ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ އަރިހުގައި ރަސްމީ ދަތުރުފުޅެއްގައި އެސްޓޯނިއާއަށް ވަޑައިގަތުމަކީ ލިބިވަޑައިގަންނަވާ ޝަރަފެއް ކަމަށް ހާރިޖީ ވަޒީރު ޑޮކްޓަރ އަބްދުﷲ ހަލީލު ވިދާޅުވެއްޖެއެވެ.
"މިއީ ރާއްޖޭގެ ރައީސެއް އެސްޓޯނިއާއަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރު. މިހެންވެ، ރާއްޖެ އާއި އެސްޓޯނިއާއާ ދެމެދު ރަހްމަތްތެރިކަމާއި އެއްބާރުލުން ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް،" ހަލީލު އެކްސްގައި އިއްޔެ ލިޔުއްވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ރައީސްގެ މި ދަތުރުފުޅުގައި ކެބިނެޓްގެ އެހެން ބައިވެރިއެއް ކަމަށްވާ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ބައިވެރިވެވަޑައިގަތުމަކީ ވެސް ލިބިވަޑައިގަންނަވާ އުފަލެއް ކަމަށެވެ.
"ދެ ގައުމުގެ ތަރައްގީ އާއި ދެ ގައުމުން ހިއްސާކުރާނެ ކާމިޔާބީތަކަށް ވާސިލުވުމަށް އާ ފުރުސަތުތަކެއް ހޯދުމަށް އުއްމީދުކުރަން،" ޑޮކްޓަރ ހަލީލު އިތުރަށް ވިދާޅުވިއެވެ.
މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހަށް ރައީސް ކުރައްވާ މި ދަތުރުފުޅަކީ އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިއީ ދިވެހިރާއްޖޭގެ ރައީސެއް އެސްޓޯނިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
އާބާދީގައި 1.3 މިލިއަން މީހުން ދިރިއުޅޭ އެސްޓޯނިއާއަކީ ޔޫރަޕް އިއްތިހާދުގެ މެންބަރެކެވެ. ޑިޖިޓަލް ޓެކްނޮލޮޖީގައި އެސްޓޯނިއާއިން ވަނީ ލާމަސީލު ކުރިއެރުންތަކެއް ހޯދައިފައެވެ. އެ ގޮތުން އިލެކްޓްރޯނިކްކޮށް ވޯޓުލުން ތައާރަފުކުރި ފުރަތަމަ ގައުމަކީ ވެސް އެސްޓޯނިއާއެވެ. އަދި އެސްޓޯނިއާގެ އާއްމު ހިދުމަތްތަކުގެ ތެރެއިން 99 ޕަސެންޓް ހިދުމަތް ސަރުކާރުން ދެނީ އޮންލައިންކޮށެވެ.
ރާއްޖޭގައި ޑިޖިޓަލް ޓެކްނޮލޮޖީ ތަރައްގީކުރައްވައި، ޑިޖިޓަލް ޓެކްނޮލޮޖީން ރާއްޖެ ބަދަލުކޮށްލެއްވުމަކީ ރައީސް ޑޮކްޓަރ މުއިއްޒުގެ ހުވަފެންފުޅެކެވެ.



advertisment