Support Us

އައު ލޭގެ ގްރޫޕެއް، ބައި ގަރުނަށްފަހު

ގާތްގަނޑަކަށް 50 އަހަރަށް ފަހު އާ ލޭގެ ގްރޫޕެއް ހޯދިއްޖެއެވެ. މިއީ މިހާރު އެންމެން ދަންނަ އޭ، ބީ އަދި އޯއާ ތަފާތު ބާވަތެއްގެ ލޭގެ ގްރޫޕެކެވެ.

އެމް.އޭ.އެލްގެ ނަން ދީފައިވާ މި ލޭގެ ގްރޫޕަކީ އޭ.އެން.ޑަބްލިޔު.ޖޭ ލޭގެ ގްރޫޕާ ގުޅޭ އެންޓިޖަންއާ ގުޅުން ހުރި ލޭގެ ގްރޫޕެކެވެ.

އެމް.އޭ.އެލް ލޭގެ ގްރޫޕް ބިނާވެފައިވަނީ އެމް.އޭ.އެލް ނަމަކަށް ކިޔާ ޕްރޮޓީންއަކާއެވެ.

މިއީ މިހާތަނަށް ހޯދުނު 47 ވަނަ ލޭގެ ގްރޫޕް ނިޒާމެކެވެ.

އެމް.އޭ.އެލް ލޭގެ ގްރޫޕް ދެނެގަނެވުމަކީ މުހިންމު ކަމެކެވެ. ސަބަބަކީ އޭ.އެން.ޑަބްލިޔު.ޖޭ.އަށް ނެގަޓިވް ވާ މީހުންނަށް ރައްކާތެރިކަމާއެކު ލޭ އެޅުމުގެ ހިދުމަތް ދެވޭނެތީއެވެ.

މިއީ އިންސާނާގެ ހަށިގަނޑުގެ ދިފާއީ ނިޒާމު އިތުރަށް ދެނެގަތުމަށް މަގުފަހިވާނެ ކަމެކެވެ.

އެމް.އޭ.އެލް ލޭ ފެންނަނީ ނާދިރުކޮށެވެ. އޭ.އެން.ޑަބްލިޔު.ޖޭ ނެގަޓިވް ފެނޮޓައިޕް ވާރުތަވެފައިވާ މީހުން ވެސް ފެނިފައިވަނީ ވަރަށް މަދުންނެވެ.

އެމް.އޭ.އެލް ލޭގެ ގްރޫޕް ދެނެގަނެވުމަކީ ލޭ އެޅުން ނުވަތަ ޓްރާންސްފިއުޝަންގެ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

މި ކަން ހޯދައިގަތީ އިނގިރޭސި ވިލާތާއި އިސްރާއީލުގެ ސައިންސްވެރިންނެވެ. އެ ގޮތުން 1972 ގައި އެ މީހުންގެ ގާތަށް މާބަނޑު މީހަކު އައެވެ. އޭނާގެ ލޭގެ ރަތް ސެލްތަކުގައި ހުންނަން ޖެހޭ ސާފޭސް މޮލެކިއުލެއް ނެތެވެ.

"ބްލަޑް" (ނުވަތަ "ލޭ") ކިޔާ މަޖައްލާއެއްގައި އެ މީހުން މި ދިޔަ ސެޕްޓެމްބަރު މަހު ޝާއިއު ކުރި ދިރާސާއެއްގައި ބުނެފައިވަނީ މި އާ ހޯދުމަކީ ލިބުނު ބޮޑު ކާމިޔާބެއް ކަމަށެވެ.

"މިއީ ޓީމެއްގެ ގޮތުގައި ކުރެވުނު ދިގު މުއްދަތުގެ ދިރާސާއެއް. މުހިންމު، ނަމަވެސް މަދުން ފެންނަ، މި ލޭ ހަށިގަނޑުގައި ހުންނަ ބަލިމީހުންނަށް މީގެ ފަހުން ފަރުވާދެވޭނެ،" އިނގިރޭސި ވިލާތުގެ ގައުމީ ސިއްހީ ހިދުމަތާ ބެހޭ އިދާރާގެ ލެއާ ބެހޭ ޑޮކްޓަރު ލުއީސް ޓިލީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާތަނަށް ގިނަ މީހުންގައި ހުންނަ ކަމަށް ފެނިފައިވަނީ އޭ، ބީ އަދި އޯގެ ލޭގެ ގްރޫޕް ކަމަށެވެ.

"ނަމަވެސް ލޭގެ ސެލްތަކުގެ ބޭރު ފަށަލައިގައިވާ ޕްރޮޓީނާއި ހަކުރަށް ބަލައިފި ނަމަ އެތައް ގްރޫޕެއްގެ ލޭގެ ބާވަތް އިންސާނުންގައިވޭ،" އޭނާ ބުންޏެވެ.

އެންޓިޖެންއިން ލިބޭ މައުލޫމާތު ނެތް ނަމަ ހަށިގަނޑަށް އަޅާ ލެއެއްގެ ބާވަތުން މީހާގެ ފުރާނަ ވެސް ގެއްލިދާނެއެވެ.

ލޭގެ ގިނަ ގްރޫޕްތައް ހޯދައިގަނެވިފައިވަނީ 20 ވަނަ ގަރުނުގެ ތެރޭގައެވެ.

ކުރިން ހަދައިފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި އޭ.އެން.ޑަބްލިޔު.ޖޭ އެންޓިޖަން 99.9 ޕަސެންޓް މީހުންގެ ހަށިގަނޑުގައިވެއެވެ. ނަމަވެސް 1972 ގައި ފެނުނު އަންހެންމީހާގެ މިއެއް ނެތެވެ. މި އެންޓިޖަން ދިރިހުންނަނީ މައިލިން އަދި ލިމްފޮސައިޓް ޕްރޮޓީންގެ އެހީގައެވެ. އެމް.އޭ.އެލްގެ ނަން އަލަށް މި ފެނުނު ލޭގެ ގްރޫޕަށް ދިނީ މިހެންވެއެވެ.

އެމް.އޭ.އެލްގެ ޖީންތަކުގެ ދެ ކޮޕީ ވެސް ބަދަލެއް ނުވަތަ މިއުޓޭޓްވެފައިވާ ނަމަ އެ މީހެއްގެ ހަށިގަނޑުގައި ހުންނަނީ  އޭ.އެން.ޑަބްލިޔު.ޖޭގެ ނެގަޓިވް ބާވަތުގެ ލޭ ކަމަށް ޓިލީ ވިދާޅުވިއެވެ. އޭނާއާ ދިމާވި މާބަނޑު މީހާއަށް ވެސް ދިމާވެފައިވަނީ މި ގޮތް ކަމަށް ޓިލީ ވިދާޅުވިއެވެ.

ވެސްޓް އިންގްލެންޑް ޔުނިވާސިޓީގެ ސެލް ދިރާސާކުރައްވާ ޓިމް ސެޗްވެލް ވިދާޅުވީ އެމް.އޭ.އެލްއަކީ ވަރަށް ކުޑަ ޕްރޮޓީނެއް ކަމަށެވެ. މިހެންވެ ދެނެގަންނަން އުނދަގޫވި ކަމަށެވެ.

"އެކި އޭންގަލްތަކުން ތަހުގީގުކޮށްގެން މިއީ އާ ލޭގެ ގްރޫޕެއްކަމުގެ ހެކި ލިބުނީ،" އޭނާ ވިދާޅުވިއެވެ.

ސެލްތަކުގެ ތޮށި ހިމާޔަތްކޮށް، ސެލްތައް ހަށިގަނޑުގެ އެކި ތަންތަނަށް ގެންދަން އެމް.އޭ.އެލް ޕްރޮޓީނުން މުހިންމު ދައުރެއް އަދާކުރެއެވެ. ކުޑަ ދަރިފުޅުގައި އޭ.އެން.ޑަބްލިޔު.ޖޭ ފެންނަން ފަށަނީ ވިހެއުމަށް ފަހުއެވެ.

މިއުޓޭޓްވެގެން އެމް.އޭ.އެލް ހޯދުނުއިރު އެމް.އޭ.އެލްގެ ނެގަޓިވް ލޭއަކީ ވާރުތަވާ އެއްޗެއްތޯ ބަލަން ވެސް ޓެސްޓް ހެދޭ ކަމަށް ސައިންސްވެރިން ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *