Support Us

ވިއްސާރައިގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ސްޓެލްކޯއިން ހާއްސަ ޓާސްކްފޯހެއް އެކުލަވާލައިފި

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އެކި ރަށްރަށުގައި ފެންބޮޑުވުމުން އެހީތެރިކަން ފޯރުކޮށްދިނުމަށް ސްޓެލްކޯއިން ހާއްސަ ޓާސްކްފޯހެއް އެކުލަވާލައިފިއެވެ.

ސްޓެލްކޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިއަދުން ފެށިގެން މި މަހުގެ 18 ގެ ނިޔަލަށް "ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ އިދާރާއިން ނެރެފައިވާ ބަޔާނާ ގުޅިގެން، ފެންބޮޑުވުން ކޮންޓްރޯލްކުރުމަށް ދުރާލައި ފިޔަވަޅުއެޅުމަށް ނިންމައި، ސްޓެލްކޯގެ މެނޭޖްމަންޓުން ވަނީ ޚާއްސަ ޓާސްކްފޯހެއް އެކުލަވާލާފައި" ކަމަށެވެ.

"މި ޙާލަތުގައި އެންމެ އިސްކަމެއް ދެވިގެންދާނީ ސްޓެލްކޯއިން ޚިދުމަތްދޭ ރަށްރަށުގައި ހުރި ސްޓެލްކޯގެ ކްރިޓިކަލް އިންފްރާސްޓްރަކްޗަރ ރައްކާތެރި ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށާއި، ރައްޔިތުންނަށް ދެމުންގެންދާ ޔުޓިލިޓީ ޚިދުމަތްތައް މެދުކެނޑުމެއް ނެތި ފޯރުކޮށްދިނުމަށް. އަދި ހަމަ މިއާއެކު އެހެން ފަހަރުތަކެކޭވެސް އެއްގޮތަށް، ވިއްސާރައިގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް ރައްޔިތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ސްޓެލްކޯއިން ޚިދުމަތްދޭ ހުރިހާ ރަށެއްގައިވެސް ސްޓެލްކޯގެ މުވައްޒަފުން ތިބޭނީ ތައްޔާރަށް،" ސްޓެލްކޯ އިން ބުންޏެވެ.

ވިއްސާރައި މާލޭގައި ފެންބޮޑުވެދާނެތީ ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވާން ފުލުހުންނާއި ސިފައިން އަދި އެންޑީއެމްއޭ ގުޅިގެން ޖޮއިންޓް އޮޕަރޭޝަނެއް މިއަދު ވަނީ ފަށައިފަ އެވެ. އަދި މާލޭގެ ތިން ތަނަކުން ވެލި ބަސްތާ ލިބޭނެ އިންތިޒާމު އެމްއެންޑީއެފުން މިހާރު ވަނީ ހަމަޖައްސައިފަ އެވެ.