އަންނަ ހޫނު މަސްތަކުގައި މާލެ ސަރަހައްދުގައި ކަރަންޓަށް އޮތް ޑިމާންޑް މިހާތަނަށް ނާރާ މިންވަރަކަށް މައްޗަށް ދާނެ ކަމަށް ސްޓެލްކޯއިން ލަފާކޮށްފިއެވެ. އެ ގޮތުން 133 މެގަވޮޓް (އެމް.ޑަބްލިޔު)އަށް އަރާނެ ކަމަށް ސްޓެލްކޯއިން ލަފާކުރެއެވެ.
މީގެ ކުރިން ރެކޯޑް ކުރެވިފައިވާ ގޮތުން މިދިޔަ އަހަރު ކަރަންޓްގެ ޑިމާންޑް ބޮޑުވީ 112 އެމް.ޑަބްލިޔުއަށެވެ. އަދި އޭގެ ކުރީ އަހަރު 102 އެމް.ޑަބްލިޔުއަށެވެ.
ސްޓެލްކޯގެ ތަމްރީން މަރުކަޒުގައި ދާދި ފަހުން ބޭއްވި ހަކަތައާ ގުޅޭ ހޭލުންތެރިކަމުގެ ސެޝަނެއްގައި އިލެކްޓްރިކަލް އިންޖިނިއަރު އިސްމާއީލް ނިޝާރު، މާލެ އާއި ހުޅުމާލޭގައި ކަރަންޓް ބޭނުންކުރެވޭ ގޮތަށް ވަނީ އަލިއަޅުވާލައްވައިފައެވެ.
"އާއްމު ގޮތެއްގައި ކަރަންޓުގެ ޑިމާންޑް މާލޭގައި އެންމެ މައްޗަށް ދަނީ ގާތްގަނޑަކަށް މެންދުރު ފަހު ދޭއް ޖަހާކަންހާއިރު. ހުޅުމާލޭގައި ރޭގަނޑު އަށަކާއި 10 އާ ދެމެދު،" އޭނާ ފާހަގަކުރެއްވިއެވެ.
މި ފަހަރު ކަރަންޓަށް ޑިމާންޑް ބޮޑުވާ ޕީކް ސީޒަން ދިމާވަނީ ރޯދަ މަހާއި ސްކޫލް ބަންދާއެވެ. މިހެންވެ އެތައް ބަޔަކު އެހެން ރަށްރަށަށް ދަތުރުކުރާނެތީ ލަފާކޮށްފައިވާ 133 އެމް.ޑަބްލިޔުއަށް ޑިމާންޑް ނޭރުން ވެސް އެކަށީގެންވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ކަރަންޓަށް އިތުރުވަމުން އަންނަ ޑިމާންޑަށް ބަލައިފައި ސްޓެލްކޯއިން ވަނީ މާލޭގެ ކަރަންޓްގެ އިންފްރާސްޓްރަކްޗަރަށް ބޮޑެތި އަޕްގްރޭޑްތަކެއް ގެނެސްފައެވެ. އެ ގޮތުން ފާހަގަކޮށްލެވެނީ ސޯސަން މަގާއި މަޖީދީ މަގު ގުޅޭ ސަރަހައްދުގައި ހުރި 630 ކޭ.ވީ.އޭ ޓްރާންސްފޯމަރުގެ ބަދަލުގައި މާ ވަރުގަދަ 1،500 ކޭ.ވީ.އޭ ޔުނިޓެއް ބެހެއްޓުމެވެ. މި ކަމުގެ ސަބަބުން އެ ސަބްސްޓޭޝަންގެ ގާބިލުކަމާއި ހިދުމަތަށް ކުރެވޭ އިތުބާރު އިތުރުވާނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
އާއްމުން ހޭލުންތެރިކުރުމުގެ ގޮތުން ސްޓެލްކޯއިން ކުރިއަށްގެންދާ ކެމްޕެއިންގެ ދަށުން ދުވާލެއްގެ މައްޗަށް ކަރަންޓް ބޭނުންކުރެވޭ މިންވަރު އެނގޭނެ މައުލޫމާތު އާއްމުންނާ ހިއްސާކުރުމަށް ސްޓެލްކޯއިން އަންނަނީ ރާވަމުންނެވެ. އެ ގޮތުން ދާދި ފަހުން ބޭއްވި ސެޝަންގައި ވެސް ކަރަންޓް ބޭނުންކުރެވޭ ގޮތާއި ކަރަންޓަށް ދާ ހަރަދު ކުޑަކުރެވޭނެ ގޮތްތަކުގެ މައުލޫމާތުވަނީ ހާމަކޮށްފައެވެ.
ކަރަންޓް ބޭނުންކުރުމާއި، ވަކިން ހާއްސަކޮށް ޑިމާންޑް މަތި ދުވަސްވަރު ކަރަންޓް ބޭނުންކުރެވޭ ގޮތާ ބެހޭ ގޮތުން އާއްމުން ހޭލުންތެރިކުރުމަށް އިސްކަން ދިނުމުގައި ސްޓެލްކޯއިން ކުރިއަށްދެއެވެ. އެ ގޮތުން މުޅި ހޫނު މޫސުމުގައި ދެމެހެއްޓެނިވި އަދި އިތުބާރު ހިފޭ ގޮތަށް ކަރަންޓްގެ ހިދުމަތް ކުރިއަށްގެންދިއުމުގެ އެހީއެއްގެ ގޮތުން ކަރަންޓް ރަނގަޅަށް ބޭނުންކުރުމަށް ސްޓެލްކޯއިން ހިތްވަރު ދެއެވެ.



advertisment

