައި އިސްވެ ނަގާކިޔާ އެކަކީ އެއީއެވެ. ޔޫސުންބެ ބުނިގޮތުގައި އެދާއިރާއަށް ނިކުމެވުނީ ޔޫސުންބެ ބައްޕަގެ ސަބަބުންނެވެ. "އަޅުގަނޑުގެ ބައްޕައަކީ އޭރު އިރުމަތީ އަވަށު ދަނޑިޖެހުމުގެ މުރީދު. ބައްޕަ ކިޔާގޮތަށް އަދިވެސް ނަގާކިޔާ ލަވަކިޔޭނެ މީހަކުނެތް. ބައްޕަގެ ފަރާތުން އެކަމުގެ ތެރެއަށް ވަދެވުނީ" ޔޫސުންބެ ބުންޏެވެ. ޔޫސުންބެ ބައްޕަ (އަޅުގަނޑުގެ ކާފަ)، އިބްރާހީމް ޙަސަނަކީ ދަނޑިޖަހާއިރު ނަގާކިޔާ އަދި ޒުވާން ކުދިންނަށް ދަނޑިޖަހަން ދަސްކޮށްދީ ހެދުމުގައި ފާހަގަކުރެވުނު މަނަދޫ އިރުމަތީ އަވަށުގެ އެދުރެކެވެ. ކާފަމެން ވަނީ ސަރުކާރުގެ ދައުވަތަކަށް މާލެ އައިސް މާލޭގައި ވެސް ދަނޑި ޖަހާގައެވެ. ދިވެހިރާއްޖޭގެ އަޑުގެ މަތާރަންގިލާ މަތީގައި ކާފަގެ ލަވަ ހޮޅިތައް ހުއްޓެވެ.
ކާފަ ނިޔާވުމުން އެ ހުސްވި ޖާގަ ފުރައިދެވޭތޯ ޔޫސުންބެއާ އެކު އެތައް ބަޔަކު އެ ދާއިރާއަށް ނިކުތެވެ. އޭގެތެރެއިން ލަވަކިޔުން ތަރައްޤީވަމުން އައިސް ޒަމާނީ މިއުޒިކާއެކު ލަވަކިޔަން ފެށި ހިސާބުން ކުރީގެ ބައެއް ލަވަކިޔުންތެރިން ވަނީ ގެއްލިގައެވެ. އެހެންނަމަވެސް ޔޫސުންބެ ސާބިތުވެ ހުއްޓެވެ. ޔޫސުންބެ ވަނީ ހަރުމޮނިޔަމާއި ކީބޯޑާއި ފާޑުފާޑުގެ ޑްރަމްތަކާއިއެކު ވެސް ސްޓޭޖްތައް ފަޅުފިލުވާފައެވެ. އުމުރުގެ ގޮތުން ތަފާތަސް ޒުވާން ކުދީންނާ އެކު މުނިފޫހިފިކުވުމުގެ ދާއިރާގައި ހިފަހައްޓާލައިފައެވެ. އެ ދުވަސްވަރު މަނަދޫގައި ބޭއްވި ބައެއް ޝޯވ ތަކުގައި ޔޫސުންބެގެ ލަވައެއް ނެތިއްޔާ އެއީ މުޅި ޝޯވއަށް ވެސް ލިބޭ ފަޅުކަމަކަށް ވިއެވެ. ޔޫސުންބެގެ މަޖާ ލަވަތަކާ އެކު ހީލައި މަޖާކޮށްލަން ބޭނުންވާ މީހުން ސްޓޭޖަށް ޔޫސުންބެ ގެނެސްދިނުމަށް އަޑު އުފުލާ ހެދިއެވެ. އެހެންކަމުން ރޯގާޖެހި އަޑު ހަލާކުވެފައި ހުއްޓަސް ބެލުންތެރިންގެ އެދުމަށް ޔޫސުންބެވަނީ އެތައް ފަހަރަކު ސްޓޭޖަށް އަރާފައެވެ.
ޔޫސުންބެއަކީ މާލޫދުކީ ދުވަސްވަރު އެކަމުގައި ވެސް އިސްދައުރެއް އަދާކުރި މީހެކެވެ. މާލޫދުގެ ޅެންބައިތައް ޔޫސުންބެ ހިތުން ދަނެއެވެ. ޔޫސުންބެ ބުނާގޮތުގައި މާލޫދުގެ ފޯރިގަދަވެ މުޅި އަތޮޅުތެރޭގައި މަނަދޫގެ މާލޫދު ޕާޓީގެ މަޤްބޫލުކަން ވިދަމުންދިޔަ ދުވަސްވަރަކީ ހަނދާނުން ފޮހެލަން ދަތި ދުވަސްތަކެކެވެ. "އަސްލު އޭރު މަނަދޫގެ އަގުއޮތް މުޅި އަތޮޅުގައި ވެސް. ނުތިބޭނެ އަޅުގަނޑުމެން ޖަހާލެވޭވަރު ބަޔަކު" ޔޫސުންބެ ފަޚުރުވެރިކަމާއެކު ބުންޏެވެ.
ޔޫސުންބެއަކީ ފުޓްބޯޅައާއި މަންޑި ފަދަ ކުރިވަރުތަކުގައި ވެސް އަރާހުރި މީހެކެވެ. "އޭރު ވެސް އަތޮޅުގެ ޓީމުތަކާއެކު ފުޓްބޯޅަ ކުޅޭނެ. މި ރަށު ޓީމު އޭރު ވެސް ވަރަށް ގަދަވާނެ. މިހާރު މިވާހެން ކުދިކުދި ރަށްރަށުގެ އަތްދަށަކު އޭރަކު ހަމަޔަގީންނު ވެސް ނުވޭ. ބޮޑު ރަށެއްގެ ބަޔަކު ވެސް މި ރަށް (މަނަދޫ) އަތުން މޮޅުވެއްޖެނަމަ ހީވާނީ އުފަލުން އެހެންކަމެއްވެގެން އުޅޭހެން"
ޔޫސުންބެއަކީ އަބަދުވެސް އެ ކުރާކަމެއްގައި ވަރަށް ފޯރީގައި އުޅޭ މީހެކެވެ. ކޮންމެކަމެއްގައި އުޅުނަސް އެކަމެއް ނިންމާލާނީ ކޮންމެ ވެސް އެއް ކޮޅެއްގައި ޖައްސާފައެވެ. ޚާއްޞަކޮށް ރަށުގެ ތަރައްޤީއާ ކުރިއެރުމާ ގުޅިފައިވާ މަސައްކަތްތަކުގައި ޔޫސުންބެއަކީ ޢަމަލީގޮތުން އަބަދުވެސް ބައިވެރިވެ އުޅޭ މީހެކެވެ. ކުލަބު ޖަމްޢިއްޔާތަކުން ކަމެއް ކުރިއަސް ޔޫސުންބެ އެއްވަނައަށް ހުންނާނެއެވެ. "އެކި ޖަމްޢިއްޔާތަކުގެ ނަމުގައި ވެސް މަސައްކަތްކުރިން. އަދި އަވަށުގެ ގޮތުން ވެސް. ޕާޓީގެ ގޮތުން ވެސް. ބޭނުމަކީ އެއްބޭނުމެއް. އެއީ ރަށަށް ކުރިއެރުން ހޯދައިދިނުން" ޔޫސުންބެ ބުންޏެވެ.
ސްޓްރޯކެއް ޖެހުމާއެކު ކުރިން އުޅުނުހެން ކަންކަމުގެ ތެރޭގައި ޢަމަލީގޮތުން ނޫޅެވުނަސް މިހާރު ވެސް ޔޫސުންބެއަކީ ކަންތައްތަކުގައި އުޅޭ މީހުންނަށް ހިތްވަރުދޭ މީހެކެވެ. އަދިވެސް އެކި ކަންކަމުގައި ޔޫސުންބެއަކީ ލަފާދޭ ލަފާދާރެކެވެ. ކަންތައްތައް ރާވައި ހިންގަންވީގޮތް ކިޔައިދޭ މީހެކެވެ. ބޮޑުބެރާއި ދަނޑިޖެހުންކަހަލަ ސަގާފީ ކުޅިވަރަށް ޔޫސުންބެއަކީ އާދަޔާ ޚިލާފު ފޯރިއެއް ހުންނަ މީހެކެވެ. މި ވާހަކަ މަނަދޫ މީހުންނަށް އާ ވާހަކައަކަށް ނުވާނެއެވެ. އެކަމުގައި ހުރި ކުޅަދާނަކަމާއި އެ ފަންނުވެރިކަން ދިރުވާ އާލާކޮށް ފަހުގެ ޖީލާ ހަމައަށް ގެނެސްދިނުމުގައި އެންމެ ބޮޑު ގުރުބާނީއެއްވީ އެކަކީ ޔޫސުންބެއެވެ. މަނަދޫގައި އިހުޒަމާނުއްސުރެ ކުޅެމުން އައި ސަގާފީ ކުޅިވަރުތައް އުވުނަ ނުދީ ދިރުވާ އާލާކޮށް، ޚާއްޞަކޮށް މަނަދޫ މީހުން ޖަހަމުން އައި ދަނޑިޖެހުން އޭގެ އަސްލާ އެއްގޮތަށް މި ޖީލުގެ ޒުވާނުންނަށް ދަސްކޮށްދީ ހެދި މުރުޝިދުންގެ ތެރޭގައީ ޔޫސުންބެ ނަން ފަވާލަންޖެހެއެވެ. ޔޫސުންބެއަށް ފުރިހަމަ ޞިއްޙަތަކަށާއި ބާއްޖަވެރި ހަޔާތެއް ދެއްވުން އެދި ދުޢާކުރަމެވެ.
* ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން



advertisment